މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ޕޮލިސް ކޮމިޝަނަރު ޝުޖާއު (ކ-2) އަދި ފުލުހުންގެ އިސްވެރިން މިއަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް
02 ޖުލައި 2024 - 21:32
އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރަން އިންޑިއާގެ ކުންފުންޏަކަށް ފައިސާ ދިން ނަމަވެސް އެކަން ކުރިއަށް ގެންގޮސްފައި ނުވާތީ އެ ޕްރޮޖެކްޓަށް ވީ ގޮތް ބަލަން އޮޑިޓެއް ހަދަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި، ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަކާ ގުޅިގެން، ސީޕީ ވިދާޅުވީ ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރަން ހަވާލުކުރި ޕްރޮޖެކްޓު ކުރިއަށް ނުގެން ގޮސް، މަޑުޖެހުނު ގޮތާއި އެ މަޝްރޫއު ހިނގައި ދިޔަ ގޮތުގެ އޮޑިޓެއް ހަދަމުން އަންނަ ކަމަށެވެ.
ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު، ހަދަމުން އަންނަ އޮޑިޓް ނިމުމުން އިތުރު ތަފްސީލް ހާމަކުރެވޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"..ފުލުހުންގެ އިންފްރަސްޓްރަކްޗާ ޑިވެލޮޕް ކުރުމަށްޓަކައި ލިބުނު ޕްރޮޖެކްޓެއް އެއީ. އެކަމަކު، ހިނގައި ދިޔަ ގޮތަކީ އެނގިގެން ވީ ކަމެއް ނޫން. ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން މި ހަދާ އޮޑިޓުން އެކަން އެނގޭނެ،" އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ފުލުހުންގެ އިދާރާގައި ވަސީލަތްތައް އެބަހުރި ކަމަށެވެ. އެ ތަންތަނުގެ މަރަމާތަށް ކޮންމެ އަހަރަކު ވެސް ބޮޑު ހަރަދެއް ކުރަން ޖެހުނަސް، މާލީ ދަތިތަކާ ހެދި ޕޮލިސް ސްޓޭޝަންތައް މަރާމާތު ނުކުރެވި، އެ ތަންތަނުގެ ހާލަތު ދަށްވެ، ވީރާނާވަމުންދާ ކަމަށް ސީޕީ ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން، މީގެ 15 ވަރަކަށް އަހަރު ކުރިން ބ. އޭދަފުށީގައި ހެދި ޕޮލިސް ސްޓޭޝަން ނަންގަވަމުން، ޝުޖާއު ވިދާޅުވީ އެ ތަނުގައި މިހާރު ފުލުހުން ބައިތިއްބައިގެން މަސައްކަތް ކުރަން ދަތި ކަމަށެވެ.
ޕޮލިސް ސްޓޭޝަންތައް މަރާމާތު ކުރަން ކޮންމެ އަހަރަކު ވެސް ބަޖެޓު ދޭ ކަމަށާއި އެކަމަކު ބަޖެޓުގެ ކޮންޓްރޯލާ ހެދި މަރާމާތުކުރުން ހުއްޓިޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީން މިދިޔަ މާޗު މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިންޑިއާގެ އިންދިރާ ޕްރޮޖެކްޓް ޖޮއިންޓްވެންޗާ ކުންފުންޏާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 61 ރަށެއްގައި ޕޮލިސް އިމާރާތް އަޅަން 41 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އެވެ. އޭގެ ތެރެއިން އެ ކުންފުންޏަށް 3.6 މިލިއަން ޑޮލަރު ވަނީ ދީފަ އެވެ.
ހޯމް މިނިސްޓްރީގައި ހުރި ލިޔުންތަކާ ހަވާލާދެއްވައި، އިހުސާން ވިދާޅުވީ އެ ޕްރޮޖެކްޓްގައި ސޮއިކޮށްފައި ވަނީ 85 ޕަސެންޓް އިންޑިއާގެ އެގްޒިމް ބޭންކުން ދައްކައި ބާކީ 15 ޕަސެންޓް ދިވެހި ސަރުކާރުން ދައްކާ ގޮތަށެވެ.
އެކަމަކު، އެ ލޯނު ހަމަޖައްސައި ދެވެން ނެތް ކަމަށް އެގްޒިމް ބޭންކުން އަންގާފައިވާއިރު، ދިވެހި ސަރުކާރުން އެޑްވާންސް ފައިސާ މާ ކުރިން އެ ކުންފުންޏަށް ދައްކާފައިވާކަން ރެކޯޑުތަކުން ފެންނަން އޮތް ކަމަށް އިހުސާން ވިދާޅުވި އެވެ.
"އެއްވެސް ފައިސާއެއް އިންޑިއާގެ އެގްޒިމް ބޭންކުން ދައުލަތަށް ނުލިބޭ، ނުލިބި އޮއްވައި މާޗް 7، 2023 ގައި ސަރުކާރުން ދައްކައިފި މި ދެންނެވި ކުންފުންޏަށް 3.6 މިލިއަން ޔޫއެސް ޑޮލަރު. މި ކުންފުންޏަކީ ރާއްޖެ އަށް ބޭރުން ފައިސާ ގެނެސް ޕޮލިސް ސްޓޭޝަންތައް އަޅައިދިނުމުގެ ނަމުގައި އައި ކުންފުންޏެއް. އެކަމަކު ކުންފުންޏަށް ފުރަތަމަ ފައިސާ މި ދައްކަނީ ސަރުކާރުން 3.6 މިލިއަން ޑޮލަރު،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
04 July 2024
މިއީ ދައުލަތުން އެންމެ ފަސޭހަކޮށް ފައިސާއިން ވައްކަންކުރާގޮތް. ޕޭޕަރ ކުންފުންޏެއް ހަދާފަ ބޮޑެތި ޕްރޮޖެކްޓުގަ ސޮއިކޮށްފަ ބިލިޔަނުން އެޑްވާންސް ނަގުން. މެދުވެރިޔާ އަށް ލިބެންވާ ކަޓް އޮންނާނީ ލިބިފަ. މަސައްކަތްކުރާކަށް ނުޖެހޭނެ.
ހުސެއިން ޝާމް
03 July 2024
ސިޔާސީ އޮޑިޓެއް ނުހެއްދުމަށް ފުލުހުންނަށް ނަސޭހަތްތެރިވަން.
ނާޑުވާ
03 July 2024
މި ދައުރު ނިންމާލާނީ ކުރީ ސަރުކާރު ކިޔާލަ ކިޔާލަ. ޤައުމު ބަނގުރޫޓޫމު ވިއްޔާ ވާނީ މިމީހުންނާ ހެދި.
އަލިހާޖީ
03 July 2024
ކަލޭމެންގެ ސަރުކާރުން ހާވާފަ ދާ ހަޑިއާއި ކައިގެން ދިޔަ ލާރީގެ ވާހަކަ ނުދައްކާ ތިބެންވީ ދޯ؟ އެއީ ހޯ ހޯ ކަމެއް ދޯ؟ ކެއި އިރު ނޭނގޭތަ އެވާހަކަ ދައްކާނެ ކަން. ބަނގުރޫޓު ކޮށްފަ ފޭބި މީހުން އެވާހަކަ ކިޔަން ހަޑި!
އެދުރުއަދުރޭ
03 July 2024
ބްލޫސް ހައުސިން އާއި ސިފްކޯ ހިޔާ އިން ދައުލަތުގެ މާލިއްޔަތުން ކުރިވައްކަންތައް ބައްލަވާނީ ކޮންއިރަކުންބާ
މިހާލު
02 July 2024
ތިވައްކަންތަައް ކުރިމީހުން ހިފާ ހައްޔަރުކޮއްބަލަ މޮޅު ވާހަކަ ނުދައްކާ
ސޯދުރީ
02 July 2024
2012 ގަ ހުޅުޖަހާ އަންދާލީ
ނިރު
02 July 2024
މާއަވަސް އަރުވާލާފަ ތައިލެންޑަށް ދިރިއުޅުން ބަދަލް ކުރީ މިހެންވެ ގެން ބާ!