އަތުހަރު: އޭނާގެ އޮޓޮޕްސީ ހަދަން އާއިލާއިން ބޭނުމެއް ނުވޭ.
02 ސެޕްޓެމްބަރ 2024 - 19:58
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު މަރުވީ ދަންޖެހިގެން ލިބުނު އަނިޔާތަކުގައި ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ބޭނުން ނުވާ ކަމަށް އާއިލާއިން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި، ޝަރީއަތް ނިމެންދެން ދޫނިދޫގައި ބަންދުކޮށްފައި ހުރި ގޮޅީގައި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވަނީ އިއްޔެ އިރު އޮއްސި 7:02 ގަ އެވެ. ދަންޖެހުމުގެ ސަބަބުން ލިބުނު އަނިޔާއަށް ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 4:08 ހާއިރު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަތުހަރުގެ މަރާ ގުޅިގެން "މިހާރު"އާ ވާހަކަ ދެއްކި އޭނާގެ އާއިލާގެ މެންބަރަކު ބުނީ އަތުހަރުގެ ސިއްހީ ހާލަތާ ގުޅޭ ޑޮކްޓަރުގެ އެއްވެސް ލިޔުމެއް މިހާތަނަށް އާއިލާއަށް ދީފައިވާ ނުވާ ކަމަށެވެ. ޑޮކްޓަރުގެ ލިޔުންތައް ނުދީ ލަސްކުރުމަކީ އާއިލާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
"އާއިލާއަށް އެއްވެސް މައުލޫމާތެއް ނުދޭ. އެމީހުން [ފުލުހުން] ބޭނުންވީމަ ހޮސްޕިޓަލަށް ގެނެސް ގެންގޮސް ހެދީ. އާއިލާއަށް އެއްވެސް ކަމެއް ހިއްސާއެއް ނުކުރޭ،" އޭނާ ބުންޏެވެ.
އަތުހަރު މަރުވެފައިވަނީ ދަންޖެހުމަށް ފަހު ލިބުނު އަނިޔާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނި ނަމަވެސް، އާއިލާއަށް އެކަން ގަބޫލު ނުކުރެވޭ ކަމަށް އާއިލާ މެންބަރު ބުންޏެވެ. އޭނާ ބުނި ގޮތުގައި އަތުހަރުގެ ކަރުގައި އެހާ ބޮޑަށް ދަންޖެހިފައިހުރި ކަމުގެ ނިޝާނެއް ނެތެވެ.
އޭނާ ބުނި ގޮތުގައި އަތުހަރަށް އެންމެ ފުރަތަމަ އޭޑީކޭގައި ފަރުވާދިނުމަށް ފަހު، ގެންދިޔައިރު އޭނާގެ ހާލަތު ރަނގަޅު ކަމަށާއި ވާހަކަ ވެސް ދެއްކި އެވެ. ނަމަވެސް، ޖަލުގައި ހުއްޓާ ހާލު ގޯސްވެގެން އައިޖީއެމްއެޗްއަށް ގެނައި ފަހުން އަތުހަރުގެ ހާލަތު ރަނގަޅު ނޫން ކަމަށް އޭނާ ބުންޏެވެ.
އެކަމަކު ފުލުހުން ބުނެފައިވަނީ އައިޖީއެމްއެޗްގައި ހެދި މެޑިކަލް ޓެސްޓުތަކާއި ސީޓީ ސްކޭންގެ ނަތީޖާ ވެސް ނޯމަލް ކަމަށެވެ. އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުނީ އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު ދޫނިދޫއަށް ގެންދިޔަ ފަހުންނެވެ. ފުލުހުން ވަނީ އަތުހަރު މަރުވެފައިވާ ގޮތް ކަށަވަރު ކުރަން އޮޓޮޕްސީއެއް ހަދަން ނިންމައިފަ އެވެ.
ނަމަވެސް، އާއިލާއިން އެކަމަށް ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ވީއެންމެ އަވަހަކަށް އަތުހަރުގެ ޖަނާޒާ ބާއްވަން ކަމަށް އާއިލާއިން ބުންޏެވެ.
What was his medical condition when he was sent to a cell in Dhoonidhoo? What was his psychological condition? He is said to be an addict, what was the state of his dependency? What did the doctors who handled his treatment say when he was sent to a cell? https://t.co/GEvasIozYB
— Hamza Latheef (@hamza_latheef) September 2, 2024
އަތުހަރުގެ މަރާ ގުޅިގެން އެޗްއާރްސީއެމް އިން ވެސް ތަހުގީގު ފަށާފައިވާއިރު، ހޯމް މިނިސްޓްރީން ވަނީ މިރޭ އަތުހަރުގެ އާއިލާއާ ބައްދަލުކުރަން ނިންމައިފަ އެވެ. އެ ބައްދަލުވުމުގައި އަތުހަރުގެ ސިއްހީ ލިޔެކިޔުންތައް އާއިލާއަށް ރައްދު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް އާއިލާ މެންބަރު ބުންޏެވެ.
ހޯމް މިނިސްޓްރީން ވަނީ އަތުހަރާ މަރާ ގުޅިގެން މިރޭ 10 ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވަން ނިންމައިފަ އެވެ.
އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިއަދު އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އިއްޔެ އިރު އޮއްސި 7:02 ގަ އެވެ. ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށާއި އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން އެއް މިނެޓް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށް ވެސް އެ ޓައިމްލައިނުން ދައްކަ އެވެ.
އޭގެ އަށް މިނެޓް ފަހުން 7:14 ވީއިރު އަތުހަރު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި 7:17 ގައި އެމްބިއުލާންސަށް އަރުވައި 7:25 ވީއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށް ވެސް ޓައިމްލައިންގައިވެ އެވެ.
އެހެންވެ އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ދެމެދު ހޭދަވީ 23 މިނެޓެވެ. އެކަމަކު، ފުލުހުން އާންމުކުރި ޓައިމްލައިންގައި، އަތުހަރު އެންމެ ފަހުން ސަލާމަތުން ހުއްޓާ ފެނުނު ވަގުތެއް ބުނެފައެއް ނުވެ އެވެ.
އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކުރީ އެކުގައި ދިރިއުޅޭ ގޭގެ ކުލީގެ މައްސަލައިގައި އުފެދުނު ދެބަސްވުމެއްގައި ވަޅިން ބިރު ދައްކައި ހަމަނުޖެހުން ހިންގަން ފެށުމުން އެތަނަށް ފުލުހުން ދިއުމުންނެވެ. އަތުހަރުގެ ލޯބިވެރިޔާ އަކީ ޕޮލިސް ރެކްރޫޓެކެވެ. ފުލުހުން ސީނަށް ދިއުމާ އެކު އަތުހަރު ވަނީ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި މަރުގެ އިންޒާރު ދީފަ އެވެ.
މަގުމައްޗަށް ލޯބިވެރިޔާ ނެރެ އެތަނުން ދާން މަސައްކަތް ކުރިއިރު، އަތުހަރު އެއް އަތުން އަމިއްލަ ކަރުގައި ވަޅި ޖައްސައިގެން ހުރި މަންޒަރު އާއްމުވި ވީޑިއޯއަކުން ފެނެ އެވެ. އޭރު އޭނާ ހުރީ އަނެއް އަތުން އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެންނެވެ.
ކަރުގައި ވަޅި ޖައްސައިގެން ހުރެ ލޯބިވެރިޔާ ސައިކަލަށް އަރުވައި، އަތުހަރު އޭގެ ފަހަތުގައި އިނދެގެން ދަނިކޮށް ސަލާމަތްކުރީ ފުލުހުން އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި ވައްޓާލައިގެންނެވެ. އޭނާ ޖަލަށް ގެންދިޔައީ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެޗްގައި ފަރުވާ ދިނުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރުގައުމު
03 September 2024
އޮޓޮޕްސީ ހަދަންވީ އަތުހަރެއް ނޫން. އޮޓޮޕްސީ ހަދަންވީ އާއިލާ، ދިޔަ ސުކޫލުތައް، ބޮޑުވި ރަށް، މުއައްސަސާ ތައް، ސަރުކާރު ތަކުގެ ވެރިން. މިކަހަލަ އެތައް ޒުވާނުންނެއް ހަލާކުގެ ތެރެއަށް ދާއިރު އެންމެން ގެ ކަމަކީ ކޮންމެވެސް އަމިއްލަ އެދުން ބޮޑު ސައިކޯ ސިޔާސީ މީހެއް ފަހަތުން ކުލަ ކުލައިގެ ދިދަތައް ހިފައިގެން ބޭންޖަހާފަ މަގުމަތީ ހިނގުން. ތިމާ ސަޕޯޓު ކުރާ ޕާޓީ ވެއްޖިއްޔާ ބިލިޔަނުން ވައްކަން ކުރިއަސް ދިފާއުގަ ނިކުމޭ ހިތުން ސުޕަމޭނަށް ވެފަ.
ޒިންމާ1900
03 September 2024
މުސްލިމަކު މަރުވީމަ ދެން ވަޅުލީމަ ނިމުނީނުން. އިތުރު އަނިޔާއެއް ދޭން ކޮންމެހެން ކާފަރުން ކުރާ ހުރިހާކަމެއް ކުރަންޖެހޭތަ؟ ތިބުނާ އެއްޗެއް ހަދައިގެން އާއިލާ ޔަށް ނޫނީ މައްޔިތާ އަށް ކުރާނެ އެއްވެސް ފައިދާއެއް އެބަ އޮތް ތޯ؟ ސިޔާސީ ގޮތުން ތި މީހުންނަށް ހާސިލްވާ މަންފާއެއް ހާސިލްވާނީ. އެނޫން އެއްވެސް ކަމެއް މިރާއްޖެއަކު ނުލިބޭނެ. ފަލަސުރުޚީގަ ދެދުވަހަކު ލިޔެލާފަ އެކަންތަށް އޮއްބާލާނެ. އިންސާފު ހޯދަން އުޅެ އުޅެ އުމުރު ހުސްވާނެ.
ބޮދުވު
03 September 2024
އާއިލާއިން މިހާރު މިރާއްޖޭގެ އަމާންކަން ނަގާލައިފި. އެހެންޏާ އޭނާ އަމިއްކަ ކަރުގަ ވަޅި ޖައްސައިގެން ހުރި ބޭފުޅަކު އަމިއްލައަށް ދަންޖެހިދާނެ ކަމަށް ޤަބޫލެއް ނުކުރޭ. އެންމެން ވެގެން އަރާ ތަޅައިގަތީމާ އެލަކުނުތަށް މި އަޅުވަނީ ޖަލުގަ ވީކަން ކަން ކަމަށް. އޭނާ ހާލުގަ އުޅުނު އިރު އަޅާނުލައި މިހާރު ދެން މީކޮންކަމެއް.
1181
03 September 2024
ފުލުހުންގެ ބެލުމުގެދަށުގައި ހުރިމީހަކު މަރުވި މިއީ ފުރަތަމަފަހަރެއްނޫން. މިގޮތަން ކަންދިމާވާ ކޮންމެފަހަރަކުވެސް މަރުވާމީހާގެ އާއިލާއިންނުކުމެ ފުލުހުންކުށްވެރިކޮށް ވާހަކަދައްކަ. މިމުޖަތަމައުގައި ކަންކަންހުރީ މިފަދަގޮތަކަށްނަމަވެސް، ބަންދުގައިހުރި މީހަކުމަރުވާއިރު އޭނާގެ އޮޓޮޕްސީހެދުމާ ގުޅޭ ކަންކަން ޖިނާއީއިޖުރާތުގެ ޤާނޫނުފަދަ ކަމާގުޅުންހުރި ގާނޫނުތަކުގައި ލިޔެފައި ނެތުމަކީ މައްސަލައެއް. މިހެންވެ ފުލުހުން އަމަަލުކުރަމުންދަނީ އެކިފަހަރުއެކިގޮތަކަށް
ކައުންސެލަރު...
02 September 2024
އަތުހަރު މަރުވީ ދަންޖެހިގެން ކަމަކަށް ގަބޫލެއް ނުކުރެވޭ. އެކަމަކު އޮޓޮޕްސީ ހަދާކަށް ބޭނުމެއްނުވޭ.؟ ދެން ކީއްކުރަން ކުރާ ޝަކުވާއެއް. ޝަކުވާ އޮތިއްޔާ މައްސަލަ ޖައްސާ. އޭރުންތާ އެނގޭނީ ކަންވީގޮތް.
ގެދާނޯމޮސް
03 September 2024
އޭނަކޮށްފަ އެވަނީ ގާނޫނީ ގޮތުން ކިހާނުރައްކައުތެރި ކަމެއްތޯ ވިސްނާލައިގެން ހިމެއިނުން ތިބެން ބޭނުން ނުވަނީ ބަޔަކު ވެރިކަމުގެ ދަހިވެތި ކަމުގަ ކޮށްޓާތީއެވެ.
1181
03 September 2024
ރަނގަޅު ވާހަކައެއް.
ސަލީމު އިދުރީސް
03 September 2024
ބަލަ އޭނަ އެކަން ކޮއްފަ ފުލުހުންގެ ބެމުގެ ދަށުގަހުރީ! ވަގަކައްވެސް މުޖުރިމަކައް ވެސް ސަރިއަތް ކޮއްފަ ހުކުން ކޮއްގެން އަދަބު ލިބެން ޖެހޭނީ! ފުތަމަ އަދި ކިރިޔާ ކަމަކައް ވާވަރުކަމެއް ފުހުންނައް ލައްވާލީ ލަޓިގަނކުން ހައްލުހޯދީ! އޭނަހަޔައް ފުހުން ނައް ހަމާލާ ނުދެވޭ ހާލުގަ އޮއްވަ ގޮޅިތެރޭ ހިގާދިއަ ހާދިސާއާ މީހުން ސުވާލު ހުފައްދަނީ
ވަސްމީރު
02 September 2024
ވަރެއްްގެ އާއިލާއެއް, ފުރަމާލޭ މަގުމަތީ މީހެއްގެ ކަރުގަ ވަޅި އަޅުވައިގެން އޮއްވާ އާއިލާއަށް އެސޮރު އުޅޭކަން އެނގުނީވެސް. ތެދެއް އޭނަ ދަމެއްނުޖެހޭނެ, މީހަކަށް އަނިޔާއެއްނުދޭނެ, އަމިއްލަ ނަފްސަށް ގެއްލުމެއްނުދޭނެ
އިނގޭ
02 September 2024
ފުރަތަމަ ކަމަކީ އަހްތަރު ޖަލުގަ ހުއްޓަ ދޫކޮއްލީ ވެސް އާއިލާއިން ވޯޓް ދޭމަތިން ކަމަށް ކިޔާއަޑު އިވޭ އެއީ އެމްޕީ އަލީ ރިޒާގެ ކޮއްކޮއެއް ވޯޓަރސް ލިސްޓް ބަލާލީމާވެސް އިނގޭނެ... ދެމީހުން ރަޖިސްޓްރީވެސް ކޮށްފަ އޮންނަނީ އެއް ގެޔެއްގަ ސިޔާސީ މަންފާއަށް އެކުދިން ބޭނުން ނުކޮށް އިސްލާހު ކުރެވުނު ނަމަ
މުގާބިލު
02 September 2024
މައްޔިތާ ނިޔާވެއްޖެ! ދެން އެންމެ ރަނގަޅުވަާނީ އެ މައްޔިތާ އަށް އިހުތިރާމް ކުރުން! އެކަން އެ ނިމުނީ!
ހަސަންފުޅު
02 September 2024
ދިވެހީންނަށް ހީވެފައި އޮންނަ ކަހަލަ އޮޓޮޕްސީ ރިޕޯޓާ ޖަލުގެ ވޯޑިއޯކަހަލަ އެއްޗިއްސަކީ ހަމަ ބުނެލާއިރަށް ސޭލް އަޅުވަން ޖެހޭ އެއްޗެކޭދޯ. އެއީ ބޭނުންވާ މުއައްސަސާތަކަށް އެކަނި ދައްކަން ޖެހޭ އެއްޗެއް. ދެން ކީކޭ ބުނާނީ. މީހެއްގެ ކަރުގަ ވަޅި ދަމައިގެން ޖަލަށް ގެންދިޔާމަ އާއިލާއަށް ވެސް ހުރި މީހެއް ކަން މި އެނގުނީ. ކުރިން ޖަލުގައި ހުރި އިރު އާއިލާއިން ހާލު ބަލާލިބާ؟ މިހާރު ބައެއްގެ ބޮލަށް ކަމެއް ކަންޑާލަން ވީމަ ފެނުކައްކާ ބޮލީގެ އިއްޒަތް ތި ދެނީ
ކުށެއް ނޫން
02 September 2024
އަނިޔާ ދިނުމެއް ނެތް. އަނިޔާ ލިބިގަތުމެއްވެސް ނެތް. ޑްރަގް އެޑިކްޝަން އިޒް އަ ޑިޒީސް. ކުށެެއްނޫނޭ!
އިންސާނުން
02 September 2024
މަސްތުވާ ކޮންމެ އެއްޗަކީ ރާ. އެއީ ޙަރާމް އެއްޗެއް. އެބޭނުންކުރީމަ އެކުރެވުނީ ޙަރާމް ކަމެއް.
މަހޭކު
03 September 2024
ހުޅަންގުން އައި ގުރައެއްތަ ތީ. ޙަރާން ހުރިހާ ކަމެއްގެ ފަހަތަށް އެޑިކްޝަނޭ ޑިޒީޒް އެކޭ ކިޔާފަ ދެން އެކަމަށް ބޭހެއް ހަދައި "ފަރުވާ" ކުރަންވީ. "ފަރުވާ" ނިމޭ އިރަށް އަނެއްކާ "ބަލި" ވާންވީ. އަނެއްކާ އެމީހުން ދޭ "ފަރުވާ" ކުރަންވީ. ހުރިހަަ ފައިދާއެއް ފާމަސުޓިކަލް އިންޑަސްޓްރީއަށް. "ބައްޔަކަށް" މިކަންކަން ހަދަނީ ކީއްވެކަން ވަރަށް ސާފު.
ޑިޒީސް
03 September 2024
އެއްޗިހި ހަރާންކުރަން ތިވަރަށް ތިހިފަނީ އިންސާނިއްޔަތު ކަމެއް ނެތީމަ