21 އޮކްޓޯބަރ 2025 - 11:30
ގައުމީ ޔުނިވާސިޓީ އެމްއެންޔޫ އިން ލ. ހުޅިމެންދޫގައި ހަދާ ރިސޯޓާއި ހޮޓެލް ސްކޫލްގެ އެއްބަސްވުމެއްގައި އެމްއޭސީއެލްއާ އެކު މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު މާމެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.
އެމްްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރު ރަހީމާ އަބްދުއްރަހީމެވެ.
ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަން ޓޫރިޒަމް މިނިސްޓްރީން އެމްއެންޔޫއާ ހަވާލުކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އެއީ، އެ ރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ އިތުރުން އެ ދާއިރާއިން މީހުންނަށް ކިޔަވައިދީ ފަންނީ މީހުން ބިނާކުރުމަށެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ ހުޅިމެންދޫގައި ހަދާނީ ފަސް ތަރީގެ ރިސޯޓެއް ކަމަށެވެ. އަދި އެ ރިސޯޓުގައި ހަދާ ހޮޓެލް ސްކޫލް ނުވަތަ ޓްރެއިން ސްކޫލަކީ ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ މީހުން ބިނާކުރުމަށް ހަދާ އެންމެ މަތީ ފެންވަރުގެ ތަނަކަށް ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވީ ވައުދު ފުއްދުމަށް ހަވާލުކުރެވުނު މަޝްރޫއެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން އެ ރަށާއި އެ އަތޮޅާއި މުޅި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ފައިދާކުރާނެ ކަމަށެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަން އެމްއޭސީއެލްއާ ހަވާލުކުރީ އެ ކުންފުންޏަކީ މިހާރު ވެސް، މި ދާއިރާގެ މަސައްކަތްތައް ކުރަމުންދާ ކުންފުންޏަކަށް ވާތީ ކަމަށާއި މ. އަތޮޅުގައި މިހާރު ވެސް އެ ކުންފުނިން ވަރަށް ކާމިޔާބު ރިސޯޓެއް ހިންގަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްއޭސީއެލް އާއި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓް ސާވިސް ކުންފުނި ގުޅިގެން މ. އަތޮޅުގައި ރިސޯޓެއް ހިންގަ އެވެ. އެއީ މަޑިފުށި ޕްރައިވެޓް އައިލެންޑް ރިސޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިޝާމް މުހައްމަދު
22 October 2025
މިކަން ނުކޮށްދޭނެ ކަމަށް މި ރަށުގައި އުޅޭ އެމްޑީޕީ މީހުން ބުނި. ހެހެ ދެން ކީކޭބާ ބުނާނީ؟
ލިހާޒް މުހުސިން
22 October 2025
ވަރަށް އުފާވެއްޖެ. ދެން ރަށުން ބޭރަށް މާލެ ކަހަލަ ތަންތަނަށް ނުޖެހޭނެ ވަޒީފާ އަދާކުރަން ދާކަށް. މިއީ ކިހާ އުފާވެރި ހަބަރެއް.
ކީކޭ ބުނާނީ
21 October 2025
މިދާ ރޭޓުން ރައީސް އޮފީހުން ކީއްބާ ކުރާނީ؟
ތަދައްޙުލް އާދަނިކު
21 October 2025
އެމްއޭސީއެލްއީން ރިސޯޓް ހަދާނީ، މިފްކޯއިން ފަޅު ހިއްކާނީ. އާރުޑީސީން މަސް ގަނެ ބޭރު ކުރާނީ، އެމްޓީސީސީން ފެން ސަޕްލައިކޮށް ހަދާނީ. ސްޓެލްކޯއިން ރިހާކުރު ކައްކާނީ، ދިސް އިޒް މޯލްޑިވްސް 2.0
ފަރަންޖީ
21 October 2025
އެމްއޭސީއެލް ދެން މިހާރު "ޝޫމާޓް މޮބައިލް" އަށްވެއްޖެދޯ؟ ބޫޓު ވިއްކަން ނިކުން މީހާ މޮބައިލް ވިއްކަން ފެށީމަ ވާގޮތަށް.
ރާވެރިބެ
21 October 2025
މިހާރު ރާއްޖޭގަ އަލަށް ފަށާ ނުވަތަ ފަށާފަ ނުނިމިހުރޮ ހުރިހާ ބޮޑެތި ޕްރޮޖެކްޓްތަކެއް މިހަވާލު ކުރަނީ އެމްއޭސީއެލްއާ. މީގެ ސިއްރަކީ ކޮބައިބާ؟ އަދި އެމްއޭސީއެލް އިން މިއުފައްދާ ސަބްސިޑިއަރީ ކުންފުނިތަކުގެ ހިއްސާދާރުންނަކީ ކޮންބައެއްބާ؟
އޮނަރަބްލް އަފީފު ދީދީ
21 October 2025
އިންޑިޔާގެ ހިލޭ އެހީގެ ދަށުން ލ.އަތޮޅުގައި އިމާރާތް ކުރަމުންދިޔަ ކެންސަރު ހޮސްޕިޓަލް މަނިކުފާނުގެ ރަށަށް ބަދަލުކޮށް އަމިއްލަ ފުޅު ގޯތީގައި ހަދާފައިވާ ގެސްޓް ހައުސް ކާރީގައި ހޮސްޕިޓަލް އަޅާން ޖެހުނު ސަބަބުވެސް ލ.އަތޮޅު ރައްޔިތުނަށް ކިޔާދޭން ޖެހޭނެ އިގޭތޯ؟ އައްޑޫސިޓީ ކައުންސިލް ރޫޅާލުމުގެ ވާހަކަ އަށް ވުރެން ބޮޑަށް ލ.އަތޮޅު މީހުނަށް ބޭނުންވާނީ އެމީހުންގެ ރަށުގައި އަޅަމުންދިޔަ ކެންސަރު ހޮސްޕިޓަލް ކ.އަތޮޅު މާލެއަށް ބަދަލުކުރި ސަބަބުން އިގެން ނޫންތޯ.
ހަސަދަ ސޯރ
21 October 2025
ލަލަލަލާ އޮންނާނީ ވައުދު ފުއްދާފަ.
އަފްރާސިޔާބު
21 October 2025
ތައުލީމަކީ ޒަމާނާ އެއްގޮތަށް ބައްޓަން ކުރަންޖެހޭ އެއްޗެއް. ހޮޓެލްސްކޫލުގައި ކިޔަވާކުދިން ކިޔެވުމަށް ރިސޯޓެއް ހަދާނެ ތަނެއް ލިބުމަކީ މުހިންމު ކަމެއް. އެތަނުން ނުކުންނަކުދިންނަކީ ގައުމީ އެއަރލައިނަށް ކެއުން ތައްޔާރުކުރަންޖެހޭ އިރު އެމް.އޭ.ސީ.އެލްގައި ޔުނިވަރސިޓީއެއް ހިންގަންޖެހޭނެ. އެހެންކަމުން ޔުނިވަރސިޓީއަށް ރިސޯޓެއް ހިންގޭނެ ގޮތާއި އެމް.އޭސީއެލް އިން ޔުނިވަރސިޓީއެއް ހިންގާނެ ރަށެއް ލިބުމަކީ ކުރިއަށް އެޅުނު ފިޔަވަޅެއް.
ދިއްދޫމީހާ
21 October 2025
ހީކުރަން ދެން ލާމް އަަތޮޅަށް ކުރައްވާ ދަތުރުފުޅެއްގާ ތިޔަ އެއްބަސްވުމުގައި އައިޖީއެމް ހޮސްޕިޓަލްގެ ސީއޯ ރައްޒާޤް ސޮއިކުރައްވާނެ ކަމަށް…