މުނިފޫހިފިލުވުން / ދިވެހި ފިލްމް

ރޮބޯމޭންގައި މި ދެކުދިންގެ ހުނަރު؛ ފިލްމަށް ދާންވީ އެންމެ ބޮޑު ސަބަބު!

"މި ފިލްމުގެ އަސްލު ސްކްރިޕްޓްގައި މެއިން ކެރެކްޓާގެ ގޮތުގައި އުޅޭނީ ދެ ފިރިހެން ކުދިން. އެކަމަކު، އޮޑިޝަންގެ ތެރޭގައި ފާހަގަވީ މި އަންހެން ދެ ކުދިން މާ މޮޅޭ، އެހެންވެ މި ބަދަލު ގެނައީ."

"ރޮބޯމޭން: ދަ މޫވީ"ގެ ލީޑު ރޯލުތައް ކުޅޭ މިޝާ އިސްމާއިލް ނިޔާޒާއި އަމީލިއާ ނަސްރުﷲ ޝަކީބް "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

14 ސެޕްޓެމްބަރ 2024 - 06:19

3 comments

"ރޮބޯމޭން: ދަ މޫވީ" ބަލަން ދާންވީ ސަބަބުތައް ވަރަށް ބައިވަރެވެ. އެކަމަކު، މި ފިލްމުގެ ޓީމުގެ ކޮންމެ މެމްބަރެއް ގާތުގައި އެހިޔަސް އެންމެން ވެސް ފާހަގަކުރާ ވަކި ހާއްސަ އެއް ސަބަބެއް އެބައޮތެވެ. އެއީ، މި ފިލްމުގެ ލީޑު ރޯލުތައް ކުޅުނު ދެ ކުދިންނެވެ. އެ ޓީމު އާޝޯހުކޮށްލި މި ދެ ކުދިންގެ ހުނަރުވެރިކަމެވެ.

އުމުރުން 11 އަހަރުގެ މިޝާ އިސްމާއިލް ނިޔާޒާއި އުމުރުން 8 އަހަރުގެ އަމީލިއާ ނަސްރުﷲ ޝަކީބެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު މުންތަސީރް (މުންކޮ) ވެސް ތަކުރާރުކޮށް ދެއްކީ އެ ވާހަކަ އެވެ. މި ފިލްމުގެ ވާހަކަ ލިޔުނު މަހުދީ އަހްމަދުގެ އޮރިޖިނަލް ސްކްރިޕްޓުގައި ލީޑު ރޯލު ކުޅޭ ގޮތަށް ކުރިން އޮތީ ދެ ފިރިހެން ކުދިންނެވެ. އެކަމަކު، މުޅި ރާއްޖެ އަށް ހުޅުވާލި އޮޑިޝަންގައި ބައިވެރިވި 100 އެއްހާ ކުދިންގެ ތެރެއިން، "ރޮބޯމޭން"ގެ ޓީމަށް މިޝާ އާއި އަމީލިއާގެ ހުނަރު މާ ބޮޑަށް ފާހަގަވީ އެވެ.

"ރޮބޯމޭން: ދަ މޫވީ"ގެ ލީޑު ރޯލުތައް ކުޅޭ މިޝާ އިސްމާއިލް ނިޔާޒާއި އަމީލިއާ ނަސްރުﷲ ޝަކީބް އަދި ފިލްމުގެ ޓީމުގައި ހިމެނޭ ފާތިމަތު މައިހާ (މައި) "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ހިސާބުން ޓީމުން ނިންމީ ސްކްރިޕްޓަށް ބަދަލު ގެންނާށެވެ. ލީޑު ރޯލަށް މިޝާ އާއި އަމީލިއާ ހަމަޖެއްސީ އެވެ. އެ ބަދަލާއާ އެކު ފިލްމަށް އިތުރު ފުރިހަމަ ކަމެއް ލިބުނު ކަމަށް މުންކޮ ބުންޏެވެ.

"އެ ކުދިންގެ ޕާސްޕެކްޓިވް ވަރަށް ތަފާތު. ފޯ ދެމް ދިސް އިޒް ދެއާ ފަސްޓް މޫވީ. އޮޑިޝަނުން ހޮވިގެން އެ ކުދިން އައިސް މިތާ ޓްރެއިނިން ހެދިއިރު ވެސް އެ ކުދިންނަކަށް ނޭނގޭނެ، އެ ދެ ކުދިންނަކީ ކަމެއް މީގައި ލީޑުކުރާ ދެ ކުދިންނަކީ، ބިކޯޒް ވީ ހޭޑް އަ ހޯލް ގްރޫޕް އޮފް ކިޑްސް ޓްރެއިނިންގައި ވެސް. ފަހުން ވަކިން އެ ދެ ކުދިންނާއި އެ ކުދިންގެ ޕޭރެންޓުން ގެނެސްފައި ބުނީ އެއީ ކަން ލީޑުކުރާނެ ކުދިންނަކީ،" މުންކޮ ކިޔައިދިނެވެ.

"މި ފިލްމުގެ އަސްލު ސްކްރިޕްޓްގައި މެއިން ކެރެކްޓާގެ ގޮތުގައި އުޅޭނީ ދެ ފިރިހެން ކުދިން. އެކަމަކު، އޮޑިޝަންގެ ތެރޭގައި ފާހަގަވީ މި އަންހެން ދެ ކުދިން މާ މޮޅޭ، އެހެންވެ މި ބަދަލު ގެނައީ."

"ރޮބޯމޭން: ދަ މޫވީ"ގެ ލީޑު ރޯލުތައް ކުޅޭ މިޝާ އިސްމާއިލް ނިޔާޒާއި އަމީލިއާ ނަސްރުﷲ ޝަކީބްއާ އެކު ރޮބޯމޭން.-- ފޮޓޯ: އޯކޭޒްއިންކް

މި ފިލްމު ގެނެސްދޭ އޯކޭޒްއިންކްގެ ސްޓޫޑިއޯއަށް "މިހާރު"ގެ ޓީމު ގޮސް، އެ ދެ ކުދިންނާ ބަދަލުވުމުން، މުންކޮ މި ދައްކަނީ ހަމަ ވަރަށް ތެދު ވާހަކައެއްކަން ޔަގީންވި އެވެ. ފިލްމުގެ އޮޑިޝަނުން ދިމާވި މި ދެ ކުދިންނަކީ މިހާރު އަސްލު ލައިފްގައި ވެސް ބެސްޓް ފްރެންޑްސް އެވެ. މި ދެ ކުދިންގެ ހުނަރާއި މަސައްކަތް ބަލައިލަން ކޮންމެހެން ވެސް މި މަހުގެ 26 ގައި އޮލިމްޕަހަށް ދާން އެބަޖެހެ އެވެ.

ފިލްމުގައި ވަނީ ކިހިނެއް؟

ވަރަށް ގިނަ މީހުން އަހާ ސުވާލެކެވެ؛ މިއީ ރޮބޯމޭންގެ ބަޔޮޕިކެއް ހެއްޔެވެ. ދައްކާނީ ރޮބޯމޭންގެ ސްޓޯރީ ހެއްޔެވެ.

"ގިނަ މީހުން އަހާ އަނެއް ސުވާލަކީ މި ފިލްމުން ރޮބޯމޭންއަކީ ކާކުކަން އެނގޭނެހޭ،" ފިލްމުގެ ޑައިރެކްޓަރު އިބްރާހިމް ވިސާމް (ކަނޑި) ވެސް ބުންޏެވެ.

"އެކަމަކު، އަސްލު ހަގީގަތުގައި މި ފިލްމުގެ ސްޓޯރީ ބޭސްވެފައި މި އޮންނަނީ ރޮބޯމޭން ތައާރަފުވެ، ހަމަ ރޮބޯމޭންގެ ގޮތުގައި އާދެވުނު ސަބަބު. އޭނަ އިންސްޕަޔާ މި ވަނީ ކުޑަކުއްޖަކު. އެ މަސައްކަތް ކޮށްގެން ދެވަނަ ރޮބޯމޭންއެއް ނުވަތަ އެހެން ކެރެކްޓާއެއް ވެސް އެގޮތަށް އެހާ ކާމިޔާބު ވެދާނެކަން."

"ރޮބޯމޭން: ދަ މޫވީ"ގެ ޑައިރެކްޓަރު އިބްރާހިމް ވިސާމް (ކަނޑި) "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރޮބޯމޭންއަކީ މީގެ އަށެއްކަ އަހަރު ކުރިން ކުޑަކުދިންގެ ހަފުލާތަކާއި މުނިފޫހިފިލުވުމުގެ އެކި އިވެންޓުތަކުން އާންމުންނަށް ފެންނަން ފެށި ކެރެކްޓާއެކެވެ. މޫނު ފޮރުވަން އަޅި ކުލައިގެ ހާއްސަ މާސްކެއް އަޅައިގެން ހުންނަ ރޮބޯމޭންއަކީ އަސްލު ކާކު ކަމެއް ނޭނގެ އެވެ.

ކުޑަކުދިން ވަރަށް ޝައުގުވެރިވާ ވާނެ ގޮތަށް ގެނެސްދޭ މި ފިކްޝަނަލް އަދި ޓައިމް ޓްރެވަލް ފިލްމުގައި ދެ ޒަމާނެއް ދައްކާނެ އެވެ. އެއީ މި އަހަރާއި 2040 ވަނަ އަހަރު ހިނގާ ކަންތައްތަކެކެވެ. މުޅި ވާހަކަ ބިނާވަނީ "ދަ ރޮބޯ ޖޫނިއާ ޗެލެންޖު" ކިޔާ ކުޑަކުދިންގެ ނެށުމުގެ މުބާރާތެއްގައި ބައިވެރިވާ ކުދިންތަކެއް މެދުގައި ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ.

"ރޮބޯމޭން: ދަ މޫވީ"ގައި ދައްކާ މާލޭގެ ފިކްޝަނަލް މަންޒަރެއް: މިއީ 2040 ވަނަ އަހަރު މާލެ އޮންނާނެ ގޮތުގެ ހިޔާލީ މަންޒަރެއް.

ދިވެހި ސިނަމާގައި މި ވަގުތު ހުރި އެންމެ އެކްޓިވް އަދި އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރު ވެސް ކަމަށްވާ ކަނޑިއަށް މި ފިލްމަކީ އޭނާގެ މި ކެރިއަރުގައި ހާއްސަ ފިލްމެކެވެ. މީގެ 14 އަހަރު ކުރިން އޭނާ ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ ވެސް ކުޑަކުދިންގެ ފިލްމެއްގަ އެވެ. އެއީ 2010 ވަނަ އަހަރު ގެނެސްދިން "ޕިންކް ފެއަރީ"ގަ އެވެ.

"ރޮބޯމޭން: ދަ މޫވީ"ގެ ލީޑު ރޯލުތައް ކުޅޭ މިޝާ އިސްމާއިލް ނިޔާޒާއި އަމީލިއާ ނަސްރުﷲ ޝަކީބް "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ވަރަށް ބައިވަރު ކުދިންނާ އެކު މިހެން ފިލްމުތަކުގައި މަސައްކަތްކޮށްފިން. ފުރަތަމަ ފިލްމުގައި [ޕިންކް ފެއަރީގައި] ލިބުނު ކުއްޖާ ވެސް ވަރަށް މޮޅު. ރޮބޯމޭން މި ފިލްމުގައި، ބޮޑު އޮޑިޝަނަކުން ކުދިން ސެލެކްޓުކުރީ. އެހެންވީމަ، އޭގެ އެޑްވާންޓޭޖް ވަރަށް ބޮޑަށް އޮތް. އަހަރެމެންނަށް ހަމަ އެންމެ ރަނގަޅު ކުދިން ސެލެކްޓްކުރަން ލިބުނު،

"މީގައި ލީޑަކަށް ނަގާފައި އެ ތިބީ އަހަރެން ބުނާނީ މިހާރު ރާއްޖޭގައި މި ކަހަލަ މަސައްކަތެއް ކުރަން، މިހެން އޮޑިޝަނެއް ބާއްވައިގެން ލިބޭނެ އެންމެ މޮޅު ކުދިންނޭ، މި ވަގުތަށް،" ކަނޑި ބުންޏެވެ.

"ވަރަށް ފަސޭހަ އެ ކުދިންނާ އެކު މަސައްކަތްކުރަން، ސީން ފުރަތަމަ ކިޔައިދިނީމަ، ސީންގައި ވާގޮތް ބުނެދިނީމަ، އަމިއްލަ އަށް ކެރެކްޓާ ހިފަހައްޓާ."

"ރޮބޯމޭން: ދަ މޫވީ"ގައި ލީޑު ރޯލެއް ކުޅޭ މިޝާ އިސްމާއިލް ނިޔާޒާއި އޭނާގެ މަންމަ އަދި ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު މުންތަސީރް (މުންކޮ) ފިލްމުގެ ލޯންޗިން އިވެންޓުގައި.-- ފޮޓޯ: އޯކޭޒްއިންކް

ކަނޑި ބުނިގޮތުގައި، ޝޫޓިން ފަށަން ސީން އަށް ތައްޔާރުވުމަށް ފަހު، އެ ދެ ކުދިން ވެސް ކެރެކްޓާއިން ބޭރު ނުވެ ހިފަހައްޓާލަ އެވެ. އެހާ ވެސް ހުނަރުވެރި ދެ ކުދިން ކަމަށް އޭނާ ބުންޏެވެ.

މި ފިލްމުން އިތުރު އާ އެކްޓަރަކު ވެސް ތައާރަފުވާ އެވެ. އެއީ ޒުވާ މޫނެއް ކަމަށްވާ ޝާބިން އާތިފެވެ.

މުހިންމު ރޯލުތަކުން ދެން ފެންނާނީ އައިމިނަތު ނޫރާ އާއި މުހައްމަދު ޝިވާޒް އަދި މަރިޔަމް ޝިމާ އެވެ. އެކްސްޓެންޑެޑް ކެމިއޯއަކުން މަރިޔަމް އައްޒަ އާއި ރަވީ ފާރޫގް ވެސް ފެންނާނެ އެވެ.

ރޮބޯމޭންއާ އެކު ފިލްމީ ތަރި މަރިޔަމް އައްޒަ.-- ފޮޓޯ: އޯކޭޒްއިންކް

ބޮޑު ކްރައުޑެއް، ބޮޑު ޗެލެންޖެއް

ފިލްމުގެ ޓީމުން ފާހަގަކުރި އަނެއް ކަމަކީ، މިއީ މިހާތަނަށް ދިވެހި ފިލްމަކުން ފެންނާނެ އެންމެ ބޮޑު ކްރައުޑެއް އޮތް ފިލްމު ކަމެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ނެރުނު މި ފިލްމުގެ ޓްރެއިލާ އިން ވެސް އެ މަންޒަރު ފެނެ އެވެ.

މި ފިލްމަށް އޮޑިޝަންކުރި ސަތޭކައެއްއެއްހާ ކުދިންގެ ތެރެއިން 60 ކުދިން، ފިލްމުގެ އެކި ތަންކޮޅުކޮޅުން ފެންނާނެ އެވެ.

"އެހާ ބޮޑު ކްރައުޑެއް. މި ދައްކަނީ ފަސްދޮޅަހަކަށް ކުދިން އެއް ފަހަރާ އޮލްމިޕަހަށް ވައްދައިގެން އަހަރެމެން ޝޫޓްކުރި ވާހަކަ. އެއީ ވަރަށް ބޮޑު ޗެލެންޖެއް، އެހާ ބައިވަރު ކުޑަކުދިން ގޮވައިގެން ޝޫޓްކުރުން ވޯޒް ނޮޓް އީޒީ،" އެ ތަޖުރިބާ މުންކޮ ކިޔައިދިނެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއްވީ ކަނޑި ބުނި ގޮތުގައި، މީގެ ކުރިން ދުވަހަކު ވެސް މިހާ ބޮޑު ކްރައުޑެއް ގޮވައިގެން އޭނާ ފިލްމެއްގައި މަސައްކަތެއް ނުކުރެ އެވެ. އެހެންވެ، އެއީ އޭނާ އަށް ވެސް މުޅިން އާ ތަޖުރިބާއެކެވެ.

މުންކޮ ބުނީ މި ފިލްމު ތައްޔާރުކޮށްފައި ވަނީ އާއިލާގެ އެންމެ އެކުގައި ގޮސް ބަލައިލެވޭނެ ގޮތަށް އަދި ހާއްސަކޮށް ކުޑަކުދިންނަށް ވަރަށް ކަމުދާނެ ގޮތަށެވެ. ފިލްމު އޮލިމްޕަހުގައި އަޅުވަނީ ވެސް އާއިލާ އެންމެން އެކުގައި ގޮސް ބަލައިލަން ފަސޭހަވާނެ ގަޑިތަކަށް ތާވަލް ކޮށްގެންނެވެ.

މި ފިލްމު އޮލިމްޕަހުގައި އަޅުވަނީ މި މަހުގެ ފަހު ހަފުތާގައި ލިބޭ ފުރަތަމަ ޓާމު ޗުއްޓީގަ އެވެ. އެ ބަންދުގައި 10 ދުވަހު، ކޮންމެ ދުވަހަކު ދެ ޝޯ އޮލިމްޕަހުގައި އަޅުވާނެ އެވެ. ޝޯތައް އޮންނާނީ މެންދުރު 2:00 އާއި ހަވީރު 4:00 ގަ އެވެ. ޝޯތަކަށް މިހާރު ވަނީ ޓިކެޓް ބުކް ކޮށްދޭން ފަށައިފަ އެވެ.

3 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 75%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިއީކާކު

14 September 2024

މިކަމަކީ ކުޑަކުދިންގެ ސިކުނޑިއާއި ކުޅެންކުރާ ވަރަށްދެރަކަމެއް.. ކާކުކަމެއްނޭންގޭގޮތަށް މޫނުއަޅައިގެން މީހުންގެތެރެއަށް ނުކުމެ ކޮންމެފަދަކަމެއްވެސް ކުރުންއެއީ ކައިރީގައި އޮތްކަމެއް.. ފިލްމު އިޝްތިހާރުކުރާއިރުވެސް އެއީކާކުކަމެއް ނޭންގޭ.. މިގޮތައްމިކަން ކުރިޔަދިީގެން ނުވާނެ.. ހައްލެއްބޭނުން

The name is already taken The name is available. Register?

ކަމަނަައްތަ

14 September 2024

ސާބަހޭ މިމީހުންނަށް ރަގަޅު އެއްކަމެއްވެސް ނެތް ހައްލު ލިބެނީ ޖާކަށް ވަރަށް ސާފުކޮއް ޖަވާބެއް ބޭނުން. ރޯމާދުވާލު މީހަކު ގޯސްކަމެއްކުރިޔަސް ކަލޭމެންނަކަށް ނުބައެއްނުވޭ. ޖަލަށް ލިއްޔާ ހަލޭއްކަވާނެ ނަލަށް ނުލިޔަސް ހަޅޭއްލަވާނެ .

The name is already taken The name is available. Register?

ފސފދ

14 September 2024

މޫނުބުރުގާ އެޅީމަ އެކަންޏޯ ކާކުކަން ނޭނގެނީ.. ކުދިން ބިރުގަންނަނީވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454