އާސަންދަ ކުންފުނީގެ އެމްޑީ ޒީނިއާ މަޖިލިހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ.
12 އޯގަސްޓް 2024 - 12:41
ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުން ދޭ ހިދުމަތުގެ އަގު ބޮޑު ކަމަށާއި އެކަން ހައްލުކުރުމަށް ޕެކޭޖުތަކެއް ހަދައި، އޭގެ ތެރެއިން އާސަންދަ ދެވޭނެ ގޮތްތަކެއް ތައާރަފުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ޒީނިޔާ އެހެން ވިދާޅުވީ، އަމިއްލަ ހޮސްޕިޓަލުތަކުން ހިތުހުރި އަގެއް ބިލް ކުރަމުން ދާއިރު، އެކަން ރިވައިޒް ކުރުމަށް އެއްވެސް މަސައްކަތެއް ކުރެވޭތޯ އެ ކޮމިޓީގެ މުގައްރަރު އަދި މާފަންނު މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދު ސުވާލު ކުރެއްވުމުންނެވެ.
"ނިކަމެއްޗަކު އެ ތަނަށް ވަނީމާ އެ މީހާ އަށް އެ ވަރުގެ ބޮޑު ބިލެއް އައީމާ، އޭނާ އަށް އެ ނުދެއްކުނީމާ އާސަންދަ އާއި އެންސްޕާ އަށް ފޮނުވާނީ. އާސަންދަ އާއި އެންސްޕާ އަށް ވެސް ވާނީ ވަކި ވަރެއް،" ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަނުން ނަގަމުންދާ އަގާ މެދު ހިތްހަމަޖެހިވަޑައިނުގެން އަސްމާ ވިދާޅުވި އެވެ.
އަސްމާގެ އެ ވާހަކަތަކާ ގުޅިގެން އާސަންދަ ކުންފުނީގެ އެމްޑީ ޒީނިޔާ ވިދާޅުވީ، އެކަމުގެ ކަންބޮޑުވުން މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވެސް ގުޅުއްވައި ހިއްސާ ކުރެއްވި ކަމަށެވެ. އެހެންވެ، މިނިސްޓަރުގެ ލަފާގެ މަތިން މިހާރު މަސައްކަތްތަކެއް ކުރައްވާ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރައިވެޓް ހޮސްޕިޓަލްތަކުން ދީފައިވާ ޕްރޮސީޖާ ކޮސްޓް ބޮޑެއް ނޫނެވެ. އެކަމަކު، ފައިނަލް ބިލް އަންނައިރު ބޮޑުވާތީ އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕްރައިވެޓް ސެކްޓާގައި ބޮޑުކޮށް މި ހުރީ ދެ ހޮސްޕިޓަލް. ޓްރީޓޮޕާއި އޭޑީކޭ. ފުދޭ ވަރަކަށް އަގު ބޮޑު އެ ތަންތަނުން. އަޅުގަނޑުމެންނަށް ދީފައި ހުންނަ ޕްރޮސީޖާ ކޮސްޓަކީ އެހާ ބޮޑު އަގެއް ނޫން. އެކަމަކު ލައިން އައިޓަމުން ފައިނަލް ބިލް އަންނައިރު ފައިނަލް ބިލް ބޮޑުވެގެން މިދަނީ،" ޒިނިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ދަނީ ފެކޭޖް ޕްރައިސްތަކެއް ހަދަން. ޕެކޭޖް ޕްރައިސް ހަދާފައި އަޅުގަނޑުމެންނަށް އެއްބަސްވާ އަގަކަށް ނޫނީ އެ މީހުންނަށް އެކަން ނުވާ ގޮތަށް،"
ސަރުކާރުން ހިންގާ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ބަދަލުގައި އަމިއްލަ ހޮސްޕިޓަލުތަކުން މީހުންނަށް ފަރުވާ ހޯދަން ޖެހެނީ އެ ތަންތަނުގައި ކިއު ދިގުވުމާއި ޑޮކްޓަރަށް ދެއްކޭނެ ފަސޭހަ އިންތިޒާމެއް ނެތުމުން ކަމަށް ޒީނިޔާ ވިދާޅުވި އެވެ. އެހެންވެ، "ޕެކޭޖް ޕްރައިސް" އަށް އެއްބަސް ނުވާ ނަމަ އެ ހިދުމަތް ނުލިބޭނެ ކަމަށް ބުނާއިރު ރާއްޖޭގެ ސިއްހީ ދާއިރާ އޮތީ ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ހާލަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރައިވެޓް ސެކްޓާގައި ބޮޑުކޮށް މި ހުރީ ދެ ހޮސްޕިޓަލް. ޓްރީޓޮޕާއި އޭޑީކޭ. ފުދޭ ވަރަކަށް އަގު ބޮޑު އެ ތަންތަނުން. އަޅުގަނޑުމެންނަށް ދީފައި ހުންނަ ޕްރޮސީޖާ ކޮސްޓަކީ އެހާ ބޮޑު އަގެއް ނޫން. އެކަމަކު ލައިން އައިޓަމުން ފައިނަލް ބިލް އަންނައިރު ފައިނަލް ބިލް ބޮޑުވެގެން މިދަނީ،"--- ޒީނިޔާ
"މިހާރު ގިނަ މީހުން އަވަހަށް ދައްކާލަން، އަވަހަށް ސާޖަރީ ހަދާލަން މިދަނީ ޕްރައިވެޓް ސެކްޓާ އަށް. އަނެއްކާ ރަށްރަށުން އަންނަ މީހުންނަށް ވެސް ބޮޑު ގޮންޖެހުމަކަށް ވޭ ތިބުމާއި ކެއުމުގެ ކަންކަމަށް. އެހެންވީމާ އަވަހަށް ދައްކާލެވޭނެ ގޮތަކަށް [ސިއްހީ ހިދުމަތް] ހޯދަނީ. ވަރަށް ބައިވަރު ލޫޕްހޯލްސް އެބަހުރި އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ،"
ޒީނިޔާ ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގައި ދިވެހިންނަށް ސިއްހީ ހިދުމަތް އަގު ބޮޑުކޮށް ދޭ ތަންތަނާ އެކު، އަގު ހެޔޮކުރުމުގެ މަޝްވަރާ ވެސް ކުރިއަށް އެބަދެ އެވެ.
އެ މައްސަލާގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވެސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނުގެ އަގު ވަރަށް ބޮޑު ކަމަށާއި އޭގެ ބުރަ އެންސްޕާ އަށް އުފުލަން ޖެހިފައިވާ ކަމަށެވެ.
ހީނާ ވިދާޅުވި ގޮތުގައި ނިއުރޯ ސާޖަރީ ފަދަ ބޮޑެތި ސާޖަރީތައް ކުރަނީ ޕްރައިވެޓް ހޮސްޕިޓަލުތަކުން އެކަންޏެވެ. ސަރުކާރުގެ ހޮސްޕިޓަލުތަކުގައި އެފަދަ ހިދުމަތްތައް ލިބެން ނެތް ނަމަ ހަރަދު ކުޑަނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، ރާއްޖޭގެ ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅު ކުރެވިގެން ނޫން ގޮތަކަށް އާސަންދަ އާއި އެންސްޕާގެ ހަރަދުތައް ކުޑަނުވާނެ ކަމަށް ހީނާ ވިދާޅުވެ އެވެ.
މިދިޔަ ޖޫން މަހުގެ ނިޔަލަށް އާސަންދައިން 1.7 ބިލިއަން ހަރަދުކުރި އެވެ. މިދިޔަ އަހަރު ނިމުނުއިރު އާސަންދައިން 2.4 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ. މިއަހަރު ނިމޭއިރު އެ އަދަދު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިންޒިނާ
12 August 2024
އާސަންދައިން މިއަދު ނުދީ އޮންނަ ފައިސާ އަހަރު ދެއަހަރު ފަހުން ދިނީމާ ވަނީ ގެއްލުން. އާސަންދައިން ފައިސާ ނުދިނީމަ އަމިއްލަ ތަންތަން ބަނގުރޫޓުވޭ. ލޯނު ނަގައިގެން ތަން ހިންގަން ޖެހެނީ. ފައިސާ ނުދޭތީ އާސަންދަ ޖޫރިމަނާ ނުވިޔަސް، އާސަންދައިން ފައިސާ ނުދިނީމަ ބޭންކުތަކުން އިންޓަރެސްޓް އަރާ ގޮތަށް ލޯނު ދިނީމަ ހަގިގަތުގައި ވަނީ ގެއްލުން. ފަހުން ފައިސާ ދިނަސް ވަނީ ގެއްލުން. އޭޑީކޭ އަށް އެހާލު ޖެހޭ އިރު އަހަރެމެން ކަހަލަ ކުދި ތަންތަން ކޮޅަށް ނުތެދުވެވޭ
ޓޮނިކްވޯޓާބްލޫ
12 August 2024
ޒީނިޔާ ކޮން ކަހަލަ ހަމަނުޖެހޭ ވާހަަކައެއްތޯ ތިޔަ ދައްކަވަނީ؟ އަމިއްލަ ތަންތަނުން ހިދުމަތްދޭނީ އެތަނަކަށް ފެންނަ އަގެއްގަ. ހިދުމަތް ހޯދުމާ ނުހޯދުމަކީ އެހެންކަމެއް. އާސަންދަ އެމްޕެނަލް ކުރަންޔާ އާސަންދައިން ބޭނުންވާ ވަރެއް ވަކި ހިދުމަތަކަށް ކަވަރު ކުރީމަ ނިމުނީ. މިހާރު ވެގެން މިއުޅޭ ގޮތަކީ، އާސަންދައިން ކަވަރު ކުރަން ބުނާ އަގަށް އެއްބަސްވެފަ، އެ އެއްބަސްވީ އަދަދު ނުދެވިގެން މިއުޅެނީ. މިއަދާ ހަމައަށް އޭޑީކޭއަށް 280 މ. ޓްރީޓޮޕަށް 230 މ. ނުދީ އެބައޮތް
ސަލީމު އިދުރީސް
12 August 2024
ވަރައްދެރަ އެއްވެސް ކަމެއް ރަނގަޅުކުރަން ނޭގި ކަރަފުސަނައް މަގުފަހިކުރަނީ
ގުދުގުދާބެއްޔާ
12 August 2024
ކުރަނީ ކުރަނީ ދިރާސާ ހަދަނީ ހަދަނީ ކުރެވޭ އެއްވެސް ކަމެއްނެތް! ދެން ކީއްކުރާ ސަރުކާރެއް!
ޖަހާމުގުރު
12 August 2024
އޭޑީކޭއާ ޓްރީޓޮޕަށް ދާމީހުންދާނެ ތިޔަ އާސަންދައެއް ނުދިނަސް. އިހަކަށް ދުވަހު އޭޑީކޭއިން އެބުނީ، އާސަންދައަށް ލާރި ނުދެވެންޠާ ކަނޑާލާށޭ. އާސަންދަ ނުދިނަސް ހެވޭ ހޮސްޕިޓަލް ހިނގާނޭ. އެހެންޏާ މިހާރުވެސް ސަރުކާރުން އޭޑީކޭއަށް ނުދީ އެބައޮތް 500 މިލިޔަން ރުފިޔާ. ގައިމު މީ ބޮޑުވަރުތާ. ސަރުކާރަށް ހިންގައިދޭ ބޮޑު ކްރެޑިޓް ލައިނެއްނު މީ.
ބަކުރުު
12 August 2024
މައުމޫނުގެ މަދަނަ އަށް އަލުން ބަދަލުކުރަންވީ. ރައްޔިތުމީހާ އަތުން ކުޑަ ޕަސެންޓެއް ދައްކާގޮތަށް. އޭރުން ރަނގަޅަށްހިނގާނީ.
ޚިޔާލެއް
12 August 2024
ފަންސަވީސްހާސްރުފިޔާއަށް ވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކަށް އާސަންދައިގެ ދަށުން ބޭސްކޮށްދޭކަށް ނުފެނޭ. އެކަމަކު އެފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ފަންސަވީސްހާސް ރުފިޔާއަށްވުރެ މަދުން އާމްދަނީލިބޭ އަނބި ދަރިންނަށް އާސަންދައިގެ ދަށުން ބޭސްކުރެވެން ޖެހޭނެކަމަށް ދެކެން.
ޖަހާމުގުރި
12 August 2024
ނަމެއްގަ ސެނަހިޔާއަކާއި، ނޫސަންދައެއް އެއްވެސް އިނދޭ. އެމް.އެން.ޑީ.އެފް އާއި ޕޮލިހާއި ހިތުވަރަކަށް ބިލް ދިނަސް ހިލޭ، އާންމު ސިވިލް ސަރވަންޓް ޖެހެނީ އަތުން ރުފިޔާ ދައްކާފައި ފަރުވާކުރަން، އެމީހުނަށް ލިމިޓް ނުކޮށް އަނެއްކާވެސް ސިވިލް ސާރވަންޓުންނަށް ދެރަގޮތް
މުޖައްރިބު
12 August 2024
ޕްރައިވެޓް ހޮސްޕިޓަލްތަކުންނާ ފާމަސީތަކުން އާސަންދަ ކަނޑާލައިގެންނޫނީތިޔަ ސިއްހީދާއިރާ ހަމައަކަށް ނޭޅޭނެ.
ނޫސުފް
12 August 2024
މިދިޔަ ސަރުކާރުގައި އާސަންދަ ލިބޭ މިސަރުކާރުގައި ނުލިބޭ ރާއްޖެއިން ބޭރުން އަސަންދަ ލިބުނު ހޮސްޕިޓަލްތަކުން މިހާރު ބޮޑެތި ބަލިތައް ތަހަންމަލުކުރާ މީހުންނައް އާސަންދަ ފުލްކޮއްނުލިބެނީ ތިބޭފުޅުން ހިންގަންމޮޅީތޯ ނުވަތަ ރައްޔިތުން ގަނަތަޅުވަން ބޭބުންވަނީތޯ ނުވަތަ ތިބޭފުޅުން ހިއްޕުޅާވާބަޔަކައްތޯ ދެނީ އުފެދޭ ސުވާލެއް
ލޮލްް
12 August 2024
މިދިޔަ ސަރުކާރުން ކުރިކަމަކީ ތަންތަން ރަހުނުކޮށްގެން އެކި ގައުމުތަކުން ލޯނުހޯދުމާއި ފައިސާ ޗާޕުކުރުން. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އުފެއްދުންތެރި ދެމެހެއްޓެނިވި ކަމެއް ނުކުރޭ. ހަމައެކަނި ކުރެވުނު ކަމަކީ އާންމުރައްޔިތުންނަށް ނޮހޮރުއްޕާންކުރަން ޓެކްސްބޮޑުކުރުމާއި ބާޒާރު ކޮތަޅުން ފީނެގުން. އެހެންވީމާ މިިދިޔަ ސަރުކާރުގައި އާސަންދަ ލިބެންޖެހޭނެއެއްނު. މިސަރުކާރު އޭގެ އިދިކޮޅު، އަތުގައި ހުރި އެއްޗަކުން ޚަރަދުތައް ހަމަޖައްސަމުން އެގެންދަނީ.
ސުންބުލް
12 August 2024
ތިއާސަންދައެއް ތައާރަފުކުރިފަހުން ސިއްހީ ހިދުމަތް ބޮއްސުންލައިގެން ހިނގައްޖެ. ކުރިން ކުލިނިކަކަށް އާސަންދަ ނުލައި ދެއްކޭވަރަށް މިހާރު އާސަންދައިގެ ދަށުންވެސް ދެއްކެނީ. ޔައުނީ އަތުންދާ ޚަރަދު ވަކި ކުޑައެއްނޫނޭ. އެކަމަކު އެކަމުން ކުލިނިކުތަކުގެ ފައިދާ ދަނީ ދެގުނަވަމުން. ކޮބާ ރައްޔިތުމީހާއަށް ލިބުނު ލުޔެއް. ސަރުކާރު ހޮސްޕިޓަލަކަށް ދައްކަންޏާ ޖެހެނީ ދިގު ކިޔޫއެއްގެ އެއްކޮޅުގައި މަޑުކޮށްލައިގެން ހުންނަން. ނަންބަރު ޖެހޭއިރު އޮންނަނީ ވާނެ ހައެތިވެފައި.