03 އޯގަސްޓް 2024 - 07:45
ތުރުކީ އާއި ބަންގްލަދޭޝްގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމް މަނާކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ބަންގްލަދޭޝްގައި ވަނީ އިންސްޓަގްރާމްގެ އިތުރުން ވަޓްސްއެޕް އާއި ޓިކްޓޮކް އަދި ޔޫޓިއުބް ވެސް މަނާކޮށްފަ އެވެ.
ތުރުކީގެ ޓްރާންސްޕޯޓޭޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުލްކާދިރު އުރަލޮގްލޫ ރޮއިޓާސް އަށް ވިދާޅުވީ އެ ގައުމުގައި އިންސްޓަގްރާމް މަނާކުރީ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެފައި ވާތީ ކަމަށެވެ. އެކި ފަހަރު މަތިން އިންސްޓަގްރާމަށް އިންޒާރުތައް ދިނުމުން ވެސް ތުރުކީގެ ގާނޫނާއި ގަވާއިދުތަކާ އެ ޕްލެޓްފޯމުން ހިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންސްޓަގްރާމްއާ މަޝްވަރާ އެބަކުރެވޭ. އަހަރެމެންގެ ހުރި ކަންބޮޑުވުންތައް ވާނީ ހިއްސާކޮށްފައި. އެ ކަންކަން އިސްލާހުކުރީމަ އިންސްޓަގްރާމް އަލުން ހުއްދަކުރާނަން. މިއީ ގާނޫނާއި ގަވާއިދުތަކެއް ކަނޑައަޅާފައި އޮތް ގައުމެއް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ގާނޫނާއި ގަވާއިދާ ހިލާފަށް އިންސްޓަގްރާމް ކުރީ ކޮންކަމެއް ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.
ތުރުކީގައި އިންސްޓަގްރާމް މަނާކުރީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާނަށް ވަޑައިގެން އުޅުއްވަނިކޮށް މިދިޔަ ބުދަ ދުވަހު އަވަހާރަކޮށްލުމުން އޭނާއަށް ނިސްބަތްކޮށް އިންސްޓަގްރާމްގައި ޕޯސްޓުކުރާ ހަމްދަރުދީގެ ޕޯސްޓުތައް އެ ޕްލެޓްފޯމުން ބްލޮކް ކުރަން ފެށުމުން ތުރުކީގެ ސަރުކާރުގެ ބައެއް ވެރިން އެކަމަށް ފާޑުކިޔާފައި ވަނިކޮށެވެ.
ބަންގްލަދޭޝްގައި އިންސްޓަގްރާމްގެ އިތުރުން ވަޓްސްއެޕް އާއި ޓިކްޓޮކް އަދި ޔޫޓިއުބް މަނާކުރި ސަބަބެއް އެ ގައުމުގެ ސަރުކާރުން މިހާތަނަށް ބުނެފައެއް ނުވެ އެވެ.
މިދިޔަ މަހު ބަންގްލަދޭޝްގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ކުރި މުޒާހަރާތައް ހޫނުވެ، ގައުމު މަޝްރަހު ވަރަށް ބޮޑަށް ގޯސްވުމުން ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން އިންޓަނެޓުގެ ހިދުމަތް މެދުކަނޑާލައިފަ އެވެ. ނަމަވެސް، މިހާރު ވަނީ އިންޓަނެޓުގެ ހިދުމަތް އަލުން ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫސަރއެއް
03 August 2024
ޥ ރަނގަޅު، ހައްގުބަސް ބުނާތީ، ހަނިއްޔާއަށްދިނީ ތެރަރިސްޓް ހަމަލާއެއް. ޢަހަރެންވެސް އިސްތަރގުރާމް ދޫކޮއްލައިފިން