އެމެރިކާގެ ތަރިން ކަމަށްވާ ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޯލީ.
30 އޯގަސްޓް 2024 - 06:48
އެމެރިކާގެ ތަރިން އަދި ކުރީގެ ދެމަފިރިން ކަމަށްވާ ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޯލީ، އިޓަލީގައި މިހާރު ކުރިއަށް ގެންދާ ވެނިސް ފިލްމު ފެސްޓިވަލުގެ ތެރެއިން ދިމާނުވާނެ ގޮތަށް ހަދައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެއީ އެންޖެލީނާ އާއި ބްރެޑް ބޭނުންވެގެން ކުރި ކަމެއް ނޫނެވެ. އެކަން ކުރީ އެ ފެސްޓިވަލު އިންތިޒާމުކުރާ ފަރާތަށް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އަމިއްލައަށް ފެނިގެންނެވެ. އެހެންވެ، އެ ދެމީހުން ޝެޑިއުލް ދިމާނުވާނެ ގޮތަށް އިވެންޓުތައް ވަނީ ރާވައިފަ އެވެ.
ވެނިސް ފިލްމު ފެސްޓިވަލުގެ އާޓިސްޓިކް ޑައިރެކްޓަރު އެލްބާޓޯ ބާބެރާ "ވެނިޓީ ފެއާ"އަށް މީގެ ދެ ހަފުތާ ކުރިން ބުނީ އެ ފެސްޓިވަލުގެ ތެރެއިން އެމެރިކާގެ އެކްޓަރު އަދި ރެޕް ލަވަކިޔުންތެރިޔާ ވިލް ސްމިތު އާއި އޭނާގެ އަންހެނުން އަދި އެކްޓްރެސް ޖެޑާ ސްމިތު ވެސް ދިމާނުވާނެ ގޮތަށް ހަދާފައިވާ ކަމަށެވެ.
ވިލް އާއި ޖެޑާ އަދި ވަރި ނުވި ނަމަވެސް، އެ މީހުން މިހާރު ދިރިއުޅެމުން ދަނީ ވަކިންނެވެ.
މި މަހު 28 އިން އަންނަ މަހު ހަތެއްގެ ނިޔަލަށް ކުރިއަށް ގެންދާ އެ ފެސްޓިވަލުގައި ބައިވެރިވުމަށް އެންޖެލީނާ ވަނީ މިދިޔަ އަންގާރަ ދުވަހު ވެނިސްއަށް ގޮސްފަ އެވެ. އަދި އިވެންޓު ނިންމައިފައި މިއަދު އޭނާ އެމެރިކާގެ ކޮލަރާޑޯގައި އޮންނަ އިވެންޓެއްގައި ބައިވެރިވުމަށް ފުރާނެ އެވެ. ބްރެޑް ވެނިސް އަށް ދާނީ މާދަމާ އެވެ. އެހެންވެ، އެ ދެމީހުން ދިމާނުވާނެ އެވެ.
އެންޖެލީނާ ވެނިސް ފިލްމު ފެސްޓިވަލުގައި ބައިވެރިވަނީ އޭނާގެ އާ ފިލްމު "މާރިއާ" ޕްރޮމޯޓްކުރުމަށެވެ. އަދި ބްރެޑް އެ ފެސްޓިވަލަށް ދަނީ އޭނާގެ އާ ފިލްމު "ވޮލްފްސް" ޕްރޮމޯޓްކުރުމަށެވެ.
އެންޖެލީނާ އާއި ބްރެޑްގެ ކައިވެނި ރޫޅުނީ، ފަސް އަހަރު ކައިވެނިކޮށްގެން އުޅުމަށް ފަހު 2019 ވަނަ އަހަރު އެވެ. އެ ކައިވެނި ރޫޅުމަށް ފަހު ކުދިންގެ ކަސްޓަޑީގެ މައްސަލާގައި އެ ދެމީހުންގެ މެދުގައި ބޮޑެތި މައްސަލަތައް ޖެހިފައިވެ އެވެ. ޕިޓް އާއި ޖޯލީގެ ހަ ކުދިން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔެ
31 August 2024
އަކޯކަސްޓަޑީއަކީ ކޯޗެއް؟ އެއަށްކިޔާދިވެހި ނަމެއްނޯވޭތަ؟