27 ޖޫން 2024 - 18:51
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އާ ފަޔާ ސްޓޭޝަނެއް މިއަދު ހުޅުވައިފި އެވެ.
އެއާޕޯޓުގައި އަލަށް ހެދި ކޯޑް އެފް ރަންވޭ ކައިރީގައި ގާއިމުކުރި މި ފަޔާ ސްޓޭޝަން ހުޅުއްވައި ދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.
ޖާގަ ތަނަވަސް، 2،230 އަކަފޫޓުގެ މި ފަޔާ ސްޓޭޝަނުގައި ކުއްލި ހާލަތްތަކުގައި މޮނީޓާ ކުރާނެ ހާއްސަ ކޮންޓްރޯލް ރޫމަކާއި ތަމްރީނުތަކުގައި ބޭނުން ކުރާނެ ތަނަކާއި ޗޭންޖިން ރޫމާއި ފާހަނާ ހިމެނޭ ގޮތަށް އެ ތަނަށް ބޭނުންވާނެ ގިނަ ސަޕޯޓް ފެސިލިޓީތައް ބަނީ ގާއިމުކޮށްފަ އެވެ.
އަލިފާން ނިއްވުމުގައި ބޭނުންކުރާ ވެހިކަލްތަކަށް ހައްސަ ޖާގައެއް އާ ފަޔާ ސްޓޭޝަނުގައި ހަދާފައި ވެ އެވެ. އަދި ދެ މޭޖާ ފަޔާ ޓެންޑާސް އާއި އެއް ކޮމާންޑު ވެހިކަލާއި ދެ މެރިން އުޅަނދު ހިމެނެ އެވެ. ވެހިކަލްތަކަށް ފަސޭހައިން ފެން ރީފިލް ކުރެވޭނެ ޓޭންކެއް ވެސް ބަހައްޓާފައި ވެ އެވެ.
އެއާޕޯޓުގެ އާ ފަޔާ ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފު ވިދާޅުވީ، އެ ފެސިލިޓީއާ އެކު، އަލިފާނުގެ ހާދިސާތަކާ ގުޅިގެން ތިން މިނިޓުގެ ތެރޭގައި ފަޔާމަނުންނަށް ހަރަކާތްތެރިވާން ފެށޭނެ ކަމަށެވެ.
"އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އަޅުގަނޑުމެން ވަރަށް އިސްކަންދޭ ކަމެއް. މި ފެސިލިޓީގައި ފަޔާ އެންޑް ރެސްކިއު ޓީމަށް ބޭނުންވާ ތަމްރީނުތަކަށް އަޅުގަނޑުމެން އިސްކަން ދޭނަން،" އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްއިން ބުނީ މި ތަން ހުޅުވީ ޒަމާނީ ޓެކްނޮލަޖީ ވަސީލަތްތަކާ އެކު، އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭނެއް ވެސް ހަދައިގެން ކަމަށެވެ. އެކި އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކަށް ވީއައިއޭ ތައްޔާރު ކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮލިއަނގަ
27 June 2024
ޕަކަޕަކަ