އެކްސިޑެންޓު ހިނގި ދުވަހު ހަދީޖާ އިބްރާހިމް ހޮސްޕިޓަލުގައި އޮތްއިރުގެ ފޮޓޯއެއް.
06 ސެޕްޓެމްބަރ 2024 - 22:13
ހަދީޖާ އިބްރާހިމް (ހައްޖަ) ކުޑަކޮށް ކެއްސާތީ ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހެކެވެ. އެ ދުވަހުގެ އިރުއޮއްސުނު ވަގުތެވެ. ހެންވޭރު ކޮޅުގައި ހުންނަ ސެނަހިޔާ ހޮސްޕިޓަލަށް އޭނާ ދިޔައީ ގާތް އެކުވެރިޔާ މަރިޔަމް ޝަހީދާއާ އެކުގަ އެވެ. އޭނާ ދުއްވި ސައިކަލު ލޮނުޒިޔާރަތް ޕާކާ ޖެހިގެން އޮންނަ ޕާކިން ޒޯނުގައި ބެހެއްޓުމަށް ފަހު، ހޮސްޕިޓަލާ ދިމާލަށް ދެ މީހުން ހިނގައިގަތެވެ.
ސެނަހިޔާ ހޮސްޕިޓަލްގެ ކުރިމަތީގައި އޮންނަ ކަފިހުރަހުން މަގު ހުރަސްކުރަން އުޅުނު ދަނޑިވަޅުވީ ދެ އެކުވެރިންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހާލި ވަގުތުކޮޅަށެވެ. ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ދެ މީހުން ދިޔައީ ވިއްސައިގެންނެވެ. ވިއްސައިގެން ގޮސް ޖެހުނު ގޮތުން ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ، ދެ މީހުން ވެސް ވަގުތުން ހޭނެތުނެވެ.
"އަޅުގަނޑުމެން ޒިބްރާ ކްރޮސް އަށް އަރާފައި، ކިރިޔާ ދެ ވަނަ ލޭނަށް އެރޭނީހެން ހީވަނީ، މިހާރު އެ ވަގުތުކޮޅު އަޅުގަނޑުގެ ސިކުނޑިން ބްލޭންކް [ހަނދާނެއް ނުވޭ]،" އެ ބިރުވެރި ވަގުތުކޮޅު ހަނދާން އާކުރަމުން ހައްޖަ ކިޔައިދިނެވެ.
ހައްޖައަށް ރަނގަޅަށް ހޭވެރިކަންވީ އެކްސިޑެންޓަށް ފަހު ސެނަހިޔާގައި ފަރުވާދީ، އިތުރު ފަރުވާ އަށް އޭޑީކޭ ހޮސްޕިޓަލަށް ވެސް ގެންދިޔަ ފަހުންނެވެ. ސެނަހިޔާގައި އޮތްއިރު މީހުން ދައްކާ ވާހަކަ ކޮންމެވެސް ވަރަކަށް އޭނާ އަށް އަޑު އިވުނެވެ. ކިޔަނީ ކޮން ނަމެއްތޯ މީހަކު އެހި ހަނދާންވެ އެވެ. އެކަމަކު، ޖަވާބު ދޭން ހައްޖަ އޮތީ ނުކުޅެދިފަ އެވެ.
"އަމިއްލައަށް މިހާރު އިހުސާސް ކުރެވެނީ އޭރު އޮތީ ކަނޑު އަޑީގައޭ، އެ ކަހަލަ އިހުސާސެއް ކުރެވެނީ،" އޭނާ ބުންޏެވެ.
ހައްޖަގެ ބޯ ފަޅައިގެން ގޮސް، ލޭތައް ދިޔައީ ފައިބަމުންނެވެ. އޭނާގެ ވާތު އުޅަނބޮށީގެ ކަށިގަނޑު އޮތީ ބޭރަށް ފެންނާށެވެ. އޭނާގެ އެކުވެރިޔާ ޝާހިދާގެ ބޮލުގެ ކަނާތު ފަޅިން އޮތީ ބައެއް ނުކުމެފަ އެވެ.
އެ ބިރުވެރި ހާދިސާ އަށް އަންނަ އާދިއްތަ ދުވަހު އަހަރެއް ވާނެ އެވެ؛ ދެ އެކުވެރިން އަދިވެސް ތިބީ އެ ވޭނުގަ އެވެ. އެ ބިރުވެރިކަމުގަ އެވެ. ނުވިތާކަށް އިންސާފުގެ ކައިވަތެއް ވެސް ނުލިބެ އެވެ.
އެ އެކްސިޑެންޓުގައި ހައްޖަ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ގިނައިރު ކޮޅަށް ނުހުރެވެ އެވެ. އަނބުރައިގަންނަނީ އެވެ. ތެދުވެލާއިރަށް ހީވަނީ މުޅިތަން އެކޮޅުކޮޅުން ޖެހޭހެންނެވެ. އެނދުން ނުތެދުވެވި، އަދި އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވި މަހަކަށް ވުރެ ގިނަ ދުވަހު އެނދުމަތިވެފައި އޮންނަން ޖެހުނެވެ.
އަޅުގަނޑަށް މިހާރު އެކަނި މަގު ހުރަސްކުރަން ވެސް ނުކުރޭ. ރޮއެވެސް ގަނެވޭ، ހަޅޭވެސް ލެވެނީ، ނޫނީ ޕްލީޒް ބުނެފައި އާދޭސް ވެސް ކުރަން މަގު މެދުގައި ހުއްޓިގެން ހުރެގެން. އެ ކަހަލަ ޓްރައުމާއެއްގައި [މި އުޅެނީ]: ހައްޖަ
"މިހާރު ވެސް ވަރަށް ގިނައިން އަނބުރައިގަނޭ، ކުޑަކުޑަ ކަމެއް ވިޔަސް. ލޮލަށް އަނދިރިވާގޮތް ވޭ. އެކަމަކު ދެން އުޅެވޭ ވަރުވޭ،" ހައްޖަ ބުންޏެވެ.
"އަޅުގަނޑަށް މިހާރު އެކަނި މަގު ހުރަސްކުރަން ވެސް ނުކުރޭ. ރޮއެވެސް ގަނެވޭ، ހަޅޭވެސް ލެވެނީ، ނޫނީ ޕްލީޒް ބުނެފައި އާދޭސް ވެސް ކުރަން މަގު މެދުގައި ހުއްޓިގެން ހުރެގެން. އެ ކަހަލަ ޓްރައުމާއެއްގައި [މި އުޅެނީ]."
އެހެންވެ، ޑޮކްޓަރުން ވަނީ ތެރަޕީ ނަގަން އޭނާއަށް ލަފާ ދީފަ އެވެ.
ހައްޖަ ބުނި ގޮތުގައި، ދެ އެކުވެރިން ގައިގައި ޖެއްސި ސައިކަލުގައި ޒުވާން ދެ ފިރިހެނުން ތިއްބެވެ. އެ އެކްސިޑެންޓަށް ފަހު ފުލުހުން އެ ދެމީހުން ހައްޔަރުކުރި ނަމަވެސް މިހާރު ތިބީ ދޫވެފަ އެވެ. ފުލުހުން މިހާރު ވަނީ އެ ކޭސް ވެސް ފައިލް ކޮށްފަ އެވެ. އިންސާފު ލިބޭނެ ކަމުގެ އުއްމީދެއް ނެތުމުން ހައްޖަގެ އާއިލާ އަށް ވެސް ގޮތްހުސްވީ އެވެ.
"އެ މީހުން [ސައިކަލު ދުއްވި މީހުން] ކުރިހާ ވެސް ކަމަކީ އަޅުގަނޑު އޭޑީކޭގައި އޮތްއިރު ބިލަށް އެރި ދިހަ، ފަނަރަ ހާސް ރުފިޔާގެ ބިލު ދެއްކުން. އެކަމަކު އެއީ ކޮން ކަހަލަ އިންސާފެއްތޯ؟ އަޅުގަނޑުގެ ބިލަށް އެރި ބޮޑު އަދަދަށް ވުރެ މާ ބޮޑު އަނިޔާއެއް ނޫންތޯ މި ދިނީ. އެ މީހުން މިނިވަންކަމާ އެކު އުޅޭއިރު، އަޅުގަނޑަށް މި ޖެހެނީ މުޅި އުމުރު މި ބިރެއްގައި އުޅެން،" އޭނާ ބުންޏެވެ.
އެތައް ބޭހަކާއި ފަރުވާއަކަށް ފަހު ތެދުވެ މިހާރު އުޅުނު ކަމުގައި ވިޔަސް، އެ ޓްރައުމާއިން އަޅުގަނޑަށް ވެސް، އާއިލާއަށް ވެސް ނުނިކުމެވޭ: ހައްޖަ
"އެތައް ބޭހަކާއި ފަރުވާއަކަށް ފަހު ތެދުވެ މިހާރު އުޅުނު ކަމުގައި ވިޔަސް، އެ ޓްރައުމާއިން އަޅުގަނޑަށް ވެސް، އާއިލާއަށް ވެސް ނުނިކުމެވޭ."
ހައްޖަގެ މި ހިތްދަތި އިހުސާސްތައް އޭނާ ބަންޑުކޮށްލީ، ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ރޭ މެންދަމު ސްޕޯޓްސް ކާރަކާއި ސައިކަލެއްގެ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވުމުންނެވެ. ރޭ މެންދަމު ތިނެއް ޖަހަން އުޅެނިކޮށް ހިނގި އެ އެކްސިޑެންޓުގައި މަރުވީ ސައިކަލު ދުއްވަން އިން ލ. އިސްދޫ، ބީޗްހައުސް އުމުރުން 23 އަހަރުގެ ހަސަން ސަމާހު އެވެ.
އެ ސްޕޯޓްސް ކާރު ދުއްވި ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ، 26، ހައްޔަރުކޮށް މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މި ކަހަލަ ކިތައް މީހުން، ކިތައް އާއިލާ، ކިހާ ލޯބިވާ މީހުން ދުނިޔެ ދޫކޮށް އެ ދިޔައީ. ކޮބާ އިންސާފު؟ އެއްކަލަ ބާރު ސްޕީޑުގައި ދުއްވާ މީހުން ހަމަ އަދިވެސް އެމީހުންގެ މިނިވަންކަމުގައި ބާރު ސްޕީޑުގައި ދުއްވާލަ، ދުއްވާލަ: ހައްޖަ
"މިއަދު އަޅުގަނޑަށް އިހުސާސްކުރެވޭ، އެ އާއިލާއިން ތަހައްމަލު ކުރާނެ ވޭން، ވާނެ ދެރަ، އުފުލާނެ ތަކުލީފު،" ހައްޖަ ބުންޏެވެ.
"މި ކަހަލަ ކިތައް މީހުން، ކިތައް އާއިލާ، ކިހާ ލޯބިވާ މީހުން ދުނިޔެ ދޫކޮށް އެ ދިޔައީ. ކޮބާ އިންސާފު؟ އެއްކަލަ ބާރު ސްޕީޑުގައި ދުއްވާ މީހުން ހަމަ އަދިވެސް އެމީހުންގެ މިނިވަންކަމުގައި ބާރު ސްޕީޑުގައި ދުއްވާލަ، ދުއްވާލަ."
ހައްޖަ ބުނި ގޮތުގައި، މީގެ ދެތިން އަހަރު ދުވަސް ކުރިން ވެސް، ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއްގެ ސަބަބުން އޭނާ އަށް އެކްސިޑެންޓަކާ ކުރިމަތިލާން ޖެހުނެވެ. އެ ދުވަހު އޭނާ އިނީ ފިރިމީހާއާ އެކު ސައިކަލުގަ އެވެ. ވަންވޭއެއް ފަޅާލާފައި އައި ސައިކަލެއް އެމީހުން ސައިކަލުގައި ޖެއްސީ އެވެ. އެ އެކްސިޑެންޓުގައި އޭނާގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
އެ ފަހަރު ވެސް ގަވާއިދާ ހިލާފަށް ސައިކަލު ދުއްވި މީހާގެ ލައިސަންސް އެންމެ ދެ ހަފުތާއަށް ހިފެހެއްޓުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އޭނާ ވެސް ދޫވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަސްކަނި
07 September 2024
އެއްމެން އެއްތަނެއްގައި އުޅެން ޖެހުމުގެ ނަތީޖާ ހިތިވާނެ ސައިކަލަކަށްއެރިއަސް ސައިކަލު ދޭންވާ ސަމާލު ކަމަށް ވުރެ ދުއްވާ މީހާގެ ވިސްނުން ހުންނަނީ ކުލިދައްކާނި ކިނަކުންބާ ނޫނީ ޓިއުސަންފީދާކާނި ކިހިނަކުންބާ ނޫނީ މިމަހު މުސާރަ ހަމައަށް ލިބޭނެބާ މިވިސްނުމުގައި ހުރެ ސައިކަލަށް ނޫނީ ކާރަށްވެސް އަރާ ދުއްވަނި ! ޕޕޕޕޕޕޕޕޕ
ބޯތަށި
08 September 2024
އަދި މަގުމަތިންދާ އަންހެންވެރިންނަށް ބެލުންވެސް އޮންނާނެ.
ބުރާންޗް
16 September 2024
އަސްކަނިދަށުން ބުރާތިވެގެ އެއްޗެހި ދުވާކަނުޖެހޭ ، މީހެއްގެ ދުވަސް ދުވާލާފަ ބޭކާރު ވާހަކަ ނުދައްކާ އަސްކަންޔޭ ދިޔަދޮއްވޭ ކިޔައިގެން
އަސަން
07 September 2024
މަގުމަތީ އެއްފަރާތެއްގައި ހުއްޓާ ޕިކަޕަކުން ޖައްސާ ދިން އަނިޔާގައި 13 އަހަރަށްވުރެ ގިނަ ދުވަސް މިވީ.. އިންސާފު ލިބުނު މިންވަރަކީ ދުވަންއިން މީހާގެ ލައިސެންސް ވަގުތީ ގޮތުން ހުއްޓުވައި 250 ރުފިޔާއިން ޖޫރިމަނާކުރުން (ކޯޓުން މައްސަލަ ނިންމާ އެންގިގޮތް). އެ ދުވަހުން ފެށިގެން އުޅެމުން މި ދަނީ އެ ވޭނުގައި. މީއީ މީގެ 13 އަހަރު ކުރީން އިންސާފު ހުރި މިންވަރު.
raajje
07 September 2024
މީއަޅުގަނޑުމިދަށްކާވާހަކައަކީ، ވެހިކަލަކުންޖައްސާ މީހަކުމަރާލުމަކީ މިރާއްޖޭގައި މާބޮޑުމައްސަލައެއްނޫނޭ، ކަރުގާވަޅިޖެއްސީމައޭ މީހުން މާބޮޑުކަމަކަށްވެގެން އުޅެނީ، މިވަނީއެއްކަމެއް، ވަނީމަރު ނުވަތަލިބެނީބޮޑުގެއްލުމެއް، މަރުނުވާނަމަ ނުކުޅެދޭހާލަތައްދޭ! ގަވައިދާހިލާފަށްދުށްވާމީހުނާ ގަވައިދުންވިޔަސް އެކުސިޓެންޓުވެ އެހެންމީހުނަށްބޮޑެތިގެއްލުންދޭ މީހުން ބަންދުކުރެވުނަސް އަދަބަކަށްވާހަކަލައެއްވެސް އަދަބެއްނުލިބިމިނިވަންވާކަން ފާހަގަކުރަން
ޖަހަންގީރު
07 September 2024
ސުވާލަކީ ސެނަހިޔާ އެ ހުންނަނީ ހޮސްޕިޓަލެއް ހުރުން އެންމެ އެކަށޭނަ ސަރަހައްދެއްގަތޯ؟ އެތަނަށް ވަދެނުކުތުމަކީ ކޮންމެ މީހަކަށް ވެސް ހަމަ ތިހާ ނުރައްކާ ވެދާނެ ވަގުތެއް. ހޮސްޕިޓަލެއް ވެއްޖެއާ މައި ޓްރެފިކުން ސަލާމަތް ވެގެން ވެހިކަލުން ފޭބޭނެ ގޮތެއް އޮންނަން ޖެހޭނެ. ތި ތަނަށް ދާ ޓެކްސީން ބަލިމީހާ އަރައި ފައިބަން ޖެހެނީ ވެސް ހައި ވޭ ލޭނަކަށް.
އިސްމާލި
08 September 2024
އޯކޭ. މިހާރު ސެނަހިޔާ ގޯސްވީ. މަގު ގޯސްވީ. ސައިކަލު ގޯސްވީ. ބަލަންތިބި މީހުން ގޯސް. ތާރު ގޯސް. ދުއްވި މީހާ ރަނގަޅު.
ފިކުރު
08 September 2024
ސެނަހިޔާއަށް ވަދެ ނުކުމެ ހަދާ މައި ދޮރު އިމާރާތުގެ ފުރަގަހަށް ބަދަލުކުރުން ވަރަށް މުހިންމު. ކޮންމެހެން މަންޒަރުގެ ރީތިކަމަކަށް ނޫން ބަލަން ޖެހޭނީ.
ސާމިދު
07 September 2024
ފަގީރަކަޑް މިގައުމުގަ ލިބޭނެ އިންސާފެއް ނެތް. ސިޔާސީ ވެރިން ތިބީ ގޭންގްތަކުގެ ދަށުވެފަ.
ޢަކޭ
07 September 2024
ރާއްޖޭގައި މިހާރު މިކަމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް ވަރަށް ބޮޑަށް ހަރުކަށި ކުރަން އެބަޖެހޭ. މިހާރު ހުރި ޤާނޫނުން ޤަވައިދުތައް އެއީ މާބޮޑު ފިޔަވަޅެއް އެޅެންހުރި އެއްޗެއްކަމަށް ނުވަންޏާ އެއްޗެހި ދުއްވާ މީހުން ޖެހިލުމެއް ނުވާނެ.
އަލްމަމޭޓާ
07 September 2024
މިކަހަލަ ގިނަ ކަންކަން ގުޅިފައިވަނީ ގޭންގުތަކާ. ގޭންގުތަކުގެ މައްސަލަ ތަކުގެ ފައިލުތައް އެގޮތް މިގޮތް ވެގެން ގޮސް ފައިލު ވާ ތަން އަބަދު ފެންނަނީ.
ނަނާ241
07 September 2024
މަގުހުރަސްކުރާ ވަގުތުވެސް ބަލަންޖެހޭ ދެކޮޅުންއަންނަ އުޅަދު ކިހާހިސާބެއްގައިތޯއިނީ . ދުއްވާމީހާ މަޑުންދިޔައަސް ކުއްލިއަކަށް މީހަކު ހުރަސްކުރަން އުޅެފިއްޔާ މަޑުނުކުރެވިދާނެތީ. 2ވަނަރޮގު ވެއްޖިއްޔާ ސައިކަލް ވ.ކައިރީވާނީ . ވީމާ އެންމެންވެސް ބަލާއިގެން އުޅުން މުހިންމު
ޢެޑްމުންޑޯ
07 September 2024
ރަގަޅުވާހަކައެއް ، މަގުހުރަސް ކުރާއިރު ބަލަންޖެހޭ ، ނަމަވެސް އެއަށްވުރެ ބޮޑަށް ދުއްވާމީހާ ބަލަން ނުޖެހޭތޯ ކަފިހުރަސްކުރާ ޕޮއިންޓްތަކާއި އަރާ ހަމަވާ އިރު ، ނޫނީ ސްޕީޑް މަޑުކޮށް ތިމާއަށް ކޮންޓްރޯލްވާވަރަށް ދުއްވާކަށް ނުޖެހޭތޯ ؟
އުދުހޭ
07 September 2024
ޕޭވްމަންޓްމަތިން ހިނގާފަދާ މީހާ ކަފިހިހުރަހުގަ މަޑުނުކޮށް ހިނގަމުންދާ ބާރުމިނުގައި ދެކޮޅު ނުބަލާ ހުރަސްކުރާތީ އެކްސިޑެންޓް ވަނީ. ދުއްވާ މީހުން ކަފިހި ހުރަހުގަ މީހަކު ހުރިތޯ ބަލަނީ ތަންކޮޅެއް ދުރުން، އެއީ ކުއްލިއަކަށް މަޑުކޮށްލައިފިއްޔާ ފަހަތުން އަންނަ ވެހިކަލާ އެކްސިޑެންޓް ވުމުގެ ފުރުސަތު އޮންނާތީ. ހިނގާމީހުން ހޭލުންތެރި ކުރުވުން މުހިންމު. ވަކިން ޚާއްސަކޮށް އަންހެނުން.
ސާބަސް ނަނާހުވަފެން
07 September 2024
ނުބަލާތީ އެއްނޫން. ހުރަސް ކުރަން ޖާގައެް ނުދޭ މަޱެއް ނުކިރޭ. އަބަދުވެސް ދުއްވަން އިންނަ މީހާ އިންނަނީ ލަސްވެފަ. އހިނގާފަ އުޅެލަބަލަ ފެންނާނެ ލައްކަ ކަންކަން
raajje
07 September 2024
ޢެޑްމުންޑޯ: އެހެންމީހަކުބަލާނެކަމަށް ނުވަތަ ދުއްވާމީހާ ބަލާފަމަޑުކުރާނެކަމަށް އެއްގޮތަކަސްވެސް ހުރަސްކޮށްގެންނުވާނެ، އެހެންމީހަކު ކަންކުރާގޮތާމެދު އަޅުގަނޑަކަށްބާރެއްނުފޯރުވޭނެ، ނަމަވެސް އަޅުގަނޑުހުރަސްކުރާއިރު އަޅުގަނޑުގެ ސަލާމަތަށް އަޅުގަނޑަށްބެލޭނެ، މިބުނަންއުޅޭވާހަކައަކީ ދެކޮޅުބަލާފަ ރަނގަޅުވަގުތުގައި ހުރަސްކުރުމަކީ އެންމެރައްކާތެރިގޮތޭ، ދުށްވިމީހާ ނުބަލައިގެން ނުވަތަ މަޑުނުކުރެވިގެންޖެއްސިޔަސް ގެއްލުންވަނީ ހުރަސްކުރާމީހާއަށްދޯ
ޓުރެފިކް ޤާނޫނު އާއި ޤަވާއިދުބުނީ
07 September 2024
ބިލިޔަންގަ ވަގައްނަގާފަ އެކަމަކު ޒިބްރާ ކްރޮސްގަށް ލައިޱެއްވެސް ނުހުރޭ؟ މީ ޓުރެފިކް ޤާނޫނު އާއި ޤަވާއިދު އިސްލާހުކުރަނީ؟
ރަދީފްއޮފިޝަލް
07 September 2024
ރަނގަޅު ވާހަކައެއް.މާލޭގެ ކިތައް މަގުގަ ތޯ ޓްރެފިކް ނިޝާންތައް ރަނގަޅު ހާލަތުގަ ހުރީ. ގިނަ ދުވަސް ވުމުގެ ސަބަބުން ބައެއް ބޯޑްތައް ހުރީ ދަބަރަށް ވެފަ.ދެން މާލޭގަ ދުއްވާ އެންމެން ހިތުގަ ޗާޓް ކުރެހިފަ އޮންނާތީވެ ބޯޑެއް ނެތަސް އެއީ ވަނުން މަނާ މަގެއްކަން އެނެގޭތީވެ ކަމެއް ނުވެ މިދުއްވެނީ. އެކަމަކު ބުނި ބޯޑްގެ ކަންތައް ބެލުމަށް 10 ވަރަކަށް އިދާރާ މާލޭގަ އެބަހުރި.ނަމަވެސް ބޮޑެތި ޓައި އަޅައިގެން ބާސާ ކެނޑުމުގަ. ހެހެހެހެހެ
ސަރުކާރުގެ ޒީންމާ ކޮބާ؟
07 September 2024
ބިލިއަންގަ ، ހުރިހާ ސަރުކާރެއްގަވެސް ވަގައްނެގީ ، އެކަމަކު ޒިބްރާ ކްރޮސްގަ ސްރީރް ލައިޱްވެސް ހަރެއްނުވޭ. މީގެ ޒީންމާ ހުރިހާ ސަރުކާރެއްވެސް ނަގާކަނުޖެހޭތަ؟ ވައްކަން ހުއްޱުވާކައްނުވޭތަ؟