ހައުސިން މިނިސްޓަރު ހައިދަރާއި ކަސްޓަމްސްގެ ވެރިޔާ ދިޔާނާ: 4،000 ފްލެޓް ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ހިމެނޭ ކަމަށާއި އިތުރު ބިމެއް ވެސް ފްލެޓް އަޅަން ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ދިޔާނާ ވިދާޅުވި.
30 ޖުލައި 2024 - 19:16
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަ ކުރާ 100 ފްލެޓް ނުހިމެނޭ ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އިއްޔެ ދެއްކެވި ވާހަކަތައް ކަސްޓަމްސް އިން ދޮގުކޮށްފި އެވެ.
ކަސްޓަމްސްގެ އާ ކޮމިޝަނާ ޖެނެރަލަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 22 ގައި އައްޔަން ކުރެއްވި ފާތިމަތު ދިޔާނާ ސޮއިކުރައްވައި އިއްޔެ ނެރުއްވި މެމޯއެއްގައި ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓްގެ ތެރެއިން 100 ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ނިންމައި، ރައީސް އޮފީހުން އެކަން އެ އިދާރާއަށް އެންމެ ފުރަތަމަ އެންގީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގައި ކަމަށެވެ. އެއީ އޭރުގެ ރައީސް އިބޫގެ ވެރިކަމުގަ އެވެ.
ރައީސް އޮފީހުގެ އެ ނިންމުމާ އެއްގޮތަށް، ތިން ކޮޓަރީގެ 85 ފްލެޓާއި ދެ ކޮޓަރީގެ 15 ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ދޭން ކަނޑައެޅުމަށް ފަހު، ހައުސިން މިނިސްޓްރީން މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ގައި ކަސްޓަމްސް އަށް އެކަން ސިޓީއަކުން އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"މި 100 ފްލެޓްގެ ތެރެއިން ވަކިވަކި ޔުނިޓްތަކުގެ ނަމްބަރުތައް ދިނުމަށް ފަހު، އެ ޔުނިޓްތައް ދެންވީ މުވައްޒަފުން ކަނޑައެޅުމަށް ފަހު ފޮނުވުމަށް އެ މިނިސްޓްރީން ކަސްޓަމްސްއަށް އެންގުމުން ކަސްޓަމްސްގައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން ފްލެޓް ލިބޭ މުވައްޒަފުންނަށް އެ ޔުނިޓް ކަނޑައެޅުމަށް ފަހު 16 ނޮވެމްބަރު 2023 ގައި އެ ލިސްޓު ހައުސިން މިނިސްޓްރީ އަށް ފޮނުވުނު،" ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މެމޯގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އޭގެ ފަހުން ހަދަން ޖެހޭ އެއްބަސްވުންތައް ހެދުމަށްޓަކައި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކަސްޓަމްސްގެ މުވައްޒަފުންނަށް ގުޅަމުން ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ސިޓީއަކުން އަންގާފައިވެ އެވެ. އެހެންވެ، އެކަމުގެ އެއްބަސްވުން ހަދައިދިނުމަށް ކަސްޓަމްސް އިން ވަނީ އެފްޑީސީ އަށް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އީމެއިލް ކޮށްފަ އެވެ. އެއީ މިހާރުގެ ރައީސް މުއިއްޒު މަގާމުގެ ހުވާ ކުރެއްވި ދުވަހެވެ.
ހައުސިން މިނިސްޓްރީގެ އިސްވެރިންނާ އެކު ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ މައުލޫމާތާއި އަޕްޑޭޓްތައް ހައުސިން މިނިސްޓްރީއާ ހިއްސާކުރުމަށް ފަހު، އެ މިނިސްޓްރީން އެ ފްލެޓްތަކާ މެދު އަމަލުކުރުމަށް މިހާރު ނިންމާފައިވާ ގޮތް އަންގައިދިނުމަށް ސިޓީއަކުން އެދުނު ނަމަވެސް އެއްވެސް ޖަވާބު ނުލިބޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީ އާއި އެޗްޑީސީއާ އެކު ކަސްޓަމްސް އިން މަޝްވަރާ ކޮށްގެން ކުރިއަށް ގެންދާ އޮޕްޝަންތަކެއް ހުށަހެޅުމަށް ރައީސް އޮފީހުން އަންގާފައި ވާތީ، މި ވެރިކަމުގައި މިިދިޔަ މާޗު މަހުގެ 18 ގައި ހައުސިން މިނިސްޓްރީއާ އެކު ބައްދަލުމެއް ބޭއްވި ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
"މި ބައްދަލުވުމުގައި އެއްބަސްވެވުނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް އެޅުމަށް ބޭނުންވާ ބިން އެޗްޑީސީއާ ގުޅިގެން ހޯދުމަށާއި ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ 100 ފްލެޓް އިތުރު ބަދަލެއް ނުގެނެސް ކުރިން ނިންމާފައިވާ ގޮތަށް މުވައްޒަފުންނަށް ދިނުމަށެވެ،" ކަސްޓަމްސްގެ ވެރިޔާ ދިޔާނާގެ މެމޯގައި ވެ އެވެ.
އޭނާ ވިދާޅުވީ، އެ އިދާރާގެ މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމަށާއި މުވައްޒަފުންގެ ވެލްފެއާ އަށް ކުރަން ޖެހޭ ކަންކަން ކުރުމަކީ އެންމެ އިސްކަންދޭނެ ކަންތައްތައް ކަމަށެވެ. އެ 100 ފްލެޓް ހޯދުމަށާއި ފްލެޓް އެޅުމަށް ބޭނުންވާ ބިން ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ހައިދަރު ވިދާޅުވީ، މި ސަރުކާރުން ބަލަނީ ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު އިއުލާންކޮށް، ހުޅުވާލި ފުރުސަތުގައި ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ފުރަތަމަ 4،000 މީހުންގެ ފްލެޓް ލިސްޓުގެ މައްސަލަ އެވެ. އެ ލިސްޓުގައި ކަސްޓަމްސްގެ 100 ފްލެޓެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މި 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ކަނޑައަޅާފައި އޮތް އެއްޗެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
"އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ކަސްޓަމްސްއާ މަޝްވަރާކުރި އިރު، ކަސްޓަމްސްގެ ވެސް މާ ބޮޑު އިންޓްރެސްޓެއް ނެތޭ އަޅުގަނޑަށް ފާހަގަވީ އެ ފްލެޓްތަކުގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހޯދާކަށް."
ހައިދަރު އެގޮތަށް ވިދާޅުވި ނަމަވެސް ކަސްޓަމްސްގެ 100 މީހުން ހިމަނަނީ ގެދޮރުވެރިޔާ ސްކީމްގައި ކަމަށް، ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ބައެއް އޮފިޝަލުން އޭރު ވެސް ކަށަވަރު ކޮށްދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
01 August 2024
4000 ފްލެޓް އިޢުލާންކުރިއިރު ނެތް ކަސްޓަމްސް މީހުންނަށް 100 ފްލެޓް ދޭން ކަނޑައަޅާފައިވާކަމަކަށް. އެ އިޢުލާނަށް ބަދަލެއް ނުގެނެސް ވަލުދޮރާށިން ކަސްޓަމްސް މީހުންނަށް ފްލެޓް ދެންޏާ މުޒާހަރާކޮށް އެކަން ބަދަލުކުރަން ރައްޔިތުން މިތިބީ ތައްޔާރަށް. އިބޫ އަކަސް އަދި އެހެން މީހަކަސް އެކަމެއް ނުކުރެވޭނެ.
ރަންނަ
01 August 2024
ހަމަ އުނބަށް
ހޫމް
01 August 2024
ހައިދަރު އެ މަގާމަށް ކުފޫ ހަމަނުވާހެން ހީވަނީ، ދެން އެއީ ޕްރެސްގަ ދައްކާ ކަހަލަ ވާހަކަތަ؟
ގޮވާރި
01 August 2024
މިހެން ވަކި ބަޔަކަށް ފްލެޓެއް ނުދެވޭނެ! އަލަތު ކާވެނި ފްލެޓުތައް މަތިން ހަނދާނެއް ނެތް އެކަކުވެސް. އެ ލިބޭނެ ކަންވެސް ނުލިބޭނެކަންވެސް ނާންގާ އަދި ވެސް މިސަރުކާރުން!
ބަޑިތަކުރު
31 July 2024
ވަކިވަކި ތަންތަނަށް ފްލެޓްތައް ބަހަނީ ބޭނުންވާ ވަކިބަޔަކަށް ދިނުމަށް ފަސޭހައަކަށެވެ. އެހެންނޫންނަމަ ފްލެޓަކަށް އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް މާކްސްދީގެން ގުރުއަތުލައިގެން ދޭންވީތާއެވެ. ސިފައެންނަށް ބައެއް ފުލުހުންނަށް ބައެއް ޑޮކްޓަރުންނަށް ބައެއް ނަރުހުންނަށްބައެއް ޓީޗަރުންނަށް ބައެއް އެޅީމާ އެންމެ ބޭނުންވާ މީހުންނަށް ފްލެޓް ލިބުން ލަސްވެގެންދަނީއެވެ.
ަްަނަނަނ
31 July 2024
މީ އަޅެ ހާދަ ހެއްވާ ކަމެކެ. ސަރުކާރު މުވައްޒަފުންނަށް ކީއްވެގެންތަ މިހެން ފްލެޓް ހާއްސަ ކުރަން ޖެހެނީ.
ހުތްޢާދަނު
31 July 2024
މިއީ ވަރަށް ހެއްވާކަމެއް.
12321
31 July 2024
ސަރުކާރު އެއް ކުންފުނީގަ ފިރިމީހާ، އަނެއްތާ އަންހެނުން، މިގޮތައް ހިޔާފްލެޓުން ފިރިމީހާ ނަގާފަ، ކުންފުނިން އަންހެނުންނައް ދީފަ އެބަހުރި، މިކަންތައް ބަލަންވީނު، ކޮންމެ ހައުސިން ޕްރޮޖެކްޓަކުން ފްލެޓް ނަގައިގެން ވިޔަފާރި ކުރާމީހުންވެސް އެބަތިބި، ލިބޭބަޔަކައް ލިބެނީ، އަނެއްބަޔަކު އެއްކޮޓަރީގަ އުޅެ ދަރިންނައް ކިޔަވާދީ އުމުރު ހުސްވާއިރުވެސް ޝަރުދު ހަމަނުވޭ
ހޮޓްކިންގ
31 July 2024
ހައިދަރު އެއީ އޭނާ މިހާތަނަށް ދެއްކި ކޮންމެ ވާހައެއް ޒިންމާދާރުކަން ކުޑަކޮށް ދެއްކި ވަޒީރެއް. ކަމަކު ނުދޭ އެއްގޮތަކަށްވެސް.
ވައި ވައި
31 July 2024
ކަސްޓަމްސް މުވއްޒަފުންގެ ވޯޓްގެ ދަހިވެތިކަމުގަ ސޯލިހް ކުޅުނު ކުޅިގަނޑު، ވަކި އުސޫލެއްނެތި ކުރިއަށް ދިޔަ ޕްރޮގްރާމްއަކުން ފްލެޓް ހަމަ ޖެއްސުމަށް ސީދާ އެންގޭނެތަ. ދެންކޮބާ ފޯމް ލުމުގެ މުއްދަތު ހަމަވުމުގެ ކުރިން ތެޅީ ފޮޅި ފޯމްލީ މީހުންގެ ހައްޤު.
ކިނރ
31 July 2024
ކޮންމެ މީހަކުވެސް ވޯޓް ބޭނުމަށް ފުލެޓޭ ގޮވާނެ . ނުދެވުނަސް . އެމީހެއްގެ އަމިއްލަ ކަމެއް ހިންދިރުވާލުން . އެވެސް ވޯޓް ދޭނެހެން ހީވާހާ ބަޔަކު ލިސްޓަށް ނަންވެސް އަރުވާނެ . ނުދޭނެ ހެން ހީވާ މީހުން ސަރުތު ހަމަވިއަސް ކަހެރުވަކެކޭވެސް ހިތަށް ނާރާނެ . އެވަރިހަމަ 35 އަހަރު ހިދްމަތުގަ ތިބޭ މުއައްޒަފުންނަށް ވިއަސް .