އޮޅުވާލައިގެން ފައިސާ ޓްރާންސްފާ ކުރުމާއި ސްކޭމް ކޯލްގެ މައްސަލަ ބޮޑުވެ، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އިސް އޮފިޝަލުން އެންމެ ފަހުން މިއަދު ބައްދަލުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، ސްކޭމް ކޯލާއި އޮޅުވާލައިގެން ފައިސާ ޓްރާންސްފާކޮށް، ކުށްކުރުން ގިނަވަމުން ދާތީ އެ ކަންކަން ހައްލުކުރަން އިދާރީ އަދި ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭ އާއި ބީއެމްއެލް އަދި އެމްއައިބީގެ އިސްވެރިންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި އިސްކޮށް ހުންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބުނަސް، ސްކޭމް ކޯލާއި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.
ސްކޭމްގެ ގިނަ ކޯލުތައް އަންނަނީ ޖަލުންނެވެ. އެ މައްސަލަ ހައްލުކުރަން ޖަލުގައި އެންޓަނާއެއް ހަރުކޮށްފައި ވިއަސް، އެކަމުގެ ނަތީޖާއެއް އަދި ނޭނގެ އެވެ.
ފުލުހުން "މިހާރު" އަށް ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ޖެނުއަރީ 1، 2019 އިން ފެށިގެން މިދިޔަ މެއި މަހުގެ ނިޔަލަށް ސްކޭމް ކޯލްގެ 1،423 މައްސަލައެއް އެ އިދާރާ އަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ގިނައީ 100،000ރ. އަށް ވުރެ ގިނައިން ފައިސާ ވަގަށް ނަގާފައިވާ މައްސަލަތަކެކެވެ.