ތިލަފުށީގެ ގުދަންތަކުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެންޑީއެމްއޭ
22 އޯގަސްޓް 2024 - 14:56
ކ. ތިލަފުށީގެ ގުދަންތަކެއްގައި މިއަދު ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.
މި އަލިފާނުގެ ހާދިސާ ހިނގީ ދަގަނޑާއި ބޯޓު ބަނުމުގެ މަސައްކަތްކުރާ ކުންފުންޏެއް ކަމަށްވާ މަރިންޑޯގެ ވޯކްޝޮޕެއްގަ އެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ފެތުރި، ކައިރީގައި ހުރި އިތުރު ދެ ގުދަނެއްގައި ރޯވެ ބޮޑެތި ގެއްލުންތައް ލިބުނެވެ.
މަރިންޑޯ އަކީ ގިނަ އަދަދެއްގެ ހެވީ ވެހިކަލް ވެސް ގެންގުޅޭ ކުންފުންޏެކެވެ. އެ ކުންފުނީގެ ހުރިހާ ވެހިކަލެއްގެ މެއިންޓަނެންސާއި ރިޕެއަރިންގެ މަސައްކަތް ކުރަނީ މި ވޯކްޝޮޕްގަ އެވެ. ވެހިކަލްތަކުގެ ސަޕޯޓް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އައި އެ ތަނުގައި އެ ކުންފުނީގެ ބައެއް މުދާ ވެސް ގުދަން ކޮށްފައި ހުއްޓެވެ.
ތިލަފުށީގެ ގުދަންތަކުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެންޑީއެމްއޭ
މަރިންޑޯގެ ވެރިޔާ އަލީ މުޖާހް "މިހާރު" އަށް ވިދާޅުވީ، މި އަލިފާނުގެ ހާދިސާގައި ގުދަން އެއްކޮށް ހަލާކުވެ، ހުރިހާ މުދަލެއް ވެސް އަނދާފައިވާ ކަމަށެވެ. އެއީ ކޮމްޕްލެކްސްއެއްގެ ގޮތަށް، އެތަނުގެ އެއްބައި ޑެގު އަޅައިގެން ތިން ބުރިއަށް އަދި އަނެއްބައި ސިންގަލް ސްޓޯރީގެ ގޮތުގައި ހަދާފައި ހުރި ގުދަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިލަފުށީގެ ވޯކްޝޮޕެއްގައި މިއަދު ރޯވެ އަނދާފައި.-- ފޮޓޯ: އެމްއެންޑީއެފް
މުޖާހް ވިދާޅުވި ގޮތުގައި، އެއީ 10،000 އަކަފޫޓުގެ ސައިޓެކެވެ. އެ ތަން ހުންނަނީ އިންޝުއަރެންސް ކޮށްފަ އެވެ.
"މުޅި ތަން އެއްކޮށް އަނދައި ހުލިވެ، ތަން ވެސް ވެއްޓިފައި އޮތީ،" އޭނާ ބުންޏެވެ.
"ގާތްގަނޑަކަށް 20-24 މިލިއަން ރުފިޔާގެ ގެއްލުން މި ލިބުނީ. އިމާރާތާ އެއްކޮށް އަޅުގަނޑު އަގު މި ކިޔަނީ."
ތިލަފުށީގެ ގުދަންތަކުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެންޑީއެމްއޭ
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ޔަގީން ނުވާ ކަމަށް މުޖާހް ބުންޏެވެ.
އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނި ގޮތުގައި، އެންމެ ފުރަތަމަ ރޯވީ މެރިންޑޯގެ ވޯކްޝޮޕްގަ އެވެ.
އެ ވޯކްޝޮޕާ ޖެހިގެން އިރާއީ ބުކްޝޮޕާއި އެހެން ކުންފުންޏެއްގެ ގުދަނެއް ވެސް ހުއްޓެވެ. އެ ގުދަންތަކުގައި ހުރި މުދާ ވެސް ވަނީ ވަރަށް ބޮޑަށް އަނދައިފަ އެވެ. އެ ގުދަންތަކުގައި ހުރި މުދަލާ އެކު، ގާތްގަނޑަކަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން، މި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބިފައިވާކަން ވަނީ އެނގިފަ އެވެ.
ތިލަފުށީގެ ވޯކްޝޮޕެއްގައި މިއަދު ރޯވެ އަނދާފައި.-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ވެސް ބުނި ގޮތުގައި، މި ހާދިސާގައި މެރީންޑޯ ވޯކްޝޮޕާ އިންވެގެން ހުރި ގުދަންތަކަށް އަލިފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
ތިލަފުށީގެ ގުދަންތަކުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެންޑީއެމްއޭ
މި ހާދިސާގައި ދިވެއްސަކަށް ދުމުގެ އަސަރުކޮށް، ކޮންމެވެސް ވަރަކަށް ފިހިފައި ވާތީ ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާދިނެވެ.
އެ އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ރޯވިތާ ގަޑިއެއްހާއިރުގެ ތެރޭގަ އެވެ.
އަލިފާން ނިއްވުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފްއާ އެކު ފުލުހުންނާއި އެންޑީއެމްއޭ އާއި ރެޑް ކްރެސެންޓާއި އެޗްޑީސީ އަދި އެމްޓީސީސީގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާގެ ދަރި
25 August 2024
އިންޝުއަރ ކޮށްފައި ހުރި ނަމަ ގައިމު ތިޔަ ހިތާމަ ކުރާކަށް ނުޖެހުނީސް
ދެންދެން
22 August 2024
ތަނުގަ މަސައްކަތް ކުރަން އުޅުނީ ސަލާމަތީ ފިޔަވަޅެއް ނުދަންނަ ތަމްރީނެއް ނެތް ކިތައް ބިދޭސީންތޯ ބަލާލަބަލަ.
ކޮވެލި
22 August 2024
އިންސުރެންސް ފްރޯޑަކީ ރާއްޖޭގައި ވަރަށް ޢާންމު ކަމެއް. ވީގޮތެެއް ނޭގި ވަރަށް ގިނަ ލޯންޗް ވެސް ރޯވޭ.
ކޮރަލް
22 August 2024
އެ ތަން ހުންނަނީ އިންޝުއަރެންސް ކޮށްފަ އެވެ.
ާއަލިމޯޑު
22 August 2024
އިންޝުއަ ކުރުމަކީ ވަރަށް ރަނގަޅު ކަމެއް. ބައެއް މީހުންނަށް ހީވަނީ އިންޝުއަރެންސް ފައިސާ ހޯދަން އެފަދަ ތަންތަން މީހުން ރޯކޮށްލަނީ ކަމަށެވެ. ނަމަވެސް އިންޝުއަ ކޮށްފަ ހުރި ތަނެއް ރޯވެ އެނދިޔަސް ،އިންޝުއަރެންސް ކްލެއިމް ލިބެނީ ކަމާގުޅޭ އިދާރާތަކުގެ ތަހުގީގު ރިޕޯޓަށް ބިނާކޮށްފައެވެ. އެމްއެންޑީއެފްގެ ތަހުގީގީ ރިޕޯޓެވެ.
ބަންޖޫ
22 August 2024
ހުސް ޓިނުން ހަދާފަ ހުރި ތަނަކަށް މިލިއަނެއްވެސް ނާރާނެ.
ހާސަރު
22 August 2024
ބަޔަކަށް ހިތާމައެއް ލިބިގެން އުޅޭ ވަގުތެއްގާ ތަންކޮޅެއް ހިތްތިރި ކޮށްލިއްޔާވާނީ ކީޢް!؟
ާއަލިމޯޑު
22 August 2024
ތަނުގައި ހުރި މުދަލަކީ 5 ރުފިޔާއަށް ދޭ އެއްްޗެހިތަ
މާ އިނގޭ
09 September 2024
މީ އަސްލު ދިވެހިންގެ މައްސަލައަކީ މާބޮޑަށް ކަންކަން އިނގޭ ދަންނަ މީހުންނަވެގެން، ހުސް އަނގަތަޅާ މީހުން ގިނައީ، މަވެސް ލައިގެން.
ފެލާލާ
22 August 2024
ނާނާ މާ ކުޑަ އަދަދެއް ގެ ވާހަކަ ތިޔަ ދައްކަނީ.. 240 މިލިޔަން ވަރުގެ ގެއްލުމެއް ވާނެެ އޭ