31 ޖުލައި 2024 - 10:52
ހަރަދު ކުޑަކުރުމުގެ ނަމުގައި ބައި އިލެކްޝަންތައް މަދުނުކޮށް އީ-ވޯޓިން އަށް ދާން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު މިއަދު ގޮވާލައްވައިފި އެވެ.
އަބަދު އިންތިހާބުތައް ބާއްވަން ޖެހޭތީ އެކަމަށް ހައްލެއްގެ ގޮތުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
އެ އިސްލާހަށް މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ހަރަދު ކުޑަކުރަން ކަމަށް ބުނެ އެންމެ ފުރަތަމަ ކަމަކަށް އިންތިހާބުތައް މަދުކޮށް، ޑިމޮކްރެޓިކް ނިޒާމު ނައްތާލަން އުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިއަދުގެ ޒުވާނުން، ހާއްސަކޮށް ޖެންޒީސް، އެއްގޮތަކަށް ވެސް ޝައުގުވެރިކަމެއް ނުހުރެޔޭ ވޯޓުލާން ނުކުންނާކަށެއް. އެހެންވީމާ މި ޑިމޮކްރެޓިކް ޕްރޮސެސް އަޅުގަނޑުމެން ޕްރެކްޓިސް ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން އިހުތިޔާރުކުރާ މަގަކީ އިންތިހާބުތައް ނުބޭއްވުން ކައުމުގައިވާ ނަމަ، އެއީ އަޅުގަނޑުމެންނަށް ޑިމޮކްރަސީގަ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުން ފާސްކުރަމުން އަންނަ ގާނޫނުތަކުގައި ވެސް ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަމުގެ އެކި މާއްދާތައް ހިމަނަމުން އަންނަ ކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ ހަރަދު ބޮޑުވެގެން އިންތިހާބުތައް ނުބޭއްވުމަކީ 21ވަނަ ގަރުނުގައި ބަލައިގަންނަ ކަމެއް ނޫނެވެ.
ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
އޭނާ ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކުގައި ތިބި މީހުންގެ ނާގާބިލުކަމަކީ، ޑިމޮކްރެޓިކް ޕްރޮސެސްއަށް އަމަލުކުރަން އޮތް ހުރަހަކަށް ވެގެން ނުވާނެ އެވެ.
"ބައި-އިލެކްޝަންތަކަކީ ކުދި ކުދި އިންތިހާބުތަކެއް. އެހެންވީމާ ބައި-އިލެކްޝަންތަކުގައި އަޅުގަނޑުމެން އީ-ވޯޓިން މެދުވެރިކޮށްގެން ޕްރެކްޓިސް ކުރަން ނުވަތަ ފައްޓަން ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ އިންތިހާބުތައް ނުބޭއްވުމާއި ކައުންސިލަރުންގެ އަދަދު މަދުކުރަނީ، އެމްޑީޕީން ފުރިހަމަ ކުރި ލާމަރުކަޒީ ނިޒާމު ސަރުކާރުން އެކީގައި ފުނޑާލުމުގެ ބޭނުމުގަ އެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހެ އެވެ.
ނަމަވެސް ސަރުކާރުން ހުށަހަޅާފައި ވަނީ އެ މުއްދަތު 183 ދުވަހަށް ބަދަލު ކުރުމަށެވެ. އެ އިސްލާހު ފާސްވެއްޖެ ނަމަ ބައި އިލެކްޝަންތައް ދެން ބާއްވަން ޖެހޭނީ އަހަރަކު ދެ ފަހަރު އެވެ.
އެ އިސްލާހުގައި ވަނީ އެގޮތަށް ބާއްވާ ބައި އިލެކްޝަނެއްގެ ދެމެދު 183 ދުވަހަށް ވުރެ ދިގު އަދި 120 ދުވަހަށް ވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމަށެވެ.
އަހަރަކު ދެ ފަހަރު އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އެ ގާނޫނަށް އިސްލާހު ހުށަހެޅި ނަމަވެސް ސަރުކާރުން ވަނީ ބައެއް ހާލަތްތަކުގައި ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭ ގޮތަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް އިތުރު އިސްލާހެއް ހުށަހަޅައިފަ އެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. ކައުންސިލްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. ނަމަވެސް ނައިބު ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާއިރު، ރައީސް ނުވަތަ މޭޔަރުގެ މަގާމް ވެސް ހުސްވެފައިވާ ނަމަ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ.
މެމްބަރެއްގެ ގޮނޑި ހުސްވުމުގެ ސަބަބުން ޖަލްސާ ބާއްވަން ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާ ނަމަ މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ.
ކޮންމެ އަހަރަކު އެތައް ބައިވަރު ބައި އިލެކްޝަންތައް ބާއްވަން ޖެހޭ މައްސަލަ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހެޅުމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެ ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފަ އެވެ.
އޭރު ސަރުކާރުގެ ފަރާތުން ހުށަހެޅީ ކޮންމެ އަހަރަކު އެއްފަހަރު ބައި އިލެކްޝަންތައް ބޭއްވުމަށެވެ. ނަމަވެސް އެ މަސައްކަތް މަޖިލީހުގައި އޭރަކު ކުރިއަކަށް ނުގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމާ އަހްމަދްް
31 July 2024
ސައިބާ ކޮންމެ ކަމެއްގެ އެއްޗެއްގައިވެސް ލޫޕްހޯލް ހުންނާނެ. ހެކް ކޮށްގެން ނަތީޖާ އޮޅުވާލުންފަދަ މައްސަލަތަކުން ބަރީއަތްވުން މުހިންމު. މިއީ ގައުމުގެ ފިތުނަފަސާދަ އިންތިހާއަށް ބޮޑުވެގެން ގޮސްދާނެ ކަމެއް.
ފަޒްނާާ
31 July 2024
އެންމެ 4 ލައްކަ މީހުންގެ އާބާދީއެއްގެ ވޯޓިންގް ކަންތަށް ނުބެލެންޏާ އެއްކަމެއްވެސް ނުބެލޭނެ. ގައުމުގަ ފައިސާ ނެތިގެންވެސް މިހެން މިކަން ކޮށްފިނަމަ ދުވަހަކުވެސް އިންތިހާބުތަކާމެދު މީހުން ދެކޭގޮތް ރަނގަޅެއް ނުވާނެ.
ފައިސަލްް
31 July 2024
މަކަރު ހެދުމާއި އޮޅުވާލުމަށް މިހެން މިކަންކޮށްގެން ޖާގަ ދޭންވީ ކީތްކުރަން. މިހެން މިކަން ކޮށްގެން ނުވާނެ
ވަސީމާާ
31 July 2024
މިފަދަ ޓެކްނޮލޮޖީ ހައި ޒަމާނެއްގައި ވޯޓް އަށް ނުފޫޒް ފޯރުވޭނެ މިހެން މިކަން ކޮށްފިނަމަ. މިއީ އެއްވެސް ހާލަތެއްގައި ރަނގަޅު ގޮތެއްނޫން.
އަލްސަންް
31 July 2024
މިއީ އެއްވެސް ވަރަކަށް ތާއިދް ކުރާ ކަމެއް ނޫން. ވޯޓް އޮންނަންވާނީ ކަރުދާހުގައި. ހަމަހަމަ ކަމަށް ޖާގަދޭންޖެހޭނެ.
މިއައު
31 July 2024
ތިއުޅެނީ ވޯޓު އޮޅުވަން. މިތާ އެތައް މިނިވަން މުއައްސަސާތަކެއް އޮވެ، ހާމަ އަށް ފެންނަށް ހިސާބުގާ ގަންނަށް ގަނޑު އެނގޭ. ދެނޯ
ރަނގަޅު
31 July 2024
ތި މަދު ކުރި ވަރަކަށް ސިޔާސީ މުސާރަ ދޭން ޖެހޭ މީހުންވެސް މަދު ވާނެ. ހަމަ ހުރެފަ އިސްތިއުފާ ދޭއިރަށް އިންތިޚާބެއް ނޯންނާނެކަން އިނގެންނާ ޒިންމާދާރުވެސް ކުރެވޭނެ،
ކުޑަފަރީ ފަރީދު
31 July 2024
ރައްޔިތުންގެ ތާއީދު އެމްޑީޕީއަށް ނެތި ހުރިހާ އިންތިހާބަކުން ބަލިވާޓީ ވޯޓުން ވައްކަން ކުރާނެ ފޯމިއުލާއެއް އެމްޑީޕީން ހޯދަންވެގެން ކުރަން އުޅޭ ކަމެއް. އަހަރެމެން ބޭނުމެއް ނޫން ތިޔެއް
ޖަމްބެ ޖަމްސީދު
31 July 2024
މަޖިލީހުގެ ވަގުތު ބެކާރުކުރަނ އުޅޭނެ ކަމެއް ނެތް އެމްޑީޕީންނެއް. ތީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން
ހާނިމް.
31 July 2024
ނޫން . އާންމު ރައްޔިތއްގެ ހައިސިއްޔަތުން އަހަރެން ދެކޮޅު ތިކަމާ