ކަރަންޓު ކޭބަލް ބުރިކޮށް ގެންދަން މަސައްކަތް ކޮށްފައި.-- ފޮޓޯ: ސްޓެލްކޯ
07 ޖުލައި 2024 - 12:05
ސްޓެލްކޯ މާލޭގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި މީހާ ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް، ވަގަށް ނެގި މައްސަލާގައި އިއްޔެ ހައްޔަރުކުރީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މައްސަލައާ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ކޭބަލްތައް ވަގަށް ނެގީ މިދިޔަ އަންގާރަ ދުވަހު އެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ އެ ދުވަހުގެ ހެނދުނު 6:21 ހާއިރެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަންތަކުން ވައްކަންކުރާ މައްސަލަ މިދިޔަ ރޯދަމަހު ވެސް ވަރަށް ބޮޑުވި އެވެ. ވައްކަން ކުރަނިކޮށް މީހަކު ކަރަންޓުގައި ޖެހިގެން ވަނީ މަރު ވެސް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy