އިލްމީ ދިރާސާތަކާ ގުޅޭ "ތެވެލި ކޮންފަރެންސް"ގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ: ގައުމު ކުރިއެރުވުމުގައި ދިރާސާތަކުގެ ބޭނުން ހިފުން މުހިއްމު ކަމަށް ވިދާޅުވި. -- ފޮޓޯ | ރައީސް އޮފީސް
19 އޯގަސްޓް 2024 - 12:19
ތަރައްގީ އާއި ކުރިއެރުން ހޯދޭނީ ދިރާސާކޮށްގެން ކަމަށާއި ސިޔާސަތުތައް އެކުލަވާލެއްވުމުގައި، ގައުމުގެ ކުރިއެރުމާ ގުޅިފައިވާ އެކި ދާއިރާތަކުން ހަދާ ދިރާސާތަކުގެ ބޭނުން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިލްމީ ދިރާސާތައް ހުށަހަޅައި އެ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާ، ގައުމީ ޔުނިވަސީޓިގެ "ތެވެލި ކޮންފަރެންސް"ގައި ރައީސް ވިދާޅުވީ، ދިރާސާކުރުމަކީ އިންސާނުން ކުރިއަށް ދާން އޮތް މަގު ކަމަށެވެ. ކުރިއެރުން ހޯދުމާއި ކާމިޔާބު ނިންމުންތައް ނިންމުމުގައި ވެސް ދިރާސާތައް މުހިއްމު ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަރައްގީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރަން ލޯބިކުރާ މުޖުތަމައެއް ބިނާކުރަން މި ސަރުކާރުން މަސައްކަތް ކުރާނެ އެވެ. ސަރުކާރުގެ ކޮންމެ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ޕްރޮފެޝަނަލް ނިންމުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިރާސާތަކަށް ބަލައި ސިޔާސަތުތައް ކަނޑައެޅުމާއި ނިންމުންތައް ނިންމުމަކީ، އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ވެސް ގައުމުގެ ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށެވެ.
ތެވެލި ކޮންފަރެންސްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: އެ ކޮންފަރެންސްގައި، ދިރާސާކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ރައީސް ވާހަކަފުޅު ދެއްކެވި. -- ފޮޓޯ | ރައީސް އޮފީސް
ގައުމުގެ މިހާރުގެ ހާލަތު ބަދަލު ކުރުމުގެ އިތުރުން ކުރިއަށް އޮތް މުސްތަގްބަލުގެ ހާލަތު ބަދަލު ކުރުމަށް ވެސް އިލްމުވެރިންގެ ދިރާސާތަކަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީގެ މޮޑެލް މި މުޖުތަމައަށް ފެތޭތޯ ބެލުމާއި މުސްތަގުބަލުގެ ތަސައްވުރާއި ދިރާސާކުރުމުގެ ނިޒާމު ކުރިއެރުވުމާ އެކު ރާއްޖޭގެ އަމިއްލަ ދިރާސާތައް ކުރިއެރުން ވަރަށް މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ. ދިރާސާކުރުމުގެ ބިންގަލުގެ މައްޗަށް ބިނާވެފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ގައުމީ ރިސާޗް ކައުންސިލެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ތެލެވެލި ކޮންފަރެންސްގައި ރައީސް: ސިޔާސަތު އެކުލަވާލައްވާނީ އިލްމީ ދިރާސާތަކުގެ މައްޗަށް ކަމަށް ވިދާޅުވި. -- ފޮޓޯ | ރައީސް އޮފީސް
އެ ރިސާޗު ކައުންސިލުގެ ތެރެއިން، ރައީސް ވިދާޅުވި ގޮތުގައި، ތިމާވެއްޓާއި އިގްތިސާދީ ކުރިއެރުމާއި އިޖްތިމާއީ ކުރިއެރުމާ ގުޅޭ ކަންކަން ދިރާސާ ކުރާނެ އެވެ. ކައުންސިލްގެ ބޭނުމަކީ، ދިރާސާކުރުމުގެ މައްޗަށް ބިނާވެފައިވާ މުސްތަގުބަލެއް ބިނާކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޔުނިވަސިޓީގެ ޗާންސެލާ ޑރ. މަހްމޫދު ޝައުގީއާ ސަލާމް ކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
މީގެ އިތުރަށް، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި ދިރާސާކުރައްވާ ފަރާތްތައް ގުޅިގެން ކަންކަން ނިންމޭނެ އުސޫލެއް އެކުލަވާލަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިރާސާތަކަށް ސަރުކާރުން އިންވެސްޓްކުރާ މިންވަރު ވެސް އިތުރު ކުރައްވާނެ އެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިރާސާކުރުން ކުރިއެރުވުމާއި އެކަމަށް އެއްބާރުލުންދިނުމާއި ސުވާލުކުރުމާއި އިލްމު ހޯދުމަށާއި ގައުމު ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކުގައި މަސައްކަތްކޮށްގެން، ބަދަލުވަމުންދާ ދުނިޔޭގައި ރާއްޖެއަށް އީޖާދީ ގޮތެއްގައި ފާގަތިކަމާ އެކު ކުރިއަރައި ދެވޭނެ އެވެ.
މިއީ ގައުމީ ޔުނިވަސިޓީން ތެވެލި ބައިނަލްއަގްވާމީ މަހާސިންތާ ބާއްވާ ހަތް ވަނަ ފަހަރެވެ. މި އަހަރުގެ މި މަހާސިންތާ ކުރިޔަށްދަނީ މާދަމާގެ ނިޔަލަށެވެ. މި އަހަރުގެ މަހާސިންތާގެ ތީމަކީ "ބްރިޖިން ބައުންޑަރީސް: އެކްސްޕްލޯރިން ސިނާޖީސް އެކްރޮސް ރިސާޗް ޑިސިޕްލިންސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
19 August 2024
ކޮން ދިރާސާއެއް ތޯ؟ ކީއްކުރާ ދިރާސާއެއް ތޯ؟ މާކުރީ ޒަމާނުންސުރެއް އޮތީ ޤައުމުގެ ސިޔާސީ ކަނޑައަޅައި ނިންމާފައި. ހުރިހާ ސަރުކާރަކުންވެސް އެދަނީ ކުރިން ބުނި ސިޔާސަތު ތަންފީޒްކުރަމުން. އެކަމުގައި މިސަރުކާރުވެސް އިސްތިސްނާނުވޭ. އެސިޔާސަތަކީ 'ވަންމާލެ، ވަން މޯލްޑިވްސް - ދަ ހޮލީ ލޭންޑް'. އެސިޔާސަތުގެ ދަށުން އެންމެ އިސްކަމެއްދެނީ މާލޭގެ ބިންވެރިންނަށް ގޯތިގެދޮރު ކުއްޔަށްދީގެން އަތުންފައިން މަސައްކަތެއްނުކޮށް އުމުރުދުވަހު ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން.
1828
19 August 2024
*ސިޔާސަތު
ޖަމާލު
20 August 2024
ތި ސިޔާސަތައް ބަލައިގެން މި ގައުމު ދަރުވާލާފަ ފޫނުބެއްދޭ ވަރުގެ ދަރަނީ ބޮލުގަ އަޅުވާފަ ދިޔަ ބަޔަކު ދިޔައީ. އެކަންތައްތައް ހައްލު ކުރުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭން މަސައްކަތްކުރޭ. ތީވެސް ހަމަ މިގައުމުގެ ރައްޔިތެއް. އެހެން ބަޔަކަށް ނުބަލާ ތާކު އަމިއްލަ ގައުމަށްވެސް ނުބަލާނީ ހާދަ ނުވިސްނޭ މީހެކޭ.
ލޮލްްް
19 August 2024
ގައުމުގެ ކުރިއެރުމަށް ދިރާސާތައް އެކުލަވާލަން ސިޔާސަތުތަކުގެ ބޭނުންކުރާނަން: ދަރިވަރުން.
ހުމާމް ދޮންމަނިކު
19 August 2024
އަހަރެންމީ އެމްޑީޕީގެ ސަޕޯޓަރެއް. އެކަމަކު މިއަދު ރައީސްގެ ވާހަކައިން ވަރަށް އުންމީދު އާވެއްޖެ. ތައުލީމަށް ރައީސް އިސްކަން ދެއްވާކަން އަހަރެންނަށް ފާހަގަ ވީ
އިލްހާމް ސައީދު
19 August 2024
ރައީސް އެބުނިހެން ދިރާސާތަކަށް ބަލައި ސިޔާސަތުތައް ކަނޑައެޅުމާއި ނިންމުންތައް ނިންމުމަކީ، އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ވެސް ގައުމުގެ ކުރިއެރުމަށް މުހިއްމު ކަމެއް. ގައުމެއް ހަގީގީ މާނާގަ ތަރއްގީ ކުރަން ބޭނުން ފަހުން މިކަންކަން ކުރަން ޖެހޭނެ. މީ އަހަރެން ވަރަށް ތާއީދު ކުރާ ކަމެއް
ޒާރާ އަހުމަދު
19 August 2024
ދިރާސާކުރުމަކީ އިންސާނުން ކުރިއަށް ދާން އޮތް މަގު. ރައީސް އެވިދާޅުވިހެން ރާއްޖެ ވެސް ކުރިއަރާނީ މުހިންމު ކަންކަމަށް އިލްމީ ދިރާސާތައް ކޮއްގެން
އަލީ ނިޒާރު
19 August 2024
މި ރައީސް އަކީ ތައުލީމަށް ވަރަށް އިސްކަން ދެއްވާ ރައީސް އެއް. އެކަން ވަރަށް ފާހަގަ ކުރެވޭ
1828
19 August 2024
ދެވަނަ ކަމަކީ ރާއްޖެތެރޭގައި އެއްފަސްކުރުމުގެ މެގަ ޕްރޮޖެކްޓެއް ނުހިންގާ، ރާއްޖެތެރޭ މީހުން މާލެއަށް ހިޖުރަކުން މަޖުބޫރުކުރުވުން. މަޤްސަދަކީ ފުރަތަމަ މަޤްސަދު ހާސިލްކުރުން. އަދި ރާއްޖޭތެރެ ފަޅުކުރުން. ހުރިހާ ސިޔާތެއްވެސް ހުރީ ކުރިން މިބުނި ބީދައިން. ރާއްޖެތެރޭ ނިކަމެތި އާއިލާތަކަށް އޮތީ ބަލިވެއްޖެނަމަ މާލޭ މީހާއަށް ޖިޒީ ދައްކައިގެން ދިރި 'ތެޅުން.'
ހަސަން ނިހާމް
19 August 2024
ގައުމަށް ތަރައްގީ ގެންނަން މުޅިންވެސް ރައީސްގެ ވާހަކަތަކުގައި މިހުންނަނީ. މިއީ ވަރަށް އުފާވެރި ކަމެއް.
އަދުހަމް ތައުފީގް
19 August 2024
ތަރައްގީ އާއި ކުރިއެރުން ހޯދޭނީ ދިރާސާކޮށްގެން . މިއީ ވަރަށް ރަނގަޅު ވާހަކައެއް. މިގައުމުންވެސް ކަންކަން އީޖާދު ވާނީ އޭރުން
ސިއްބަތު އަޒީޒް
19 August 2024
ވަރަށް ރަނގަޅު ކަމެއް. މިޔާއެކު ގައުމަށް އިތުރު ކުރިއެރުން ލިބިގެން ދާނެ.