އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް: މި މަޖިލީހުން ރައްޔިތުންގެ ހައްގު ކަށަވަރުނުކުރާނެކަން ޔަގީންވެއްޖެ ކަމަށް ވިދާޅުވި
12 އޯގަސްޓް 2024 - 12:04
ސަރުކާރު ހިންގާ ޕީއެންސީއަށް ސުޕަ މެޖޯރިޓީ އޮތް މިހާރުގެ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ހައްގުތައް ކަށަވަރު ނުކޮށްދޭނެ ކަން މިއަދު ޔަގީންވެފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
މިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކުރި ފްލެޓާއި ގޯތި މައްސަލާގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހަށް ހާޒިރުކޮށް، ކުރި ސުވާލުތަކަށް ދެއްވި ޖަވާބާ މެދު ހިތްހަމަނުޖެހިގެން އެމްޑީޕީގެ މެމްބަރުން ވަނީ އިހްތިޖާޖްކޮށްފަ އެވެ.
މި އިހްތިޖާޖާ ހެދި ޖަލްސާ ކުރިއަށް ގެންދަން ހުރަސްއެޅުމުން މަޖިލީހުގެ ރައީސް ވަނީ އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ނަން އިއްވައިފަ އެވެ. އެކަމަކު ތަޅުމުން ނުނިކުންނަވައި، ކުރެއްވި އިހްތިޖާޖާ ގުޅިގެން މިއަދުގެ ޖަލްސާ މެދުކަނޑާލަން ވެސް ޖެހުނެވެ.
އޭގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ މަޖިލިސް މެންބަރުންގެ ޒިންމާއަކީ އަދި އެމްޑީޕީގެ މަޖިލިސް މެންބަރުން މަސައްކަތް ކުރަނީ ވެސް ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ސަރުކާރު ޖަވާބުދާރީކުރުވަން ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަން ސަރުކާރުން، އެމްޑީޕީގެ މެމްބަރުންނަށް ހުރަސްއަޅަމުންދާ ކަމަށް ނާޒިލް ވިދާޅުވި އެވެ.
"މިއަދު މަޖިލީހުގެ ރިޔާސަތުން އަމަލު ކުރި ގޮތުން އެބަ ސާފުވޭ މި މަޖިލީހުގެ ސުޕަ މެޖޯރިޓީއާ އެކު ޕީއެންސީ މެންބަރުންނާއި މަޖިލީހުގެ ބާރުވެރިކަމާ އެކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ނުދޭނެކަން ވަރަށް ސާފުކޮށް އެބަ އެނގޭ،" ނާޒިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވަމުން ގެންދެވީ ކަނޑުން ދޫކޮށްފައިވާ ގޯތިތަކެއް ހުރި ކަމުގެ ވާހަކަ ކަމަށާއި އެގޮތަށް ދޫކޮށްފައިވާ ގޯއްޗެއް ނޯންނާނެ ކަމަށެވެ.
ކުރީ ސަރުކާރުން ގޯތި ދޫކުރި ބައެއް ސަރަހައްދުތަކަކީ ވަރަށް ތިލަ ފަޅެއް ކަމަށާއި އެ ބިންތައް ހިއްކުމުގެ މަސައްކަތް އޭރު ސަރުކާރުން ބާރު ސްޕީޑްގައި ކުރަމުންދިޔަ ކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވި ގޮތުގައި އެ މަސައްކަތް ހުއްޓާލައި ފުށިދިއްގަރުފަޅަށް މުޅި ފޯކަސް މި ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތައް ދިނުން މަޑުޖެހިފައިވާ ކަމަށާއި އެ ގޯތިތައް ދޫކުރެވޭނެ ތާރީހެއް ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވުމަކީ އެމްޑީޕީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ނާޒިލް ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެސް މިނިސްޓަރު ހައިދަރު ކަންބޮޑުވުން ފާޅުކުރެއްވީ ކުރީގެ ސަރުކާރުން ބިންތައް ރައްޔިތުންނަށް ދީފައިވާ ގޮތުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ހުޅުމާލެ 2 އިން ވެސް ބިންތައް ދޫކޮށްފައި ވަނީ މަގުތަކަށް އަރާ ގޮތަށާއި އެކި ކުންފުނިތަކުން ސާމާނުތައް ބަހައްޓާފައި ހުރި ތަންތަނުންނެވެ. އަދި ކަނޑުންނާއި ފަޅުން ވެސް ގޯތިތައް ދީފައިވާއިރު، އެ ތަންތަނަށް ގޯތި ނުކިޔޭނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އިން ދޫކުރި ހުރިހާ ގޯތިތައް އެ ތަންތަނުގެ ވެރިފަރާތްތަކާ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަވާލުކޮށް ނިމޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
12 August 2024
ޢެމްޑީޕީ މަޖިލިސްމކޮންޓްރޯލްމކުރި އިރު ޚީއްކުރީ؟ އަނގަ ނުތަޅާ
މުނާޒު ޟޫސާ
12 August 2024
ވެރިކަން ވެއްޓުމުން ކަލޭމނެް ސަރުކާރައް ކުރީ ޖެއްސުންމިއަދުވެސް ރައްޔިތުން ގެހިއްތަކުގަ ވަނީ ބިންވަޅު ނެގިފަ
ހިތަދޫ ހުސެން
12 August 2024
ރައްޔިތުންނަކީ މާލެ ނިސްބަތްވާ މީހުން އެކަނިކަމަށް ބެލެވޭ މޭރުމުން މެމްބަރުން ވާހަކަ ދެއްކުން ބަލައެއް ނުގަނެވޭ. ހިތުހުރި ގޮތަކަށް ވެރިކަން ނިމެން ގާތް ވީމަ ކަނޑުން "ގޯއްޗޭ" ކިޔައިފަ ލިޔުން ދިނުމަކުން އަންނަ ސަރުކާރަކަށް މަޖުބޫރެއް ނުކުރެވޭނެ ވުޖޫދުގަ ނެތް އެއްޗެއް ނުވަތަ ތަނެއް ދޭން. ނާޒިލް ވެސް ދެން ހަމަ ޖެހިގެން އިށީނދޭ
ހަމަހިމޭން
12 August 2024
ފުރަތަމަ 5 އަހަރުން ދޭންބުނި ތަންތަން، ކަލޭމެން ވައުދުވި ކަމެއް އެކަން ނުކޮއްގޮސް. އެހެން މީހުނާ ދިމާލައް ތިކިޔަނީ ނުދެޔޭ ނޫންތޯ.
ދަވާލީ
12 August 2024
ރައްޔިތުންގެ ހައްގޭ، ރައްޔިތު މީހާގެ ޖީބޭ ކިޔައިގެން އައިސް ދިވެހިތާރީޚުގައި ދައުލަތް ނުދަރާވަރަށް ދަރުވާލާފައި އަދި އެވަރުން ނުވެގެން އެތައް ބިލިއަނެއްގެ ނޫޓު ޗާފުކޮށްފައި އެވެސް ކާލައިގެން ދިޔައީ. މިވަރުގެ ބަޔަކު ރައްޔިތުންގެ ހައްގޭ ކިޔައިގެން އަނެއްކާވެސް ރައްޔިތުންނަށް އަވާމެންދުރު ދައްކަން މިނުކުތީ. މިމީހުން ހެދުން ލައިގެން ތިއްބެއް ކަމަކު ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް.
ދޭހިލޭ
12 August 2024
ކޮންތާކު އޮތް ހައްގެއްތަ! ކަލޭމެން ގޯތި ދިނުމުގެ ނަމުގައި ގާނޫނުއަސާސީއާ ޚިލާފަށް އެތައް ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައި ތިތިބީ. ޤާނޫނުއަސާސީއާ ޚިލާށް އެތައް ބައިވަރު ރައްޔިތުންގެ ހައްގުތަށް ނިގުޅައިގަތް ބަޔަކު ރައްޔިތުންގެ ހައްގޭ ކިޔައިގެން ވާހަކަދައްކަން ލަދެއް ނުގަނޭތަ. ކަލޭމެން ހީކުރަނީ ދިވެހިރައްޔިތުން އަބަދު ކަލޭމެން ދައްކާ ނަނާ ހުވަފެން ބަލާނެ ކަމަށްތަ.
ލކލކ
12 August 2024
ރައްޔިތުންގެ ހައްގެއްނޫން ކަށަވަރު ނުވަނީ. ކަށަވަރު ނުވެގެން ތިއުޅެނީ ބަޔަކަށް ހުޅުމާލޭގެ އަގުބޮޑު ބިމުން ހިލޭ ދިން 4050 އަކަފޫޓުގެ ބިންތައް. މިހާރު ފައިސާ ހުއްޓަ އެތަންތާނގަ ގެސްޓް ހައުސްތައް ނުހެދިގެން ތިއުޅެނީ. ރައްޔިތުންގެ ތެރެއިން ރޓއައި އެއް ހުށަހަޅާބަލަ ހުޅުމަލޭން ބިން ލިބިން މީހުންގެ ލިސްޓް ހޯދަން. އެތައް ބިލިއަނެއް އިބްރާހީމް ހިލޭ ބަހާލީ ގާތް މީހުނަށް.
5878
12 August 2024
އިބްރާހީމް ހިކިފަސް ތާކުން ގޯތި ދީފަ އޮތީ ހުޅުމާލޭ ފޭސް 2 އިން. އެގޯތި ތަކުގެ ތެރެއިން 1250 ގެ މަދު ގޯއްޗެއް އާދައިގެ ރައްޔިތުންނަށް ލިބުނު. ދެން 4050 ގެ ހުރިހާ ގޯއްޗެއް ދީފަ ހުރީ އެމްޑީޕީ މަޖްލިސް މެންބަރުންނަށާ މޑޕ ވެރިކަމުގެ އާއިލާގެ މީހުނަށް.
89875
12 August 2024
މިނިސްޓަރ ހައިދަރު ކުރައްވަންވީ ކަމަކީ ހުޅުމާލޭން ގޯތި ލިބުނު މީހުނާއި އެމީހުންގެ ލިސްޓެއް ޝާއިއު ކުރަންވީ. ރައްޔިތުންނަށް އޭރަށް އެނގިގެންދާނެ ގޯތި ދިން އަސްލު ބޭނުން. ބަޔަކުހުޅުވާލޭގެ ބިން ނުގަނެ ގެސްޓް ހައުސް ހަދަން 4050 އަކަފޫޓުގެ ބިން ހިލޭ ދިނުންކަން ނިކަން ރީއްޗަށް ރައްޔިތުންނަށް ހާމަވެގެން އޭރަށް ދާނެ.
ލަދުގަނޭތަ
12 August 2024
އަޅެ މި މީނުންނަށް ކިޔޭ ނުކިޔޭ އެބަ އެނގޭތަ؟ ގައުމު ބަނގުރޫޓު ކޮއްފަ ތިބެގެން ކޮން ވާހަކައެއް ދައްކާކަށް. ވެރިކަނ ްނިމެނ ް2 ދުވަހަށް ވީމަ ކަނޑުން ފަޅުން ގޯތި ދީފަ ބޮޑު ފިތުނައެއް ފަތުރާފަ ގޮސް މޮޅެތި ވާހަކަ ދައްކާނަމޭ ހިތާ އުޅުނަސް ތިވާހަކަ ގަބޫލު ކުރާނެ ބަޔަކު ނެތް.