މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން. އެ ކޮމިޓީ ވަނީ ސިއްރުކޮށްފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް
24 ޖޫން 2024 - 12:56
ދައުލަތުގެ މާލީ ހާލަތާއި އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލު ކުރުމަށް ތާވަލްކުރި މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކޮށްފި އެވެ.
އެ ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނަށް ދައުވަތު ދީފައިވީ ނަމަވެސް، ބަލި ހާލަތު ހުރި ގޮތުން ކޮމިޓީއަށް ވަޑައިގަންނަވަން އުޒުވެރިވާކަން މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވަނީ ކޮމިޓީއަށް އަންގަވައިފަ އެވެ. އަދި މިއަދުގެ ކޮމިޓީއަށް ބޭނުންވާ މައުލޫމާތު ލިޔުމުން ހުށަހަޅާފައިވާ ކަމަށް ވެސް ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ބައްދަލުވުން ފެއްޓެވި އިރު ވަނީ ވިދާޅުވެފަ އެވެ.
ކޮމިޓީގައި މައުލޫމާތު ހިއްސާކުރުމަށް ފިނޭންސް މިނިސްޓަރު ޝަފީގު ކުރިން އެދިވަޑައިގެންފައި އޮތީ ސިއްރުކޮށްގެންނެވެ. އެހެންވެ، މިނިސްޓަރު ފޮނުވާފައިވާ ލިޔުންތައް ކޮމިޓީގައި މަޝްވަރާކުރުމައްޓަކައި ސިއްރު ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީގައި ވޯޓުގައި ނެގި އެވެ. އެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ކޮމިޓީ ސިއްރު ކުރަން ނިންމައިފަ އެވެ.
މި ބައްދަލުވުމަކީ އީދު ބަންދުގެ ކުރިން ބޭއްވި މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ.
އެ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އޭނާ ވަނީ ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތާ ގުޅޭ "ހިތި ބޭސް ސިޓީއެއް އޮތިއްޔާ" އެ ކަން ނުފޮރުވައި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.
އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ނޮވެމްބަރު މަހާ ހަމައަށް މަޑުނުކޮށް، މިހާރުން މިހާރަށް ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ތެދުބަހުން ކިޔައިދޭން ނާޒިމް ވަނީ ފިނޭންސް މިނިސްޓްރީއަށް އިލްތިމާސް ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަރީނާ
25 June 2024
ސަރުކާރު ތެރޭގަ ކޮރޮޕްޝަން އާ ވައްކަމާ ފަސާދަ ބޮޑުވެ ގައުމު މިވެއްޓެނީ އަޑިނޭގޭ ފުން އަދަވަޅަކަށް. މިނިސްޓްރީ ތަކުގާ ގައުމު ހިންގަން ދަންނަ ގާބިލު އެކަކުވެސް ނެތް. ވާނެ ހައެތި މިވީ.
ބަރުބާދު
25 June 2024
ފޮރުވާނެ ހަމައެކައްޗެއްވެސް ނޯންނާނެ، އެކަމަކު އެއްޗެއް ދެއްކޭކަށްވެސްނެތް ވެދާނެ ފަލީހަތެއްގެ ބޮޑުކަމުން.
ވިސްނާލުމަށް އެދެމޭ
24 June 2024
ފޮރުވާނެއެއްޗެ ނޯންނާނެޔޯ ކީއްކުރަންހޯ ފޮރުވަންވީ ރައްޔިތުންނަ ވެރިކަންކޮއްދޭށޯ ތިމަންނަ މިއައީ..އެކަމަކު ކިހިނެތްމިވީ ..ރައްޔިތުންނޯ ހިތިބޭސްބޯންޖެހޭނީ އެކަމަކު ރައްޔިތުންނަ އަންގާކަށް ބޭނުމެނުވި ރައްޔިތުންބޭސްބޯންޖެހޭނީ ކިހާދުވަހަކަށް ކިހާވަރެކަމެ ގުޅަބޭސްކަމެ ސިރަޕެކަމެވެސް.. ސައިޑްއެފްކްޓަކީކޮބައިކަމެ އެކަމަކު ރައީސް ރައްޔިތުންކައިރީ ބޭސްބޯލާށޭބުނާއިރަށް ބޯންޖެހޭ..މަޖުލިސްމެމްބަރުން ރައްޔިތުންނަ ކަންކަންއޮޅުވާލަން ގޮނޑިތަކަށް ސަވާރިވެނުތިބެ