ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ: ސްކޭމް މައްސަލަތަކުގައި ބޭންކް އެކައުންޓްތައް ކޯޓު އަމުރެއް ނެތި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭން ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި --- ފޮޓޯ/މިހާރު
21 އޯގަސްޓް 2024 - 07:58
ބުރަ މަސައްކަތުން ހޯދާފައި ހުންނަ ފައިސާތައް ބޭންކް އެކައުންޓްތަކުގައި ހުއްޓާ ކުއްލިއަކަށް ގެއްލެނީ އާންމުންގެ ހޭލުންތެރިކަން ކުޑަކަމާއި ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ބަޔަކު ނަގައިގެންނެވެ. މިކަން ގައުމީ ބޮޑު މައްސަލައަކަށް ވެފައި ވާއިރު، ބޭންކިން ނިޒާމުގެ ތެރެއިން ހިންގާ މިފަދަ މުއާމަލާތްތަކުގެ މައްސަލަ ދައުލަތުގެ ތަހުގީގީ އިދާރާތަކުން ބަލަބަލާ ތިއްބާ އެ ފައިސާތައް ގެއްލި، އެތައް ބަޔަކަށް އިޔާދަ ނުކުރެވޭނެ ގެއްލުންތައް ދަނީ ލިބެމުންނެވެ.
ރަސްމީ އިދާރާތަކުން މިހާތަނަށް އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އެއް އަހަރު ތެރޭގައި ސްކޭމްތަކުގައި އޮޅުވާލައިގެން 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައި ވެ އެވެ. ބައެއް މައްސަލަތަކުގައި އެންމެ 10 މިނެޓް ތެރޭގައި 1.9 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކައުންޓްތަކުން ނަގާފައި އެބަހުއްޓެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދުނު ނަމަވެސް ނުލިބި ގެއްލުނު ފައިސާތައް ވެސް ނިސްބަތުން މަދެއް ނޫނެވެ. އޭގެ އެއް ސަބަބަކީ މިފަދަ ފައިސާ ދައުރުކުރާ އެކައުންޓްތައް ފްރީޒް ކުރުމުގެ ބާރު ހަނިވެފައި އޮތުމެވެ.
މިކަމާ ގުޅިގެން، ސްކޭމްގެ މައްސަލަތަކުގައި އެކައުންޓްތައް ހިފެހެއްޓުމުގެ ކޯޓު އަމުރެއް ލިބެންދެން އެކައުންޓް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމަށް ޖިނާއީ އިޖުރައާތުގެ ގާނޫނަށް މިހާރު ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގައި ވަނީ ފުލުހުންގެ ސަބް އިންސްޕެކްޓާއިން ފެށިގެން މަތީ ރޭންކުގެ އޮފިސަރެއްގެ އަމުރަށް އެކައުންޓް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށެވެ. މާނައަކީ މި އިސްލާހުގެ ދަށުން ބާރު ލިބެނީ ވަގުތީ ގޮތުން އެކައުންޓް ހިފެހެއްޓުމަށެވެ. ނަމަވެސް މި ބިލް ވެގެން ދިޔައީ ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުވުން ބޮޑުވި މައްސަލައަކަށެވެ.
"ޖަޒުބާތުގައި ޖެހިގެން ގާނޫނު ހެދުން ހުއްޓާލަންވެއްޖެ."
ސްކޭމްގެ މައްސަލަތަކުގައި ފުލުހުންނާއި ބޭންކުތަކަށް އާންމުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަބަދުވެސް އަމާޒުވަނީ ފައިސާ ގެއްލުނުކަން ރިޕޯޓްކުރިޔަސް ފައިސާ ޖަމާވި އެކައުންޓްތައް ވަގުތުން ފްރީޒް ނުކުރާތީ އެވެ. އެކަމަކު، ބޭންކިން ގާނޫނު އޮންނަ ގޮތުން އެކައުންޓްތަކުގައި ހުންނަ ފައިސާ ކޯޓު އަމުރެއް ނެތި ހިފެހެއްޓުމަކީ ބޭންކްތަކަށް އާންމު އުސޫލުން ކުރެވޭނެ ކަމެއް ނޫނެވެ. ޝައްކު ކުރެވޭ މުއާމަލާތްތަކުގައި ވެސް ފައިސާ ހިފެހެއްޓުމުގެ ބާރު ބޭންކްތަކަށް އޮންނަނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ ލިބިގެންނެވެ.
މަޖިލީހުގެ ޖަލްސާއެއް ހިނގަނީ --- ފޮޓޯ/މަޖިލިސް
އެހެންވެ، ކުއްލިއަކަށް ބޮޑެތި އަދަދުތަކުން އެކައުންޓްތަކަށް ފައިސާ ޖަމާވިޔަސް، ފިޔަވަޅު އެޅުމުގައި ބޭންކްތަކަށް ގާނޫނީ ގޮތުން އޮންނަ ބާރު ކުޑަ އެވެ. އަނެއްކޮޅުން، އެކައުންޓަކަށް ބޮޑެތި އަދަދުތަކުން ފައިސާ ފޮނުވާ ކޮންމެ ފަހަރަކު ބޭންކްތަކުން އެކަން ހުއްޓުވަން ވެއްޖެ ނަމަ ހުއްދަ ގޮތުގައި ހިންގާ އެތައް މުއާމަލާތްތަކެއް ވެސް ހުއްޓުމަކަށް އައިސް، އެތައް ބަޔަކަށް ދަތިތައް ކުރިމަތިވާނެ އެވެ. އެހެންކަމުން ތަހުގީގީ އިދާރާއަކުން އެންގި ނަމަވެސް ކޯޓު އަމުރެއް ނެތި އެކަން ކުރުން ގާނޫނީ ގޮތުން ފަސޭހައެއް ނޫނެވެ.
މިފަދަ މައްސަލަތަކުގައި މިހާރު ގާނޫނީ ގޮތުން ފުލުހުންނަށް އޮންނަ ބާރު ވެސް ކުޑަ އެވެ. ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 73 ވަނަ މާއްދާ އޮންނަ ގޮތުން ބޭންކް އެކައުންޓްތައް ފްރީޒް ކުރެވޭނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވިގެން ބަލަމުންދާ ބެލުންތަކުގައި ކުށަކާ ގުޅޭ ކަމެއް ފެނިއްޖެ ނަމަ ކޯޓު އަމުރެއް ހޯދައިގެންނެވެ. ނަތީޖާއަކީ ކޯޓު އަމުރު ހޯދަން ހޭދަވާ ވަގުތުތަކުގައި ތެރޭގައި ފައިސާތައް އެކި އެކައުންޓްތަކުގައި ދައުރުކޮށް، ލޯ މަތިން ގެއްލިގެން ދިއުމުގެ ފުރުސަތު އޮތުމެވެ.
"އިމީޑިއެޓްލީ ކޯޓު އަމުރަކާ ނުލައި ހުއްޓުވަން އެބަ ބޭނުންވޭ."
ފުލުހުން ވެސް ބުނެފައިވާ ގޮތުގައި ސްކޭމްތަކުން ހޯދާ ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް އަވަސް އަވަހަށް ދައުރުކޮށް، އިތުރު ފައިސާތަކާ އެއާ އެއްކޮށް، އަސްލު އޮޅުވާލަމުންދެ އެވެ. ނަމަވެސް ކޯޓު އަމުރެއް ލިބެން ހޭދަވާ ވަގުތުގައި ފައިސާ ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
"މިހާރުން މިހާރަށް ހައްލު ބޭނުންވާ ކަމެއް މިއީ ގާނޫނީ ގޮތުން. އެކައުންޓްތަކުގައި މި ދައުރުވަމުންދާ ފައިސާ އިމީޑިއެޓްލީ ކޯޓު އަމުރަކާ ނުލައި ހުއްޓުވަން އެބަ ބޭނުންވޭ. އެހެން ނޫނީ ރެޕިޑް ރެސްޕޮންސްގެ ރިކަވަރީގެ ކަންތައްތަކެއް ނުކުރެވޭ،" ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް މަރިޔަމް ރަޝީދާ ވިދާޅުވެފައި ވެ އެވެ.
ނަމަވެސް ފުލުހުންގެ އަތްމައްޗަށް މިފަދަ ބާރެއް ދޫކޮށްލުމާ މެދު ބައެއް މީހުން ކަންބޮޑުވުމަކީ ފުލުހުންނާ މެދު އިތުބާރު ނެތުމެވެ. ފުލުހުންނަށް ބާރުތަކެއް ދީފި ނަމަ އޭގެ ނާޖާއިޒު ފައިދާ ނަގައި، ސައްހަ ގޮތުގައި ހިންގާ މުއާމަލާތްތައް ވެސް ހިފަހައްޓަފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބައެއް މީހުން ދެކެ އެވެ.
"ޖަޒުބާތުގައި ޖެހިގެން ގާނޫނު ހެދުން ހުއްޓާލަން ވެއްޖެ. ޕޮލިހަށް ތި ބާރު ދީގެން ނުވާނެ. ބޭންކުގެ ގަވާއިދުތައް ވަރުގަދަ ކުރަންވީ. ގިނަ ފަހަރު ސްކޭމްގައި ޖެހެނީ އެއް ދުވަހުން މުއްސަނދި ވާން އުޅޭ މީހުން،" އާންމުންގެ މީހަކު ފާޅުކުރި ހިޔާލެއްގައި ވެ އެވެ.
"އެކައުންޓް އެއްކޮށް ފްރީޒްވެއްޖިއްޔާ އެ ބައެއްގެ ވިޔަފާރި ހުއްޓޭނެ."
އޭޓީއެމްއަކުން މީހަކު ފައިސާ ނަގަނީ --- ފޮޓޯ/މިހާރު
މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވި ގޮތުގައި ފުލުހުންނަށް ހައްދެއް ނެތި އެ ބާރު ދޫކޮށްލައިފި ނަމަ ސައްހަ ގޮތުގައި ހިންގާ މުއާމަލާތްތައް ވެސް ހުއްޓުވި، އެތައް ބަޔަކަށް ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެންވެ، އޭނާ ވިދާޅުވީ ފުލުހުންނަށް ބާރު ދޭން ޖެހޭނީ މުޅި އެކައުންޓް ހިފެހެއްޓުމުގެ ބަދަލުގައި، އެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފައިސާގެ އަދަދު ހިފެހެއްޓުމަށެވެ.
"މުޅި އެކައުންޓް އެއްކޮށް ފްރީޒް ވެއްޖިއްޔާ އެ ބައެއްގެ ވިޔަފާރި ހުއްޓޭނެ. އެއާ އެކީގައި މީގައި ނާޖާއިޒު ފައިދާއެއް ނެގުމުގެ ފުރުސަތު ވެސް ބަޔަކަށް އެބައޮތް. ބަޔަކަށް ލަނޑެއް ދިނުމުގެ މަގްސަދުގައި ވެސް މިކަން ކޮށްލެވިދާނެ މިހާރު މި އޮތްގޮތުން،"" މަޖިލީހުގައި ވާހަކަ ދައްކަވަމުން ރިފާއު ވިދާޅުވި އެވެ.
ނަމަވެސް ބިލް ހުށަހެޅުއްވި މެމްބަރު ކުޑޫ ވިދާޅުވި ގޮތުގައި ފުލުހުންނާ މެދު އިތުބާރުގެ މައްސަލަ އޮތަސް، ސްކޭމްގެ މައްސަލަތައް ބެލުމުގެ ބާރު އޮންނަނީ ފުލުހުންނަށް ކަމަށް ވާތީ ފައިސާ ހޯދުމަށްޓަކައި ފުލުހުން ބޭނުންވާ ބާރުތަކެއް ދޭންޖެހެ އެވެ.
"ފުލުހުން މިކަން ކުރަން ތިބެނީ. ފުލުހުންނާ ދިމާލަށް ދާން މި ޖެހެނީ. ފުލުހުން ވިދާޅުވަނީ މިކަން ކުރެވެން އޮތީ މިހެން ހަދައިގެންނޭ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ޒިންމާއެއްހެން އެ ބޭފުޅުން ވިދާޅުވާ ގޮތަށް ކަމެއް ކޮށް ދިނުމަކީ،" ކުޑޫ ވިދާޅުވި އެވެ.
ބޭންކިން ނިޒާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ހިންގަމުންދާ ސްކޭމްތައް ހުއްޓުވައި، މީހުންގެ ފައިސާ ސަލާމަތް ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އެކަމަށްޓަކައި ފުލުހުންނަށް ވެސް ގާނޫނީ ގޮތުން ބާރުތަކެއް އޮތުން މުހިންމެވެ. ނަމަވެސް އޭގެ އަނެއްކޮޅުން، މީހުންގެ މާލީ މުއާމަލާތްތައް ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ބާރު ފުލުހުންނަށް ދީފި ނަމަ އެކަމުން ދެން ނިކުމެދާނެ މައްސަލަތަކަށް ވެސް ވިސްނާލުން މުހިންމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިދާރ
21 August 2024
ސްކޭމް ތަކަށް އެކަނި އައްލިޔަސް އޯކޭ, ހުރިހާ ކަމަކަށް އަތްލެވިގެން ނުވަަނެ, ހަމަ ބޭނުންވާ ކޮންމެ މީހާ ދުވަސް ދުއްވާލަން ކޮށްފާނެ, ސިޔާސީ ގޮތުން.
ޙިމް
21 August 2024
އަމިއްލަ މީހާގެ އިހުމާލުން ގެއްލޭ ފައިސާ ………
raajje
21 August 2024
ދެވަނަ ހިޔާލަކީ، ސުކޭމްތައްހިންގާމީހުންގޮބައިތޯ؟ ސުކޭމުގެ ފައިސާހޯދުމާ އަދަބުދިނުމާ މިއީ ދެކަމެއްތާ! އެކަށީގެންވާ އަދަބުދޭނަމަ ސުކޭމް މަދުވާނެކަންޔަގީން، ފައިސާރިކަވަރކޮށްފަ އަނެއްފަހަރު ސުކޭމްކުރަން ދޫކޮށްލަނީތޯ؟ އަނެއްކަމަކީ ސީނިއަރ ސިޓިޒަންސް އާއި އިންޓަރނެޓާއި ފޯނަށް ނުވަތަކޮންޕިއުޓަރާ ބޭނުންކުރާ އެޕުތަކަށް އަހުލުވެރިނޫންމީހުން މިކަންކަންމަށް އަހުލުވެރިކުރުވުން
raajje
21 August 2024
ތިޔަކަމުގައި ފުލުހުންގެމައްޗަށް އިތުބާރުނެތިގެން ތިޔައުޅެނީ މަޖިލިސްމެންބަރުން އެއީ މެންބަރުންހިންގާ އެފަދަކަންކަމަށް ބުރޫއަރާނެތީ! ފުލުހުންގެވެސް އިސްވެރިންނަށްނޫނީ މިފަދަ ބާރެއްދެވިގެންނުވާނެ، އިސްވެރިއެއްގެ "ލިޔުމުން" އެޕުރޫވަލްއަށް މިކަންކުރާނީ ބޭންކުންތާ! ސިންޕަލްކަމެއް ބޮޑުވެގެންތިޔައުޅެނީ މަޖިލިސްމެންބަރުން ބިރުން ގުޑުގުޑުއަޅާތީ، އެހެންތާވަނީ އެވެރިންކުރާ އެފަދަކަންކަމަސް މަޅިއަރާނެތާ! އިތުރުހިޔާލެއްވެސް އެބައޮތް، އަންނަނީ..
ޡާޜިޜޫ
21 August 2024
ޕުލުހުންގެ ހުވާބަލުކުރަން ވީ ޓެކުސީ ކުރޭގޮތައް އަދި ގާނޫނުވެސް
ނުކުރޭ ނުކުރޭ
21 August 2024
ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. އިތުބާރު ގެއްލިފަ ތިބި ބައެއް ތިއީ.
ނެތް އިތުބާރެއް
21 August 2024
ސުޕާތަކުގެ ނަންނަމުގަ ހަށި ވިއްކާ ތަންތަން ހިންގަނީ ކޮންބައެއްގެ ހިމާޔަތުގަކަން ރަށުތެރޭ ކިޔާ. ޑްރަގް ލޯޑުންގެ ބެކަޕްގަ ތިބީ ކޮން ބައެއްކަން މިހާރުވެސް ކިޔާ އުޅޭ. އެވަރު ބަޔަކަށް މަގޭ އިތުބާރެއް ނެތް މަ އެކައުންޓް ދޮވެ ނުލާނެ ކަމަށް. ސޮރީ.
ޢީޅީ
21 August 2024
ސުބުހާނައްﷲ ހެޔޮނުވާނެ ........ ފުލުހުންނަކީ ﷲ ގަންދީ ކުރި ހުވަޔާ ހިލާފުވާބަޔެއް މިހާރު އިސްކަންދެނީ ޕުރައިވެޓް ބޯޑުގާ ޓެކުސީ ކުރަން ދެން ނުގަވައިދުން އުޅޭ މީހުންގެ ވިޔަފާރި ހިމާޔަތްކުރުމުގާ އަދި ބަންގާޅީ ކުރާ ވިޔަފާރީގެ އިންކަން ފުލުހުންގެ ބެންކު އެކައުޓައް ޖަމާވާގޮތައްވެސް އެބަހަދާ އާހިރުގާ ޕޮލިސް މީހާޔައް މިދެނީ ކޮމިސަނެއް ކޮންމެ މަހަކު 3500 - 5000ރ
މަގޭބަސް
21 August 2024
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުރިހާކަމެއް ނިންމާލެވޭ ގޮތަށް އޮންނާތީވެ މައްސަލައަކީ. ޓްރާންސްފަރކުރާ ފައިސާ، ނެގޭ ވަގުތު 24 ގަޑިއިރަށް ލަސްކޮށްލަންވީ. އޭރުން އެފަދަ ސްކޭމެއްކަން އެނގިގެން ބޭންކަށް ގުޅާއިރު އަދި ފައިސާ ޓްރާންސްފަރ ވިޔަސް އެފައިސާ އެ އެކައުންޓުގައި ހުންނާނެ ނުނެގި. އޭރުން ބޭންކުން އެފައިސާ އަލުން އޭގެ ހައްގުވެރިޔާއަށް ރައްދުކޮށްދެވޭނެ.
ބްރޯސް
21 August 2024
ތިޔައީ ތަރައްގީވެފައި ހުންނަ ގައުމުތަކުގައި މުއައްސަސާތަކަށް އިތުބާރުހިފޭ ތަންތަނުގައި ކުރަން ރަނގަޅު ކަންކަން. މިގައުމަކީ އެއިރެއްގައިއޮންނަ ސަރުކާރެއްގެ ގޮތުން ތިހެން ހުންނަ މާއްދާތަކުގެ ނަހަމަބޭނުން ހިފައިގެން ކޯޓައި ފުލުހުން ލައްވައި ތިމާ ހިތް ނުރުހޭ މީހުންނަށް "އަނިޔާ" ކުރުމުގެ ހިސްޓްރީއެއް އޮތްގައުމެއް. ފުލުހުންގެ ކޮމާންޑް ސްޓަރކްޗަރ އޮންނަގޮތުން "އަމުރެއް" ނުނީ "އޯޑަރެއް" ތަންފީޒް ކޮށްގެން އެމީހުންނަށް ލިބޭނެ އަދަބެއް ނޯވޭ. ނުރައްކާކަމެއް