ބައިނަލްއަގުވާމީ ޑްރަގް ނެޓްވޯކަކުން ވިއްކަން އުޅުނު ގިނަ އަދަދެއްގެ ޑްރަގް އަތުލައިގެންފައި: އދ. އިން ބުނަނީ އިރާގުގައި ޑްރަގް ވިޔަފާރި ނުރައްކާވަމުން އަންނަ ކަމަށް.
23 ޖުލައި 2024 - 07:27
މިދިޔަ އަހަރު އިރާގުގެ ކަމާބެހޭ އިދާރާތަކުން އަތުލައިގަތް އެކި ބާވަތުގެ މަސްތުވާތަކެތީގެ އަގު 144 މިލިއަން ޑޮލަރަށް އަރާ ކަމަށާއި މުޅި ސަރަހައްދަށް ޑްރަގް ވިއްކާ ގައުމަކަށް އިރާގު ބަދަލުވަމުންދާ ކަމަށް އދ. އިން އިންޒާރު ދީފި އެވެ.
އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ ރިޕޯޓެއްގައި ބުނީ އިރާގުގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރު އެކަނި ވެސް 24 މިލިއަން ކެޕްޓަގަން ޓެބްލެޓް އަތުލައިގެންފައިވާ ކަމަށާއި އެއީ 4.1 ޓަނަށް ވުރެ ގިނަ އަދަދެއް ކަމަށެވެ. އެ ޓެބްލެޓްތަކުގެ "ރީޓެއިލް ވެލިއު" 84 މިލިއަނާއި 144 މިލިއަން ޑޮލަރާ ދެމެދުގެ މިންވަރެއްގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.
ޔޫއެންއޯޑީސީން ބުނީ އިރާގަކީ މެތަމްފެޓަމިން އާއި ކެޕްޓަގަން މުޅި ސަރަހައްދަށް ޓްރެފިކްކުރުމުގައި ބޭނުންކުރާ މަގަކަށް ވަމުން އަންނަކަން މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ޑްރަގް ޓްރެފިކްކުރާ ގޮތަށް ބަލާއިރު ފާހަގަވެފައިވާ ކަމަށެވެ.
އިރާގުން އަތުލައިގަތް ކެޕްޓަގަންގެ އަދަދު 2022 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ތިން ގުނަ އިތުރުވެފައި ވާއިރު، 2023 ވަނަ އަހަރު އަތުލައިގަތް ކެޕްޓަގަންގެ އަދަދު 2019 ވަނަ އަހަރާ އަޅާބަލާއިރު 34 ގުނަ އިތުރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނާކޯލެޕްސީ އާއި އެޓެންޝަން ޑިސްއޯޑާއަށް ފަރުވާކުރުމުގައި މީގެ ކުރިން ހުއްދަ ބޭހެއްގެ ގޮތުގައި އޮތް އެމްފެޓަމިންއެއް ކަމަށްވާ ކެޕްޓަގަން މެދުއިރުމަތީގެ އެތައް ގައުމެއް މެދުވެރިކޮށް ޓްރެފިކް ކުރަމުން އަންނައިރު، ސީރިއާ އަކީ އެ އެންމެން ގިނައިން އުފައްދާ ގައުމު ކަމަށާއި އޭގެ މާކެޓް އެންމެ ބޮޑީ ސައޫދީ އަރަބިއްޔާގައި ކަމަށް ވެސް ޔޫއެންއޯޑީސީން ބުންޏެވެ.
ޔޫއެންއޯޑީސީން ބުނި ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އެ ސަރަހައްދުން އަތުލައިގަތް ކެޕްޓަގަންގެ 82 ޕަސެންޓަކީ ސީރިއާގައި އުފައްދާފައިވާ ތަކެތި ކަމަށާއި 17 ޕަސެންޓަކީ ލުބްނާންގެ އުފެއްދުން ކަމަށެވެ.
އިރާގު ވެސް މިހާރު އަންނަނީ އާންމުކޮށް އަފްޣާނިސްތާނުގައި އުފައްދާ މެތަމްފެޓަމިން ގިނައިން ގެންދާ ގައުމަކަށް ވަމުން ކަމަށާއި އިރާގުން އެ ތަކެތި ގަލްފުގެ އެކި ގައުމުތަކާއި ޔޫރަޕަށް ގެންދާ ކަމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ޖަމިއްޔާއިން ބުންޏެވެ.
މަސްތުވާތަކެތީގެ ވިޔަފާރިއަށް އިރާގު ބޭނުންކުރަމުން ދާއިރު އެ ބޭނުންކުރާ މީހުންގެ އަދަދު ވެސް އެ ގައުމުގައި އިތުރުވެ ކަންބޮޑުވާ ދަރަޖައަކަށް ވަނީ ގޮސްފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާފް
24 July 2024
ސައްދާމާ ގައްޒާފީ މެން ކަމުނުދިޔަ ސަބަބު މިހާރު އެނގޭނެ ނޭގޭބަޔަކައް
ލޮއްލަ
23 July 2024
އދއަށް ފެންނާނީ މެދުއިރުމަތީ ގައުމުތަށް. ހަމައެކަނި އެމެރިކާއަށް އަހަރު 20-30 ޓަނުގެ މަސްތުވާތަކެރި ކޮންމެ އަހަރަކު އެތެރެކުރޭ. މިކިޔަނީ ބިލިޔަން ޑޮލަރުގެ އެއްޗެހި… ހަމަ އެމެރިކާ ކައިރީ އޮންނަ ގައުމު ތަކުގެ އުފެއްދުންތަށް.
ކުލޭބީ
23 July 2024
އެމެރިކަނުންގެ ފުރީޑަމާ ޑިމޮކުރަޒީ ފައްކާވެފަ.
ދީމުގުރާތުސް
23 July 2024
އެމެރިކާއިން ސައްދާމުގެ ވެރިކަންވައްޓާލައި، "ނިއުކުލިއަ ހަތިޔާރުން" އިރާގު ސަލާމަތްކޮށް، މިސައިލާއި އުންޑައިން ޑިމޮކްރަސީގެނެސް ފައްކާކުރި އިރާގު، ޑިމޮކްރަސީގެ މޭވާގެ ފޮނި މީރުކަމުން ކަރުހިއްކުންފިލުވައި، ޒަމާނީ ގައުމަކަށް ބަދަލުވީތާއެވެ. އޭރުގެ އިރާގާއި މިހާރު އަޅާކިޔާށެވެ. މުސްލިމުންގެ ބާރުތައްނެތި، ވީރާނާވަނީއެވެ. މެދުއިރުމަތި ފަނާކުރުމަށްފަހު، ދުނިޔެއަށް ނުރައްކަލެއްކަމަށް އެމެރިކާއަށް ފެންނަނީ ރަޝިޔާ އަދި ޗައިނާއެވެ.
އަހުމަދު އަތީގު
24 July 2024
މިހާރު އެމެރިކާ އެއް ނެތެއްނު. ކީއްވެބާ އެމެރިކާ އޮތަސް ނެތަސް މަސްތުވާ ތަކެތި ވިއްކަނީ
ވެންގަބޯ
23 July 2024
އދ ތީ ނަމަކަށް އޮންނަ ތަނެއް އާރެއް ބާރެއްނެތް. ނެތް ކަމުގެ ހެއްކެއް މިފެންނަނީ ޔަހޫދީން ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލުމުން އެކަމަށް އިޖާބަނުދީ ހާމަލާ ތައް ކުރިޔަށް ގެންދިޔުމީ އދ ގެ އާރެއް ބާރެއްނެތް މުޅި ދުނިޔެވެސް ގަބޫލުކުރާ އެކަން ދިރިހުރުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ އެހައްގުތައް ފަލަސްޠީނުގެ ރައްޔިތުންނަށް ދިރިހުރުމުގެ ހޯދާ ދީބަލާށެވެ ޔަހޫދީން ނަކީ ޓެރެރިސްޓް ޖަމާއަތެއް އދ ލުން އެކަން ގަބޫލު ކޮށްބަލާށެވެ
އަހުމަދު އަތީގު
24 July 2024
އދ އަކީ ބާރު އޮންނަ ތަނެއްތަ