ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގާއި މިނިސްޓްރީގެ އިސް ބައެއް މުވައްޒަފުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
30 ޖޫން 2024 - 23:40
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ކޮވިޑް 19 ގެ ހާލަތަށް ފަހު، ފާހަގަކުރެވުނު ފިސްކަލް ހިރާސްތައް ކުޑަކުރުމުގެ އެންމެ މުހިންމު ފިޔަވަޅަކީ ހަރަދު ކުޑަކުރުން ކަމަށް ވިޔަސް އެ ވެރިކަން ނިމުމާ ހިސާބަށް އެކަން ނުކުރާ ކަމަށާއި އެކަމަކު މި ސަރުކާރުން އަންނަނީ އެ ފިޔަވަޅުތައް އަޅަން ތައްޔާރު ވަމުން ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ، ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ބޭއްވި ނިއުސް ކޮންފަރެންސާ ގުޅިގެން ދިން ރައްދުގަ އެވެ.
އަމީރު ރޭ ވަނީ މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ގައުމުގެ އިގުތިސާދީ ހާލަތު މިހާރު ވެސް އޮތީ 2019 ވަނަ އަހަރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށާއި ދިމާވެގެން އުޅެނީ މި ސަރުކާރަށް އިގުތިސާދު މެނޭޖުކުރަން ނޭނގުމުގެ މައްސަލައެއް ކަމަށެވެ.
އަމީރުގެ ވާހަކަތަކަށް ރައްދު ދީ، ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑުގެ ބަލިމަޑުކަމަށް ފަހު، އެންމެ އަވަހަށް އިގުތިސާދު އިޔާދަވި އެއް ގައުމަކީ ރާއްޖެ ކަމަށާއި މި އަހަރާއި މެދުރާސްތާގައި ވެސް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އޭރު ވެސް ރާއްޖޭގެ މާލީ ދާއިރާ އަށް ދަތިތަކެއް ހުރި ކަން 2022 އާއި 2023 ގައި އެ މިނިސްޓްރީން ފާހަގަކޮށް، ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފިސްކަލް ސްޓްރެޓެޖީ ބަޔާންތަކާއި ބަޖެޓު ފޮތްތަކުގައި ބަޔާން ކޮށްފައި ވާނެ ކަމަށެވެ.
...އަދި މި ކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ގޮސްފައި ވުމަކީ 26 ޖޫން 2024 ގައި ފިޗް ރޭޓިންސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑް ކުރި މައިގަނޑު ސަބަބު ވެސް މެ އެވެ،" --- ފިނޭންސް
އެ މިނިސްޓްރީން ފާހަގަކުރި އެއް ކަމަކީ މިދިޔަ އަހަރުން ފެށިގެން ޖީއެސްޓީ ރޭޓުތަކަށް ގެނައި ބަދަލުތަކެވެ. އެއީ ފިނޭންސް މިނިސްޓްރީން ހުށަހަޅައިގެން އޭރުގެ ސަރުކާރުގައި ގެނައި ހެޔޮ ބަދަލެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"އެހެން ނަމަވެސް ކޮވިޑް-19 ގެ ހާލަތުން ވީއްލިގެން އައި އިރު، ފާހަގަ ކުރެވުނު ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަން ޖެހުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައިވާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް 17 ނޮވެމްބަރު 2023 ވަނަ ދުވަހާ ހަމައަށް ވެސް ހުރީ ތަންފީޒު ނުކޮށެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
"ފާއިތުވި އަހަރު ތަކުގައި މި ގޮތަށް އަމަލު ކުރުމުގެ ނަތީޖާއަަކަށް ވެފައި ވަނީ ދައުލަތުގެ ހަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އިތުރުވެ، މި ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކު ވެސް ނަގަން ޖެހޭ ދަރަނީގެ އަދަދު އިތުރު ވުމެވެ."
އޭގެ ސަބަބުން ފިސްކަލް އަދި ދަރަނި ދެމެހެއްޓުން ގެއްލި، މެދުރާސްތާގައި "ހައި ރިސްކް އޮފް އޯވަރޯލް ޑެޓް ޑިސްޓްރެސް" ނުވަތަ ދަރަނި އަދާނުކުރެވުމުގެ ދަތިތަކަށް އިންތިހާ އަށް އުފުލިފައިވާކަން އައިއެމްއެފުން 2022 ގައި ވެސް ބުނެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
"އަދި މި ކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ގޮސްފައި ވުމަކީ 26 ޖޫން 2024 ގައި ފިޗް ރޭޓިންސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑް ކުރި މައިގަނޑު ސަބަބު ވެސް މެ އެވެ،" ބަޔާނުގައި ވެ އެވެ.
މި އަހަރުގެ މެދުތެރެއިން ފެށިގެން މާލީ އިސްލާހުތަކެއް ތަންފީޒުކޮށް، ހަރަދުތައް ކުޑަކުރާނެ ކަމަށް އެ އަހަރުގެ ބަޖެޓު ފޮތުގައި ބަޔާންކޮށް، ކޮންސެޕްޗުއަލް ފްރޭމްވޯކެއް ތައްޔާރުކޮށްފައި އޮތަސް އެ ކަން ކުރާނެ ގޮތުގެ ތަފުސީލީ އެކްޝަން ޕްލޭނެއް މިދިޔަ ސަރުކާރުން އެކުލަވައި ނުލާ ކަމަށް ފިނޭންސުން ބުންޏެވެ.
ނަމަވެސް މި ސަރުކާރުން މިހާރު ވަނީ އެ އިސްލާހުތަކާ ގުޅޭ ތަފުސީލީ އަދި ފަންނީ މަސައްކަތްތައް ނިންމައި ހަރަދު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ތައްޔާރުވަމުން ކަމަށް ބުންޏެވެ.
"މިނިސްޓްރީ އޮފް ފިނޭންސުން މިހާރު ކުރަމުން މިދާ އިސްލާހީ މަސައްކަތްތަކަކީ ދިވެހި އެންމެހައި ރައްޔިތުންގެ މަސްލަހަތު ހިމެނޭ، މުސްތަގުބަލާ ގުޅޭ ކަމެއް ކަމުގައި ވާތީ، މި މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުން ވެސް ފުރިހަމަ އެއްބާރުލުން ދެއްވުން އެދި ދަންނަވަމެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ދަރަނި އަދި ފިސްކަލް ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މުހިއްމު މަސައްކަތްތަކެއް ކުރާ މި ދަނޑިވަޅުގައި މާލީ ހާލަތާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް އަދި އެ މިނިސްޓްރީ މަދުނާމުވާ ގޮތަށް ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވާހަކަ ދެއްކެވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައިނަބް
01 July 2024
ސަރުސާރު އޮފީސްތައް މެންދުރު ފަހު 2 ޖަހާއިރު ބަންދުކުރުން. ކޮންމެ ހެން ހުޅުވަންޖެހޭ ތަންތަން 4 ޖަހާއިރު ބަންދު ކުރުން. މިއީ ހަމަޤަވައިމުވެސް ޚަރަދު ކުނޑަވާނެ މަކެއް ބޭކާރު ގޮތުގައި ސަރުކާރު އޮފީސްތައް ހުޅުވާފައި ބެހެއްޓުމުން ވަރަށް ނާޖާއީސް ފައިދާ ނަގާ ކަމެއް. ވަކިން ހާއްޞަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބޭލުމުގެ ރަށުގައި ހުންނަ އޮފީސްތައް.
އަމީން މުހައްމަދު
01 July 2024
ބަރާބަރު. ގައުމު ގެ އިގްތިސާދު ލަންކާއަށް ވާ ގޮތް ނުވާން ތިގޮތުގައި މަސައްކަތް ކުރަން ވީ. ތިއީ ހަރުދަނާ ގޮތަކީ. މިހާރު ދަތިވިޔަސް ފަހުން އުފާވެރި ދުވަސްތަކެއް ލިބޭނީ މިގޮތުގައި ގޮސްގެން ކަން ޔަގީން.
އާލިމް ރާޝިދު
01 July 2024
މިހެންވެ ބުނަނީ މި ސަރުކާރުން އިހްލާތެރި ރަނގަޅު މަސައްކަތެއް ކޮށް މި ގައުމުގެ އިގްތިސާދު އޮތް ހާލަތުން ނަގާ ކޮޅަށް ޖަހާނެޔޭ.
އިފާދުﷲ
01 July 2024
މި ސަރުކާރުން އެއްވެސް ކަމެއް ނޮފޮރުވާ ހަގީގަތް އޮތް ގޮތަށް ކަންކަން ކުރަމުން ދަނީ. އެކަން ފާހަގަވޭ ވަރަށް ބޮޑަށް.
އަމްޖަދު ތައުފީގް
01 July 2024
މުއިއްޒްގެ ސަރުކަށް މިޖެހުނީ ހުރިހާ އެހެން ސަރުކާރެއްގެ ހަޑި ސާފްކުރަން. އެކަން ކުރަމުން ދާތަން މި ފެންނަނީ. ރޭވުންތެރިކަމާއި އެކު
ފައްސާން ވަލީދު
01 July 2024
މިދިޔަ ސަރުކާރުން ކުންފުނިތައް ވައްޓާލާފަ ވަނީވެސް ވަރަށް ބޮޑު އަދަވަޅަކަށް. އެކަން ކަން އިސްލާހްކޮށް މުޅި އިގްތިސާދު ހަމަޔަކަށް އެޅުވަން ސަރުކާރުން މިކުރަނީ ނަމޫނާ މަސައްކަތެއް.
ސިފަތުﷲ ހަސީބް
01 July 2024
ކަން ކުރެވޭނީ ކުރަން އިނގޭ މީހުންނަށް. ނޭނގޭ މީހުންނަށް ނުވާނެ އެއްކަމެއްވެސް. އިގްތިސާދު ކޮޅަށް ޖެހޭނީ ނިކަން ކަން ކުރަން ކެރިގެން. އެކަން އެގިގެން. މި ދެކަންވެސް އެބަފެނޭ މި ސަރުކާރުގެ ފުރަތަމަ 7 މަހުން.
ރަމީޒް އަލީ
01 July 2024
މިދިޔަ ހުރިހާ ސަރުކާރަކުންވެސް ފޮނި ކެޑި ހަރަދު ކުޑަ ކުރާނަމޭ ކިޔާފަ. ނަމަވެސް އަމަލުން އެކަން ނުދައްކާ. އެކަންކަން ކުރާތަން މި ފެންނަނީ ރައީސް މުއިއްޒްގެ ސަރުކާރުން.
ޝަބީން ރަޝީދު
01 July 2024
ފެނޭތަ އިދިކޮޅަށް؟ މިއީ ހަގީގީ މާނާގައި އިގްތިސާދު ހަމަޔަކަށް އަޅުވަން އުޅޭ މީހުން ކަން ކުރާނެ ގޮތަކީ. ބޭކާރު ހަރަދުތައް މަދުކޮށް ކުންފުނިތައް އިސްލާހްކޮށްގެން
ރިޒުހާން މުހައްމަދު
01 July 2024
އަލަށް ސަރުކާރަކުން ހަގީގީ މާނާގައި މިކަހަލަ ފިޔަވަޅު އަޅާތަން މި ފެންނަނީ. މިއީ ވަރަށް ޕޮސިޓިވް ނިންމުމެއް.