އިހުސާން، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަ ދައްކަވަނީ: ރާއްޖޭގައި މަރުގެ އަދަބު އުވާ ނުލެވޭނެ ކަމަށް ވިދާޅުވި
11 ޖުލައި 2024 - 15:34
ރާއްޖޭގައި މަރުގެ އަދަބު އުވާލުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީއާ ހިލާފް ކަމަށާއި އެހެންވެ، ރާއްޖޭގައި މަރުގެ އަދަބު އުވާނުލެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވިދާޅުވެއްޖެ އެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި، އިންސާނީ ހައްގުތަކާބެހޭ ޔުނިވާސަލް ޕީރިއަޑިކް ރިވިއު ހާމަކުރުމަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރާއްޖޭގެ މަރުގެ ހުކުމް އިއްވަނީ ގާނޫނުތަކުގެ ދަށުން ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރަކީ އިސްލާމީ ޝަރީއަތް ކަމަށްވާތީ، ރާއްޖޭގައި މަރުގެ އަދަބު އުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިހްސާން ވިދާޅުވި އެވެ.
"ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ބިނާވަނީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް. ރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުން މީހަކަށް މަރުގެ ހުކުމް އިއްވޭނީ ވެސް ވަރަށް މަދު ހާލަތެއްގައި. މިއީ ރައްޔިތުން ބޭނުންވާ ގޮތަށް ހެދިފައި ހުރި ގާނޫނުތަކެއް. އެހެންވެ، މަރުގެ އަދަބު ދިނުން އުވާލުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް،" އޭނާ ވިދާޅުވި އެވެ.
އިހްސާން ވިދާޅުވި ގޮތުގައި ރާއްޖޭގެ މަރުގެ ހުކުމް އިއްވަނީ ވަރަށް މަދު ކުށްތަކެއްގައި އަދި އެއްވެސް ޝައްކެތް ނެތް މިންވަރަށް އެ ކުށް ސާބިތުވުމުންނެވެ. އަދި ހުކުމް ތަންފީޒު ކުރާނީ ވެސް ސުޕްރީމް ކޯޓާ ހިސާބުން އިސްތިއުނާފްގެ ހުރިހާ މަރުހަލާތައް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ 1954 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އަދި މިހާތަނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ނުވާ ކަމަށެވެ. އަދި މަރުގެ ހުކުމް އިއްވާފައިވާ 16 މި ވަގުތު ރާއްޖޭގައި އެބަތިބި ކަމަށާއި އޭގެ ތެރެއިން ހަތަރު މީހެއްގެ އިސްތިއުނާފް މަރުހަލާ ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މަރުގެ އަދަބު ތަންފީޒުކުރަން މާފުށީ ޖަލުގައި ފެސިލިޓީއެއް ހެދި އެވެ. ގާނޫނުގައި ބުނާ ކަންކަން އެ ފެސިލިޓީގައި ފުރިހަމަ ވިޔަސް، މިހާތަނަށް އެ ފެސިލިޓީ ބޭނުންކޮށްފައި ނުވެ އެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ދިނީ 1954 ވަނަ އަހަރު ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ. އެއީ އޭރުގެ ގއ. އަތޮޅުގެ އަތޮޅުވެރިޔާއަށް ވިހައެއް ދީގެން މަރާލި މައްސަލާގައި ކުށް ސާބިތުވި މީހެއްގެ މައްޗަށެވެ. އޭނާއަށް މަރުގެ އަދަބު ދިނީ ބޮލަށް ބަޑި ޖަހައިގެންނެވެ.
އޭގެފަހުން މަރުގެ އަދަބު ތަންފީޒު ނުކުރިޔަސް، މަރުގެ މައްސަލަތަކުގައި މަރުގެ ހުކުމްތައް އިއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިބުސާން
13 July 2024
ވޯޓަށް ދީނީ ކާޑު ޖަހަނީ. މަރުގެ އަދަބު ނުދޭ ތަނެއްގައި މަރުގެ އަދަބު އުވާ ނުލެވެންވީ ކީއްވެތަ؟
ކަނބިލި
13 July 2024
އދ އިން ފާޑުފާޑުގެ މުޢާހަދާތައް ހަދައިގެން ގައުމުތަކުގެ ހާލަތަށް ނުވިސްނާ އިންސާނީ ހައްގުތަކުގެ ނަމުގައި ޕްރޮމޯޓްކުރާ ކަންކަމަށް އަޅާނުލުން ރަނގަޅީ. ހުޅަގުގައި މަރުގެ އަދަބެއް ނޯވެ. އެއީ ތެދެއް. އެކަމަކު ހުޅަގުން ހަތިޔާރު ދީގެން ކުށެެއް ނެތް އެތަށް މައުސޫމު ބަޔަކު އިޒުރޭލުން މަރަމުންދާއިރު، އެންމެކުޑަވެގެން އެކަން ކުށްވެރިކޮށްލަންވެސް ނުކުރޭ. މިއީ ހުޅަގުގެ އިންސާނީ ހައްގުތަކަކީ.
ޖައްލާދު
13 July 2024
ރަނގަޅު. ޔޫރަޕު މީހުނަކަށް ނޫން އެނގޭނީ އަހަރެމެންގެ ގައުމުގަ ގާތިލުންނަށް ކުރަންވީ ހުކުމެއް. އަހަރުން މީ މުސްލިމުން. މިނިވަން ގައުމެއް. "ޕީރިއޮޑިކް ރިވިއު" ވީމާ އެނގޭ ހަވާ ނަފުސަށް ތަބާވާ ބައެއްކަން. އަހަރުން އިންސާނީ ހައްގު ކަމަށް ގަބޫލު ނުކުރާ އެތައްކަމެއް ކުރާބައެއް އދ(އެމެރިކާ. އިގިރޭސި. ފުރާންސު. ޗައިނާ ރަޝިޔާ) އަކީ. ޣައްޒާ އަދި ސޫދާން ކަލޭމެން ފަޟީޙަތްކޮށްފި.
މަންނު
12 July 2024
ހުކުމް އިއްވާފަ އަދަބު ނުދިނުމަކީ ބޭކާރު ކަމެއް
ާއަސް
12 July 2024
މަރުގެ އަދަބު ލިޔުމުގަ އޮތުން ނޫން ކަމެއް ނުވޭ،
ވޯލް
11 July 2024
ނަމެއްގައި ކަންކަން ކުރަނީ، މަރުގެ އަދބު އުވާނުލެވޭނެއޭ ބުނާއިރު. އެންމެ ފަހުން މަރުގެ އަދަބު ދިން ދުވަހެެއ ހަނދާން ހުރި މީހަކުވެސް ހިޔެއް ނުވޭ ދުނިޔޭގައި ހުރިހެންއެއް. އެކަމަކު މީހުން މެރުމުގެ ނިސްބަޔް އަދި އަދަދަު ބޮޑު ތަނުން ގިނަވެގެން ގޮސްފަ ވަނީ.
މަ ބުނީ
11 July 2024
ރައްޔިތުންގެ ބޮލަށް އިތުރު ޗިޕެއްޖަހާލީ ސާބަހޭ ހުކުމް ތަންފީޒް ނުކުރިޔަސް ހުކުމް އިއްވީމަ އެހެރީނިމިފައި އެއީ އިންސާފު!
އައްޑޯ
11 July 2024
ތަންފީޒު ނުކުރެވޭ އަދަބެއް ކަރުދާހުގަ ލިޔެފަ ބޭއްވުމުގެ ބޭނުމަކީ ކޮބާ؟ އިސްލާމީ ޝަރީއަތާ ޚިލާފް އެތައްކަމެއް ތަންފީޒު ނުކުރެވި އެބަހުރި.
އަފްރާސިޔާބު
11 July 2024
އިސްލާމީ ޝަރީއަތާ ޚިލާފު ކަންތައް ތަންފީޒު ނުކުރިއްޔާ ރަނގަޅީވެސް. އިސްލާމީ ޝަރީއަތާ ޚިލާފަށް ކުރާ ކުށުގެ ކަންކަން ތަންފީޒު ކުރުން ރަނގަޅީވެސް.
މޮޅުވާހަކަ ނުދައްކާ ނިކަން ތަންފީޒް ކޮށްބަލަ!
11 July 2024
މުނާފިޤު ނުވެ، ޢަމަލާއި ބަސް ދިމާކުރާށެވެ! މަރާލަން ޖެހިފައި ޖަލުގައި ތިބި ޤާތިލުން މަރާފަ ދައްކާށެވެ!
ހީހީ ސުލީހް
11 July 2024
ރާއްޖޭގަ މަރުގެ އަދަބު އޮވޭތަ؟
1828
11 July 2024
ނަމެއްގައި. ކޯޓުން ހުކުމް ކުރޭ މަރަށް މަރު. ސަރުކާރު ތަކުގައި ހިތްވަރާއި ކެރުމާއި ބުންވަރު ނެތީ ތަންފީޒްކުރުމުގައި.