ޚަބަރު / މިޔަރު

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުން ލިބޭނެ ގެއްލުން މާ ބޮޑުވާނެ: ޖަމިއްޔާތައް

ޖަމިއްޔާތަކުން މިނިސްޓަރަށް ފޮނުވި ސިޓީގައި ބުނީ މިޔަރު ހިމާޔަތްކުރުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ކަނޑުފަޅުގެ ވެއްޓަށް ފާއިތުވި އަހަރުތަކުގައި ގިނަ ފައިދާތަކެއް ކޮށްފައިވާ ކަމަށް. އެހެންވެ، މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީފި ނަމަ، އޭގެ ނަތީޖާ ހިތިވެދާނެ.

ކަނޑުގައި މިޔަރުތަކެއް: މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުން ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ބުނެފައި.

ރާއްޖޭގައި މިޔަރު މަސްވެރިކަމަށް ހުއްދަ ދީފި ނަމަ އޭގެ ސަބަބުން އަންދާޒާ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަށް ފޮނުވި ސިޓީއެއްގައި ބުނެފި އެވެ.

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ 13 ޖަމިއްޔާއެއް ގުޅިގެން "މޯލްޑިވްސް އޯޝަން އެލައެންސް"ގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި އެ ސިޓީގައި ބުނީ، ބައެއް ވިޔަފާރިވެރިންނާއި ބައެއް މަސްވެރިން، މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ގޮވާލަނީ އެކަމުން މާލީ ފައިދާއެއް ލިބޭނެ ކަމަށް ވިސްނައިގެންނާއި އާންމުންގެ ބައެއް މީހުންގެ މެދުގައި މިޔަރާ މެދު އޮތް ނުތަނަވަސްކަން އަދި މިޔަރުގެ ސަބަބުން ފަރު މަސްވެރިކަމަށް ހުރަސްއެޅޭތީ ކަމަށެވެ. ނަމަވެސް، މި ސަބަބުތަކަށް ރިއާޔަތްކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ވަރަށް މުހިންމު އެހެން ކަންތައްތަކެއް އެބަހުރި ކަމަށް އެ ސިޓީގައި ބުންޏެވެ.

އެ ސިޓީގައި ބުނީ، މިޔަރު ހިމާޔަތްކުރުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ކަނޑުފަޅުގެ ވެއްޓަށް ފާއިތުވި އަހަރުތަކުގައި ގިނަ ފައިދާތަކެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު، މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީފި ނަމަ އޭގެ ނަތީޖާ ހިތިވެދާނެ ކަމަށް ބުންޏެވެ.

މިޔަރުގެ މަސްވެރިކަމަކީ 2010 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރަމުން އައި ވިޔަފާރިއެކެވެ. މިޔަރުގެ އުރަހަ އާއި ތެޔޮ ވިއްކުން ކަހަލަ އެތައް ކަމަކުން އާމްދަނީ ހޯދި އެވެ. އެކަމަކު މީގެ 13 އަހަރު ކުރިން މިޔަރު މަސްވެރިކަން ރާއްޖޭގައި މަނާކުރީ އޭގެ އާބާދީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވުމުންނެވެ.

މިޔަރަކީ ވަރަށް ލަހުން އޭގެ އާބާދީ ބޮޑުވާ ބާވަތުގެ މަހެކެވެ. އެހެންވެ، މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުން ރާއްޖޭގެ ކަނޑުފަޅުން މިޔަރު ނެތިގެން ދިއުމުގެ ފުރުސަތު އޮތްކަން، މީގެ ކުރިން ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮށްފައިވާ މިޔަރާ ގުޅޭ ބައެއް ދިރާސާތަކާ ހަވާލާދީ މި ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީގައި ބުނި ގޮތުގައި، މީގެން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ރާއްޖޭގެ އިގުތިސާދީ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމަށެވެ. މިޔަރު ހިމާޔަތްކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތަށް މުޅި ދުނިޔޭގެ ތައުރީފު ވަނީ ލިބިފަ އެވެ. އެހެންވެ، މިޔަރު ގިނަވުމުގެ ފައިދާ އެ ސިނާއަތަށް ކުރެ އެވެ. ރާއްޖޭގައި ޑައިވްކުރާ ސަރަހައްދުތަކުން މިޔަރު ފެންނަލެއް އިތުރުވުމުން އެ މަންޒަރު ބަލަން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ގިނަ އެވެ.

"މި ކަހަލަ [ޑައިވް] ޓޫރިޒަމުން ރާއްޖޭގެ އިގުތިސާދަށް ސީދާ އާމްދަނީގެ ގޮތުގައި އަހަރަކު 14.4 މިލިއަން ޑޮލަރު ލިބޭ ކަމަށް އަންދާޒާކުރެވޭ. އަދި އަމިއްލަ ވިޔަފާރިތަކަށް އިތުރު 51.4 މިލިއަން ޑޮލަރު ލިބޭ ކަމަށް ވެސް އަންދާޒާކުރެވޭ. މިއީ މިޔަރު ބާނައިގެން ލިބޭނެ އާމްދަނީ އަށް ވުރެ މާ ބޮޑު އާމްދަނީއެއްކަން ސާފުކޮށް އެނގޭ،" އެ ސިޓީގައި ވެ އެވެ.

މިޔަރު ހިމާޔަތްކުރުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ކުރިއެރުމާ ގުޅޭ ގޮތުން 2018 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކާ ހަވާލާދީ އެ ސިޓީގައި ބުނި ގޮތުގައި، މިޔަރު ހިމާޔަތްކުރުމުގެ ސަބަބުން ރާއްޖޭގައި "ޑައިވް ޓޫރިޒަމް" ވަނީ 15 ޕަސެންޓް ކުރިއަރައިފަ އެވެ.

އެހެންވެ، މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީފި ނަމަ ބައިނަލްއަގުވަމީ މައިދާނުގައި ރާއްޖެއިން މިހާރު ހޯދާފައިވާ ރީތި ނަން ހަރާބުވެ އަދި ރާއްޖޭގެ އިގުތިސާދަށް އަންދާޒާ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެތީ އެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެފަދަ ނިންމުމަކުން ކުރާނީ ވަގުތީ ފައިދާއެއް އެކަނި ކަމަށް އެ ސިޓީގައިވެ އެވެ.

މިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ދޭން އުޅޭ ކަމަށް ބުނެ މިފަހުން ސޯޝަލް މީޑިއާގައި ދައުރުވި ވާހަކަތަކާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ މިޔަރު މަސްވެރިކަން ހުއްދަ ކުރަން އެއްވެސް މަޝްވަރާއެއް މިހާތަނަށް ނުކުރާ ކަމަށެވެ.

މަސްވެރިންނަށް އުނދަގޫވާ ވަރަށް މިހާރު މިޔަރު އުޅޭ ކަމަށް ބުނެ ބައެއް މަސްވެރިން ދޭތެރެއަކުން ކަންބޮޑުވުން ފާޅުކުރެ އެވެ. އެކަމާ ގުޅިގެން މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓޫޓް (އެމްއެމްއާރުއައި) ކުރިން ހާއްސަ ދިރާސާއެއް ވެސް ކުރި އެވެ. މީގެ ތިން އަހަރު ކުރިން ހެދި އެ ދިރާސާގެ ހޯދުންތަކުން އެނގޭ ގޮތުގައި، ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާކުރި ހިސާބުން ފެށިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިޔަރުގެ އާބާދީ އާދަޔާ ހިލާފަށް އިތުރުވެފައި ނުވެ އެވެ.

ފިޝަރީޒް މިނިސްޓްރީން އެންމެ ފަހުން ބުނި ގޮތުގައި، އެމްއެމްއާރުއައި އިން އަންނަނީ މިކަމާ ގުޅޭ އިތުރު ދިރާސާއެއް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

60 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 0%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމިއްލ އެދުން

17 July 2024

މިޔަރު ގިނަވެގެން ރާއްޖޭގެ ގިނަމީހުން ހިމެނޭ އަދި އެންމެ ފަގީރު ފަންތިއަށް ހެސްކިޔާފަ ގެއްލުން. ފަރުތަކުގެ މަސްސްޓޮކް މަދުވާކަން، ކުރިން އާދަކޮށް މަސްބޭނޭ ތަންތަނުން މަސްނެތްކަން އަދި މިޔަރު ގިނަވެގެން އެންމެން ޝަކުވާކުރޭ. އާލާތުގައި ވިދޭ މަސް އެގެންދަނީ އާލަތްވެސް ހަލާކުކޮށްފައި. ދެގެއްލުން މަތިމައްޗަށް ދީފައި. މީ ހަމަ ސީދާ މަދުބަޔަކު އަމިއްލަ އެދުމަށް ޓީމު ހެދިގެން ހިންގާ ސްކޭމެއް.

The name is already taken The name is available. Register?

ހަސަނު

17 July 2024

މަ ހިތަށް އަރަނީ މިއަރުގެ ފައިދާ އަކީ ހަމަ އެއާއެކީ ފޮޓޮއެއް ނެގޭނެ ފުރުސަތު ލިބުން ހެއްޔޭ.. ނޫންނަމަ މިއަރުގެ ސަބަބުން މަހުގެ އާބާދީއަށް ރަނގަޅު އަސަރެއް ކުރުވާ އެކަމުގެ ސަބަބުން ކަނޑުގެ އެކޯ ސިސްތަމަށް ރަނގަޅު އަސަރު ތަކެއް ނުކުރުވާ ހެއްޔޭ؟؟

The name is already taken The name is available. Register?

ބަދަ

17 July 2024

އެއްވެސް ވަރެއްގެ އިލްމީ ދިރާސާގެ މައްޗަށް ބިނާކޮށް ފޮނުވި ސިޓީއެއް ނޫން.އޭގަ އޮތީ މިޔަރު ހުއްދަ ކުރުމުން ގެއްލުން ލިބޭނެޔޭ.މިޔަރަކީ ތިމާވެއްޓާ ގުޅުންހުރި އެއްޗެއް ނަމަވެސް އިގުތިސާދާ ގުޅުވާގެން ގެއްލުންވާ ވާހަކަ މުޅިންވެސް އެދެއްކީ.އެކި ނަންނަމުގަ މިމީހުން ބޮޑެތި ޖަމިއްޔާތައް ހަދާގެން މިކުރާ ކަމެއް ބަލަން އެބަޖެހޭ.މިއަށްވުރެ އިލްމީ ތަފްސީލް ދެވެންޖެހޭނެ އޭރުން ސާފުކޮށް އިގޭނީ. ހުސް މިކިޔަނީ ގެއްލުންވާނޭ.

The name is already taken The name is available. Register?

ށިފާޒު

16 July 2024

ތިހާ ޖާހިލު ވާކަށް ނުވާނެ ދިވެހިންނޭ! މި ދިޔަ 50 އަހަރު މިޔަރުގެ އާބާދީ 70% މަދުވެއްޖެ ކަމަށް ހުރިހާ ތަޖުރިބާކާރުންނާ ރިސާޗާރުން ބުނަނީ. ޢަޅެ ކަންކަން އޮތްގޮތް ކޮންމެސް ވަރަކަށް ބަލާލަބަލަ!

The name is already taken The name is available. Register?

ޢަސްލުވއސް

16 July 2024

ދައުލަތަށް ލިބޭ އެއްޗެއްނެތި ވަގަށް މިޔަރު ބޭރިލުކުރޭ. މީތޯ ތިޔަ ޖަމުއިއްޔާ ތަކުން ކުރުވަން ބޭނުންވާ ކަމަކީ. ޑިވެހި މަސްވެރިންނަށް ނިކަމެތިކޮށް ދެރަދިމުމަށް ތިޔަ ޖަމުއިއްޔާ ތަކުން ރާވައިގެން ސަރުކާރަށް ޕްރެސަރުކުރަނީ.

The name is already taken The name is available. Register?

ކޮސްވީތަ

16 July 2024

ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް މިޔަރު nubaanaa ނުތިބެވޭނެ. ތިބޭކަށްވެސް ނުޖެހޭނެ. ޑުމިޔޭގެ އެތައް މިތަނުގައި މަސްވެރިން މިޔަރު ބާނާއިރު މަދުވެޔޭ ކިޔާފަ ހުއްޓައެއްނުލާ. ކަނޑު މަސް މިހާރު ނުބޭނެނީ ސޮޓޮކް ހުސްވެގެންނޭ ބުނަންވީތޯ. މީ މީގެ 15 ވަރަކަށް އަހަރު ކުރިން ހުއްޓުވާލިކަމެއް. މިއަދުވެސް އުޞޫލުތަކެއް ހެދިގެން މިޔަރުގެ މަސްވެރިކަން ކުރެވޭނެ. ތިމާމެންނޫނީ ކައިގެން ނުވަނީތޯ. ދައުލަތުގެ އާމްދަނީ ހުރިގޮތުންވެސް މިވަގުތު މިޔަރު ބާންޖެހޭ.

The name is already taken The name is available. Register?

ފުވައްމުލަކު މީހާ

16 July 2024

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ މީހުންނަށް މިޔަރު ގިނަވެގެން ފައިދާ ލިބޭ. މަސްވެރިންނަށް މިޔަރު މަސްވެރިކަން ނުކުރެވުމުގެ ސަބަބުން މިލިއަނުން ގެއްލުންވޭ. މިޔަރުގެ އާބާދީ އިންތިހާއަށް ގިނަވުމުގެ ސަބަބުން މަސްވެރިކަން ކުރުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެއްޖެ. މިޔަރުގެ ގިނަވުމުގެ ސަބަބުން ތިޔަ ފަތުރުވެރިކަމަށް ގެއްލުން ވާ ހިސާބަށް ދިއުމުން ހިމާޔަތްކުރަން މަސައްކަތް ކުރާ މީހުންގެ ބަސްމަގު ހުންނަ ގޮތެެއް ދެކެން ވަރަށް ބޭނުން

The name is already taken The name is available. Register?

ގެދޮރުވެރިޔާ

16 July 2024

ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ގުދުރަތީގޮތުން ހަމަޖެހިފަ އޮންނަ ޤާނޫނުތައް މުގުރާފަ އަމިއްލަ ގޮތްތަކެއް ތަޢާރަފް ކުރީމާ މުޅިންވެސް ވާނީ ގެއްލުން. އިންސާނުންގެ ފުރާނަ ގެއްލިގެންދާއިރު މިޔަރު މަރުން ސަލާމަތް ނުވެގެން ޖަމްޢިއްޔާތަކުން ތެޅި ބާލަނީ.

The name is already taken The name is available. Register?

ހަސަންރަހާ

16 July 2024

ތިޔަ ބުނާ އެސޮސިއޭޝަން ތަކާ އެ އތަންތަނުގެ މަސްއޫލުވެރިންގެ ވަނަވަރު އަދި ގުލޫންތައް ހުރި ގޮތް ބަލާލަން ބޭނުން. އޭރުން އިނގޭނެ މިވަނީ ކިހިނެއްކަން!

The name is already taken The name is available. Register?

ބުރާންތިސް

16 July 2024

މިޔަރު ހިމާޔަތްކޮށްގެން ތިހޯދާ ޑޮލަރު އަހަރެމެންނަކަށް ފެންނާނެބާ، އަބަދުވެސް މިއުޅެންޖެހެނީ ޑޮލަރު ނުލިބިގެން ކަޅުބާޒާރަށް ދާން، މިޔަރު އުރަހަ އެކްސްޕޯޓްކޮށްގެންވެސް ހީވަނީ ތިބުނާ އަދަދު ލިބޭނެހެން، ގާމުވެސް އާންމު ރައްޔިތުންނަށް ފައިދާވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454