ރިވަޕްލޭޓްގެ ފްރެންކޯ މަސްޓަންޓުއޯނޯ: އޭނާގެ ޓްރާންސްފާއާ ގުޅޭ ގޮތުން ރެއާލުން ދިޔައީ ރިވަޕްލޭޓާ ވާހަކަ ދައްކަމުން
04 ސެޕްޓެމްބަރ 2024 - 14:50
މެޑްރިޑް (ސެޕްޓެމްބަރު 4) - އާޖެންޓީނާގެ ކްލަބް ،ރިވަޕްލޭޓާއި ރެއާލް މެޑްރިޑާ ދެމެދު ދެކެވެމުންދިޔަ ޓްރާންސްފާގެ ވާހަކަތައް، އެހެން ކްލަބްތަކަށް "ލީކު ކުރުމުން" މައްސަލަ ޖެހިއްޖެ އެވެ.
ރިވަޕްލޭޓްގެ 17 އަހަރުގެ މިޑްފީލްޑަރު ފްރެންކޯ މަސްޓަންޓުއޯނޯ ސޮއި ކުރުވުމުގެ ވާހަކަތައް ދެ ކްލަބުން ފެށި އެވެ. ސްޕެއިންގެ މާކާއިން ބުނީ އެ ޓްރާންސްފާ ހަމަޖެހުމާ ދާދި ކައިރިއަށް ދެ ކްލަބްގެ މަޝްވަރާތައް ދިޔަ ކަމަށެވެ.
އެކަމަކު، އެ މަރުހަލާގައި ވަނިކޮށް ރިވަޕްލޭޓުން އެ ޓްރާންސްފާގެ ވާހަކަތައް، ފްރެންކޯ އަށް ޝައުގުވެރިވާ އެހެން ކްލަބްތަކަށް ހާމަ ކުރި އެވެ.
އުމުރުން 16 އަހަރުގައި ފްރެންކޯ ވަނީ މިދިޔަ އަހަރު އާޖެންޓީނާގެ ސީނިއާ ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި އެ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. އެހާހިސާބުން އެހެން ކްލަބްތަކުން އޭނާ އަށް ގެންދަން ޝައުގުވެރިވި އެވެ.
ރެއާލާ އެކު ރިވަޕްލޭޓުން ވާހަކަ ދައްކާކަން އެހެން ކްލަބްތަކަށް އެންގުމުން، އެ ކްލަބަށް ވުރެ ބޮޑު އަގެއް އެހެން ކްލަބްތަކުން ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ.
ރެއާލުން ތުހުމަތު ކުރަނީ، ރިވަޕްލޭޓުން އެގޮތަށް ކަންތައް ކުރީ ޕްބަލިކް ބިޑަކަށް ގޮސް ބޮޑު އަގެއް ހޯދުމުގެ މަގުސަދުގަ އެވެ.
"ޕަބްލިކް ބިޑަކަށް ދާން ރެއާލުން ބޭނުން ނުވީ،" މާކާގައި ލިޔެފައި ވެއެވެ.
އެ ނޫހުން ފްރެންކޯގެ ޓްރާންސްފާގެ މަސައްކަތް މި ވަގުތަށް ރެއާލުން ހުއްޓާލާފައިވާ ކަމަށެވެ.
ރެއާލަށް މިހާރު ކުޅެމުން އަންނަ ބްރެޒިލްގެ ތިން ކުޅުންތެރިންކަމަށްވާ، ވިނީޝިއުސް ޖޫނިއާ، ރޮޑްރިގޯ ގޮއިސް އަދި ފިލިޕޭ އެންޑްރިކްގެ ޓްރާންސްފާ ވެސް ރެއާލުން ފައިނަލް ކުރީ ޕަބްލިކް ބިޑަކަށް ނުގޮސް އެ ކުޅުންތެރިން އޭރު ކުޅުނު ކްލަބްތަކާ އެކު ކުރިއަށްގެންދިޔަ ދިގުދެމިގެންދިޔަ ވާހަކަތަކަށް ފަހު އެވެ. އަދި އެ ކުޅުންތެރިން ޓްރާންސްފާ އަށް މެދުމިނުގެ ފީއެއް ދިނުމަށް އެ ކްލަބްތަކާ އެކު އެއްބަސްވެގެންނެވެ.
ޕަބްލިކް ބިޑަކަށް ގޮސްފިނަ ފެންވަރު ރަނގަޅު ކުޅުންތެރިންގެ އަގު 100 މިލިއަން ޑޮލަރަށް ވުރެ ވެސް މައްޗަށް އަރައިގެން ދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy