ތަމަޅަ ސިނަމާގެ އެންމެ ވަރުގަދަ ދެ ސުޕަސްޓާރުން ކަމަށްވާ ރަޖްނީކާންތާއި ސަތިޔާރާޖް.
03 ސެޕްޓެމްބަރ 2024 - 07:28
ތަމަޅަ ސިނަމާގެ އެންމެ ވަރުގަދަ ދެ ސުޕަސްޓާރުން ކަމަށްވާ ރަޖްނީކާންތާއި ސަތިޔާރާޖް 38 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.
"ކޫލީ" ކިޔާ އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
ގިނަ ބަޔަކަށް ސަތިޔާރާޖް އެނގޭނީ ތަމަޅަ ބްލޮކްބާސްޓާ ފިލްމު "ބާހުބަލީ"ގައި އޭނާ ކުޅުނު ކަޓައްޕާގެ ރޯލުންނެވެ.
ރަޖްނީކާންތާއި ސަތިޔާރާޖް އެކުގައި އެންމެފަހުން ފިލްމެއް ކުޅުނީ 1986 ގަ އެވެ. އެއީ ތަމަޅަ ފިލްމު "މިސްޓާ ބާރަތު" އެވެ. އެހާ ގިނަ ދުވަސް ފަހުން ދެ ތަރިން އެއް ފިލްމަކުން ފެންނާތީ ތަމަޅަ ސިނަމާއަށް ލޯބިކުރާ މީހުންނަށް ވަނީ ވަރަށް ބޮޑު އުފަލެއް ލިބިފަ އެވެ.
އެ ދެ ތަރިން އެކުގައި މީގެ ކުރިން ވަނީ ހަ ފިލްމެއް ކުޅެފަ އެވެ.
އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅޭ އެކްޓަރުންގެ ވަކިވަކި ކެރެކްޓާ ޕޯސްޓަރުތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެއީ ރަޖްނީކާންތާއި ސަތިޔާރާޖްގެ އިތުރުން ޝްރޫތީ ހަސަން، ސޫބިން ޝާހިރު، ނަގަރްޖުނާ، އުޕެންދުރާ އަދި މަހެންދުރަން އެވެ.
ރަޖްނީކާންތުގެ ހިޓު ފިލްމު "ޖެއިލާ" ގެނެސްދިން ސަން ޕިކްޗާސްގެ ކުޑައިގެ ދަށުން ގެނެސްދޭ މި އެކްޝަން ތުރިލާ ފިލްމު ޑައިރެކްޓުކުރަނީ ތަމަޅަ ޑައިރެކްޓަރު ލޯކޭޝް ކަނާގަރާޖެވެ.
މި ފިލްމު އެންމެ ފުރަތަމަ އިއުލާންކުރީ "ތަލައިވާރު"ގެ ނަމުގައި މިދިޔަ އަހަރު ސެޕްޓެމްބަރުގަ އެވެ. މިއީ ރަންޖީކާންތު ލީޑު ރޯލު ކުޅޭނެ 171 ވަނަ ފިލްމެވެ. މި ފިލްމުގެ ބައެއް މަންޒަރުތައް ވެސް މިދިޔަ ޖުލައި މަހު ވަނީ ނަގައިފަ އެވެ.
"ކޫލީ" ޕްރިމިއާކުރަނީ އަންނަ އަހަރެވެ. ނަމަވެސް، ވަކި ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy