މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެޕާޓްމެންޓް އެއްކޮށް އަނދާފައި: އެކެއްގެ ހާލު ވަނީ ސީރިއަސްވެފައި
04 ޖުލައި 2024 - 20:06
މ. އެންޒިއަންގޭގެ ތިން ވަނަ ފަންގިފިލާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗަށް ގެންދިޔަ މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާ ދެމުން ދާއިރު އަނެއް ތިން މީހުންނަށް އެމަޖެންސީގައި ފަރުވާދެމުންދާ ކަމަށެވެ.
މިއަދު އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމެންޓްގައި ދިރިއުޅެނީ ވެސް އެ ހަތަރު މީހުން ކަމަށް އެނގިފައިވެ އެވެ.
އަލިފާނުގެ ހާދިސާގައި އެޕާޓްމެންޓްގައި ދިރިނޫޅެވޭވަރަށް އެތަނަށް ވަނީ ގެއްލުން ވެފަ އެވެ. ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީން ވަނީ އެޕާޓްމަންޓުގައި އުޅުނު މީހުންނަށް ވަގުތީ ހިޔާއެއް ހަމަޖައްސައިދީފަ އެވެ.
އެމްއެންޑީއެފުން ބުނީ މ.އެންޒިއަންގޭގެ ތިން ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ފަންގިފިލާގައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށެވެ. އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވެ ސިފައިން އެ އަލިފާން ކޮންޓްރޯލްކުރި އެވެ.
މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާލު
05 July 2024
އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އމނ