މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.-- ފޮޓޯ: މަޖިލިސް
16 ޖުލައި 2024 - 20:14
ސްކޭމްގެ މައްސަލަތަކާ ގުޅިގެން ކަމާބެހޭ ހުރިހާ އިދާރާއެއް ޖަވާބުދާރީވުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަން މިއަދު ނިންމައިފި އެވެ.
އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސްކޭމްގެ މައްސަލަތައް ތިލަވީ ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލަ މިދިޔަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލައި ނިންމާފައިވާ ގޮތުގެ ރިޕޯޓާ މެދުގައި މަޝްވަރާކުރުމުގެ ތެރެއިންނެވެ.
ކުރީގެ ކޮމިޓީގެ ރިޕޯޓުގައި ހުރި ހުށަހެޅުންތަކަށް ބަލައި އެކަމާ ގުޅުން ހުރި އިދާރާތަކުން މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ހިސާބާއި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށްޓަކައި އެ މައްސަލަ ބެލުމަށް، މި ހިނގާ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެ މައްސަލާގައި ބީއެމްއެލް ހާޒިރުކޮށްގެން ސުވާލުކުރުމަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރެވެ.
މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.-- ފޮޓޯ: މަޖިލިސް
ބައެއް މެމްބަރުން ވަނީ ބީއެމްއެލްއާ ގުޅުންހުރި އެހެން ބައެއް ޝަކުވާތައް ވެސް މިއަދުގެ ބައްދަލުވުމުގައި ހިއްސާކުރައްވައިފަ އެވެ. އޭގެ ތެރޭގައި ބީއެމްއެލްގެ ކްރެޑިޓް ކާޑާ ގުޅޭ މައްސަލައެއް ވެސް ހިމެނެ އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ވިދާޅުވީ ބީއެމްއެލް އަކީ ރައްޔިތުންގެ އިތުބާރު އޮތް ކުންފުންޏަކަށް ހަދަންޖެހޭ ކަމަށެވެ.
"ވަރަށް ގިނަ ސްކޭމް މައްސަލަތަކުގައި އެކި ފަރާތްތަކުން ބީއެމްއެލްއަށް އެބަ އިނގިލި ދިއްކުރޭ. ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮންނަ ކުންފުންޏެއް ކަމުން އަޅުގަނޑު ދެކެން ބީއެމްއެލް މިތަނަށް ހާޒިރުކޮށް، ރައްޔިތުންގެ އިތުބާރު ހިފޭ ކުންފުންޏަކަށް ހަދަން އެ ބޭފުޅުންނާ މަޝްވަރާކޮށްގެން ހައްލެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއާ އެކު ކަމާބެހޭ އެހެން އިދާރާތަކު އިސްވެރިން ވެސް ހާޒިރުކުރަން ހުށަހެޅުއްވީ ކޮމެޓީގެ މުގައްރަރި އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އޭނާ ހުށަހެޅުއްވީ ފުލުހުންނާއި ކަރެކްޝަންސް އަދި އެމްއެމްއޭގެ އިސްވެރިން ހާޒިރުކުރުމަށެވެ. ކޮމިޓީން ވަނީ އެގޮތަށް ނިންމައި، އެ އިދާރާތަކަށް ސިޓީ ފޮނުވަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
17 July 2024
ބީއެމްއެލްގެ އެކައުންޓުތަކުން އެހިންގާ ސްކޭމް ތަކުގެ މަދުވެގެން 70% އެއީ ބީއެމްއެލް ތެރެއިން އިންވޮލްވްވެގެން ހިންގާ ޖަރީމާ. ހަމައެކަނި ކުޑަކުޑަ ޕޮއިންޓަކަށް ބަލާލިޔަސް މިކަން ސާބިތުވާނެ. މީހަކު 2 ލައްކަ ލާއިރަށް އެބަގުޅާ ބެންކުން. އެކަމަކު މިލިއަނުން ނަގާއިރު ބެންކުއޮންނަނީ ހޭނެތިފަ. ޖަލުގައެފަޅައެރި ސްކޭމްގަވެސް އެކަކުގެ އެކައުންޓަށް އެޖަމާވި އަދަދަކީ ދުވާލަކު 60000 ޖަމާކޮށްގެން ނޫނީ އަހަރަކުން ޖަމާނުކުރެވޭނެއަދަދެއް. އެކަމަކު ބެންކް ކޯމާގަ.
ސިކުނޑި
17 July 2024
ސްކޭމް މައްސަލަތައް ގިނައިން ދިމާވަނީ، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލިޖީ ކުރިއަރައިދާ ނިސްބަތުން މީހުންގެ ސިކުނޑި ތަރައްގީ ނުވާތީ! ހޭލުންތެރިކަން ކުޑަވީމަ! ބޭންކުގެ މައްސަލައަކުން އެކައުންޓުން ލާރި ކެނޑޭނަމަ އެއީ ސްކޭމެއް ނޫން! ގިނަ މީހުންނަކީ އަނެކާގެ ސިކުނޑިން ވިސްނައިގެ އުޅާބައެއް! ބައެއްމީހުން ގަބޫލު ކުރޭ ފޭސްބުކްގައި ހުންނަނީ މުޅިންވެސް ތެދު މައުލޫމާތު ކަމަށްވެސް!
ބީސީސީ
17 July 2024
ތިޔަ ކޮމިޓީއަށް މީހުން ގެނެސް ފާހަގަ ކުރެވޭ ސެކިއުރިޓީގެ މައްސަލަތައް މަޖްލިސް މެމްބަރުން ހޯދަންވީމާ ހުންނާނީ ހުރިހާ ކަމެއް ހަމަވެފައެވެ. ބޭންކް އަދި އެހެނިހެން މުއްސަސާތަކާއި ގާނޫނުތަކާއި އުސޫލުތަކުގައި ހުރިއްޔާ ހުރި ލޫޕްހޯލްތައް ތިޔަ ކޮމިޓީގައި މަޝްވަރާ ކުރަންވީތޯ. އޭރުން އަދި މިއަށްވުރެ ގިނައިން ސްކޭމް ހިންގަން މީހުންނަށް ފުރުސަތު ލިބިގެންދާނެހެން ހީވަނީ
ގެދާނޯމޮސް
16 July 2024
ސްކޭމްތަކުގެ ފޮރުވިފައިވާ ހަގީގަތް ހޯދަން ޕޮލިސް އިންޓެލިޖެންސުން ސީއައިޑީ ރޯލެއްކުޅެން އެބަޖެހެއެވެ. އޭރުން ޕޮލިސް އިންޓްގްރިޓީ ގެ ފުންކަން ނޭންގޭ ކަޅުއަނދިރި ވަޅުގަނޑުން ވާގިވެރިވާ ބަޔަކާއެކުވިޔަސް ހިންގާ ސްކޭމްތަކުގެ ހަގީގަތް ހޯދިދާނެކަމުގަ ދެކެމެވެ.
އަފްރާސިޔާބު
16 July 2024
ތިޔަ ޕީސީބީ އަކީވެސް އުވާލަންވެފާހުރި ތަނެއް. އެތަންތަނުން ކުންފުނިތައް ހަދައިގެން ރައްޔިތުންގެ ޓެކްސް ފައިސާ ފިނޭންސުން ޕަމްޕު ކުރާ ތަނެއް އެސްއޯއީ އަކީ. ދުވަހަކު ޚަރަދަކަށް ބަލާ ބައެއްނޫން. ކުރާކަމެއް ބަލާ ބައެއްނޫން. ރިޕޯޓެއް ސައްހަގޮތުގައި ހަދާ ބައެއްނޫން.