ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު: އޭނާ ވިދާޅުވި ގޮތުގައި ފްޓީއޭ އެއްބަސްވުމާ އެކު ޗައިނާއިން އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ-- ފޮޓޯ: ރައީސް އޮފީސް
16 ސެޕްޓެމްބަރ 2024 - 18:52
ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް އާ ދެމެދު ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރެވޭ އެއްބަސްވުމުގެ މައްޗަށް، ދެ ގައުމުގެ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފެށުމާ އެކު، ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވި ގޮތުގައި މިމަހުގެ 13 ގައި ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާ އާ އެކު ހަދާފައިވާ އެމްއޯޔޫގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ އެވެ.
"ރާއްޖެއާއި ޗައިނާއާ އެކީގައި 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެވެމުން އެބަދޭ. އެހެންނަމަވެސް ރާއްޖެއާއި ޗައިނާއާ އެކު މިހާރު ހަދާފައިވާ އެފްޓީއޭގެ ދަށުންނާއި މި އެފްޓީއޭއަަށް އަމަލުކުރަން ފެށުމުން 1 ބިލިއަން ޑޮލަރަށް މި ވިޔަފާރީގެ އަދަދު މަތިވެގެން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ދެ ގައުމުގެ ދެމެދުގައި ދިވެހި ފައިސާ އިން މުއާމަލާތް ކުރެވޭ ގޮތަށް ހަދާފައިވާ މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރިވެރިންނާއި ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް ވެސް ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
"މި އެއްބަސްވުމާ އެކު ޑޮލަރުން ފައިސާ ނުދައްކާ، ރުފިޔާ އިން ވަރަށް ގިނަ ކަންތައް ކުރެވިގެންދާނެ. ދިވެހިންނަށް ދަތުރުފަތުރުކުރުމުގެ ލުއިތައް. ދިވެހިންނަށް ދިވެހި ފައިސާ އިން ފައިސާ ދެއްކޭނެ ގޮތް މެދުވެރިވުން. މުދާ ގަތުމުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ދަށްވާނެ."
އެ އެމްއޯޔޫގައި ސޮއިކޮށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން، ރާއްޖެ އާއި ޗައިނާއާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާ އިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމުކޮށް، ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގެ ގުޅުންތައް އިތުރަށް ހަރުދަނާ ވާނެ އެވެ.
ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ޑިސެމްބަރު 18، 2014 ގަ އެވެ. އެ އެއްބަސްވުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގަ އެވެ. އެކަމަކު އޭގެ ފަހުން ސަރުކާރުން ބަދަލުވެ، އެ އެއްބަސްވުން މުރާޖައާ ކުރަމުންދާ ކަމަށް ބުނެ، ކުރީގެ ސަރުކާރުގައި އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައެއް ނުވެ އެވެ.
އެ އެއްބަސްވުމަށް މި ހިނގާ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އަމަލުކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖުލައި މަހު ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން، ހީނާ މިއަދު ވިދާޅުވީ އެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
17 September 2024
އަލީ އެކްސްޕްރެސް އިން ގަންނަ އެއްޗެހި ގިނަ ކުރެވެނިކޮށް ދިވެހިން ތިބޭނީ އުފަލުން...
ވިސްނާށޭ
17 September 2024
ޗައިނާގެ ޔުއާން އަށް ދިވެހިރުފިޔާ ބޭނުންވަރަކަށް މާރުކޮށްގެން ޗައިނާ އިން ވިޔާފާރި ކުރެވޭނެ ގޮތް ވުން އެއީ ޔޫއެސްޑޮލަރަށް ވެފައިވާ ބޮޑު ބަރޯސާ ނައްތާލަން ލިބޭ ރަނުގެ ފުރުސަތެކޭ މިހާރު މުޅި ދުނިޔެ ވެސް އެދަނީ މަލްޓިޕޯރލަރ ވޯލްޑަށް ބަދަލުވަމުން ބްރިކްސްގެ ގައުމު ތައް އެއަންނަނީ ފަތުއަޑުކިޔާ ކުރިއަރަމުން އެމެރިކާ އަށް ތަބާނުވާ ވެރިން ތައް އެފްރިކާ ބައްރުގެ ވެރިންނަށް ހަދަމުން ރައްޔިތުން އެދަނީ އެމެރިކާގެ މިލިޓަރީ މުޅި އެފްރިކާ ބައްރުން ބާލަލުން
ހަސަނު
17 September 2024
އަހަރުންނަށް އެމެރިކާ ރަނގަޅީ... ޢިނގިރޭސިން ވާހަކަ ދެއްކޭނެ..
އިކްލީލް މުހައްމަދު
17 September 2024
ދިވެހިންނަ އަގުހެޔޮ ކޮށް މުދާ ދެން ލިބޭނެ. އިގްތިސާދު ޑޮލަރަށް ބަރޯސާވެފަ އޮތް އޮތުމަށް ބޮޑު ލުޔެއް
އަދުހަމް ތައުފީގް
17 September 2024
އެއްވެސް ސަރުކާރަކަށް ނުވި ކަމެއް މިއީ. ދެއްކީ ހުސް ވާހަކަ. އެއްމެ ފަހުން މިކަންވެސް ހަގީގަތަކަށް މިހަދަނީ ރައީސް މުއިއްޒް
ހުވައިނާާ
17 September 2024
ދިވެހިން އެންމެ ގިނައިން މުދާ ގެންނަ އެއް ގައުމު ޗައިނާއަކީ. މިފަދަ ލުޔަކާއެކު ޑޮލަރަށް ބަރޯސާ މިންވަރު ކުޑަވެ ކަޅުބާޒާރަށް އަސަރުކުރާނެ.
އަޒުވަދް
17 September 2024
މި ސަރުކާރަށް މިވީ 10 މަސްދުވަހުން މި ފެނިގެންދަނީ ވަރަށް ޕޮޒިޓިވް ކަންކަން. އުއްމީދުކުރަން ގައުމުގެ އިގްތިސޯދު ހަމަޔަކަށް އެޅޭނެ ކަމަށް
މިރުޒާގް
17 September 2024
ފައްޔާޒުމެން ސިޔާސީ ބޭނުމަށް ކޮންމެ ވާހަކައެއް މިއަދު ދެއްކިޔަސް އެވާހަކަތައް ގަބޫލު ކުރާނެ ބަޔަކު ނޫޅޭ. ގައުމުގެ އިގްތިސޯދު ދަނީ ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން
ކިނާން
17 September 2024
ގައުމުގެ އިގްތިސޯދުު ފުޑާލީ ވެރިކަން ކުރަން ނުދަންނަށް އެމްޑީޕީ ބައިގަނޑު. މުއިއްޒުމެން ނަތީޖާ ނެރެދޭތަން މި ފެނިގެންދަނީ
ހީނާތަ
17 September 2024
ޗައިނާގެ އެފްޓީއޭ އަކީ ޔާމިންގެ ވިޝަން އެއް ،މުއިއްޒުގެ އެއްޗެއްނޫން
މުޖާހިދް
17 September 2024
ޗައިނާ އަކީ އަހަރުމެންގެ ތަރައްގީގެ ބައިވެރިޔާ. އެމްޑީޕީ މީހުން ޗައިނާ ބާކީ ކުރިޔަސް މި ސަރުކާރުން ޗައިނާއާވެސް އިންޑިއާވެސް ގާތް ގުޅުން ބާއްވާނެ