ސާރާ އަލީ ހާން އާއި އިބްރާހިމް އަލީ ހާން
25 ޖޫން 2024 - 15:28
ކޮއްކޮ އިބްރާހިމް އަލީ ހާން ކައިރީގައި މަންމައެއް ގޮތަށް އުޅެވޭތީ ސާރާ އަލީ ހާން މާފަށް އެދިއްޖެ އެވެ.
ސާރާ އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ 2018 ވަނަ އަހަރު ރިލީޒްކުރި "ކެދަރްނާތު" އެވެ. ސާރާ ބޮލީވުޑްގައި މަސައްކަތް ކުރާތާ މިހާރު ހަ އަހަރު ވަނީ އެވެ. އޭނާގެ ކޮއްކޮ އިބްރާހިމް މިހާރު ހުރީ ބޮލީވުޑަށް ތައާރަފުވާން ތައްޔާރަށެވެ.
މިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސާރާ ވަނީ އޭނާ އާއި އިބްރާހިމްއާ އޮންނަ ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކައިފަ އެވެ.
އެ އިންޓަވިއުގައި ސާރާ ވަނީ މަންމައެއް ގޮތަށް އިބްރާހިމް އަށް އަމަރުކޮށް ހެދޭތީ އެކަމަށް މާފަށް އެދިފަ އެވެ. އެއީ ކުޑައިރުއްސުރެ އާދެވެފައި ހުރި ކަމެއް ކަމަށް އޭނާ ބުންޏެވެ.
ސާރާ ބުނީ އިބްރާހިމް ގާތުގައި އޭނާ "މާ ބޮޑުވެލާފައި" އުޅުނު ނަމަވެސް، އިބްރާހިމް އަކީ އޭނާ އަށް ވުރެ ހަރުދަނާ މީހެއް ކަމަށެވެ. އަދި ކަންކަމުގައި އޭނާ ލަފާ ހޯދަނީ ވެސް ގިނަ ފަހަރަށް އިބްރާހިމް ގާތުން ކަމަށް އޭނާ ބުންޏެވެ.
އިބްރާހިމްގެ ފުރަތަމަ ފިލްމަކީ ބޮލީވުޑްގެ އެކްޓަރު ބޮމާން އިރާނީގެ ދަރިފުޅު ކަޔޯޒޭ ޑައިރެކްޓުކުރާ "ސަރްޒާމީން" އެވެ. އެއީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ ފިލްމެކެވެ. އަދި އެ ފިލްމުގައި ކާޖޮލް އާއި ޕްރިތުވިރާޖް ސުކުމާރަން ވެސް އުޅޭނެ އެވެ.
އެ ފިލްމު ރިލީޒްކުރާ ދުވަސް އަދި އިއުލާން ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބުރާހީ މު
25 June 2024
އެދިފައިވާ ގޮތުގެ މަތިން މާފުކޮށްފީމެވެ