ކަރަންޓުގައި ޖެހިގެން މަރުވި މީހާގެ ބައްޕަ ސިޓީޒް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އާ ބައްދަލު ކުރައްވަނީ--ފޮޓޯ ސިޓީޒް މިނިސްޓްރީ
24 އޯގަސްޓް 2024 - 18:08
ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން މިދިޔަ ޖޫން މަހު ނިޔާވި ކުއްޖާގެ އާއިލާގެ ފަރާތުން ސިޓީޒް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާ މިއަދު ބައްދަލު ކުރައްވައި ކަންބޮޑުވުންތައް ހިއްސާ ކޮށްފި އެވެ.
އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވެ ފަރުވާ ދެނިކޮށް ނިޔާވީ އުމުރުން 18 އަހަރުގެ ހުސައިން އަތީކް ނަމަކަށް ކިޔާ ކުއްޖެކެވެ.
އެ ހާދިސާ ހިނގީ އެ ރަށުގެ މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ވަނިކޮށް، ފުރަތަމަ ކަރަންޓުގައި ޖެހުނު އުމުރުން 8 އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކުރަން އުޅެނިކޮށެވެ.
މިނިސްޓަރު އާދަމް ޝަރީފް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހާދިސާގައި ނިޔާވި ކުއްޖާގެ ބައްޕަގެ އެދުމަކަށް އޭނާއާ މިއަދު ބައްދަލު ކުރެއްވި ކަމަށެވެ. ކުއްޖާ ނިޔާވި މައްސަލާގައި ހިއްސާ ކުރި ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އެ މައްސަލަ ބެލުމަށް ފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނި ގޮތުގައި އެކަން ހިނގީ މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާތު ލީކް ސާކިޓް ބްރޭކަރާއި މިނިއޭޗާ ސާކިޓް ބްރޭކަރު ހަރު ނުކޮށް ހުރުމުންނެވެ.
ފެނަކައިން ހިދުމަތް ދެމުން އަންނަ ގިނަ ރަށްތަކުގައި މަގުބައްތިތައް ދިއްލަމުން ދަނީ އާތު ލީކް ސާކިޓް ބްރޭކަރު ހަރުނުކޮށް ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ސަލާމަތީ ކަންކަން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުމުގެ ސަބަބުން މީހެއްގެ ފުރާނަ ގޮސްފައިވާތީ ޔުޓިލިޓީ އޮތޯރިޓީން ވަނީ އެ ކުންފުނި 50،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. ފެނަކައިން ހިދުމަތް ދޭ ރަށްރަށުގައި ސަލާމަތީ ބްރޭކަރުތައް 30 ދުވަހުގެ ތެރޭގައި ހަރުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.
އެ މައްސަލާގައި ފެނަކަ އިން ވެސް ބުނެފައިވާ ގޮތުގައި ގިނަ ރަށްރަށުގެ މަގުބައްތިތައް ހުރީ ރައްކާތެރި ގޮތަކަށް ނޫނެވެ. އެ މައްސަލަ ހައްލު ކުރަން ފެނަކަ އިން ވަނީ ކައުންސިލްތަކަށް މުއްދަތެއް ވެސް ދީފަ އެވެ. އެކަމަކު އެ މުއްދަތު ފަހަނަ އަޅައި ދިޔައިރު ވެސް ގިނަ ރަށްރަށުގައި މައްސަލައެއް ހައްލު ނުވާނެތީ މުއްދަތު ވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހާ ހަމައަށް އިތުރު ކޮށްދީފަ އެވެ.
މި މަހުގެ 15 ގައި ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރަށްރަށުގެ މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އިސްލާހު ކުރުމަށް އެ ކުންފުނިން ދީފައިވާ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.
އެ ގޮތަށް ނިންމީ ކައުންސިލްތަކަށް މިހާރު ދީފައިވާ މުއްދަތުގައި އެކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރުމުން ރައީސް އޮފީހުގެ ލަފާގެ މަތިން ޔޫއާރުއޭ އިން ކުރިން ދީފައިވާ މުއްދަތު އިތުރުކުރުމާ ގުޅިގެން ކަމަށް ވެސް ފެނަކައިން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރަންޓް ސޭފްޓީ
25 August 2024
މީހަކު މަރުވުމަކީ ޖިނާއި ތަހުގީގެއް ހިންގާ، ޒިންމާވާ ފަރާތްތައް ޝަރީތަށް ފޮނުވަން ޖެހޭކަމެއް ނޫންތޯ! ރައްޔިތުންގެ ފުރާނަ ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ތިޔަހާ ފަރުވާކުޑަކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން!
ކަރަންޓް
25 August 2024
ރައްޔިތުންގެ ފުރާނަ ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ތިޔަހާ ފަރުވާކުޑަކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން!
raajje
25 August 2024
މިވާގޮތެއް އަޅުގަނޑަކަށް ފަހުމެއްނުވޭ! ފެންގަނޑަށްކަރަންޓުއައިމައްސަލައިގާ ޖޫރިމަނާކުރީ ފެނަކަ! ފައިސާލިބުނީ މީރާއަށް، ނިޔާވިކުށްޖާގެއާއިލާއަށް ލިބުނުބަދަލެއްނެތް، ކިހާއިންސާފުވެރިދެއްތޯ، ޖޫރިމަނާކުރީ ފެނަކަ، މާނައަކީ މަގުބައްތިތަކުގައި ގޯސްކޮށްހުރިކަންކަމުގެ ޒިންމާނަގަންޖެހޭ ފަރާތަކީ ފެނަކަ އެހެންނުން، ނަމަވެސް ގޯސްކޮށްހުރިކަންކަން ރަނގަޅުކުރަން މިޖެހެނީ ކައުންސިލްތަކުން، ކިހިނެތްމިވަނީ؟
ލާމަސީލު
24 August 2024
މަގުބައްތި ކަރަންޓް އާރތް ލީކް ނުވާހެން ސާރކިޓް ހަރުކުރަން މިއަންނަ އަހަރު ފެބްރުއަރީއަށް އިތުރުކޮށްދިނީ އެމުއްދަތުގައި މަގުތަކަށް ވާރޭނުވެހޭނެ ކަމަށްތޯއޭ. މިމުއްދަތުގަައި ފެންގަނޑަށް ކަރަންޓް އައީމަ ފެނަކައިން ޒިންމާ ނަގާނެތޯ. ކުއްޖާމަރުވީމަވެސް ޖޫރިމަނާ އެކުރީ އެންމެ 50000 ރުފިޔާއިން. މިކަމަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބަދަލުގައި އަދިވެސް ދޯދިޔާކުރަން ހިތްވަރު އެލިބެނީ.
އީޕީއޭއަށް
25 August 2024
ކުއްޖަކު މަރުވީމަ 50 ހާސް ޖޫރިމަނާ. ދޫންޏެއްގެ ފިޔަކޮށާލީމަ 30 ހާސް. ދޯންޏެއް ފަރަކަށް އެރީމަ 1 މިލިއަން. ގޮނޑުދޮށުން ވެލި ދޯނަޏެއްނެގީމަ 80 ހާސް. ވެލާހިފީމަ 30 ހާސް. ދެން ވިސްނާލަބަލަ ކޮބާ މި ޤައުމުގައި އިންސާނެއްގެ އަގަކީ. އެހެންވީމަ މި ދަންނަވަނީ. އިޕީއޭގެ ޖޫރިމަނާ ތަކަކީ އެއްވެސް އިންސާފެއް ނެތް އެއްޗެކޭ.
raajje
25 August 2024
އީޕީއޭއަށް: އިންސާފުންވާއެއްކަމެއްވެސް ހަމަގައިމުވެސް މިރާއްޖެއަކުނެތް، ބަލާލިކޮންމެދިމާލަކުންފެންނަނީ ކަންފަސޭހަކަމާ ޒިންމާއަދާނުކުރުން، ޖޫރިމަނާކުރުންނޫން އިތުރު އެއްވެސްކަމެއް އީޕީއޭއިން ކުރާއަޑެއްނާހަން، އީޕީއޭގެ ޖޫރިމަނާތައްތީ ބަޔަކުހިންގާ ބޮޑުޖަރީމާއެއްކަމަށްލަފާކުރެވެނީ، މާނައަކީ ބައެއްގެޖީބަށްދާއެއްޗެއްކަމަށޭ ފެންނަނީ، އުޅަނދެއްފަރަށްއެރިޔަސް މިލިޔަނުން ބިލިޔަނުން ޖޫރިމަނާ ފަރަށްލިބުނުގެއްލުން އޭގެޒާތުގާ ވާއެއްޗެއްވާން ދޫކޮށްލަނީ
ސަސި.
24 August 2024
މިނިސްްޓަރ ހާދަ އިއްޒަތުގައޭ ތިޔަ އިންނެވީ
ސީސީ
24 August 2024
ފާރުގައި އޭނދަ ފެންނަ ފޮޓޯ އެއީ ކޮން ރަސްކަލެއްގެ ފޮޓޯ އެއް؟؟