ޑީޑީ ސަސްޕެންޑު ކުރަން ނިންމި މައްސަލާގައި މަޖިލިހުގެ ތަޅުމުން ގޮތެއް ކަނޑައަޅަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމި ނިންމުމުގައި ގާނޫނީ ބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި އެ މައްސަލައިގެ ގޮތެއް ކަނޑައަޅައި ދިނުމަށް އެދި މަޖިލިހުގެ ތަޅުމަށް ރޭ ފޮނުވައިފި އެވެ.


ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީގެ މެމްބަރުން ދެއްކެވި ވާހަކަތަކަށް ބެއްލެވުމަށް ފަހު، އެ ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ ޖޭއެސްސީގެ ގާނޫނީ އިހްތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރަން ހުރަސް އަޅާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ކަމަށް ވާއިރު، އެ ޕާޓީ އޮތީ ޖޭއެސްސީ ފަޅީގަ އެވެ. އެހެންވެ، މަޖިލިހުގެ ތަޅުމުން ފާސްވާނެ ކަމަށް ބެލެވެނީ އެމްޑީޕީ ބޭނުންވާ ގޮތަށް އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ދެކޮޅަށެވެ.

ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، ޖޭއެސްސީން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާ ނިންމުންތަކަކީ ގާނޫނީ ބާރު ފުރިހަމަ އަށް އޮތް ނިންމުންތަކެކެވެ. އެހެންވެ، އެ ކޮމިޝަނުން ނިންމި ނިންމުންތަކުގައި ގާނޫނީ ބާރު އޮތް ކަމަށް މަޖިލިހުން ކަނޑައަޅަން ޖެހޭ ކަމަށް ބުނެފައި ވެ އެވެ. ރިޕޯޓުގެ މި ބަޔަށް ހަމައެކަނި ދެކޮޅު ހެއްދެވީ ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސައިނެވެ.

ޖުޑިޝަރީ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިޕޯޓުގައި ވަނީ ދައުލަތުގެ އެހެން މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ގާނޫނީ އިހްތިސާސްގެ ތެރެއަށް ނުވަނުމަށް ސުޕްރީމް ކޯޓަށް މަޖިލީހުން އިލްތިމާސް ކުރަން ހިމަނައިފަ އެވެ.

ކޮމިޓީގައި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޖޭއެސްސީ އަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވަމުންދާ ކަމަށް ކޮމިޝަންގެ ގިނަ މެމްބަރުން ތަކުރާރުކޮށް ފާހަގަކުރެއްވި ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ އަމަލުގެ ސަބަބުން، ގާނޫނުއަސާސީން ޖޭއެސްސީއާ މަތިކޮށްފައިވާ ޒިންމާ އަށް ހުރަސް އަޅާފައިވާ ކަމަށް ޖީހާން ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، ރާއްޖޭގައި އަދުލު އިންސާފު ނުލިބިގެން އުޅެނީ ސުޕްރީމް ކޯޓުން އެކަމަށް ހުރަސް އަޅާތީ ކަމަށެވެ. ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު ޖޭއެސްސީ އަށް ލިބޭ އިރު، އެ ބާރަށް އަރައިގަތް ބަޔަކީ އެ ކޯޓު ކަމަށް އޭނާ ވިދާޅުވި އެވެ. ސިރާޖު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ބުނާ ބާރެއް ބޭނުން ކުރުމަކީ ދުސްތޫރާ ހިލާފު ކަމެއް ކަމަށް ކޯޓަށް ނުނިންމޭނެ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ރޭގެ ބައްދަލުވުން ކުރިއަށް ގެންދަނީ--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމަލުތަކުން ޖޭއެސްސީގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅިފައިވާ ކަމަށެވެ. އެކަމަކު، މުއައްސަސާއަކުން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް މަޖިލިހުން ކަނޑައެޅުމުގެ ބާރެއް ނެތް ކަމަށް ވިދާޅުވެ، އެ ކޮމިޓީ ރިޕޯޓުގެ އެ ބަޔަށް އޭނާ ވަނީ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި އެވެ.

ޖޭއެސްސީން ޑީޑީ ސަސްޕެންޑްކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ ސަސްޕެންޝަނަށް އަމަލު ކުރުން ހުއްޓުވައި، އިތުރު ފިޔަަވަޅެއް ނާޅަން އެ ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރު ދެމި އޮތުމުން ޑީޑީ މިހާރު ގެންދަވަނީ ރަސްމީ މަސައްކަތަށް ނުކުމެ ވަޑައިގަންނަވަމުންނެވެ.