ރިޕޯޓް

ސިޔާސަތުތަކުގެ ހުރިހާ ގެއްލުމެއް ބޮޑެތި ލޯނުތަކުގައި ކިޔަވާ ޕައިލެޓުންނަށް!

މޯލްޑިވިއަން އެއާލައިންގެ ބައެއް ޕައިލެޓުން: މިހާރު ވެސް 300 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން އަންނަނީ ރާއްޖެ އިން ބޭރުގައި ޕައިލެޓުކަން ކިޔަވަމުން.

އެންމެ ކުޑައިރުއްސުރެ ފެށިގެން އޭނާ އުންމީދު ކުރަމުން އައީ ޕައިލެޓަކަށް ވާށެވެ. ބޮޑު ލޯނެއް ބޮލުގައި އަޅުވައިގެން އުންމީދު ހަގީގަތަކަށް ހެދި އެވެ. އެކަމަކު، މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން ޕައިލެޓް ކޯސް ފުރިހަމަ ކުރިޔަސް އަމަލީ މައިދާނުގައި ކުލަ ޖައްސައެއް ނުލެވުނެވެ. ޕައިލެޓެއްގެ ވަޒީފާއެއް އުޅެއުޅެ ނުލިބުނެވެ.

އެ ޒުވާނާ އެންމެ ފަހުން މަސައްކަތް ކުރަން ޖެހުނީ ރިސޯޓެއްގަ އެވެ. އެކުގައި ޕައިލެޓްކަން ކިޔެވި ބައެއް މީހުން ވެސް މިހާރު ވަޒީފާ އަދާކުރަނީ ރިސޯޓުތަކާއި އިތުރު އެހެން ވަޒީފާތަކުގަ އެވެ.

ޕައިލެޓްކަމަކީ މިވަގުތު ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑު އެއް ދާއިރާ އެވެ. ގިނަ ތަންތަނަށް ދަތުރުކުރުމުގެ ފުރުސަތު ލިބުމާއި ބޮޑު މުސާރައެއް މި ދާއިރާ އިން ލިބުމަކީ މީގެ ސަބަބުތައް ކަމަށް ވެދާނެ އެވެ. އެކަމަކު، އެއާ އިދިކޮޅު ހަގީގަތާ މިއަދު ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ރާއްޖޭގައި ޕައިލެޓް ކަމުގެ ވަޒީފާ ހަމަޖެހިފައި އޮތް ވަރަށް ވުރެ އިތުރަށް ޕައިލެޓް ކޯސް ހުޅުވައިލުމުން އޭގެ ގެއްލުން އިންތިހާ އަށް ބޮޑުވެއްޖެ އެވެ. ބައެއް ޒުވާނުން ވަނީ ޕައިލެޓްކަން ކިޔަވައިގެން އައިސް ވަޒީފާއެއް ނުލިބި "މަގުމަތިވެފަ" އެވެ.

ރާއްޖޭގައި ޕައިލެޓްކަން ކިޔަވައިގެން އައިސް ވަޒީފާއެއް ނުލިބިގެން 70 އަށް ވުރެ ގިނަ ދަރިވަރުން މިހާރު ވެސް އެބަތިއްބެވެ. ރާއްޖެއިން ބޭރުގައި މިހާރު ވެސް 300 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު ކޯސް ފުރިހަމަ ކުރުމަށް ލޯނު ހަމަޖެހި، ކިޔަވަން ނުފުރާ ދަރިވަރުން ވެސް އެބަތިއްބެވެ. ދެން އެ ދަރިވަރުންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ ކިޔެވުން ފުރިހަމަ ކޮށްގެން އައުމަށް ފަހު، މަތިންދާބޯޓެއް އުދުއްސާލަން މި ކުދިންނަށް ލިބޭނީ ކިތައް އަހަރުން ހެއްޔެވެ؟

ޕައިލެޓް ކަމަށް މިހާ ބާރު ބޮޑުވެފައިވަނިކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކުރި ސްޓޫޑަންޓު ލޯނުގެ ދަށުން ވެސް 479 ދަރިވަރުންނަށް އެ ދާއިރާ އިން ކިޔަވަން ފުރުސަތު ދިނެވެ. އެއްފަހަރާ އެހާ ގިނަ ދަރިވަރުންނަށް ލޯނު ދޭން ނިންމިއިރު ވެސް އެކި ގައުމުތަކުގައި ގާތްގަނޑަކަށް 200 ދިވެހި ދަރިވަރުން އައީ ޕައިލެޓްކަން ކިޔަވަމުންނެވެ.

އެހާ ގިނަ ބަޔަކަށް އެއް ދާއިރާއަކުން ކިޔަވަން ފުރުސަތު ދިންއިރު މިއާ އެކު އުފެދެނީ މި އެންމެން ވަޒީފާގެ ފުރުސަތު ދޭނީ ކޮން ގޮތަކުން ހެއްޔެވެ؟ ވަޒީފާއެއް ނެތެވެ.

ޓީއެމްއޭގެ ބޯޓުތަކެއް: ގިނަ އަދަދެއްގެ ދިވެހި ޕައިލެޓުން ކޯސް ހެދިޔަސް ވައިގެ ސިނާއަތުގައި ވަޒީފާއެއް ނެތް. ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސަރުކާރުން ދޫކުރި ސްޓޫޑަންޓް ލޯނުގައި މިހާރު ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރަކު، "މިހާރު" އަށް ބުނިގޮތުގައި ގިނަ ބަޔަކު އެ ދާއިރާ އިން ކިޔަވަމުންދާތީ ވަޒީފާގެ ބިރު އެބަ އޮތެވެ. އެހެންވެ، އެ ޒުވާނާ ޕައިލެޓް ކޯހަށް ނުކުތީ އަދާކުރަމުންދިޔަ ވަޒީފާ އިން ވެސް ވަކިނުވެ، ނޯ ޕޭ ލީވެއް ނަގައިގެންނެވެ. އޭނާއާ އެކު އެ ކޯސް ހަދާ އެހެން ދަރިވަރުންގެ ހާލަތަކީ ވެސް އެއީ އެވެ.

"ކިޔަވައިގެން އައިސް ވެސް ދާން ޖެހޭނީ 15،000 ރުފިޔާގެ ވަޒީފާ އަށް. ސްޓޫޑަންޓް ލޯނުން ޕައިލެޓް ލައިސެންސް ލޯނަށް މަހަކު އަރާނެ ގާތްގަނޑަކަށް 8،000 ރުފިޔާ. ބައެއް މީހުން ދައްކަންޖެހޭ 10،000 ރުފިޔާ ވެސް. އެހެންވީމާ ވަރަށް އުނދަގޫވާނެ،" އޭނާ ބުންޏެވެ.

މިއީ ގައުމީ ބޮޑު މައްސަލައެއް

ޕައިލެޓުންނަށް ކުރިމަތިވެފައިވާ މި ހާލަތު ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ސިފަ ކުރައްވަނީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި އެ މިނިސްޓްރީން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވެސް އަމީން ވަނީ ޕައިލެޓުން ތަމްރީނުކުރަން 400 އެއްހާ ފުރުސަތު ދޭއިރު ލޯނު ސްކީމަށް ހުޅުވާލަން ވާނީ އެ ގައުމަކަށް ބޭނުންވާ ނުވަތަ ކިޔަވައިގެން އަންނަ މީހުންނަށް ފުރުސަތުތަކެއް އޮންނާނެ ގޮތަށް ބައްޓަން ކޮށްގެން ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވައިފަ އެވެ.

މޯލްޑިވިއަން އިން ރާއްޖެ ގެނައި ދެ އޭޓީއާރް ބޯޓު ރަންވޭއަށް ތިރި ކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕައިލެޓުކަން ކިޔަވައިގެން އައިސް އެންމެ ފުރަތަމަ އުޅެން ޖެހެނީ ކެޑޭޓް ޕައިލެޓެއްގެ ގޮތުގަ އެވެ. ރާއްޖޭގައި މިވަގުތު ކެޑޭޓް ޕައިލެޓުން ތަމްރީނު ކުރަނީ ގައުމީ އެއާލައިނާއި ޓީއެމްއޭ އިން ކަމަށް އެކަންޏެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެވްރެޖަށް ބަލާއިރު އެ ދެ ކުންފުނިން ވެސް ވަޒީފާ ދޭ އަދަދު 30 އިން މައްޗަށް ނާރަ އެވެ.

އެ މީހުން އައިސް އެ މީހުންނަށް ވަޒީފާ ނުލިބިއްޖެއްޔާ ކިހިނެއްތޯ ވާނީ؟ ވަރަށް ރަނގަޅު ޕްލޭނެއް އޮވެގެން ނޫނީ މި ފަދަ ކަންތައްތައް ކުރާކަށް ނުވާނެ. އަޅުގަނޑު ގަބޫލެއް ނުކުރަން ސިޔާސީ ބޭނުމަށްޓަކައި ވެސް ނޫނީ އެހެން ކަމަކަށްޓަކައި ވެސް އެއްވެސް ބަޔަކާ ދޭތެރޭގައި ޕްލޭނެއް ނެތި އެގޮތަށް ސްކޮލަޝިޕެއް [ލޯނު] ހުޅުވާލައިގެން ވާނެ ކަމަކަށް: އަމީން

"މީގެ ގެއްލުން މުސްތަގުބަލުގައި ވަރަށް ބޮޑުވާނެ،" މޯލްޑިވިއަންގެ ޕައިލެޓުންގެ އިސްވެރިއަކަށް މީގެ ކުރިން ހުންނެވި އަމީން ވިދާޅުވި އެވެ.

އެކަމަކު އެއީ ގައުމީ ބޮޑު މައްސަލައެެއްގެ ގޮތުގައި އަމީން ސިފަ ކުރެއްވިޔަސް ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވަނީ ރިކޯޑް އަދަދެއްގެ ދަރިވަރުންނަށް ޕައިލެޓްކަން ކިޔަވަން ދިނުމަކީ އޭވިއޭޝަން އިންޑަސްޓްރީ އަށް އާދަޔާ ހިލާފު ހެޔޮ ބަދަލެއް އަންނާނެ ކަމެއް ކަމަށެވެ.

ހައްލަކީ އޭވިއޭޝަން ސެކްޓަރު ބޮޑުކުރުން

އަމީން، "މިހާރު" އަށް ވިދާޅުވީ އެ މައްސަލައަށް ދެން އޮތް ހައްލަކީ ގައުމުގެ ނިސްބަތުން އޭވިއޭޝަން ސެކްޓަރު ފުޅާކުރުން ކަމަށެވެ. އެކަމަކު އެއީ ވެސް ވަރަށް "ސްލޯ ޕްރޮސެސް" އެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަދަން މޯލްޑިވިއަންގެ ޖާގަ ބޮޑުކުރެވޭތޯ. އޭ380 މަރުކާގެ އެއާކްރާފްޓެއް މިހާރު ގެނައުމަށް މަސައްކަތް ކުރަނީ. މިހެން އިތުރު ކުރެވޭ ކޮންމެ ކަމެއްގައި ޖާގަ އިތުރުވަމުންދާނެ،" އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން: ޕައިލެޓުންނަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި.- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ފަހުން ވެސް ޖާގަ ލިބުމާ އެކު ހަތަރު ޕައިލެޓުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި އަހަރު ނިމުމުގެ ކުރިން އިތުރު ދަރިވަރުންތަކަކަށް ފުރުސަތު ދެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ވަކި ސްޕެސިފިކް ނަމްބަރެއް ނޯވޭ މި ވަރަށޭ މި އަހަރު ފުރުސަތު ދެވޭނީ. ޖާގަ ކްރިއޭޓް ވާނެ ޕައިލެޓުން ކެނޑުމާއި އެ މީހުންނަށް ދީފައި ހުންނަ ލައިސަންސް ކެންސަލް ވުމާއި ޓޫރިޒަމް ގްރޯތު އިތުރު ވެގެން އޮޕަރޭޓް ކުރަންޖެހޭ ފްލައިޓް އިތުރުވުމުން ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ޕައިލެޓުންނަށް ދިމާވެފައިވާ ވަޒީފާގެ ދަތިކަން ހައްލުކުރުމަށް މަސައްކަތް އެބަ ކުރެ އެވެ. ޖާގަ އިތުރުކުރުމަށް މޯލްޑިވިއަން އެއާލައިންގެ ދަތުރުތައް އިތުރު ކުރަން ވެސް މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ.

"މިކަމަށް ހައްލެއް ހޯދޭތޯ މި ބަލަނީ. އިތުރު އެހެން ގޮތްތަކެއް ވެސް ބަލަމުން މިދަނީ. އެ ކަންކަން ކޮންމެވެސް ވަރަކަށް ޔަގީންވީމާ މައުލޫމާތު ހިއްސާ ކުރާނަން. އެކަމަކު ހައްލު ހޯދަން މަސައްކަތް ކުރަމުން މިދަނީ،" އަމީން ވިދާޅުވި އެވެ.

ކޮންމެ ބޭނުމެއްގައި ކަމަށް ވިޔަސް ރާއްޖޭގައި ޕައިލެޓުންގެ އަދަދު ވަނީ އިންތިހާ އަށް ގިނަވެފަ އެވެ. އެކަމަކު ވަޒީފާއެއް ނެތެވެ. ވަޒީފާ އުފެއްދުމަށް ކުރާނެ މާ ގިނަ ކަންތައްތަކެއް އަދި ޕޮލިސީ ލެވެލްގައި ވެސް މާ ސާފުކޮށް އެނގޭކަށް ނެތެވެ. ވައިގެދަތުރުފަތުރުގެ ސިނާއަތް ފުޅާކުރުމަކީ ރާއްޖެ ކަހަލަ ގައުމަކަށް މާ ފަސޭހައިން ވާނެ ކަމެއް ނޫނެވެ. އެހެންވެ، ބޮޑެތި ލޯނު ނަގައިގެން ޕައިލެޓްކަން ކިޔެވި ދަރިވަރުންނާއި ކިޔަވަމުންދާ ދަރިވަރުން އިންތިޒާރެއްގައި ތިބުން ނޫން ގޮތެއް ނެތެވެ. މި ހުންނަނީ ސިޔާސަތު އެކުލަވައިލައްވާ ބޭފުޅުންގެ ދޯހަޅި ވިސްނުމުން ނުކުންނަ ނޭދެވޭ ނަތީޖާ އެވެ.

65 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 5%
icon angry icon angry 82%
icon wow icon wow 5%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕައިލެޓް

08 September 2024

ފެންވަރުދަށް ލިޔުމެއް. އެއްވެސް އެކަށީގެންވާ މައުލޫމާތެއް ނުހިމެނޭ. ރާއްޖޭގައި މަސައްކަތްކުރަނީ ކިހާ ބިދޭސީ ޕައިލެޓުންނެއްތޯ؟ އެއަރލައިންތަކުގެ ކުރިމަގުގެ ޕްލޭންތަކުގައި އެކްސްޕޭންޝަން ހުރީ ކިހިނެއްތޯ؟ ދިވެހި ޕައިލެޓުން މިހާރު އެހެންގައުމުތަކަށް ވަޒީފާއަށް ދިއުމުގެ ސަގާފަތެއްވެސް އަންނަނީ އުފެދެމުން. މެދުއިރުމަތީގެ އެއަރލައިންތަކަށް ދިވެހިން އެބަދޭ. ހެލިކޮޕްޓަރ އިންޑަސްޓްރީ ރާއްޖޭގަ އެބަފެށޭ. މިލިޓަރީ އެއަރވިންގ އުފެދޭ.

The name is already taken The name is available. Register?

ލތފ56

08 September 2024

އެކްސެސް ރިސޯސް އެކްސްޕޯޓް ކުރުމަކީ ނެތް ކަމެއް ނޫން

The name is already taken The name is available. Register?

ޙަސަނަ

07 September 2024

ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ދާއިރާ އަކުން ކިޔެވުމުގެ ފުރުސަތު އޮންނަންވާނެ.. ވަކި ބަޔަކު ޕައިލެޓަކަށް ވީމަ ބާކީ އެހެން މީހުނަށް އޮންނަ ކިޔެވުމުގެ ފުރުސަތު ބަންދު ކުރަން ވީ އެއްނޫން. ވަޒީފާ ލިބުމާއި ނުލިބުން އެއީ ވަކި ކަމެއް

The name is already taken The name is available. Register?

ރެއްކާގެ އިބްޒީމުއްސިދުގީ

07 September 2024

އަނެއްކާވެސް ކުރީގެ ސަރުކާރު..... ބަލަ މިރާއްޖޭގެ ރިޒޯޓްތަކުގެ ކޮޓަރިތައް ހުހަށް ހުންނަތަން ކަލޭމެނަށް ނޭގެނީތަ؟ ބިލިއަނުން އިންވެސްޓްކޮށްގެން ކޮޓަރިތައް ހުހަށް އަދި އެކޮޓަރިތަކަށް ހަދަންވާގޮތްވެސް އެނގެނީ ހަމަ ކަލޭމެނަށް ރޯނު އެދުރު ވިޔަސް ބޮޑުވަރު. ބަލަ ކިޔެވިއެއްޗެއް ކިޔަވައިގެން ދެން ކަންކުރާނެ ގޮތެއްވެސް ހޯދާނީ ހަމަ އެމީހެއް. އެއީ ސަރުކާރު ޒިއްމާވާން ޖެހޭ ކަމެއްނޫން

The name is already taken The name is available. Register?

ސުމޯކީ

07 September 2024

ޓީއެމްއޭ ފްލައިޓްތަކުގައިތިބި ބޭރުމީހުން މަޑުމަޑުން ދިވެހިންނަށް ބަދަލުކުރަންވީ. އެންމެފަހުން އެއަރޓެކްސީގައި ކުރިދަތުރުގައިވެސް ހުރިހާ އެއަރކްރާފްޓެއްގައި ބޭރުމީހުން. މަދުންނޫނީ ދިވެއްސަކުނެތް. ހީވަނީ ބޭރުމީހުނަށް ވަޒީފާދޭން ކުރާ ވިޔަފާރިއެއްހެން. ދެން މިކިޔަނީ ގައުމީ މައްސަލައެކޭ.

The name is already taken The name is available. Register?

ފޫހި

07 September 2024

ޓީ އެން މޭ ގަ ގިނައީ ލަންކާ މީހުންނާ އެހެންގައުމުތަކުގެ މީހުން ޕައިލެޓުން އެމީހުން ފޮނުވާލާފަ ދިވެހިންނައް ވަޒީފާދޭންގޮވާލަން އޭރުން ތިއޮތީ މައްސަލަ ހައްލުވެފާ ތިކަން ސިޔާސީނުކޮއް

The name is already taken The name is available. Register?

ކޮސްވެއްޖެ

07 September 2024

“ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވަނީ ރިކޯޑް އަދަދެއްގެ ދަރިވަރުންނަށް ޕައިލެޓްކަން ކިޔަވަން ދިނުމަކީ އޭވިއޭޝަން އިންޑަސްޓްރީ އަށް އާދަޔާ ހިލާފު ހެޔޮ ބަދަލެއް އަންނާނެ ކަމެއް ކަމަށެވެ.” މީވާ ފައްކާ މިނިސްޓަރެއް! ޑރ އެކޯލާ. އިހުލާސްތެރިކަމެއް ނެތީމަވާގޮތް. މަގާމަށް ދަހިވެތިވެ، ވިކިފައި ހުރި މީހެއްކަން ވ ސާފު!

The name is already taken The name is available. Register?

އަކްމެޑް

06 September 2024

އަމިއްލަ މައްސަލައެއްް. ކާކު ބުނީ ތިއެއް ކިޔަވާށޭ ވަޒީފާ ނެތަސް.

The name is already taken The name is available. Register?

ސަރގު

07 September 2024

ކިޔަވަންޖެހޭނީ ވަޒީފާލިބޭނެކަން ޔަގީންކޮއްފަ، ކިޔެވުމަކީ އަދިވަޒީފާ ގެރެންޓީވާންޖެހޭކަމެއްނޫން، ތިޔަކަހަލަ ދާއިރާތަކުން ކިޔަވަންވާނީ ކޮމްފޯރޓްޒޯން އިބޭރުން ވެސް ފުރަސަތުހޯދާ ދާން ތައްޔާރުވެގެން، ކީއްވެބާ ޔޫރަޕްމީހުން ރާއްޖެއަންނަނީ ޕައިލެޓްވަޒީފާއަށް، ރާއްޖެއިން ބޭރުންވެސް ފުރުސަތުހޯދައިގެން ދާންވީނު

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 September 2024

ބޭރުގެ އިންވެސްޓަރުންނަށް ޤައުމުގެ ވަސީލަތް ބޭނުންކޮށްގެން ވިޔަފާރިހިންގުމަށް ދޫކޮށްފައިވާ ފުރުސަތުތަކުގެ ކަންކަންއިގޭ މިކަމަށް ތަސައްރަފު ފުދޭވަރަށް އިލްމުލިބި އަދި ދުނިޔޭގެ އެތައްޤައުމަކަށް ދަތުރުވެސްކޮށްފައިވާ އިންޓަނެޓުން މައުލޫމާތު ދެނެގަތުމުގެ ކުޅަދާނަކަންހުރި ބައެއްފަރާތް ތަކުން އެބަބުނޭ "ބިދޭސި ކުންފުނިތަކުން އެމީހުންގެ ފައިސާ ރާއްޖޭގައި އިންވެސްޓް ކުރީމާ" އެމީހުނަށްވެސް އެމީހުންގެ ވިޔަފާރި ބޭނުންގޮތަކަށް ކުރުމަށް ޖާގަ ދޭންޖެހެކަމަށް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 September 2024

މަތީގައި މިދެންނެވިގޮތަށް ވަކާލާތު ކުރާ ދިވެހިން ގިނަވި ވަރަކަށް ރާއްޖޭގެ މަސައްކަތުގެ މާހައުލުން ދިވެހިން ބާކީވެ "ދިވެހި ޒުވާން ޕައިލެޓުންނަށް ދިމާވެފައިވާ ޙާލަތު" ކުރިމަތިވަމުންދާނެ. # ރާއްޖެއަކީ މުޅި ދުނިޔެއިންވެސް ފަތުރުވެރިކަމުގެ އިޤްތިސޯދުގައި ކުރާ އިންވެސްޓްމަންޓް އެންމެއަވަހަށް ލިބި އަދި 60-140 މިލިޔަނެއްހާ ޑޮލަރު އިންވެސްޓްކޮށްގެން ތަރައްޤީ ކުރާރަށް 300 މިލިޔަނާއި 1 ބިލިޔަން ޑޮލަރާއި ދެމެދުގެ އަގަކަށް ފަސޭހަކަމާއިއެކު ވިއްކާލެވޭ ތަނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454