ޚިޔާލު / ދީން

މިއީ ހެޔޮކަންތަކަށް ހާއްސަ ދުވަސްވަރެއް، ދޫކޮށްނުލާ!

ހައްޖާޖީންތަކެއް ﷲ އަށް ދުއާ ދަންނަވަނީ: އިއްޔެ ފެށި މި ހައްޖުމަހުގެ ފުރަތަމަ 10 ދުވަހު އަޅުކަންތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ.

އެއްދުވަހަކު ކީރިތި ރަސޫލާ ﷺ ގެ އަރިހަށް އަންހެން ބޭކަނބަލަކު ވަޑައިގެން ސުވާލު ކުރެއްވި އެވެ. "ތިމަންގެ ފިރިކަލުން މިހާރު ވަނީ ޖިހާދު ކުރެއްވުމަށްޓަކައި ނުކުމެ އެވެ. ތިމަންނާ އޭނާއާ އިގުތިދާ ވެގެން ނަމާދު ކުރަމެވެ. އަދި އޭނާ ކުރައްވާ ހުރިހާ ހެޔޮކަމެއްގައި ވެސް ބައިވެރިވަމެވެ. ވީމާ އޭނާ އެނބުރި އަންނަންދެން އޭނާ މިހާރު އެ ކުރައްވާ ޖިހާދާ އެއްވަރު ވާނެ ހެޔޮ ޢަމަލެއް ވިދާޅުވެ ދެއްވަފާނަންތޯ އެވެ؟"

ހަދީސް ކުރެއްވި އެވެ. "ކަމަނާގެ ފިރިކަލުން ވަޑައިގަންނަވަންދެން ނުއިށީންނަވައި އަބަދު ނަމާދު ކުރައްވަފާނަންތޯ އެވެ؟ އަދި ރޯދަ ނުވީއްލަވައި އަބަދު ރޯދަ ހިއްޕަވާފާނަންތޯ އެވެ؟ އަދި އެއްވެސް ފޫހިވުމެއް ނެތި އަބަދު މާތްﷲ އަށް ޒިކުރު ކުރުން މަތީ އިންނަވާފާނަންތޯ އެވެ؟"

އެކަމަނާ ވިދާޅުވި އެވެ. "ތިޔައީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއްތޯ އެވެ؟ ވީއިރު އަޅުގަނޑަކަށް ވެސް ނުވާނެ އެވެ." ދެން ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވި އެވެ. "މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ކަމަނާ އަށް އެކަން ކުރަން ކުޅަދާނަވީ ނަމަވެސް އެ ކަމަށް ވުރެ ހައްޖު މަހުގެ ފުރަތަމަ ދިހައެއްގައި ކުރާ ޢަމަލު މާ ހެޔޮ ވެގެން ވެ އެވެ." (އިމާމް އަޙްމަދު)

މާތްﷲ ގެ އިލާހީ ހިކުމަތްވަންތަކަމުގެ ދަށުން ކައުނުގައިވާ އެކިއެކި ތަކެއްޗާއި ކަންކަމުގައި ތަފާތުތައް ލައްވާފައި ވެ އެވެ. ދުވަސްތަކާއި މައްސަރުތަކަށް ބަލާއިރު ވެސް މި ތަފާތު އޮވެ އެވެ. އިސްވެ ބަޔާންކުރެވުނު ހަދީސަށް ބަލާއިރު، ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މިގޮތުން މާތްﷲ މާތް ކުރައްވާފައިވާ ދުވަސްވަރެއް ކަން އެނގެ އެވެ. މިކަން އިތުރަށް ކަށަވަރުވާ އެހެން ހަދީސްތައް ވެސް ވެ އެވެ.

އިބްނު ޢައްބާސްގެ ކިބައިން ރިވާ ވެގެންވާ ހަދީސެއްގައި ވާ ގޮތުގައި ހެޔޮ ކަންތައްތައް ކުރެވޭ ދުވަސްތަކުގެ ތެރެއިން ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގައި ކުރެވޭ ހެޔޮ ކަންތައް މާތްﷲ ގެ ހަޒުރަތުގައި މާ ލޯބިވެތި ވެގެން ވެ އެވެ. މާތްﷲ ގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް އެކަން ހެޔޮވެގެން ވެ އެވެ. އެއީ އެ ޖިހާދުގައި އޭނާ ޝަހީދު ނުވާ ނަމަ އެވެ.

ބައެއް ދުވަސްތައް ޚާއްސަ ވާ ސަބަބުތަކެއްވޭ

ބައެއް ދުވަސްތައް ނުވަތަ ބައެއް މަސްތައް ޚާއްސަ ވަނީ ގުޅުން ހުރި ބައެއް ކަންކަން އެ ދުވަސްތަކާ ނުވަތަ މަސްތަކާ ގުޅިފައިވާތީ އެވެ. މިސާލަކަށް ރަމަޟާން މަހާ ގުޅިފައިވާ ކަންކަމުގެ ތެރޭގައި ރޯދަ ހިފުން ފަރުޟުވުމާއި ޤުރްއާން ބާވައިލެއްވުމާއި ލައިލަތުލްޤަދުރި ފަދަ ކަންކަން ހިމެނެ އެވެ.

މިހާރު އަޅުގަނޑުމެންނާ މި ބައްދަލުކުރި ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް މާތް ކުރެވިގެން ވަނީ ހައްޖުގެ އަޅުކަމުގައި ހިމެނޭ އެންމެ މަތިވެރި ރުކުން ކަމުގައިވާ އަރަފާތުގައި ހުންނަ ދުވަސް، އާދެ ހައްޖު މަހުގެ ނުވަ ވަނަ ދުވަސް އެ ދުވަސްތަކުގެ ތެރޭގައި ހިމެނޭތީ އެވެ. އެ ދުވަހުގެ މާތްކަން ވަރަށް ގިނަ ހަދީސްތަކުން އެނގެން އޮވެ އެވެ. ހަމަ އެއާ އެކު، ﷲ އަށްޓަކައި ގުރުބާން ކުރެވޭ ދުވަސް (އީދު ދުވަސް) އާއި ހައްޖުވެރިން އަރަފާތު ބިމަށް ދިއުމަށްޓަކައި ތައްޔާރުވާ ތަރުވިޔާގެ ދުވަސް ވެސް އެ ދުވަސްވަރުގެ ތެރޭގައި ހިމެނޭތީ އެވެ.

ދެ ވަނަ ކަމަކީ ކީރިތި ޤުރުއާނުގައި އެ ދުވަސްތައް ގަންދެއްވައި މާތްﷲގެ ވަޙީބަސްފުޅު އައިސްފައި ވުމެވެ. ފަޖުރު ސޫރަތުގެ ފެށޭ ތަނުގައި ﷲ ދިހަ ރެއެއް ގަންދެއްވާއިރު، އެއީ ހައްޖު މަހުގެ ފުރަތަމަ ދިހަ ރޭ ކަމުގައި ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވެ އެވެ. ތިން ވަނަ ކަމަކީ ދުނިޔެމަތީ އަންނަ އެންމެ މާތް ދުވަސްތައް ކަމުގައި ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާފައި ވުމެވެ. އެހެންވެ، އެ ދުވަސްވަރުގައި ހެޔޮ ޢަމަލު ގިނަ ކުރުމަށް އެކަލޭގެފާނު ހިތްވަރު ދެއްވާފައި ވުމެވެ.

ހައްޖުމަހުގެ ފުރަތަމަ ދިހައިގައި ކުރެވިދާނެ ހެޔޮކަންކަން

އަޅުތަކުން ކުރެ މާތްﷲގެ ހަޒުރަތުން ފާފަ ފުއްސެވުމަށް އެދެނީ ކާކުތޯ ސުވާލު ކުރައްވައި އެ ފަރާތަކަށް ފާފަ ފުއްސަވައި، އަދި އެކަލާނގެ އަށް ތައުބާވަނީ ކާކުތޯ ސުވާލު ކުރައްވައި އެ ފަރާތެއްގެ ތައުބާ ގަބޫލު ކުރައްވާ ރޭތަކެއް ހައްޖުމަހުގެ ފުރަތަމަ ދިހައިގައި ވެ އެވެ. ހެޔޮ ޢަމަލުތައް ކުރުމަށް މާތްﷲ ގެ ހަޒުރަތުގައި މި ދުވަސްވަރަށް ވުރެ ވަކިން ލޯބިވެ ވޮޑިގެންވާ އެހެން ދުވަސްވަރެއް ނުވެ އެވެ. ވީމާ މި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޒުމު ކަނޑައަޅަން ޖެހެ އެވެ. ތައުބާވެ، ކުށްފާފަތަކުން ދުރުހެލިވާން ޖެހެ އެވެ.

މި ތައްޔާރީ އަށް ފަހު، މި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ކުރަން އޮތް އެންމެ ހެޔޮ ކަމަކީ ހައްޖާއި އުމްރާގެ އަޅުކަން ކުރުމެވެ. ވީމާ މި ކަމަށް ކުޅަދާނަކަން ލިބިގެންވާ މީހުން މި ކަމަށް އިސްކަންދިނުން އައުލާ ވެގެން ވެ އެވެ.

ދެ ވަނަ ކަމަކީ ހައްޖުވެރިން ފިޔަވައި އެހެން މީހުން އެ މަހުގެ ނުވަ ވަނަ ދުވަހު ރޯދަހިފުމެވެ. އޭގެ ކުރީ ދުވަސްތަކުގައި ވެސް ކުޅަދާނަވީ ވަރަކުން ރޯދަ ހިފުމެވެ. ކީރިތި ރަސޫލާ ﷺ އެ ދުވަސްވަރު ރޯދަ އަށް ހުންނަވާ ކަމުގައި ސައްހަ މަގުން ރިވާ ވެގެންވެ އެވެ.

ތިން ވަނަ ކަމަކީ ފަރުޟު ނަމާދަށް ރައްކާތެރިވުމާ އެކު ސުންނަތް ނަމާދުތައް ގިނަ ކުރުމެވެ. އެހެން ދުވަސްވަރެއްގައި ކުރާ ސުންނަތް ނަމާދަކަށް ވުރެ މި ދުވަސްވަރުގައި ކުރާ ސުންނަތް ނަމާދަށް ލިބޭ ސަވާބު އިތުރުވާނެ އެވެ.

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް މާތް ކުރެވިގެން ވަނީ ހައްޖުގެ އަޅުކަމުގައި ހިމެނޭ އެންމެ މަތިވެރި ރުކުން ކަމުގައިވާ އަރަފާތުގައި ހުންނަ ދުވަސް، އާދެ ހައްޖު މަހުގެ ނުވަ ވަނަ ދުވަސް އެ ދުވަސްތަކުގެ ތެރޭގައި ހިމެނޭތީ އެވެ. އެ ދުވަހުގެ މާތްކަން ވަރަށް ގިނަ ހަދީސްތަކުން އެނގެން އޮވެ އެވެ.

ހަތަރު ވަނަ ކަމަކީ ތަކުބީރާއި ތަޙުލީލާއި ތަޙުމީދާއި އެހެނިހެން ޒިކުރުތައް ގިނަ ކުރުމެވެ. މިކަމަށް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައި ވެ އެވެ. ކީރިތި ޤުރުއާނުގެ އަލްޙައްޖު ސޫރަތުގެ 28 ވަނަ އާޔަތުގެ މާނައިގެ ތެރޭގައި ވެ އެވެ. "އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި މާތްﷲ ގެ އިސްމުފުޅު ޒިކުރު ކުރުމަށްޓަކަ އެވެ".

ވީމާ ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ވަގުތުތަކުގައި ގެއިން ނުކުންނައިރާއި ގެ އަށް ވަންނައިރާއި އުސްތަނަކަށް އަރާއިރާއި އެ ތަނުން ފައިބާއިރާއި ނިދިން ތެދުވާ އިރާއި ނިދަން އޮށޯންނައިރު ފަދަ ވަގުތުތަކުގައި ތަކުބީރު ކިޔައި "މާތްﷲ އަކީ އެންމެ މަތިވެރި ފަރާތްކަން އަދި އެންމެ ގިނަ ޙަމްދު ލިބިވޮޑިގެންވާ ފަރާތަކީ އެއީ ކަން އަދި ހެނދުނާއި ހަވީރާއި ހުރިހާ ވަގުތެއްގައި ވެސް އެކަލާނގެ ހުސްޠާހިރު ވެގެންވާ ކަން" ހިތުގައި ކަނޑައަޅައިގެން ތަކުބީރު ކިޔާ ނަމަ ރޫހާނީ ގޮތުން މީހާ ތަރައްގީ ވާނެ އެވެ.

ޒިކުރުގެ ތެރެއިން އެންމެ މާތް ޒިކުރަކީ ކީރިތި ޤުރްއާން ކިޔެވުމެވެ. އެހެންކަމުން މި ދުވަސްވަރު ޤުރްއާން ކިޔެވުން އިތުރު ކުރުން އެދެވިގެންވެ އެވެ.

ފަސް ވަނަ ކަމަކީ އުޟުޙިޔާ ކަތިލުމެވެ. މާތްﷲ އަށްޓަކައި ކޮންމެ ފަދަ ގުރުބާނެއް ވެސް ވާން ތައްޔާރަށް ހުރިކަން ހާމަކޮށްދިނުމުގެ ގޮތުން އެ ނިޔަތުގައި އެ މީހަކަށް ލިބުނު ވަރަކުން ގުރުބާން ކުރުމެވެ. މިކަން ކުރެވޭ ގޮތް ނުވިއަސް އާންމުކޮށް ސަދަގާތް ކުރުން އިތުރު ކުރުމެވެ. މި ދުވަސްވަރު ކުރާ ސަދަގާތުގައި ދަރުމަ އިތުރު ވެގެން ވާނެ އެވެ.

މި ފާހަގަ ކޮށްލި ޚާއްސަ ކަންކަމުގެ އިތުރުން ވެސް ހަމަ ހުރިހާ ބާވަތެއްގެ ހެޔޮކަންތައް ވެސް މި ދުވަސްވަރު ކުރުން ވާނީ އިތުރު ދަރުމަ ލިބޭނެ ކަންކަމަށެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމާއި ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީ ކުރުމާއި އެކި ކަހަލަ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީވުމާއި ސަލާމް ފެތުރުމާއި ދެމެދުތައް އިސްލާހު ކުރުން ފަދަ ކަންކަން ކުރެވިދާނެ އެވެ.

ވީމާ ހެޔޮ ކަމުގެ މުބާރާތުގައި ވާދަކުރަން ލިބިފައި މިވާ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަމާތޯ އެވެ. ބަރުހެލިކަމުން އެއްކިބާވެ ހަރަކާތްތެރިވމާތޯ އެވެ. ކަންނެއްކަން ދޫކޮށްލައި ހީވާގި ވަމާތޯ އެވެ. ދުނިޔެއަށްޓަކައި އުމުރުގެ ދުވަސްތައް ނަގާނުލަމާތޯ އެވެ. ގެއްލިފައިވާ ދުވަސްތައް އަނބުރާ ގެނައުމަށް މިއީ ރަނުގެ ފުރުސަތެކެވެ. މާތްﷲ މި ބަރަކާތްތެރި ދުވަސްތަކުގެ ހެޔޮކަން އަޅުގަނޑުމެން އެންމެންނަށް ދެއްވައި ހެޔޮ ޢަމަލު ކުރުމުގައި ހީވާގިވުމުގެ ހެޔޮ ތައުފީގު ދެއްވާދޭނވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454