އެފްއޭއެމް ދެވަނަ ފަހަރަށް ނޯމަލައިޒް ކުރުމަށް ފަހު، ފީފާއިން އޭރުގެ ނޯމަލައިޒޭޝަން ކޮމިޓީ އަށް އައްޔަން ކުރި މެންބަރުން: ތިންވަނަ ފަހަރަށް ނޯމަލައިޒޭޝަނަކަށް އެފްއޭއެމް ކުރިމަތިލާއިރު ދެން ހަވާލުވާ ނޯމަލައިޒޭޝަން ކޮމިޓީއަށް އޮތީ ފަސޭހަ މަސައްކަތެއް ނޫން --- ފައިލް ފޮޓޯ
03 އޯގަސްޓް 2024 - 09:47
ދިވެހި ފުޓްބޯޅައިގެ ކުރިމަތިގައި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފީފާގެ ނޯމަލައިޒޭޝަން މަރުހަލާ އެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ހަމަޔަކަށް އަޅުވަން ގެންނަ ތިންވަނަ ނޯމަލައިޒޭޝަނެވެ. ކުރީގެ ދެ ނޯމަލައިޒޭޝަނަށް ވުރެ މި ފަހަރުގެ މަސައްކަތް ބުރަ ވެފައި އުނދަގުލެވެ. ހުރަސްތައް މާ ގިނަ އެވެ.
ކުރީ ދެ ފަހަރު ނޯމަލައިޒޭޝަން ހާލަތަށް ގެންދިޔައީ އެފްއޭއެމްގެ އަސާސީ ގަވާއިދު ބަދަލުކޮށް، އިންތިހާބު ބޭއްވުމަށެވެ. އެކަމަކު، މި ފަހަރު ނޯމަލައިޒޭޝަން ކޮމިޓީ ކުރިމަތިލާން ޖެހޭނީ އެ ދެ މަސައްކަތާ އެކަންޏެއް ނޫނެވެ. ބައިވަރު ކަންކަން އެބަހުއްޓެވެ. ސަލާމަތުން ނިމޭނެ އެއް ކަމެއް ވެސް ނެތެވެ.
އެފްއޭއެމް އޮތީ މައްސަލަތަކުން ފުނިޖެހިފަ އެވެ. ފައިސާ އަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ހާޔެއް ކަމަށް ތުހުމަތުތައް ކުރެވިފައިވާ އެސޯސިއޭޝަނާ މެދު ދިވެހިންގެ އިތުބާރު އޮތީ ގެއްލިފަ އެވެ. އެފްއޭއެމްގެ ހިންގުން ދޯދިޔާވުމުގެ އަސަރުތައް މުޅި ފުޓްބޯޅަ އަށް ކުރި އެވެ. ހަރުދަނާކޮށް ހިންގާ ކްލަބެއް ނެތެވެ. އަތޮޅުތަކަށް ރާއްޖޭގެ މައި ލީގު ގެންދާނެކަމުގެ އިންތިޒާރުގައި ތިބި ރަށްރަށުގެ ޒުވާނުން މާޔޫސްވެ، ފުޓްބޯޅައާ މެދު އުންމީދު ކަނޑައިލައިފި އެވެ.
އެފްއޭއެމްގެ ކުރީގެ ވެރިންނަށް ކުރެވުމުން ދިޔަ ހިޔާނާތުގެ ތުހުމަތުތައް ތިލަވެ، ފުލުހުން ވަދެ އެސޯސިއޭޝަން ރެއިޑް ކުރި އެވެ. ފުޓްބޯޅައިގެ ދާއިރާ އަށް ފައިސާ ފޮއްޗެއް ދޭނެ އަމިއްލަ ކުންފުންޏެއް މިހާރަކު ނެތެވެ. ކްލަބަކަށް ސްޕޮންސަރެއް ދޭނެ ކުންފުންޏެއް ވެސް ނުވި އެވެ. އަމިއްލަ ކުންފުނިތަކަށާއި ވަކިވަކި ފަރުދުންނަށް ދޭން ޖެހިފައި ހުރި ފައިސާ ނުދީގެން، ދަރަނީގެ މައްސަލައަކަށް ފަހު މައްސަލައެއްގެ ހުކްމް އެފްއޭއެމާ ދެކޮޅަށް ކޯޓުތަކުން ވަނީ ކޮށްފަ އެވެ. އަދިވެސް ދަރަނީގެ އިތުރު މައްސަލަތައް ހުރީ އެވެ.
ގައުމީ ޓީމުތައް ނުފުރި މުބާރާތްތަކުން ވަކިވި އެވެ. އަންހެން ފުޓްބޯޅައިގެ ރަސްމީ މުބާރާތެއް ނެތެވެ. އުމުރުފުރާތަކުގައި އުންމީދީ ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. އެކަމަކު ސީނިއާ ކެރިއާ ހަމައަށް ފޯރާ އިރު ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައި ނުގަނެވިއްޖެ ނަމަ އެ ކުޅުންތެރިންގެ ކުރިމަގާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
މިފަދަ ހުރިހާ މައްސަލަތަކުގައި އޮތް އެސޯސިއޭޝަން ހިންގަން ހަވާލުވާ ނޯމަލައިޒޭޝަން ކޮމިޓީ އަށް ކުރިމަތިވާނެ އެންމެ ބޮޑު ގެންޖެހުމެއް ކަމަށް، އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިދާނެ ކަމުގެ ކަންބޮޑުވުމެވެ.
"ލީޑާޝިޕް ނުދެއްކިދާނެ ކަމުގެ ކަންބޮޑުވުން އޮތީ. މިއީކީ އެފްއޭ އަށް އެކަނި ކުރިމަތިވެފައި އޮތް މައްސަލައެއް ވެސް ނޫން. ރާއްޖޭގެ ގިނަ އެސޯސިއޭޝަންތަކުގައި މި މައްސަލަ އެބައޮތް. އަންނަން ޖެހޭ ވަރަށް ރިފޯމެއް ބަދަލުތަކެއް ނާދޭ،" ކުޅިވަރު ދާއިރާއިން ކިޔަވައި ވިދާޅުވެގެން ހުންނެވި ހާމިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ފުޓްބޯޅަ ކުޅުންތެރިޔާ އަށް ހަމަޖެހިލައިގެން ފުޓްބޯޅަ ކުޅެވޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށެވެ.
އެފްއޭއެމް ފުރަތަމަ ފަހަރަށް އިންތިހާބު ކުރަން ފަށައި 2008 ގައި ބޭއްވި ފުރަތަމަ ކޮންގްރެސް: ތިންވަނަ ފަހަރަށް އެފްއޭއެމް ނޯމަލައިޒް ކުރަން ފީފާ އިން ވަނީ ނިންމާފަ -- ފައިލް ފޮޓޯ:
"ކުޅުންތެރިން މި އުޅެނީ ކުރީގައި. ކުޅުންތެރިން އެބަ ބުނޭ ދިވެހިރާއްޖެ އަށް ބޭނުން ވަނީ ރަނގަޅު ގައުމީ ލީގެކޭ. އަދި އެ މީހުން [ކުޅުންތެރިން] އެބަ ބުނޭ އަހަރެމެންނަށް ގަވާއިދުން ޕޭ ކުރެވޭނެ ފެންވަރުގެ ލީގެކޭ. ބެލުންތެރިން ޝައުގުވެރިވާ، ކުޅުންތެރިންގެ މަސްލަހަތު ހިފަހައްޓައި ދޭ. އެ ލީގަކުން [ރާއްޖެ އަށް] ނަތީޖާ ނެރެވޭވަރުގެ ލީގެކޭ،" ހާމިދު ވިދާޅުވި އެވެ.
"އެ ކަންތައް ކުޅުންތެރިން ބޭނުންވެގެން މި އުޅެނީ. އެހެންވީމާ މޮޅު ކުޅުންތެރިންނަށް ފުރުސަތު ލިބޭ، އިތުބާރު ހުރި ގައުމީ ލީގެއް ގާއިމުކުރެވޭނެ ނިޒާމެއްތާ ހަދަން މި ޖެހޭނީ."
ހާމިދު ވިދާޅުވިގޮތުގައި، ހަމައެކަނި މާލެ އަށް ލީގު ބަރާސޯކޮށްގެން އެ ސިފަތަކެއް ރާއްޖޭގެ ފުޓްބޯޅައިން ނުނެރެވޭނެ އެވެ. އެކަން ބަދަލު ކުރަން ނިޒާމެއް ކަނޑައެޅުމަކީ ނޯމަލައިޒޭޝަން ކޮމިޓީ އަށް އޮތް މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ އަށް އެކަނި ބަރާސާ ވެފައިވާ ފުޓްބޯޅައިގެ ބާރުތައް އަތޮޅުތެރޭގެ ކްލަބްތަކަށާއި ޒޯންތަކަށް ފުރޮޅާލެވެން އޮތީ ކްލަބްތައްު ރުއްސައިގެން އަސާސީ ގާވައިދު އިސްލާހު ކުރުމުންނެވެ.
މި ވިސްނުން ތިލަކޮށް، އަސާސީގަވާއިދަށް އެ އިސްލާހުތައް ގެނައުމަށް، ކްލަބްތަކުގެ ރުހުން ހޯދުމަކީ ނޯމަލައިޒޭޝަން ކޮމިޓީ އަށް ބުރަ މަސައްކަތަކަށް ވާނެ އެވެ.
އެފްއޭއެމާ މިހާތަނަށް ހަވާލުވި އެއްވެސް ވެރިޔަކަށް ކުރަން ނުކެރުނު ކަމަކީ، މާލެ އަށް ބަރޯސާ ވެފައި އޮތް ވޯޓުގެ ނިޒާމު، އަތޮޅުތެރެ އަށް ވެސް ގެންދިއުމެވެ. އެފްއޭއެމްގެ ކޮންގްރެސްގައި ރާއްޖޭގެ ޒޯންތަކާއި ސަބް އެސޯސިއޭޝަންތައް ބައިވެރި ކުރުމުގެ މަސައްކަތަށް އަމަލީ ސިފައެއް ގެނައުމަކީ އެފްއޭއެމާ ހަވާލުވި އެއްވެސް ވެރިޔަކަށް ކުރަން ކެރުނު ކަމެއް ނޫނެވެ. އެކަން ކުރަން ބާރު ލިބޭ ގޮތަށް އަސާސީ ގަވާއިދު އެކުލަވާލި ނަމަވެސް ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަކަށް ވެސް އެކަން ކުރާކަށް ނުކެރުނެވެ. ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ބޮލަށް މައްސަލަ ޖަހާފައި އެކަމުން އޭނާ ވެސް ސަލާމަތްވި އެވެ.
ރާއްޖޭގެ ނުވަ ޒޯނަށް ނިސްބަތްވާ ކްލަބްތަކަށާއި ސަބް އެސޯސިއޭޝަންތަކަށް ވޯޓް ދިނުމުގެ ހައްގު ހޯދައި ދިނުމުގައި އަނެއްކާ ވެސް އަހަރުތަކެއް މަޑުކުރަން ޖެހިގެން ނުވާނެ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތަކަށް ވާން ޖެހޭނީ އެ ފުރުސަތު ފަހިކޮށް، އަމަލީ ސިފަ ގެނެސް ދިނުމެވެ. ދެން ބާއްވާ އިންތިހާބުގައި އެކަން ތަންފީޒު ކުރުމެވެ.
އެފްއޭއެމަށް ފީފާއިން ގެނައި ދެވަނަ ނޯމަލައިޒޭޝަން ކޮމިޓީގެ އިސްބޭފުޅުން އޭރު ބޭއްވި ކޮންގްރެސްގެ ތެރެއިން: ފީފާ އިން ތިނަވްނަ ފަހަރަށް އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ވަރަށް އަވަހަށް ގެންދާނެ .-- ފައިލް ފޮޓޯ: އެފްއޭއެމް
ހިރިނުލެވޭ ވަރު ވެފައި ތިއްބަސް ފުޓްބޯޅައިގެ ނިންމުންތަކުގައި ބަސް ބުނަން ތިބި ބަޔަކީ މިހާރު ހިންގާ ކްލަބްތަކެވެ. އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓް ދޭނެ މެންބަރުންނަކީ އެ ކްލަބްތަކެވެ. އަސާސީ ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެވޭނީ ވެސް އެ ކްލަބްތަކުގެ ރުހުމާ އެކު އެވެ. ނޯމަލައިޒޭޝަން ކޮމިޓީން ކިތަންމެ މޮޅު ހުށަހެޅުމެއް އޮތަސް، އެ ކްލަބްތަކުގެ ރުހުން އެ މަސައްކަތަށް ނެތި އިސްލާހެއް ނުގެނެވޭނެ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ބޮޑެތި ނިންމުންތައް، މިހާރު އޮތީ މާލެ އަށް ބަރާސޯ ވެފައިވާ އަށެއްކަ ކްލަބްގެ އަތްމަތީގަ އެވެ. އެފްއޭއެމް އިންތިހާބު ކުރުމާއި ބަޖެޓް ފާސްކުރުމާއި އަސާސީ ގަވާއިދު ފާސްކުރުމުގެ ބޮޑެތި ނިންމުންތައް ވެސް ގުޅިފައި އޮތީ މި އަށެއްކަ ކްލަބުން ވޯޓް ދޭ ގޮތެއްގެ މައްޗަށެވެ. އެފްއޭގެ ހިންގުމާ ހަވާލުވާ ނޯމަލައިޒޭޝަން ކޮމިޓީން ކިތަންމެ ބޭނުންވިޔަސް، މި ކްލަބްތަކުގެ ލޮބީ މުގުރާލައިފައި އަދި ދެވޭކަށް ނޯންނާނެ އެވެ.
ކްލަބްތަކުގެ ރުހުން ހޯދަން، އެންމެ ކުޑަމިނުން ކުރަން ޖެހިފައި އޮތް ކަމަކީ މާލީ ގޮތުން އަނދަވަޅަކަށް ވެއްޓިފައި އޮތް ކްލަބްތައް ކޮޅަށް ނަގައިދިނުމެވެ. ހުއްޓިފައި އޮތް ލީގާއި ޑޮމެސްޓިކް މުބާރާތްތަކަށް ކުޅުންތެރިން ދަނޑުމައްޗަށް ނެރެވޭވަރު ކޮށްދިމުނެވެ.
ކްލަބްތައް އެ ހާލަތުން ނަގައިދިނުމުގެ މަސައްކަތަކީ ނޯމަލައިޒޭޝަން ކޮމިޓީ އަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް އެފްއޭއެމަށް ފީފާ އިން އެންމެ ފުރަތަމަ އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގައި 2008 ވަނަ އަހަރު ޖެނަރަލް ސެކްރެޓަރީކަން ކުރެއްވި ޝާހު އިސްމާއީލް ވެސް ވިދާޅުވި އެވެ.
"އެކަން ވާނީ ވަރަށް ބޮޑު ބުރަ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.
ކުރީގެ އެއްވަނަ ފޯވާޑް ވިދާޅުވި ގޮތުގައި ނޯމަލައިޒޭޝަން ކޮމިޓީ އަށް އެކަނި އެކަމެއް ނުކުރެވޭނެ އެވެ.
"އެއީ މިހާތަނަށް ދިވެހިރާއްޖޭގެ ކްލަބްތައް މޮނިޓާކޮށް ހިންގުމުގެ ބައިބައި ވަރަށް ނާޒުކު ފައްތަރެއްގައި އޮންނާތީ. ދައުލަތުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ނޫނީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކްލަބްތަކެއް ނުހިނގާ. ސްޕޯޓްސް މިނިސްޓްރީ ނުވަތަ ރައީސް އޮފީސް ނުވަތަ ސަރުކާރުގެ ކަމާބެހޭ ދޮރެއްގައި ޓަކި ޖަހަން މަޖުބޫރު ވާނެ މި ހާލަތުގައި،" ޝާހް ވިދާޅުވި އެވެ.
"އެހެންވީމަ ނޯމަލައިޒޭޝަން ކޮމިޓީއެއް އަންނަ ހިސާބުން ނޯމަލައިޒޭޝަން ކޮމިޓީ އަށް އައްޔަން ކުރާ ބޭފުޅުންގެ ވިސްނުން ހުންނަން ޖެހޭނެ ގޮސް ރައީސް އޮފީހުގައި ވެސް ޓަކި ޖަހަން. އަދި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގައި ވެސް ޓަކި ޖަހާފައި ރާއްޖޭގެ ފުޓްބޯޅަ ރިވައިވް ކުރަންށޭ އަހަރެމެން މި އައީ. މިކަމުގައި ކަލޭމެން [އެ ކުންފުނިތަކުގެ] އެހީތެރިކަމާ ނުލައި ނެތޭ ވާކަށް."
ޖުލައި 2020 ގައި އެފްއޭއެމަށް އިންތިހާބުވި އެކްސްކޯ: އެ އެކްސްކޯގެ ދައުގައި ގިނަ މައްސަލަތަކެއް ފެންމަތިވި --- ފައިލް ފޮޓޯ: އެފްއޭއެމް
އެފްއޭއެމްގެ ފައިސާ މެނޭޖް ކޮށްފައި ހުރި ގޮތުން، އެ އެސޯސިއޭޝަނަށް ސްޕޮންސާ ދޭން ވިޔަފާރިވެރިން ޖެހިލުން ވެދާނެ އެވެ. އެއީ މީގެ ކުރިން މަޝްހޫރު ވިޔަފާރިވެރިޔަކު މެދުވެރިވެގެން ދިން އެއް މިލިއަން ރުފިޔާ ބޭނުންކުރުމުގައި އެފްއޭއެމުން ކަންކަން ކޮށްފައި ހުރި ގޮތުންނެވެ. އެ އެސޯސިއޭޝަނުގެ ކުރީގެ ވެރިންނަށް މަނީ ލޯންޑަރިން އާއި ހިޔާނާތް ވެފައިވާ ކަމުގެ ތުހުމަތު ކުރެވުމުން، ރާއްޖެ އަށް ދޭން ކަނޑައެޅި ފުޓްބޯޅައިގެ ޑިވެލޮޕްމެންޓް ފަންޑު ވެސް ފީފާ އިން ވަނީ މަޑުޖައްސާލައިފަ އެވެ.
ދެން ރާއްޖޭގެ ކުންފުނިތަކުން، ފުޓްބޯޅަ އަށް ފައިސާ ފޯރުކޮށް ދިނުމާ މެދު ދެވަނަ ވިސްނުމަކަށް ނުދާނެއެކޭ ބުނާކަށް ނޭނގެ އެވެ.
ނޯމަލައިޒޭޝަން ކޮމިޓީ އަށް އޮތް ގެންޖެހުމަކީ އެ އިތުބާރު އެފްއޭއެމަށް ހޯދައި ދިނުމެވެ. އެއް ވަނަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ދޭ ތިން މިލިއަނެއްހާ ރުފިޔާ ކްލަބްތަކުގެ ވެރިން އަމިއްލަ ބޭނުންތަކަށް ހަރަދު ނުކުރާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ކުންފުނިތަކަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ހޯދައި ދޭން ޖެހެ އެވެ. މުސާރަ ނުލިބިގެން ގައުމީ ފުޓްބޯޅަ ދަނޑުގައި ބިދޭސީ ކުޅުންތެރިން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ދެން ކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން އެފްއޭއެމާއި އެ އެސޯސިއޭޝަންގެ މެންބަރު ކްލަބްތަކުން ވެސް ދޭން ޖެހެ އެވެ.
އެފްއޭއެމްގެ އެތެރޭގައި ހިންގާފައި ހުރި ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތްތައް ތަހުގީގު ކުރުމުގައި ފީފާ އާއި ރާއްޖޭގެ ތަހުގީގީ އިދާރާތަކަށް ބާރު އެޅުމުގައި، ނޯމަލައިޒޭޝަން ކޮމިޓީން ފަހަތު ފަޔަށް ބުރަވެގެން ނުވާނެ އެވެ. ހިންގުމުގެ ނިޒާމުގައި ނަޒާހާތްތެރިވާނެ ކަމުގެ ޔަގީންކަން ނޯމަލައިޒޭޝަން ކޮމިޓީން ހޯދައި ދޭން ޖެހެ އެވެ.
ފީފާ އިން ނޯމަލައިޒޭޝަނަކާ ހަވާލު ކުރާނީ ވެސް އެ ޔަގީންކަމާއި އިތުބާރު އަލުން ރާއްޖޭގެ ފުޓްބޯޅަ އަށް ހޯދައި ދިނުމުގެ ގޮތުންނެވެ. އެކަމަކު ފުޓްބޯޅަ އާއި އެފްއޭއެމް މިހާރު އޮތް ހާލަތުން ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތް ވެސް ފަސޭހައެއް ނުވާނެ އެވެ. ކުރީ ދެ ފަހަރުގެ ތަޖުރިބާ އަދި އެއްޗަކަށް ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްއާބު
03 August 2024
ތިކަންކުރިމީހުންހޯދައި ގަނެފަހުރި ޕެންޓުހައުސްތަކާއި ކަޅާކޮށްފަހުރި ހަރުމުދާ ނީލަންކިޔައި ވިއްކާފަ އެފްއޭއެމަށް ޖަމާކޮށް ފުޓުބޯޅަކުރިއަރުވަންފަށާބަލަ. ނާޖާއިޒު ފައިސާއިން ހޯދާފަހުރިތަކެތި ހިފައިގެން ދިޔަދީގެނެއްނުވާނެ.ސ
ފޮނިޓައްޕު ހަސަނު
03 August 2024
ފީފާ އިން ކޮންމެ އަހަރަކު އެފް.އޭ.އެމް އަށް ދެނުންދާ 8 މިލިއަން ޑޮލަރު ފެން ފޮދަކާއި ނުލައި ދިރުވަމުންދާ 2 މީހުން ފޮޓޯ އިން ތިޔަފެންނަނީ. ފުޓްބޯޅަ މިރާއްޖޭގައި ހަލާކު ކުރުމުގެ 2 މޭސްތިރިން ތިޔަތިބީ ފެންނަން. ވަރަށް ދެރަ.
123354
03 August 2024
ސަރުކާރު މިކަމުގެ ތެރެއްށް ވަދެ އެފް.އޭ.އެމް. އުވާލަން ވީ. އޭގެފަހުން މޯލްޑިވިސް ޕުޓްބޯލް ފެޑުރޭޝަން އުފައެއްދަން ވީ. ދެން އަސާސީ ގަވައިދެއް އެކުލަވާލަން ވީ މުޅި ރާއްޖެ ހިތްސާވާޣޮތަށް.
ހަބޭސްތާ
03 August 2024
މިލިއުންނކިޔައިލުމުން ހަތަށް ތަޞައްވަރުބކުރެވެނީބހަމަ އެންމެނކަމެއް. އެމަޑީޕީ ވެރިކަމަށްނއަންނަ ކޮންމެ ފަހަރަކު ޤައުމު ދަރަނި ވެރިކަމުގެ އަނދަވަޅަކަށް ވެއްޓީ ފޫނެތް ޖާޑީއަކަށް ދައުލަތުގެ މުދާ އަޅާފައިވާކަން. މިތަނަކީ އެހެން ޕާޓީއެއްގެ މީހަކަށް ނިސްބަތްކޮށް ވެރިޔަކު ހުރިތަނެއްކަމުގެ މާބޮޑު ސިޔާސީ ވިސްނުމެއް މިތަނާމެދު ބެލިފައިވެސް ނުވާކަން. އެހެން ދާއިރާތަކުން ފައިސާ ނަގާފަހުރިގޮތް ބަލައިގެން ބައިއެޅިން ވެފައިހުރި ޚިނާތުން އަލީގެމައްޗައް އައްޔެއް
އެންމެ ބޮޑު ކޯޗް.
03 August 2024
އަފީފުގެ އައިޑިއާ އަށް އަހަރެން ވަރަށް ތާއީދު. މިހާރު ނުކުރިޔަސް ފަހުންވެސް އެކަންކަން ކުރަންޖެހޭނެ ކަން އިގޭއިރު ލަސްނުކޮށް އެބުނާ ބަދަލު މިހާރު ގެނައުން ރަނގަޅު ކަމަށް އަހަރެންވެސް ޤަބޫލު ކުރަނީ.
ފޫހިވެއްޖެ
03 August 2024
ރާއްޖޭގެ ފުޓުބޯޅަ މަތިން ފޫހިވެއްޖެ. އެއްވެސް އުންމީދެއް ނެތް ކޮރަޕްޓް ހާއްޔެއް.
އެދުރު1
03 August 2024
ހަޤީގަތަަށް ވާހަކަ ދައްކާނަމަ ބުނެވޭނީ ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެ ހިމެނޭހެން ލީގު ބޭއްވޭނަމަ ވަރަށް ރަގަޅުވާނެއެ. އެކަމަކު މާލެ ފިޔަވަވައި ރާއްޖޭގެ އެހެން ރަށްރަށުގެ ދިރިއުޅުމުގެ ހާލަތު ހުރީ ވަރަށްދަށުގައި. %90 ޒުވާނުން ވަޒީފާ އަދާކކުރަނީ ރިސޯޓްތަކުގައި. ވަޒީފާ ދޫކޮއްލާފައި ތިމުބާރާތެެއް ކުޅެން ފުރުޞަތެއް ނެތް
ނާދިރު
03 August 2024
އެންމެ ބޮޑު ގޮންޖެހުމަކީ އެފް އޭ އެމް ގައި އުޅޭ ބައްސާމް. އެއަށްވުރެ ބޮޑު ނުރައްކަލެއް ނެތް. އިންސާނެއްގައި ވިއްޔާ ލަދު ކިޔާ އިހއސާސެއް ހުންނަންވާނެ!
މަންމޫ
03 August 2024
ކޮބާ ދުވަސް ޖެހިއްޖެ ޔޭ ! އަދިވެސް ތި ކޮމިޓީ ލޮލަކަށް ނުފެނޭ؟ ކިހާ ވަރަކުން ދާނެބާ މިފަހަރު؟ހާދަ ސުލޯއޭ އުޅޭލެއް؟
ސުކާރ
03 August 2024
ގޭންގުތަކުން ސަލާމާތް ވެގެން ނޫނީ ކޮންމެ ބަޔަކު އަޔަކަސް މިކަމެއް ނުވާނެ. ކުޅޭނެ ހުރިހާތަނެއް ކަހަލަ ގޮތަކަށް އެމީހުން އަތުގަ. ފުޓުބޯޅަ ޑިސްކަވަ ކޮށްލާނެ ތަނެއް ނެތް ކުޑަ ކުއްޖަކަށް. އެކަޑަމީ އަކަށް ވަދެގެން ނޫނީ ނުވަތަ ގޭންގަކަށް ލާރިދީގެން ނޫނީ ނެތް ބޯޅަ ތަޅާލާނެ ތަނެއް ލިބޭކަށް ކުޑަކުއްޖަކަށް. ދެން ވެސް ހަމަ ބުނެލަން އޮތީ ތިޔަ ކުލަބުތައް ނަމުގަ ހުރި ގޭންގުތަކާ އެމީހުންނާ ފުޓުބޯޅާއާދުރު ކުރަން. ނެތް އެހެންނޫނީ މިކަމެއް ވާކަށް