ޓްރާންސްޕޯޓް މިނިސްޓަރު އަމީން: ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ޑްރައިވަރުން ބުނޭ.
04 އޯގަސްޓް 2024 - 20:08
ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް މި ވަގުތު ފަށަން ނޫޅޭ ކަމާއި ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެންނާނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދެއްވުމުން ޑްރައިވަރުންގެ މުޒާހަރާ ހުއްޓާލައިފި އެވެ.
ހުޅުމާލެ 1 ގައި ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ އުމަރު ޒާހިރު ބިލްޑިންގްގެ ބޭރުގައި ޓެކްސީ ޑްރައިވަރުން މިއަދު ވަނީ އެ މީހުން އާމްދަނީ ހޯދަމުން އައި މަސައްކަތުގެ ތެރެއަށް ސަރުކާރުން ވަންނަން އުޅޭ ކަމަށް ބުނެ އަޑު އުފުލައިފަ އެވެެ. އެ މީހުން މުޒާހަރާ ކުރީ މިދިޔަ ހަފުތާގައި މިނިސްޓްރީން އެކުލަވައިލި "މާލެ ފަހި" ޕްލޭނުގައި ޓެކްސީ ލައިނެއް ފެށުމަށް ސަރުކާރުން ކަނޑައަޅައި އެކަން އިއުލާން ކުރުމުންނެވެ.
އެކަމަކު، ޑްރައިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އަމީ ވަނީ މިއަދު މެންދުރުފަހު، އެ މީހުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑު އައްސަވައިފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ޑްރައިވަރުން ބުނީ އެ މީހުންގެ ކަންބޮޑުވުމަކަށް ވީ، ސަރުކާރުން ޓެކްސީ ލައިނެއް ހެދުމުން އާމްދަނީ އަށް ނޭދެވޭ އަސަރު ކުރުމާއި ޓެކްސީގެ ހިދުމަތުގައި އުޅެވޭނެ މާހައުލެއް ނެތުމުގެ އިތުރުން ރޭގަނޑު ވެހިކަލްތައް ޓޯކުރާ މައްސަލަ ކަމަށެވެ.
އެކަމަކު މިނިސްޓަރު ވަނީ މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް އެ މީހުން މީޑިއާގައި ބުންޏެވެ. އަދި ޓެކްސީ ވިޔަފާރިއަކީ ސަރުކާރުން ވަންނަން ބޭނުންވާ ވިޔަފާރިއެއް ނޫން ކަމަށާއި މިހާރު ޕްލޭނުގައިވާ ކަމަކީ ދިރާސާއެއް ކުރުން ކަމަށް ޓެކްސީ ޑްރައިވަރުން ބުންޏެވެ.
ޓެކްސީ ޑްރައިވަރުންތަކެއް ހުޅުމާލެެ 1 ގައި މިއަދު މުޒާހަރާ ކުރަނީ.
"މި ވިޔަފާރިއަކީ ސަރުކާރުން އެއްވެސް ހާލެއްގައި ވަންނަން ގަސްދުކުރާ ވިޔަފާރިއެއް ނޫން. އެހެން ނަމަވެސް އެ ބޭފުޅުން [ޓްރާންސްޕޯޓް މިނިސްޓްރީ] ފާހަގަކުރި ގޮތުގައި އެކަމާ ގުޅޭ ސްޓަޑީއެއް ހެދުމަށްޓަކައި 1 ސެޕްޓެމްބަރުގައި ފަށާނެ،" ޑްރައިވަރަކު ބުންޏެވެ.
ޑްރައިވަރުން ބުނި ގޮތުގައި މިވަގުތު ސަރުކާރުން އެކަމަށް ބޭނުންވާ މައުލޫމާތު އެއްކުރި ނަމަވެސް އެ ހިދުމަތް ފެށުމަށް ދެ އަހަރެއްހާ ދުވަސް ނަގާނެ އެވެ.
"މަސައްކަތެއް ފަށަން އެކަމުގެ އެސެސްމަންޓާއި އެކަމަށް ބޭނުންވާ މައުލޫމާތު އެއްކުރަން ފެށުން މި އޮތީ އެކެއް ސެޕްޓެމްބަރުގައި. އެހެން ނަމަވެސް އެ ޓެކްސީ ފްލީޓަކީ އަދި ދޮޅު އަހަރެއް ދެ އަހަރެއްގެ ތެރޭގައި ފެށޭނެ ކަމެއް."
ޓެކްސީގެ ހިދުމަތެއް ސަރުކާރުން ފެށި ނަމަވެސް އެ ވިޔަފާރީގައި ތިބި މީހުންގެ ހިދުމަތަށް ބުރޫނާރާނެ ކަމަށާއި މާލީ ގޮތުން ދަތިވެފައި ތިބި ފަރާތްތަކަށް ވެސް އެ ހިދުމަތާ އެކު އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށް ޑްރައިވަރުން ބުނެ އެވެ.
އިތުރު ޑްރައިވަރަކު ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ހަތް ސީޓުގެ ވެހިކަލްތައް ދަތުރުކުރާއިރު، ނަގަނީ ކުރިން ނަގަމުން އައި ފީގެ 40 ޕަސެންޓް ކުޑަ އަގެއް ކަމަށެވެ. އެހެންވެ، އަގުތައް މުރާޖައާ ކޮށްދޭން މިނިސްޓަރު އަމީންގެ އަރިހުގައި އެދުނު ކަމަށް އެ ޑްރައިވަރު ބުންޏެވެ. އަދި އެއާޕޯޓުގެ ޓްރެފިކް މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން މިނިސްޓަރު ވަނީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
"މާލެ ފަހި" ޕްރޮގްރާމުގައިވާ ގޮތުން ޒަމާނީ އަދި ސަލާމަތީ ގޮތުން ރައްކާތެރި، ރިލަޔަބަލް ޓެކްސީލައިނެއް ތައާރަފުކޮށް ހިދުމަތް ދޭނެ އެވެ. އެ ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް، ދުއްވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ދޭނެ ކަމަށް ވެސް ޕްލާނުގައި ވަީ ކަނޑައަޅައިފަ އެވެ. އެ ޕްލޭނުގައި ބުނެފައިވާ ގޮތުން، ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިނަކީ މަދުވެގެން 25 ޕަސެންޓް ތިމާވެއްޓާ ރަށްޓެހި، އިލެކްޓްރިކް އުޅަނދު ބޭނުން ކޮށްގެން ފަށާނެ ޓެކްސީ ލައިނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީމާ
06 August 2024
ހުސްނޫގެއިން ވިއްކަމުންދާ ހެދިކާގެ ކޮލިޓީ ދުވަހުންދުވަހަށް ދަށްވަމުންދާތީއާއި ހެދިކާ ވިއްކާ އަގު ބޮޑުކަމަށް ފެންނާތީ އެސްޓީއޯއިން ހެދިކާ ހަދަން ފެކްޓަރީއަކާ ހެދިކާ ވިއްކަން ޝޮޕިންގ މޯލެއް އަޅަން ތައްޔާރުވަމުން. މި ޕްރޮޖެކްޓަށް 53.45 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ބެލެވޭ
މުކައްބަ
06 August 2024
ޓެކްސީ ތަށް އަދި ޕުރައިވެޓް ކާރުތަކަށް ވެސް އޫސޫލުތަގުތެރެއިން ބެލެހެއްޓިގެން ދެމެހެއްޓެނިވި ގޮތަކަށް ފައިދާވެފަ ހިދުމަތެއް ގެ ގޮތުގައި ސަރުކާރުން ބަލަހައްޓާ ހިދުމަތްދޭން ޝަރުތު ހަމަވާ ފަރާތްތަކަށް ހިލޭ ބޭނުން ކުރެވޭ ދަތުރު އެޕެއް އޮތުން މުހިންމު 1 އެޕައްލާރި ސެންޓަރަށް ލާރި 2 ކުންފުނިތަކުގެ ޑެލިވަރީވޭންތަށް ދުއްވާ ބޭރުމީހުން ވެސް ދަތުތައްޖެހީމަ އެބައާދޭ 3 އަގު ކޮންޓްރޯލު ކުރެވޭނީ ބަދަލެއް ނުވަތަ ފަސޭހަތަކެއް ދިނުމަށް ފަހު
ބޮޑުވަރު
06 August 2024
މި ސަރުކާރުގެ ވެރިން މަގާމްތަކަށް ކުފޫ ހަމަވޭތޯ، ދިރާސާ ކޮށްލަންވީ ނުންތޯ؟
ހުސެންފުޅު
05 August 2024
އަމީނަށް ތި ޔަގީންކަމެއް ތިހެން ނުދެވޭނެ. ސަރުކާރުން އަބަދުވެސް ވިސްނަންވާނީ ގިނަ ރައްޔިތުންގެ ލާބަޔާ މަންފާޔަށް. ތިގޮތައް ވަކި ބަޔަކު މުޒާހަރާ ކުރާއިރަށް އެމީހުން ބުނާގޮތެއް ހަދާދޭންވެއްޖެއްޔާ ދުވަހަކުވެސް މުޒާހަރާއެއް ނުހުއްޓުވޭނެ. ސަރުކާރުން ބަލަންޖެހޭނީ ޓެކްސީ ތަކުގެ ޚިދުމަތާ، އަގާ ޑްރައިވަރުންގެ އަމަލުތައް ހުންނަގޮތާމެދު ރައްޔިތުން ހިތްހަމަޖެހޭތޯ. ރައްޔިތުން ހޮތްހަމަ ނުޖެހޭނަމަ ސަރުކާރުން އެ ޚިދުމަތް ރައްޔިތުންނަަށް ދޭން ފަސްޖެހިގެންނުވާނެ.
ބެއްޔާގެ ދަރި
05 August 2024
ރޭސް ޖަހާ ކުދިންނާއި ގޭންތައް ދެކެ މި ސަރުކާރުން ވެސް ބިރުގަނޭ. ކުރީ ދުވަހު ސެންޓްރަލް ޕާކް ކައިރީގައި ހުރި ކާރުތައް ނަގަން ދިޔައީމާ ހީކުރިން ވަރަށް ކެރޭ ބޭފުޅެކޭ އިހްސާނަކީ. ބަޓް އެ ދުވަހު އެ ކުން ގޮސް އަޑުގަދަކޮށްލީމާ ނުކެރުނު އެކަން ކުރާކަށް. ހުއްޓާލާފައި ފުލުހުން ވެސް ދިޔައީ
މެލޭސިޔާ ހުސޭނު
05 August 2024
އެހެންވީމަ އެންމެންވެސް މުަޒާހަރާކުރަންވީ. 20 ވަރަކަށް މީހުން ނުކުމެ މުޒާހަރާކުރީމަ ސަރެކާރު ސައިޒްވީ. ތިޔަ ޓްކްސީ ޑްރައިރުން ވެއްޖެނު ތިޔަޚިދުމަތް ދޭއިރު އެހެން ގައުމުރަކުގައިވެސް އޮންނަގޮތަށް "ހަޔާތް ކުޑަގޮތް" ދޫކޮށްލާފަ ރީތިކޮށް ކުރަން. އޭރުން އާންމުންވެސް ޝަކުވާ އެއްނުކުރާނެ. އެންމެންވެސް އުފާވެފަ ތިބޭނީ. ތިވެސް ޚިދުމަތެއް، ބޭނުންހާ ގޮތަކަށް ކަންކަން ކުރަން އޮންނަ ކަމެއްނޫން.
ޑރ ވާންޗޯ
05 August 2024
އާންމު ރައިއްޔަތުންވެސް 5 އަހަރުވަންދެން ދިރާސާތަކެއްކުރާނެކަން ހަނދާންބެހެއްޓުން ބުއްދިވެރި.
ދަރި
05 August 2024
ޓެކްސީ އުވާލަން ޖެހޭ, އަދި ޤަވާޢިދާ ޚިލާފަށް ރެޖިސްޓްރީ ކޮށްގެން މާލެ، ހުޅުމާލޭގައި ގެންގުޅޭ ހުރިހާ ޕްރައިވެޓް ކާރުތައްވެސް އުވާލަން ޖެހޭ.
މައާޒް ހަމީދު
05 August 2024
ދިރާސާއެއް ކުރުމަށްފަހު ނޫނީ ޓެކްސީ ލައިން ތަޢާރަފުނުކުރުމަށް ނިންމި ނިންމުމަކީ ޒިންމާދާރު ގޮތެއްގައި ކަންކުރުން. މިހާރުގެ ޑްރައިވަރުންނަށް ކުރާނެ އަސަރު ވަޒަންކޮށް، އައު ނިޒާމު މިހާރު ހުރި ޚިދުމަތްތަކާއެކު ގުޅިގެން ކުރިއަށްދާނެ ގޮތެއް ބެލުމަކީ މުހިންމު ކަމެއް.
ޖަމަލި
05 August 2024
މީ ޓެކްސީ ޑުރައިވަރަކު ކުރި ކޮމެންޓެއް ކަމަށް ފެނޭ
ެއީމަން
05 August 2024
މާލޭ ގެ އެއްތަނުން އަނެއް ތަނަށް ދާން ޓެކްސީ އެއް ނުލިބޭނެ. އެކަމަކު ހުޅުމާލެ، އެއަރޕޯރޓް އެޕްލިކޭޝަން ގަ ޖަހާލާ އިރަށް ވަގުތުން ޓެކްސީ ލިބޭ. މިކަމަށް ވެސް ހައްލު ހޯދަން ޖެހޭ.