މިދިޔަ ކުޑަ އީދުގައި މާލޭގައި ބަޔަކު އީދު ނަމާދަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
13 ޖޫން 2024 - 14:23
މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އަދި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ މާލެ އިން މާފަންނު ސްޓޭޑިއަމާއި ވިލިމާލެ ބޯޅަދަނޑާއި ހުޅުމާލެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ 2 ގެ ކްރިކެޓް ސްޓޭޑިއަމްގައި ކަމަށެވެ.
މޫސުން ތަން ނުދިނުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑު ޖަމާއަތުގެ އީދު ނަމާދު ކެންސަލް ކުރަން ޖެހިއްޖެ ނަމަ މާލޭގައި އީދު ނަމާދުކުރާނީ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ހުރިހާ މައިދާންތަކާއި މިސްކިތްތަކުގައި ވެސް އަންހެނުންނަށް އީދު ނަމާދުކުރެވޭނެ ޖާގަ ހަމަޖައްސާފައިވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ފިތުރު އީދު ދުވަހުން ފެށިގެން ރާއްޖޭގައި އީދު ނަމާދުކުރާ ގަޑި ވަނީ އަވަސްކޮށްފަ އެވެ. މިހާރު އީދު ނަމާދު ފަށާ ގަޑިއަކީ ހެނދުނު 7:00 ގަ އެވެ. ކުރިން އީދު ނަމާދު ފަށަނީ 7:30 ގަ އެވެ.
ބޮޑު އީދު ދުވަހަށް ވަނީ އަންނަ އާދިއްތަ ދުވަހެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއްކޯފުޅު
15 June 2024
ޢީދުނަމާދު ކުރާ މިސްކިތްތަކުގެ ނަންތައް ލިޔުނީމަދޯ މީހުންނަށް ބޭނުންވާ މަޢުލޫމާތު ލިބޭނީ. ތިޔަ ޚަބަރުން މީހުންނަށް ކޮން ބޭނުމެއް ފުދޭނީ؟