މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ތޯރިގް ވާހަކަ ދައްކަވަނީ: މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ އިތުރު ސުވާލުތައް، އިމްރާނާ ކުރައްވަން ރިޔާސަތުން ނަޝީދު ފުރުސަތު ނުދެއްވުމުން އެ ކަމާ ދެކޮޅަށް ވާހަކަ ދެއްކެވި.---ފޮޓޯ: މަޖިލިސް
22 ޖުލައި 2024 - 12:46
ގައުމުގެ އިގުތިސާދީ ހާލަތު ގޯސްވިއިރު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެއްވެސް ކަމެއް ނުކުރެއްވުމުން މިހާރު އެންމެ ރަނގަޅު ގޮތަކީ އެކަމުގެ ޒިންމާ ނަންގަވައި އަމިއްލަ އަށް އިސްތިއުފާ ދެއްވުން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން ޓޮމް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 7.7 ބިލިއަން ރުފިޔާ ޗާޕު ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ހަ ބިލިއަން ރުފިޔާ ކުޑަ އިންޓްރަސްޓް ރޭޓެއްގައި 50 އަހަރުން ދައްކާ ގޮތަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ޖީޑީޕީ ޑެބްޓް ރޭޝިއޯ 60 ޕަސެންޓުގައި ހިފަހައްޓަން ޖެހޭ އިރު، އެ އަދަދު 120 ޕަސެންޓަށް އަރައިގެން ދިޔަ ކަމަށް ޓޮމް ވިދާޅުވި އެވެ.
އެ ހުރިހާ ކަމެއް ކުރި އިރު ގަވަރުނަރު އެއްވެސް ކަމެއް ނުކުރައްވައި "މަޑުމަޑުން ހުންނެވި" ކަމަށް ޓޮމް ވިދާޅުވި އެވެ.
"މާލިއްޔަތު ކޮމިޓީން މިހާރު ވެސް ލަފާ ދީފައި ވަނީ ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ ދޭން. އެންމެ ރަނގަޅު ގޮތަކީ ޒިންމާ އަދާ ނުކުރެވުނު ކަމަށް ބަލައި ގަވަރުނަރު އިސްތިއުފާ ދިނުން،" ޓޮމް ވިދާޅުވި އެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވުނު މަޝްވަރާތަކުން އިގުތިސާދަށް ނުރައްކާތައް ހުރި ކަމާއި އެ ނުރައްކާތަކުން އިގުތިސާދު ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާ ހިއްސާ ކޮށްފައިވާނެ،"--- ގަވަރުނަރު
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުގެ ޒިންމާ ގަވަރުނަރުގެ އިތުރުން އެމްޑީޕީގެ ސަރުކާރުން ވެސް ނަގަން ޖެހެ އެވެ.
ކޮވިޑް-19 ގެ ހާލަތު އޮތް އިރު އޭރުގެ ސަރުކާރުން މާލީ ކަންކަން ކުރަމުން ދިޔަ ގޮތުގެ ވާހަކަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަޖިލީހުގައި ތިއްބަވައިގެން ދައްކަވާފައިވާ ކަމަށާއި އެ މައްސަލައިގެ ތެރެއަށް ގަވަރުނަރު ވަނުމަށް ވެސް ގޮވާލި ކަމަށް ޓޮމް ވިދާޅުވި އެވެ.
ނަމަވެސް ގައުމު ބަނގުރޫޓުވާ ހިސާބަށް މިހާރު ގޮސްފައި ވަނީ އެމްޑީޕީ ސަރުކާރުގައި ގޯސް ނިންމުންތަކަށް ގަވަރުނަރު އަޅާ ނުލައްވައި ހުންނެވުމުގެ ސަބަބުން ކަމަށް ޓޮމް ވިދާޅުވި އެވެ.
ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.
ނާޒިމާއި މަޖިލިހުގެ ބައެއް މެމްބަރުންގެ ތުހުމަތުތައް ރައްދު ދެއްވައި ގަވަރުނަރު މަޖިލިހަށް ފޮނުއްވީ ރިޕޯޓެކެވެ.
އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ގަވަރުނަރު ވިދާޅުވީ، އިގުތިސާދީ ކާރިސާއެއްގެ ބިރު މިހާރު ބޮޑުވެފައިވަނީ އެމްއެމްއޭ އާއި އެހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތު ކަން ނުދިނުމުގެ ސަބަބުން ކަމަށެވެ.
ގަވަރުނަރު އަލީ ހާޝިމް
ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، އިގުތިސާދީ ކާރިސާއެއް އައުމުގެ ކުރިން އެފަދަ ހާލަތަކުން ގައުމު ސަލާމަތް ކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދާއި އެހީ އެމްއެމްއޭ އިން ފޯރުކޮށްދީފައިވާނެ ކަމަށެވެ. މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ އިގުތިސާދަށް މިވަގުތު ދިމާވެފައިވާ ގޮންޖެހުންތަކަށް ވިސްނުންތެރިކަމާ އެކީ ކުރިމަތިލުމަށް ކަމަށް ގަވަރުނަރުގެ ރިޕޯޓްގައި ވެ އެވެ.
"ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވުނު މަޝްވަރާތަކުން އިގުތިސާދަށް ނުރައްކާތައް ހުރި ކަމާއި އެ ނުރައްކާތަކުން އިގުތިސާދު ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާ ހިއްސާ ކޮށްފައިވާނެ،" ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
23 July 2024
ޓޮމް މެން މޮޔަ ގޮވަނީ ކީއްކުރަންތަ؟ އިގްތިސާދު ރަނގަޅުވީމަ ނޫންތަ ސިޔާސީ މަގާމުތައް ދުވަހެއް ދުވަހަކަށް އިތުރު މިވަނީ. މަދުކުރާތަނެއް ނުފެނޭ. އަނެއްކާ ދުނިޔޭގެ ކަންކޮޅުތަކަށް ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ދާލެއް ވަނީ ގިނަ. ޓޮމްމެންވެސް ވިސްނާލައިގެން ވާހަކަ ދެއްކިއްޔާ ރަނގަޅުވާނެ ހެން ހީވަނީ.
ފޫހި
22 July 2024
ބަލަ ތޯރިގޫ ކަލޭވެސް އިސްތިއުފާދޭންޖެހޭ އެންމެ 5 އަހަރުން އދ.އަތޮޅުގާ ހުރި އެންމެ ބޮޑު މަހުޖަނަކައްވީގޮތްވެސް އެބަ އިންގެންޖެހޭ
ދާންދޫ
22 July 2024
ގަވަރު ނަރު އިސްތިއުފާ ދީފިއްޔާ ކއްމެ މިނިސްޓްރީއަކަށް ޓަނު ހަމަކޮށް ލާފަ ތިބި މިނިސްޓަރުން މަދު ވެގެން ދާނެ އުތަ އޮޓޮ މެޓިކުން .
އޮނަރަބްލް އަފީފު ދީދީ
22 July 2024
އުއްމީދު ކުރި އެތައްކަމެއް (ޙާއްސަކޮށް ރާއްޖެއަށް ވަންނާންޖެހޭ ބޭރު ފައިސާއާއި ވިޔަފާރީގެ އެންމެހާ މުޢާމަލާތް ތަކުގައި ދިވެހި ރުފިޔާ ބޭނުންކުރުން ފަދަ ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރުންފަދަ) މަޤާމްގެ މުއްދަތުގައި އަލީ އަށް ކުރެވިފައި ނެތް ކަމުގައިވިޔަސް ތިގޮތަށް ޤަވަރުނަރު ނަގާ އެއްލާލުމަކީ މިސަރުކާރުން ކުރި ކަނޑުކޮސް ކަމަކަށް ވާނެ. # ރާއްޖެ އިޤްތިސޯދީ ބޮޑު އަދަވަޅަކަށް ވެއްޓިފައިވަނިކޮށް ތިކަން ކުރުމަކީ މާލީ އިދާރާތަކުން ކަންބޮޑުވާނެ ކަމެއް.
މީރާ
22 July 2024
ތިޔަ ގަވަރުނަރު ރަނގޅަށް ޓެކުސްދައްކާތޯ ބަލާނޭމމީހެއް ނެތީތަ މި ގައުމުގަ؟
ށަވިޔަނި
22 July 2024
އެމްއެމްއޭ ގެ ނަންބޯޑު ބަދަލުކޮށްލަންވީނު މޯލްޑިވްސް ލޯންޑްރީއަށް
ލައިލާމެލައިލާ
22 July 2024
އެންމެ ރަނގަޅު ގޮތަކީ ޕާޓީ މީހުނަށް މަޤާމު ދޭހިތުން ޤާބިލު މީހުން ވަކިކުރުމުގެ ބަދަލުގައި، ބޭތިއްބުން، ހާއްސަކޮށް މިކަހަލަ އިގުތިސޯދީ ހާލަތް ތަކުގައި. ގައުމުގެ ރިޒާވު ދައްވާ ހާލަތްތަކުގައި އަދި ދައުރުވާ ފައިސާ އެތައް ގުނަޔެއް ގިނަވެފައިވާ ހާލަތްތަކުގައި މަރުކަޒީ ބޭންކުތަކުގައި ބަހައްޓާ މިނިމަމް ރިޒާވު މަތި ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް، ރުފިޔާގެ އަގު ހިފަހައްޓަން. ނޫނީ އިންފުލޭޝަން ނުކަތާވަރު ވާނީ. ދެން ޖެހޭނީ ޑޮލަރު ރޭޓު ބޮޑުކުރަން
ހައިސް
22 July 2024
ގަވަރުނަރު ވަކި ކޮށްލުުމުގެ ގަޑް ވެސް ހުންނަންޖެހޭނެ
މިއައު
22 July 2024
ހޫނ. ގަވަނަރު މަޖުބޫރު ކޮށްގެން ވިއްޔަ އިމެއްމިނެއް ނެތް ވަރަށް ސިޔާސީ މީހުން ނަގައިން މިއުޅެނީ. އަދި ވާނުވާ ޕްރޮޖެކްޓްތައް މިޖައްސަނީ.