ނާޒިލް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ބެންޗާ ކުޅެނީ ސަރުކާރުން ބޭނުންވާ ކަންތައްތަކެއް ނުވެގެން ކަމަށް ވިދާޅުވި
25 ފެބުރުއަރީ 2025 - 13:09
ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު މަދުކުރަން މަސައްކަތް ކުރަނީ ސަރުކާރުން މި ވަގުތު ބޭނުންވާ ކަންތައްތަކެއް ކޯޓުގެ ތެރެއިން ނުކުރެވިގެން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ، ޝަރުއީ ދާއިރާ އަށް ސަރުކާރުތަކުގެ އިތުބާރު ގެއްލެނީ އެބަޔަކު ބޭނުންވާ ހިނދެއްގައި އެ ބޭނުންވާ ކަމެއް ނުކުރެވުމުން ކަމަށެވެ.
"މިއަދު މި އޮތީ އެ އިތުބާރު ގެއްލިފައި. އެއީ ސަރުކާރުން މި ވަގުތު ބޭނުންވާ ކަންތައްތަކެއް ކޯޓު ތެރެއިން ނުކުރެވުނީމަ އިތުބާރު ގެއްލުނީ. އިތުބާރު ގެއްލުނީމަ ކޯޓުތައް ސައިޒް ކޮށްލަންވީ މިއަދު މިއީ އެ ދުވަސް،" ނާޒިލް ވިދާޅުވި އެވެ.
"މި މަޖިލިސް މެންބަރުން ލައްވާ މިގޮތަށް މިކަން ކުރުވުމަކީ މެންބަރުންގެ ބޮލުގައި އެއިރަކު އޮންނަ ސަރުކާރަކުން އަބަދުވެސް އަޅުވާ ބޮޑު ސިންގާ ކަމެއް."
ނާޒިމް ވިދާޅުވީ ސަރުކާރުން ބޭނުންވާ ކޮންމެ ފަހަރަކު ކޯޓުތަކާ ކުޅެން ފުރުސަތު ދިނުމަކީ މަޖިލިސް މެންބަރުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އެކަމުގައި ބަދުނާމާއި އިލްޒާމް އެޅެނީ އަބަދުވެސް މެންބަރުންގެ ބޮލުގައި ކަމަށެވެ. އެ ޖަރީމާގެ ޒިންމާވާން ޖެހެނީ މަޖިލިސް މެންބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ އެހެން ގިނަ މެންބަރުން ވެސް ވަނީ މި ބަހުސްގައި ބައިވެރިވެ، ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމާ ދެކޮޅު ހައްދަވައިފަ އެވެ. މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލިސް މެންބަރުންނާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް ބެންޗު ބަދަލުކުރުން ވާނީ ސީދާ ނުފޫޒު ފޯރުވުމަށެވެ.
މި ބިލާ މެދު ޕީއެންސީގެ ތެރޭގައި ހިޔާލު ވަނީ ތަފާތުވެފަ އެވެ. އެ ބިލާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕީއެންސީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސާޅީހަކަށް މެމްބަރުންގެ ތެރެއިން މަދު ބޭފުޅުންތަކެއް ހިޔާލު ތަފާތުވި ކަމަށް ވެ އެވެ. އެ ބޭފުޅުންގެ ކަންބޮޑުވުމަކަށްވީ މުހިންމު މައްސަލައެއްގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެފަދަ ބަދަލެއް ގެނައުމެވެ.
ނަމަވެސް. މިއަދުގެ ބަހުސްގައި ބައިވެރިވި ޕީއެންސީގެ މަދު މެންބަރުން ވަނީ ބިލަށް ތާއިދު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި މި އިސްލާހު މަޖިލީހުން ފާސްކުރާނެ އެވެ.
ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ބިލަށް ތާއީދު ކުރައްވައި، މަޖިލީހުގައި ބަހުސް ކުރުމަށް މެންބަރުންނަށް އަންގަވައިފަ އެވެ. ޕީޖީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕަށް ފަލާހު ރޭ ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި ސައްތާރުގެ ބިލަށް ތާއިދު ކުރަން އެ ޕާޓީގެ ލީޑަޝިޕުން ވަނީ ނިންމައިފަ އެވެ.
ކޯޓުތަކުގެ ގާނޫނަށް މެންބަރު ސައްތާރު އިސްލާހު ހުށަހަޅުއްވާފައިވަނީ ފަނޑިޔާރުންގެ އަދަދު ފަހަކަށް ތިރިކޮށް، ބިލް ފާސްކުރާތާ ހަތް ދުވަސް ތެރޭ، ފަނޑިޔާރު ކަމަށް ގާބިލް ނޫން ދެ ބޭފުޅުން މަގާމުން ވަކިކުރުމުގެ ހުރިހާ ކަމެއް ނިންމުމަށެވެ.
ސަރުކާރުގެ ތާއީދާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލު ވާހަކަ ފެށުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމާރުބެ
25 February 2025
ކަލޭމެން އެތަނުން ބަޔަކު ބަދަލުކޮށްފާނެތީ އަތާއި ފަޔަށް ހިނި ތި އަރަނީ ކަލޭމެން ބޭނުން ގޮތަށް ކަންކަން ނުވެދާނެތީ ނޫންތަ؟ ކޮބާ ތަފާތަކީ؟
އަސޭލަ
25 February 2025
ބެންޗުއެކަންޏެއްނޫން މުޅިރާއްޖެއޮތީ އެންމެނުރައްކާތެރި ސިޔާސީ އޮއިވަރުގަޖެހި ހަމަމަގަށް ނުއެޅުވޭވަރުވެފަ. ރިޝްވަތާއި ކޮރަޕްޝަނާއި ފިތުނައިން ފުރިބާރުވެފަ. މިހާރުގެ ސުޕްރީމްކޯޓާއިމެދު ރައްޔިތުން ދެކޭގޮތާއި ވެރިކަމުގެ ވަކިބަޔަކުދެކޭގޮތުގައި ތަފާތުތަކެއް އުޅޭކަމުގަބެލެވޭ. އެޅިހައިބަތަކަށް ރިހަނުވަންޏާ އެކަކަށްވެސް ކަމަކުނުދާނެ.
ކިހިނެއް
25 February 2025
އެމްޑީޕީ ވެރިކަމުގަ މުޅި ބެންޗް ބަދަލުކުރީ އެއީ ކީއްކުރަންތޯ ސުވާލު އުފެދޭ. މިހާރު އުޅެނީ 2 މެންބަރުން ވަކިކުރަން އެއްކޮއް ބަދަލުކުރާކައް ނޫން
މުސްތަފާބެ
25 February 2025
އިބްރާހިމް ހުޅުމާލެ ފޮތިފޮތި ކޮށްފަ ވަކި ގަބީލާ އަކަށް ބެހީ ، ކޮން ކަމެއްގަތަ ؟
ކަޅެބިތެ
25 February 2025
ތިޔަހެން ކަމަށް ވަންޏާ، ތިޔަބުނާ ބެންޗަކާ ކުޅެން ދަސްކޮށްދިނީ ތިޔަ ޕާޓީން. އެހެންވީމާ ކޮބާ ކަންބޮޑުވާންވީ ކަމަކީ. ކުޅެންޖެހޭ ގޮތަށް ކަންކަން ކުރަންޏާ ކުޅެންވެސް ޖެހޭނެ. ގޯލުވެސް ޖަހާންވާނެ. ޕެނަލްޓީވެސް ޖަހާނެ.
ކަހެރުވައް
25 February 2025
ތިކަމުން މަށަށް އެނގުނު ކަމަކީ ސުޕްރިމް ކޯޓަކީ މަޖިލީހަށް ވަރަށް މުހިއްމު އަދި އެހާމެ ބާރުގަދަ ތަނެއްކަން. ސުޕްރިމް ކޯޓާ ނުލާ މަޖިލީހަށް ނޭވާވެސް ލެވެން ނެތްކަން.
ނިހާދު އިސްމާއިލް
25 February 2025
އަހަންނަކަށް މިވެރިކަމަށް މިވީ 1 އަހަރާ 4 މަހުގަ އަދި ނުފެނޭ ތިބުނާ ކަހަލަ އެއްވެސް ކަމެއް. ނާޒިލްމެން ސިޔާސީ ގޮތުން ދައްކަފާނެ ހަމަ ކޮންމެ ކަހަލަ ވާހަކައެއްވެސް.
އަޒްމީން އަބްދުﷲ
25 February 2025
އަހަރުމެންށް ފެނުން ބޭނުން ގޮތަކަށް ހުކުމް ނައިސްގެން އެމްޑީޕީއިން މުޅި ސުޕްރީމް ކޯޓްގެ ބެންޗް ބަދަލްކުރިތަން. ލައިވް ޓީޥީގަ އެމީހުންގެ ވާހަކަ ދައްކާފަ. ދެން؟
ދީނާ ސަވާދު
25 February 2025
ހާދަ މަޖާވާހަކައެއް ތިދައްކަނީ. ވެރިކަމަށް އައިގޮތަށް މުޅި ސުޕްރީމް ކޯޓްގެ ބެންޗް ބަދަލްކުރި ބަޔަކު ތިއީ.