ކަސްޓަމްސްގެ ވެރިޔާ ދިޔާނާ އާއި އެ އިދާރާގެ އިސްވެރިން، ހައުސިން މިނިސްޓަރު ހައިދަރާ އިއްޔެ ބައްދަލުކުރައްވަނީ.
30 ޖުލައި 2024 - 21:33
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ނުހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި އިއްޔެ ވިދާޅުވެ، ދޮގު ހެއްދެވި ކަމަށް ބުނާ މައްސަލާގައި ކަސްޓަމްސްގެ އާ ވެރިޔާ ފާތިމަތު ދިޔާނާ، ހައިދަރާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ޕެޓިޝަން ކޮމިޓީގައި މިނިސްޓަރު ހައިދަރު ވިދާޅުވީ، މި ސަރުކާރުން ބަލަނީ ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު އިއުލާންކޮށް، ހުޅުވާލި ފުރުސަތުގައި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފުރަތަމަ 4،000 މީހުންގެ ލިސްޓުގެ މައްސަލަ ކަމަށެވެ. އެ ލިސްޓުގައި ކަސްޓަމްސްގެ 100 ފްލެޓެއް ނެތް ކަމަށް އޭނާ ކަނޑައެޅިގެން ވިދާޅުވި އެވެ.
ހައިރަދު ވިދާޅުވީ ކަސްޓަމްސް އާއި މި ފްލެޓްތައް އިމާރާތްކުރާ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ދެމެދުގައި އެއްބަސްވުމެއް އޮތް ނަމަ އެ ކުންފުނިން އެ އަށް އިހުތިރާމް ކުރާނެ ކަމަށެވެ.
"އެހެން ނަމަވެސް މި 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ކަނޑައަޅާފައި އޮތް އެއްޗެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައެއް ނެތް،" އޭނާ އިއްޔެ ވިދާޅުވެފައި ވެ އެވެ.
ހައިދަރުގެ އެ ވާހަކަތަކާ ގުޅިގެން، ކަސްޓަމްސްގެ ވެރިއަކަށް މި މަހުގެ 22 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ދިޔާނާ ވަނީ އޭނާގެ ސޮޔާ އެކު ވަގުތުން އިއްޔެ މެމޯއެއް ނެރުއްވައިފަ އެވެ.
ކަސްޓަމްސްގެ ސެކްޝަންތަކަށް ފޮނުއްވި މެމޯގައި ދިޔާނާ ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކުރި 100 ފްލެޓާ ގުޅޭ މުއާމަލާތްތައް ހިނގާފައިވާ ގޮތުން ސާފުކޮށް ވިދާޅުވެފަ އެވެ. އަދި ހައުސިން މިނިސްޓްރީއާ އެކު ބަދަލުކުރި ސިޓީތަކުގެ ނަމްބަރާއި ތާރީހުތައް ވެސް އެ މެމޯގައި ދިޔާނާ ހިމެނުއްވި އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެކު ހިންގާފައިވާ މުއާމަލާތްތަކުގެ ވާހަކަ ވެސް މެމޯގައި ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ހައިދަރާއި ކަސްޓަމްސްގެ ވެރިޔާ ދިޔާނާ: 4،000 ފްލެޓް ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ހިމެނޭ ކަމަށާއި އިތުރު ބިމެއް ވެސް ފްލެޓް އަޅަން ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ދިޔާނާ ވިދާޅުވި.
އެ ހިސާބުން ނިންމާ ނުލައްވައި ކަސްޓަމްސްގެ އާ ވެރިޔާ ދިޔާނާ އާއި އެ އިދާރާގެ އިސްވެރިން މިއަދު ވަނީ މިނިސްޓަރު ހައިދަރުގެ އަރިހަށް ވެސް ވަޑައިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ވެސް ދިޔާނާ ވަނީ ކަސްޓަމްސްގެ ސެކްޝަންތަކަށް ހާއްސަ މެމޯއެއް ފޮނުއްވައިފަ އެވެ.
އެ މެމޯގައި އޭނާ ވިދާޅުވީ، ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް ގެދޮރުވެރިޔާ ސްކީމުން ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކުރި 100 ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ދެއްވި ކަމަށެވެ. އަދި ކަސްޓަމްސްގެ މުވައްޒުންނަށް ބޯހިޔާވަހިކަން ހަމަޖައްސަވައި ދެއްވަން ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، ފްލެޓްތައް އިމާރާތް ކުރަން ބޭނުންވާ ބިން މާލެ ސަރަހައްދުން ހަމަޖައްސަވައި ދެއްވާނެ ކަމަށް ވެސް ހައިދަރު ވިދާޅުވި ކަމަށް ކޮމިޝަނާ ޖެނެރަލްގެ މެމޯގައި ވެ އެވެ.
"އަދި މި ކަންކަމާ ގުޅޭ ގޮތުން ކަސްޓަމްސް އާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާކޮށް، ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމުގައި ދަންނަވަމެވެ،" އާ ކޮމިޝަނާ ޖެނެރަލް ސޮއިކުރައްވައި މިއަދު ނެރުއްވި މެމޯގައި ވެ އެވެ.
ކަސްޓަމްސްގެ މުވައްޒަފުންނަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން 100 ފްލެޓް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ހައިދަރު، އެ އިދާރާގެ އިސްވެރިންނަށް މިއަދު ދެއްވިޔަސް އިއްޔެގެ ބައްދަލުވުމުގައި ގެންގުޅުއްވީ އެހެން ވިސްނުމެކެވެ.
"އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ކަސްޓަމްސްއާ މަޝްވަރާކުރި އިރު، ކަސްޓަމްސްގެ ވެސް މާ ބޮޑު އިންޓްރެސްޓެއް ނެތޭ އަޅުގަނޑަށް ފާހަގަވީ އެ ފްލެޓްތަކުގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހޯދާކަށް،" އިއްޔެގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވި އެވެ.
އެކަމަކު، ކަސްޓަމްސްގެ އިސްވެރިޔާ އިއްޔެ ނެރުއްވި މެމޯގައިވާ ގޮތުން ފްލެޓްތަކާ ގުޅޭ މަޝްވަރާތައް ކުރަން މިދިޔަ މާޗު މަހު ވެސް ހައުސިން މިނިސްޓްރީއާ އެކު ބައްދަލުވުމެއް ބޭއްވި އެވެ. އެއީ އެ މިނިސްޓްރީ އާއި އެޗްޑީސީއާ އެކު ކަސްޓަމްސް އިން މަޝްވަރާ ކޮށްގެން ކުރިއަށް ގެންދާ އޮޕްޝަންތަކެއް ހުށަހެޅުމަށް ރައީސް އޮފީހުން އަންގާފައި ވާތީ، މާޗު މަހުގެ 18 ގައި ހައުސިން މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމެއް ކަމަށް ދިޔާނާ ވިދާޅުވި އެވެ.
"މި ބައްދަލުވުމުގައި އެއްބަސްވެވުނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް އެޅުމަށް ބޭނުންވާ ބިން އެޗްޑީސީއާ ގުޅިގެން ހޯދުމަށާއި ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ 100 ފްލެޓް އިތުރު ބަދަލެއް ނުގެނެސް ކުރިން ނިންމާފައިވާ ގޮތަށް މުވައްޒަފުންނަށް ދިނުމަށެވެ،" ކަސްޓަމްސްގެ ވެރިޔާ ދިޔާނާގެ މެމޯގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާ
31 July 2024
ވަކި މުއައްސަސާއެއް ނުވަތަ ވަކި ބައެއް ޚާއްސަ ކުރެވޭނީ، ހައުސިންގ ސްކީމަށް ހުޅުވާލާއިރު އެގޮތަށް ކެޓަގަރީ ކަނޑައަޅައިގެން، ޓިޗަރުން ،ނަރުހުން، ޑޮކްޓަރުން، 40 އަހަރާ 30 އަހަރާ ދެމެދު، އެކަނިވެރި މައިން، މި ސްކީމަކުން ކަސްޓަމްސްއަށް ޚައްސައެއް ނުކުރެވޭނެ،
މަހާ
31 July 2024
މި 4000 ފްލެޓަށް ފޯރމުލާ ޝަރުތުހަމަވި 13 ހާސް ނިކަމެތި ރައްޔިތުން އެބަތިބި، ދިރިއުޅެވޭނެ ބޯހިޔާވައްސެއް ލިބޭނެކަމުގެ އުންމީދުގަ، އެހެންތިއްބާ މި ސްކީމަށް ފޯރމްވެސް ހުށަނާޅާތިބި ބަޔަކަށް މި ސްކީމުން ބޯހިޔާވަހިކަން ލިބިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއްނޫން، މީ ޝަރުތު ހަމަވި އެންމެން ވަރަށްގާތުން ބަލަންޖެހޭކަމެއް، އަދި 13ހާސް ރައްޔިތުންގެ ހައްޤަށް އެ އަރައިގަނެވެނީ، ކީތުކޭސްއަކަށް ނުގޮސް ދޫކޮށްލާ ވަރު ކަމެއްނޫނ،ް
މަހާ
31 July 2024
މި 4000 ފްލެޓުން ކަސްޓަމްސްއެއްނޫން އެހެން މުއްއްސަސާއަކަށްވެސް ފްލެޓް ޚާއްސައެއް ނުކުރެވޭނެ، ސަބަބަކީ މީ އެގޮތަށް ކެޓަގަރީތަކެއް ހަދައިގެން އިއުލާން ކުރި ސްކީމަކަށްނުވާތީ، މީގެން 100 ފްލެޓް ކަސްޓަމަށް ޚާއްސަކޮށްފިނަމަ، އެއީ ފޯމްލައިގެން ޝަރުތުހަމަވި ހުރިހާއެންމެން ކޯޓަށް ދާވަރު ކަމެއް، 13 ހާސް މީހުންގެ ހައްޤަށް އެ އަރައިގަނެވެނީ،
ސަފްވަތް
31 July 2024
އިންސާފުވެރިކަމާ އެކީ ހައްގުވެރިންނަށް ދޭން އެބަ ޖެހޭ ތި ތަންތަން. ކަސްޓަމްސްގެ ބިލްޑިންގެ އޯކޭ. އެކަމަކު ކުރީ ސަރުކާރުގެ ވެރިންގެ އާއިލާތަކަށް ދީފަ ހުރި ތަންތަން ދޭ އިރު އަލުން ބަލަން ޖެހޭނެ. ދެން އެހެން ހެދީމަވެސް ބުނާނެ ފެލާލީއޭ. ބަލަ ތަންތަން އަޅަން ނިންމާ އެތަންތަން އަވަހަށް އާއިލާތަކަށް ބަހާލީ އެއީ އަހަރުންގެ ލާރިކަން އިހުސާސް ނުވޭތަ. އެތަންތަން ދީގެން ނުވާނެ. އަހަރުން ޝަރުތު ހަމަ ނުވެސް ވޭ. އެކަމަކު ޝަރުތު ހަމަވާ މީހުންނަށް ދޭން ޖޭހޭނެ
ފަލަކު
31 July 2024
މި ހައުސިންގ ސްކީމަށް އިޢުލާން ކުރިއިރަކު ކަސްޓަމްސްއަށް 100 ފްލެޓް ދޭނެ ކަމަށް ބުނެފައެއްނުވޭ، ދެން އެތައްބަޔަކު ފްލެޓަށް ކުރިމަތިލާ ޝަރުތުހަމަވެފައިވަނިކޮށް، އަނެއްކާ ކަސްޓަމްސްއަށް 100 ފްލެޓްދޭން ނުވެސް ބުނެވޭނެ، އެއީ ފޯރމުވެސްނުލާތިބި ބައެއްތޯއްޗެއް، މީޤާނޫނާ ގަވައިދުވެސް ތަންދޭކަމަކަށް ނުވާނެ، ވަކި މުއައްސަސާއަކަށް ދޭކަށް އުސޫލަކުވެސް ނޯންނާނެ، މީ ފްލެޓަށް ފޯރމުލާ ޝަރުތުހަމަވި ހުރިހާ އެންމެން ކޯޓަށް މައްސަލަ ހުށައަޅާވަރުކަމެއް،،
މުހައިމިންް
31 July 2024
ބަލަ ކީކޭތަ މި ކިޔަނީ. ތަންތަން ދޭނޭ. ނުތެޅޭށޭ.
ގުއިއްޒު
31 July 2024
ތި ހައިދަރަކީ މިހާރު ބޯހަމަޖެހޭ މީހެއް ނޫން. އެއފަހަރު ކިޔޭ އެއްޗެއް އަނެއްފަހަރަކު ހަދާނެއް ނުހުރޭ. ތީގެ މީހުން އުޅުނު ވޭތުވެދިޔަ ސަރުކާރުތަކުގައިވެސް. އެކަހަލަ މިނިސްޓަރުން ތިބޭ ތަންތަނަށް އިތުރު މިނިސްޓަރުން ލައިގެން ކުރިއަށް ގެންދަން ފެންނަނީ. ކަނޑާނެ ކަމެއް ނެތް.
ކުރީގެ ސަރުކާރު
31 July 2024
މިނިސްޓަރު ހައިދަރު ވާނުވާގަ ހުންނަތަން މިފެންނަނީ.
އައިޝަާާ
31 July 2024
ފްލެޓްތައް ދޫކުރުމުގައި ހާމަކަން ބޮޑު އަދި އިންސާފުވެރި ގޮތެއްގައި ކުރިއަށް ގެންދާނެ ކަމާމެދު ޝައްކެއްނުކުރަން
އަޒްރާ
31 July 2024
ކަސްޓަމެއް ނެސްޓަމެއް ކިޔާނެ ކަމެއްނެތް އަހަރެމެން މާލޭގަ އުމުރު ހޭދަ މިކުރަނީ ފުލެޓެއް ކީއްކުރަން ބިމެއްވެސް ނުލިބޭ މިފަހަރުވެސް އޮތީ ޝަރުތު ހަމަވާ ލިސްޓުގަ އެކަމަކު އަހަރެމެންނަށް ލިބެންޖެހޭ އެއްޗެއް ނުލިބި 35 އަހަރު މިީ މިފަހަރު ދޫދިނުމެއްނެތް ރައީސް އަރިހަށްވެސް ދަނަން