22 ޖުލައި 2024 - 06:00
އިޒްރޭލުން ޔަމަންގެ ހޫތީންގެ ސަރަހައްދަށް ވައިގެ މަގުން ހަމަލާ ދިނުމާ އެކު، ސަރަހައްދުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން އިތުރުވުމުން، ހަމަލާ ނުދިނުމަށް ސައޫދީ އަރަބިއްޔާއިން އިލްތިމާސްކޮށްފި އެވެ.
ޔަމަންގެ އެތައް އަހަރެއްވީ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހިމެނޭ ސައޫދީ އަރަބިއްޔާއިން މިހެން ބުނީ ހޫތީން އިޒްރޭލަށް ދެމުން ގެންދާ ހަމަލާތަކުގެ ބަދަލު ހިފުމަށް ހޮނިހިރު ދުވަހު އިޒްރޭލުން ޔަމަނަށް ހަމަލާ ދިނުމުންނެވެ. ހޫތީންގެ އަސްކަރީ އެކި މަގާމުތަކަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 6 އަށް އަރާފައިވާ ކަމަށް އިއްޔެ ވަނީ ބުނެފަ އެވެ.
ސައޫދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ޔަމަންގެ ހުދައިދާ އަށް ދިން ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ މިހާރުގެ ނުރައްކާ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ. އަދި މިއީ އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ކުރާ މަސައްކަތަށް ވެސް އެޅޭނެ ހުރަހެއް ކަމަށް ބުންޏެވެ.
"ސަރަހައްދުގެ ރައްޔިތުން ހަނގުރާމައިގެ ނުރައްކަލާ ދުރުކުރުމަށް ވީ އެންމެ ބޮޑަކަށް މަސައްކަތްކުރުމަށް ގޮވާލާ" ކަމަށް ބަޔާނުގައި ބުންޏެވެ.
ސައުދީ އަރަބިއްޔާއިން 2015 ވަނަ އަހަރު ހޫތީންނާ ދެކޮޅަށް ބައިނަލްއަގްވާމީ އަސްކަރީ އިއްތިހާދެއް އެކުލަވައިލި އެވެ. ފާއިތުވި ދެ އަހަރު ވެސް ހަމަލާ ބަދަލުކުރުމުން އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.
ޔަމަނަށް ހަމަޖެހުން ގެނައުމުގެ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލަން ސައުދީން ކުރި މަސައްކަތް ވަނީ ރަތް ކަނޑުގެ ސަރަހައްދާއި ގަލްފް އޮފް އަދަންގައި ހޫތީ ހަނގުރާމަވެރިން އުޅަނދުތަކަށް ދޭން ފެށި ހަމަލާތަކާ ހެދި ހުއްޓުމަކަށް އައިސްފަ އެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހަނގުރާމަވެރިން ވަނީ ގާތްގަނޑަކަށް 90 އުޅަނދަކަށް ހަމަލާ ދީފަ އެވެ. މިއީ ޣައްޒާއަށް އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން ފަލަސްތީނާ އެކުގައި އޮތްކަން އަންގައިދިނުމަށް ދޭ ހަމަލާތަކެއް ކަމަށް ހޫތީން ބުނެ އެވެ.
އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމު ކަމަށްވާ ސައޫދީއާ އިންވެގެން ހަނގުރާމައެއް ފެށިދާނެތީ އެކަމުން ސަލާމަތްވާން މަސައްކަތް ކުރަމުންދާއިރު، ސައުދީ އަރަބިއްޔާއިން ގެންގުޅެނީ ވަރަށް ހަމަހަމަ ސިޔާސަތެކެވެ.
ހޫތީންގެ ހަމަލާތައް ހުއްޓުވުމަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކަނޑުގެ އަސްކަރީ އިއްތިހާދުގައި ވެސް ސައޫދީން ބައިވެރިއެއް ނުވެ އެވެ.
ސައޫދީގެ ބަޔާނުގައި ބުނީ ޔަމަނުގެ ރައްޔިތުންނަށް އިތުރު ތަކުލީފުތައް އުފުލަން ނުޖެހޭނެ ގޮތަށް ޔަމަނުގައި ސުލްހައިގެ މަސައްކަތް ކުރުމަށް ސައުދީން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައަރީ
23 July 2024
ރަގަޅުވާހަކައެއް، ޔަމަނަށް ބޮންއަޅަންވާނީ ސައުދީން.
ގުދުގުދާބެއްޔާ
23 July 2024
މުނާފިގު ސައުދީ ކޯޗެކޭ ކިޔާކައް! ކަލޭމެން ހެދި ކޯލިޝަން އިން ޔަމަނައް ވާރޭ ވެހޭހެން ބޮންއަޅަނީ! އަދި ބޮން އަޅަމުން މިކިޔަނީ ސުލްހަވާން! ކޮބާ ކަލޭމެންގެ ލަދުހަޔާތް!
ޕޫރުބެ
22 July 2024
އާލް ސައުދުގެ އާއިލާއިން ނޫންތަ ޔަމަނު ހަލާކުކޮށް ބަނޑަށް ޖެއްސީ؟ ތީ ދެފުއް ދެގޮތް ބައެއް!
ވެންގަބޯ
22 July 2024
ސައޫދީން ނާ ބެހޭކަމެއް ނޫން މީ. ޔަމަނުން ފަލަސްޠީނުގެ ކުޑަކުދިންނާއި ރައްޔިތުންނާއި މަސްޖިދުލް އަޤްޞާގެ ދިފާއުގައި ކުރާ ޖިހާދެއް މީ ސައޫދީން ކީއްވެބާއެވެ އިޒުރޭލަށް ހަމަލާތައް ދޭންނުކެރިގެން ތިއުޅެނީީ ސައޫދީން ހަނގުރާމަ ނުކުރިއަސް ދުނިޔެ ގިޔާމަތް ވާނެއެވެ
ލާހޯރު
22 July 2024
ސައޫދު އާއިލާ އަށް އިނގިރޭސިން އުސްމާނީ ދަޢްލަތް ފުނޑުކޮށްލާފަ ހިޖާޒް ކަރައިން ދިން ބިމަކީ ސައޫދުގެ މިލްކީއްޔާތެއް ނޫން. އެއީ ހުރިހާ މުސްލިމުގެ ތަނެއް.