ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ހަނި މޮޅެއް، އެކަމަކު މާޒިޔާ އަށް ބޮޑު ލީޑެއް

މާޒިޔާގެ އުމެއިރު (ކ) އާއި މުލަކޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ. މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ހަނި ގޮތަކަށް 2-1 އިން މޮޅުވެ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ތާވަލުގެ ކުރީގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގައި މާޒިޔާ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިވާއިރު އެ ޓީމު އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. އެއް މެޗު މަދުން ކުޅެފައިވާ އީގަލްސް ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. މާޒިޔާގެ ކޯޗު އަލީ ސުޒޭނުގެ ކޮއްކޮ މުހައްމަދު ނަޒީހު ކޯޗުކޮށްދޭ ވިކްޓަރީ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު ލީގު އަލުން މިރޭ ފެށިއިރު، ދަނޑުގައި ތިބީ ސަތޭކައެއްހާ ސަޕޯޓަރުންނެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ ހާފުގައި މާޒިޔާގެ އަތުގައި މެޗުގެ ކޮންޓްރޯލް އޮވެ އަދި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު އެ ޓީމުން ވަނީ 10 ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. ވިކްޓަރީގެ ގޯލްކީޕަރު އިބްރާހިމް އަރީފު ބޯޅަ ހިފަން އުޅުމުގެ ތެރޭ އަނިޔާވެ އޭނާ އަތުން ބޯޅަ ދޫވިއިރު އެ ބޯޅަ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލީ އަސަދުﷲ އަބްދުﷲ އެވެ. އެ އަނިޔާއާ އެކު އިފްރާހު ވަނީ ބާލައިފަ އެވެ.

ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި މާޒިޔާގެ ފްރާންސް ފޯވާޑް މައިކަލް ޖޯސެފް އެކަނިމާއެކަނި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ފޮނުވާލި ބާރު ޝޮޓް ވިކްޓަރީގެ ބަދަލު ކީޕަރު ތޮލާލް ހަސަން ވަނީ މަތަކޮށްފަ އެވެ.

މާޒިޔާގެ ޖޯސެފް (ވ) އަތުން ބޯޅަ ހޯދަން ވިކްޓަރީގެ ޝިމޯނޯ މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އިން ލީޑު ފުޅާކުރީ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި މުހައްމަދު އުމެއިރު ޖެހި ލަނޑުންނެވެ. އަނިޔާގައި ގިނަ ދުވަސްތަކަކު ހުރުމަށް ފަހު އަލުން ކުރީގެ ފޯމަށް އެޅެމުން އަންނަ އުމެއިރަށް، އޭރިއާ ބޭރުން ލިބުނު ބޯޅަ އޭނާ ގޯލަށް ވައްދާލީ އެއް ފަހަރުން ޖަހަ އެވެ.

މި ލަނޑަށް ފަހު ވިކްޓަރީން ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހި މާޒިޔާ އިން ބާރުބޮޑުކުރަން ފެށި އެވެ. އެ ޓީމަށް އުއްމީދެއް ގެނެސްދިނީ އޮމޮޑު ގޮޑްފްރޭ ވެސްޓެވެ. އޭނާ 60 ވަނަ މިނެޓުގައި ގޯލް ޖަހައި ތަފާތު ކުޑައިރު ފަހު ވަގުތު އެއްވަރުކުރަން އެ ޓީމަށް ފުރުސަތު ލިބި ވަނީ ބޭކާރުވެފަ އެވެ.

ފުރަތަމަ ތިން މެޗުން ބައިކޮޅަށް 12 ލަނޑު ވަދެފައިވާ ވިކްޓަރީން މިރޭ ވަނީ ކުރިއަށް ވުރެ އިތުބާރާ އެކު ކުޅެފަ އެވެ. އެ ޓީމުގެ ކޯޗު ނަޒީހު ވެސް ބުނީ ހުރިހާ ކަމެއް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ހަމައެކަނި މައްސަލައަކީ ތިން ޕޮއިންޓް ނުލިބުން ކަމަށެވެ.

"ފުރަތަމަ ހާފުގައި ކޮންމެވެސް ވަރަކަށް ގޭމުގެ ތެރެއަށް ނުވަދެވި ދިޔައީ ހާއްސަކޮށް ކީ ޕްލޭޔަރުންނަށް. އަނެއްކާ ވަރަށް އާދައިގެ ގޯލެއް ވަނީ. ދެ ވަނަ ހާފުގައި ރަނގަޅު ކުރި ވަރަށް ބޮޑަށް. ހަގީގަތުގައި މެޗަށް ނުކުތީ ވެސް މާޒިޔާގެ ޕްލޭނުގައި ހުރި ކަންކަމުގެ ތެރެއިން އެ ޓީމަށް ވޯކްނުކުރާ ކަންކަން ފާހަގަކޮށް އެޔަށް ފޯކަސް ކޮށްގެން، އޭގެ ފައިދާ ނަގަން،" ނަޒީހު ބުންޏެވެ.

ވިކްޓަރީގެ ކޯޗު ނަޒީހު (ކ) އިރުޝާދު ދޭއިރު މާޒިޔާގެ ކޯޗު އަދި އޭނާގެ ބޭބެ ސުޒޭން (ވ). --ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިން ވިކްޓަރީ އަށް ކުޅުނު މިޑްފީލްޑަރު ބުނީ ފުރަތަމަ މެޗުތަކުން ދަށް ނަތީޖާތަކެއް ނުކުތުމުން ކުޅުންތެރިންގެ އިތުބާރު ކުޑަވި ކަމަށާއި މި މެޗާ އެކު އަލުން އިތުބާރު ހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ވިކްޓަރީ އަކީ ވަކިވަކި ކުޅުންތެރިންނަށް ވުރެ ޓީމެއްގެ ގޮތުގައި ކުޅޭ ޓީމެއް. އެކަން މި ދެ މެޗުން ވެސް ފެނުނު،" ނަޒީހު ބުންޏެވެ.

އޭނާގެ ބޭބެ އަދި މާޒިޔާގެ ކޯޗު ސުޒޭން ބުނީ ޓީމުގެ ގިނަ ކުޅުންތެރިން ގައުމީ ޓީމަށް ދޫކޮށްފައި ތިބުމުން މިދިޔަ ވިއްސަކަށް ދުވަހު އޭނާގެ ޓީމުން ޕްރެކްޓިސް ކުރީ ހައެއްކަ ކުޅުންތެރިން ގޮވައިގެން ކަމަށާއި އެފަދަ ހާލަތެއްގައި އޮތް ނަމަވެސް ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.

"ވިކްޓަރީން މިދިޔަ 25 ދުވަހު ވެސް ޕްރެކްޓިސް ކުރީ މުޅި ޓީމު އެއްކޮށް. މާޒިޔާގެ މުޅި ޓީމު އެއްކޮށް ޕްރެކްޓިސްކުރަން ލިބުނީ ދެ ދުވަސް. އެހެންވީމާ ވިކްޓަރީން ނުކުމެ ރަނގަޅު ފައިޓެއް ދިނީމާ އަޖާއިބު ވާކަށް ނުޖެހޭ. މާޒިޔާ އިން މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދަން. އެކަން ހާސިލްވެއްޖެ،" ސުޒޭން ބުންޏެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 10%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454