ޚިޔާލު / ދީން

އިސްލާމީ ނަޒަރުން އާއިލާގެ ވެރިޔާގެ މުހިންމުކަން

އާއިލާއެއްގެ ބަޔަކު ހިނގާފައި ދަނީ: އާއިލާ ދެމެހެއްޓޭނީ ދެމަފިރިން އެކަކު އަނެކަކަށް އިހުތިރާމް ކޮށްގެން.

އިސްލާމީ ނަޒަރުން ބަލާއިރު އާއިލާއަކީ ހަމައެކަނި ދެމަފިރިންނާއި އެ ދެމީހުންގެ ދަރިން އެކަންޏެއް ނޫނެވެ. ނަމަވެސް ބައްޕަ މަންމަ އާއި ކާފަ މާމަ އާއި އަޚުން އުޚުތުންނާއި ބޮޑުބޭބެ ބޮޑުދައިތައިންނާއި މި ނޫން ވެސް ގާތްތިމާގެ ނުވަތަ ރަހިމުގެ ގުޅުން އޮންނަ އެންމެން އާއިލާގެ ނަމުގެ ތެރޭގައި ޝާމިލުވެގެން ވެ އެވެ. އަދި ކައިވެނީގެ ސަބަބުންނާއި ގާތުން ކިރުދިނުމުގެ ސަބަބުން އާއިލާއާ ގުޅޭ އެންމެންވެސް އެއީ އާއިލާގެ ބައެކެވެ.

އާއިލާ އަކީ މުޖުތަމައުގެ ބިނާގެ ގަލެއް

މާތް ﷲ ގެ ވަހީބަސްފުޅުގެ މާނައިގައި ވެ އެވެ. "އަދި ﷲ ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި އަނބިން ލައްވައި އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން ދަރިންނާއި ދަރިންގެ ދަރިން ލައްވައި އަދި ރަނގަޅު ހަލާލު ތަކެތިން ތިޔަބައިމީހުންނަށް ރިޒުގު ދެއްވި އެވެ." (އައްނަޙްލު 72).

އެހެން އާޔަތެއްގެ މާނައިގައި ވެ އެވެ. "އަދި އެކަލާނގެއީ ފެނުން (އެބަހީ: މަނިފޮދަކުން) އިންސާނާ ހެއްދެވި ރަސްކަލާނގެ އެވެ. ފަހެ، އެކަލާނގެ އެ އިންސާނާގައި، ނަސަބާއި ޅިޔަން ފަހަރިކަމުގެ ގުޅުން ލެއްވި އެވެ." (އަލްފުރްޤާން 54).

ކީރިތި ރަސޫލާ ﷺ ހަދީސްފުޅު ކުރައްވާފައިވާ ގޮތުގައި ނަސަބުގެ ސަބަބުން ކައިވެނި ހަރާންވާ ފަރާތްތައް، ގާތުން ކިރުދިނުމުގެ ސަބަބުން ހަރާން ވާނެ އެވެ. (އެބަހީ މި ފަރާތްތައް ކަނޑައަޅާނީ ހަމަ ނަސަބުން ކައިވެނި ހަރާމްވާ ފަރާތްތަކާ އެއްގޮތަށެވެ.) މުޖުތަމައުގެ ތެރެއިން އެބަޔަކާ މެދު ހެޔޮކޮށް ކަންތައް ކުރުމަށް މާތް ﷲ އަމުރު ކުރައްވާފައިވާ ފަރާތްތަކުގެ ތެރޭގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި ގާތް އަވަށްޓެރިންނާއި މިލްކުވެގެންވާ އަޅުން ހިމެނެ އެވެ. (އައްނިސާއު 36).

މިގޮތަށް މި ފުޅާ މާނައިގައި އާއިލާ މާނަ ކުރެވުނަސް އިސްލާމީ ނަޒަރުން ބަލާއިރު އާއިލާ މުޖުތަމައަކަށް ނިސްބަތް ކުރާއިރު އެއީ ހަމައެކަނި މުޖުތަމައުގެ ވަކި އެއް ޔުނިޓެވެ. ނުވަތަ މުޖުތަމައުގެ ސެލް އެކެވެ. ނުވަތަ މުޖުތަމައުގެ ބިނާގެ އެއް ގަލެވެ. ނަމަވެސް މި ކުޑަކުޑަ ސެލް ގައި މުޖުތަމައެއްގެ ރުކުންތަކާއި އަސާސީ އުންސުރުތައް އިސްލާމްދީން ކަނޑައަޅަ އެވެ. އާއިލާގެ މެންބަރުންނަކީ ޖަޒުބާތީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި މާލީ ގޮތުން އެކަކު އަނެކަކާ ގުޅިފައިވާ ބައެކެވެ. މި ގުޅުންތައް އިންތިޒާމުވެގެން ދަނީ ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭ ހައްގުތަކަކާއި އަދާކުރަންޖެހޭ ވާޖިބުތަކެއްގެ ތެރެއިންނެވެ. އެހެންކަމުން ކޮންމެ އާއިލާއެއްގައި ވެސް މިކަންކަން އިންތިޒާމުކުރަން ވެރިޔަކު ހުންނަން ޖެހެ އެވެ.

އިސްލާމީ ނަޒަރުން އާއިލާގެ ވެރިޔަކީ ފިރިމީހާ

އިސްލާމް ދީނުގައި އާއިލާގެ ވެރިކަން ނުވަތަ އިސްވާރުކަން ދީފައި ވަނީ ފިރިމީހާ އަށެވެ. އަނބިމީހާގެ "ޤިވާމަތު" ފިރިމީހާ އަށް ލިބިގެންވާކަން މާތް ﷲ ބަޔާން ކުރައްވާފައި ވެއެވެ. އެކަލާނގެ ވަހީ ބަސްފުޅުގެ މާނައިގައި ވެ އެވެ. "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ، ބެލެހެއްޓުމުގައި ގާއިމު ވެގެން ތިބޭ ބަޔެކެވެ. (އެއީ) އެ އުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއް ބަޔަކު ﷲ މާތް ކުރައްވައި، އިތުރު ކުރައްވާފައިވާ ކަމަށް ޓަކައެވެ. އަދި، އެ އުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށް ޓަކައެވެ." (އައްނިސާއު 34).

އަދި ފިރިހެނާ އަކީ އޭނާގެ އަހުލުބައިތުންގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ މީހެއް ކަމަށް ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައި ވެ އެވެ. (ބުޚާރީ އާއި މުސްލިމް އާއި އެހެން ބޭކަލުން).

މިގޮތުން ފިރިމީހާގެ މައްޗަށް ލާޒިމުވާ ކަންކަމުގެ ތެރެއިން އެއް ކަމަކީ ކައިވެނީގެ ރަން ހިތުން ރުހުމުން ދިނުމެވެ. (އައްނިސާއު 4)

ދެ ވަނަ ކަމަކީ އެ މީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން އާއިލާ އަށް ހޭދަ ކުރުމެވެ. އަދި ރިޒުގު ލިބުމުގައި ދަތިކަމެއް ހުރި ނަމަ ﷲ ދެއްވި އެއްޗަކުން ހޭދަކުރުމެވެ. އެއްވެސް ނަފުސަކަށް އެ ނަފުސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން ނޫނީ ﷲ ތަކުލީފު ނުޖައްސަވަ އެވެ.

ތިން ވަނަ ކަމަކީ، އަނބިމީހާ އަށް (ދަރިފުޅުގެ މަންމަ އަށް) އެކަށީގެންވާ ހެޔޮގޮތުގައި ކާން ދިނުމާއި އަންނައުނު ދިނުން ދަރިފުޅުގެ ބައްޕަ އަށް ވާޖިބު ކަމަކަށް ވުމެވެ. (އަލްބަޤަރާ 233) މި ކަން ހައްޖަތުލްވަދާއުގެ ޚުތުބާގައި ކީރިތި ރަސޫލާ ﷺ ވެސް ތާކީދު ކޮށްދެއްވި އެވެ.

ހަތަރު ވަނަ ކަމަކީ، ޝަރުއީ ހަމައިން ފިރިންނަށް އަދާކުރުން އަނބިންގެ މައްޗަށް ވާޖިބުވެގެންވާ ފަދަ ކަންތައްތައް ފިރިންގެ ފަރާތުން ވެސް އަނބިންނަށް ހައްގު ވެގެން ވުމެވެ. (އަލްބަޤަރާ 228).

މިފަދަ ޒިންމާތައް އަދާކުރުމުގެ އިތުރުން އިޖުތިމާއީ ގުޅުންތަކާއި ދުނިޔަވީ ތަޖުރިބާތައް ލިބުމުގެ ފުރުސަތު ވެސް ގިނަ ފަހަރަށް ބޮޑީ ފިރިހެނުންގެ އެވެ. އަދި ގިނަ ކައިވެނިތަކުގައި އުމުރުގެ ގޮތުން ދޮށީ ވެސް ފިރިހެނުންނެވެ. އެހެންކަމުން އާއިލާގެ އިސްވާރުކަން އެންމެ އެކަށީގެން ވަނީ ހަމަ ފިރިމީހާ އަށެވެ.

ޤިވާމަތުގެ މާނަ އޮޅުވާލައިގެން ނުވާނެ

ނަމަވެސް ފިރިމީހާ އަށް އިސްލާމްދީނުގައި ދީފައި މިވާ ޤިވާމަތުގެ މާނަ އޮޅުވާލައިގެން ނުވާނެ އެވެ. ސަބަބަކީ މިކަން ފިރިމީހާ އަށް އިސްލާމް ދީނުގައި ދީފައި ވަނީ ވަރަށް ވަރުގަދަ ޝަރުއީ ހުކުމްތަކަކާއި މިންގަނޑުތަކެއްގެ ދަށުން ފިރިމީހާ އަށް ހަވާލު ކުރެވިފައިވާ ބޮޑު ޒިންމާ އެއްގެ ގޮތުގަ އެވެ. މިއީ ފިރިމީހާ ބޭނުންހާ ގޮތަކަށް އޭގެ ބޭނުން ހިފަން ދޭ ހުއްދައެއް ނުވަތަ ޝަރަފެއް ނޫނެވެ. މި ޤިވާމަތުގެ މާނައަކީ އާއިލާގައި ހިނގާ ހުރިހާ ކަމެއްގެ ވެރިކަމާއި ބާރު ފިރިމީހާ އަށް ލިބުމެއް ވެސް ނޫނެވެ. ޤިވާމަތު އޮންނާނީ ދެމަފިރިން ބައިވެރިވާ ކަންކަމުގަ އެވެ. އެހެންކަމުން އަނބިމީހާ އަށް ޚާއްސަ ކަންކަމުގެ ޤިވާމަތެއް ފިރމީހާއަކަށް ނޯންނާނެ އެވެ.

މިސާލަކަށް އަނބިމީހާ އަށް ލިބިފައިވާ މުދަލެއްގެ މައްޗަށް ފިރިމީހާ އަށް ބާރެއް (ނުވަތަ ޤިވާމަތެއް) ނޯންނާނެ އެވެ. އަދިކިއެއްތަ، މި ކަމުގައި ފިރިމީހާގެ އިޒުނައެއް ވެސް ހޯދާކަށް ނުޖެހޭނެ އެވެ. އެހެން ނަމަވެސް އާއިލާގެ އެންމެ އިސްމީހާގެ ހައިސިއްޔަތުން ލަފަ އާއި މަޝްވަރާ ދިނުމާއި ގޯސްކޮށް ހިނގާ ކަންކަން ރަނގަޅު ކުރުމުގެ ދަށުން މިފަދަ ކަމެއްގައި ދައުރެއް އަދާކުރަން ޖެހިދާނެ އެވެ. އެހެނީ ޤިވާމަތުގެ މާނައިގެ ތެރޭގައި ކުރިން ފާހަގަކުރި ފަދަ ޒިންމާތައް އުފުލުމުގެ އިތުރުން މަގު ދެއްކުމާއި ނަސޭހަތް ދިނުމާއި އިސްލާހު ކުރުން ފަދަ ކަންކަން ވެސް ހިމެނޭތީ އެވެ.

މިގޮތަށް ޤިވާމަތު މާނަކުރާ އިރު، ފިރިމީހާ އާއިލާގެ ކަންކަން އިންތިޒާމު ކުރަން ވާނީ މަޝްވަރާ އާއި ލޯތްބާއި އޯގާތެރިކަން ފަދަ މުހިންމު ގިޔަމު (ވެލިއު) ތައް ދަމަހައްޓައިގެންނެވެ. މިގޮތުން އާއިލާއާ ގުޅޭ ކަންކަމުގައި އަނބިމީހާއާ މަޝްވަރާ ކުރަން ޖެހޭނެ އެވެ. މިކަން ކީރިތި ޤުރްއާނުން އެނގެ އެވެ. (އައްޝޫރާ 38 އަދި އަލްބަޤަރާ 33). އަދި އަނބިން ލެއްވީ ފިރިންނަށް ހަމަޖެހުން (ސަކީނާ) ލިއްބައިދޭ ފަރާތެއްގެ ގޮތުގައި ކަމަށް ވާތީ އާއި މިކަމަށް އެހީތެރިވުމަށްޓަކައި ދެމަފިރިންގެ ދެމެދުގައި ލޯތްބާއި (މަވައްދާ އާއި) އޯގާތެރިކަން (ރަޙުމާ) ﷲ ލެއްވުން އެއީ ނިއުމަތެއް ކަމުގައި ވާތީ (އައްރޫމް 21).

މި ނިއުމަތް ދަމަހައްޓަން ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި އަންބިންނާ މެދު ނުރުހުނަސް އެކަށީގެންވާ ހެޔޮ ގޮތުގައި ނޫނީ އެކަނބަލުންނާ މުއާމަލާތު ކޮށްގެން ނުވާނެ އެވެ. ﷲ އަންގަވަނީ އެކަނބަލުންގެ ފުށުން ނުރުހޭ ކަމެއް ފެނުނަސް އެ ނުރުހޭ ކަމެއްގައި ފަހަރެއްގައި ﷲ ވަރަށް ގިނަ ހެޔޮކަންވެސް ލައްވަވާފައި ވެދާނެ ކަމަށެވެ. (އައްނިސާއު 19).

ޤިވާމަތުގެ ހަގީގީ މާނައާ އެއްގޮތަށް އެކަން ތަންފީޒުކުރުން

ވީމާ ޤިވާމަތަކީ ވަރަށް މުހިންމު އަސާސްތަކެއްގެ މަތީ އާއިލާގެ ވެރިކަން ކުރުމަށް ފިރިމީހާ އަށް ލިބިގެންވާ ކަމަކަށް ވާތީ މިކަން އަނބިމީހާ ގަބޫލު ކުރަން ޖެހެ އެވެ. އެހެނީ ޒަވާޖީ ހަޔާތް އިންތިޒާމީ ގޮތެއްގައި އޭގެ މަގުސަދުތައް ހާސިލު ކުރެވިގެން ދާނީ މިފަދަ ގޮތަކަށް އާއިލާ ހިންގަން ވެރިޔަކު ހުރެގެން ކަމަށް ވާތީ އެވެ. ވީމާ މިކަމުގައި އަނބިމީހާ ފިރިމީހާ އަށް އެއްބާރުލުން ދޭން ޖެހެ އެވެ. ފިރިމީހާ އަށް އިހުތިރާމުކޮށް، ގަދަރު ކުރަންޖެހެ އެވެ. އަދި ﷲ ގެ އަމުރަކާ ޚިލާފު ނުވާ ގޮތަށް ފިރިމީހާ ކުރާ އަމުރުތަކަށް ކިޔަމަން ވާން ޖެހެ އެވެ. ހަމަ މިއާ އެކު، އަނެއްކޮޅުން ފިރިމީހާ ވެސް އޭނާ އަށް ލިބިފައިވާ ޤިވާމަތަކީ އިޝާރާތް ކުރެވި ދިޔަ ފަދަ ގިޔަމުތަކާއި ޝަރުއީ ހަމަތަކާ އެކު އުފުލަންޖެހޭ ބޮޑު ޒިންމާއެއް ކަން ގަބޫލު ކުރަން ޖެހެ އެވެ. މި ގިޔަމުތަކާއި ޝަރުއީ ހަމަތަކާ އެއްގޮތަށް މެނުވީ ޤިވާމަތުގެ ބޭނުން އޭނާ ހިފައިގެން ނުވާނެ އެވެ.

މިގޮތަށް ދެމަފިރިން ވެސް ޤިވާމަތުގެ މާނަ ފަހުމްކޮށް އެއާ އެއްގޮތަށް ޤިވާމަތު ތަންފީޒު ކުރެވިގެންދާ ނަމަ އާއިލާ އަށް ހަމަހިމޭންކަން ލިބޭނެ އެވެ. އާއިލާގެ މަގުސަދުތައް ހާސިލު ކުރެވޭނެ އެވެ. އާއިލާގައި ލޯބި ދެމެހެއްޓޭނެ އެވެ. މައްސަލަތައް ދިމާވާ ވަގުތުގައި ވެސް އޯގާތެރިކަން އިސްކުރާނެ އެވެ. މި ހުރިހާ ކަމަކީ ހެޔޮ އުންމަތެއް ބިނާ ކުރުމަށްޓަކައި އެ އުންމަތުގެ ބިނާގެ ސެލް އަކަށް ލިބިގެންދާ މުހިންމު ތަރައްގީ އެކެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 86%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮވެލި

04 August 2024

ލިއުން ރަނގަޅު. އަދި ދީނުގައި ކަން އޮތް ގޮތްވެސް ރަނގަޅު. އެކަމަކު ޝަރީޢާ ގާނޫނުގެ އަސާސް އަކަށް ވެފައި އޮތް މިގައުމުގައި ކޯޓްތަކުން ޢަމަލު ކުރަނީ ތިހެނެއްނޫން.

The name is already taken The name is available. Register?

ބަޗާއޯ

03 August 2024

ޝުކުރިއްޔާ ވަރަށް ބޮޑަށް. މިއީ ވަރަށް މުނާސަބު އާޓިކަލެއް. އަޅުގަނޑުގެ ޒަވާޖީ ހަޔާތުގައި ދިމާވާ ވަރަށް ގިނަ ކަންކަމާ ގުޅިފައިވާ ވާހަކަތަކެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454