ފިލިޕީންސްގައި ދިރިއުޅޭ ދިވެހިން އެ ގައުމުގައި ބޭސްފަރުވާ އަށް ކުރާ ހަރަދުގެ ބޮޑު ބައެއް މާދަމާއިން ފެށިގެން މެރަނަ ސްކީމުގެ ދަށުން ދިނުމަށް ނިންމައިފި އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ ހިދުމަތްތައް އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

މެރަނަ ސްކީމުން ހިދުމަތް މިހާރު ދެނީ ސްރީ ލަންކާ، މެލޭޝިއާ އަދި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށެވެ.

އެއާ އެކު، މާދަމާ އިން ފެށިގެން އެ ސްކީމަށް ފިލިޕީންސް އިތުރުކޮށް، އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ބޭސްފަރުވާ ހަރަދުގެ 65 ޕަސެންޓާ ހަމައަށް އާސަންދަ ލިބޭނެ އެވެ.

ފިލިޕީންސްއަކީ ގިނަ އަދަދަކަށް ޕައިލެޓުކަމާއި ޑޮކްޓަރުކަން ކިޔަވާ ދިވެހި ދަރިވަރުން ތިބޭ ގައުމެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ނަފުސާނީ ބައްޔަށް ފަރުވާ ކުރުމަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުގެ ހިލޭ ބޭސްފަރުވާގެ ނިޒާމް އާސަންދަ އިން ލިބޭ ގޮތަށް ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން، ތެލެސީމިއާ ކުދިންނާއި މީހުންނަށް މާދަމާ އިން ފެށިގެން މަހަކު 2،000ރ. ދިނުމަށް މި ރަސްމިއްޔާތުގައި ވަނީ އިއުލާނު ކޮށްފަ އެވެ.