ކުރީގެ މިނިސްޓަރު މުނައްވަރު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު
30 ޖޫން 2024 - 22:45
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާޜުން ދައުލަތުގެ ކުންފުނިތައް ހިންގާފައި ވަނީ ވަރަށް ދޯދިޔާކޮށް އަދި މާލީ ގޮތުން ގެއްލުންވާ ގޮތަށް ކަމަށާއި އެ ތަންތަނުގެ ޖުމްލަ ދަރަނި 98 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އޭނާ ވިދާޅުވީ، މި ސަރުކާރުގެ އިސްލާހީ އެޖެންޑާގައި ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ރާވާފައިވާ ކަމަށެވެ.
"ޖުމްލަ ދަރަނި 2022 ވަނަ އަހަރު ނިމުނު އިރު 32 ބިލިއަން ރުފިޔާ އަށް އަރާ. އެއީ ސީދާ ލޯނު ދަރަނި. އަދި ޖުމްލަ ދަރަނި އެހެނިހެން ލައިބިލިޓީސް ހިމަނައިގެން 98 ބިލިއަންގައި އެބަ އުޅޭ. އެބަހުރި ފިސްކަލް އިންޑިސިޕްލީންކޮށް ހިންގާފައި ހުރި ކުންފުނިތައް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ އޭނާ މިނިސްޓަރު ކަމުގައި ހުންނެވި ފަސް އަހަރު ފެނަކަ ފަދަ ކުންފުނިތަކަށް ދައުލަތުން ދޭ ފައިސާގެ އަދަދު ބެހެއްޓީ ވަކި މިންގަނޑެއްގައި ކަމަށެވެ.
"ދެހާސް އަށާރަ ވަނަ އަހަރު ފެނަކައިގެ ޖުމްލަ ދަރަނި އުޅުނީ 1.2 ބިލިއަންގައި. އެހެން ނަމަވެސް 2023 ވަނަ އަހަރު 4.3 ބިލިއަނަށް ދަރަނި މި ވަނީ އިތުރު ވެފައި. މީގެ ތެރޭގައި އަމިއްލަ ކުދި ކުދި ކުންފުނިތައް ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި، މިދިޔަ ފަސް އަހަރު ކުންފުނިތައް ހިންގާފައި ވަނީ ދަަރަނި އަދާކުރެވޭނެ ގޮތްތައް ބަލައިގެނެއް ނޫނެވެ. އޭނާ ވިދާޅުވީ، ސްޓެލްކޯގެ ދަރަނި 2018 ވަނަ އަހަރު 2.8 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން 2023 ވަނަ އަހަރު ނިމުނުއިރު، އެ އަދަދު 3.8 ބިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ. އައިލެންޑް އޭވިއޭޝަންގެ ދަރަނި ވެސް އެއް ބިލިއަނުން ހަތަރު ބިލިއަން ރުފިޔާ އަށް އިތުރުވި ކަމަށް މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދައުލަތުގެ ދަރަނީގެ އިތުުރުން ކުންފުނިތަކުގެ ދަރަނި ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށާއި ކޮންމެ މަހަކު ކުންފުނިތަކުގެ ހިންގުމަށް އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން ހޭދަކުރަން ޖެހޭ ކަމަށެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި، ކުންފުންޏެއް ނަމަ ލިބޭ އެއްޗަކުން އެ ކުންފުންޏެއްގެ ހަރަދުތައް ހަމަޖެއްސޭވަރު ވާން ޖެހޭނެ އެވެ. އެކަމަކު، ސަރުކާރުގެ ގިނަ ކުންފުނިތައް މިވަގުތު ހިންގަނީ ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
02 July 2024
މުނައްވަރު ރައްޔިތުންނަށްތަ ތިޔަ އޮޅުވާލަނީ. މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ގދ. ފަރެސްމާތޮޑާގައި ރައީސް ވިދާޅު ވިއްޗަކާއި ތިޔަ ހިސާބަކާއި ދިމާނުވޭ. ރައީސް އެދުވަހު ވިދާޅުވީ."އެއީ އަޅުގަނޑުމެންނާ ދިމާވި ހާލަތު. ރާއްޖެ އިން ބޭރަށް ދައްކަން އަޅުގަނޑުމެން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ 120 ބިލިއަންގެ އިތުރަށް ނުވަ ބިލިއަން ރުފިޔާ. އެ ފައިސާތައް ދެއްކުމުގެ މަސައްކަތް ފަށައިގެން މި ތިން މަހު މި ދިޔައީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޅިނާ
02 July 2024
ޑރ. މުއިއްޒު ކަންކަން ރަނގަޅު ކުރާތަން އަދިވެސް ފެންނާނެ. ކުންފުނިތަކަކީ ޕޮލިޓކަލް ތަންތަނަށް ނުހަދާ ހިންގަންވީ ފައިދާވާ ގޮތަށް ވިޔަފާރި އުސޫލުން. އޭރުން މިގައުމު ހަމަ މަގަށް އެޅޭނީ. ވަކި މީހެއްގެ ކަނދުރާއަކަށް މުއިއްޒު ބައްލަވާނެ ކަމެއްނެތް. ޕާރފޯމް ނުކުރެވެންޏާ އެތަނަކުން ބޭރުކޮށްލަންވީ.
މިހާރުގެ ސަރުކާރު
01 July 2024
ކުރީ ސަރުކާރު ކަންތައއ ގޯސްކޮށް ކުރަމުން ދިޔަ ވާހަކަ ދައްކައިގެން ބަދަލުކޮށްފަ މިއޮތީ... ދެން ކުރީ ސަރުކާރޭ ނުކިޔާ މައްސަލަ ހައްލުކޮށް ކުރިޔަށް ދާނެ ގޮތެއް ހޯދަންވީ... ނުވަންޏާ ފައިބާ ކުރިން ސަރުކާރު ކެހި ކަނޑުލުގެ ހިތި ފިލުވަން ކުރީ ސަރުކާރުން ހަވާލުވާނެ
ދައިގަންނަގުރާ
01 July 2024
ގައިމު ތި ސަރުކާރުގެ އެސް.އޯ.އީ ތަކަކީ އޮޑިޓު ކުރެވޭ ތަންތަން ތާ؟ ކޮބާ އެ ރިޕޯޓުތައް؟ ހާމަ ކުރޭ. ތިޔަހެން ލަވައެއް ކިޔަން މާ އިތުބާރު ހުރި މީހެއް ނޫން ތީކީ. ޓްރާންސްޕޭރެންޓުކޮށް ހާމަކަން ބޮޑު ގޮތަކަށް ތިކަން ކޮޅެއްގަ މި ސަރުކާރުން ޖެއްސިއްޖެނަމަ ދެން ދައުރަކަށް ހޮވަން ވިސްނާނަން. ކުރީ ސަރުކާރޭ ކިޔާ ޅެމާއި ލަވަ ނުކިޔާ ނިކަން ކުރަންޖެހޭ ކަމަކާއި ހާމަ ކުރަން ޖެހޭ ރިޕޯޓުތައް ޕަބްލިކަށް ފެންނާނެ ގޮތަށް ނެރެބަ.
އަފްރާސިޔާބު
02 July 2024
އޮޑިޓް ރިޕޯޓް ތައްވެސް ހަދާފައި އެހުރީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސައިޓްގައި ޝާއިއު ކޮށްފައި. އެވެސް ބަލައިގެންތާ މުނައްވަރު އެ ދޮގުތައް އެހައްދަވަނީ.
އަލީ އަޝްރަފް
01 July 2024
ތިވަރަށް ދަރަނި ކުރި އެންމެން ހިފާ ހައްޔަރު ކުރަން ޖެހޭނެ
އިލްހާމްް
01 July 2024
މާ ލަސްވެސް ވެއްޖެ ރައްޔިތުންނަށް ހަގީގަތް ހާމަ ކުރަން ފެށިތާ. މިވަރަށް ވައްކަން ކޮށްފަ ހުރީމަ އެކަންތައް މިގައުމު އެންމެނަށް އިނގެން ޖެހޭނެ
މިނިސްޓރ
01 July 2024
ފިނޭންސް މިނިސްޓްރަކަށް މީހަކު ހުރިއިރު އޭނައަށް އެޑްވައިސްކުރަން ހަމަ މިނިސްޓަރު ފެންވަރުގެ އިތުރުމީހަކު ހުންނާކަށް ނުޖެހޭ. ފިނޭންސް މިނިސްޓްރީގަވެސް މިނިސްޓަރު ފެންވަރުގެ އެ މުސާރަލިބޭ މުނައްވަރާއެކު 2 މީހުން. މިއީ ސަރުކާރު ހިންގާގޮތް؟ މުނައްވަރު ތިތާހުރެ ވާހަކަދައްކަން ލަދުގަންނަންޖެހޭ.
ބަކުރުބޭ
01 July 2024
މުނައްވަރު ގާތު އަހާލަބަލަ މިނިސްޓަރު ކަމުގައި ހުރިއިރު ކަންކަން ކުރިއަށް ގެންދިޔައީ ކިހިނެތްތޯ
ލޮލީބޮލީ
01 July 2024
98 ބިލިޔަން ދިވެހިންގެ ބޮލުގައި އެޅުވި މީހުން ވަގުތުން ވަގުތށް ޒިއްމާދާރު ކުރުވަން ގޮވާލަން، އަދި ފިތުނަ ދޮލަގު ހިފާގެން ގައުމު ބަނގުރޫޓުވޭތޯ ތެޅިފޮޅެނީ ގެއްލުނު އެތި ބޮޑުކަމުން. މިމީހުންގެ ނެތޭ އެއްވެސް އަދަބެއް ސަދަބެއް
ޗިންް
01 July 2024
ފިޔަވަޅު އަޅާށޭ. މި ގައުމަށް މިހެން ހެދި މީހުން ހައްޔަރުކުރާށޭ.