ޚަބަރު / ކްލައިމެންޓް ޗޭންޖް، އެންވަޔަރުމެންޓް މިނިސްޓްރީ

ބައިނަލްއަގުވާމީ ބައްދަލުވުންތަކުގެ މަގުސަދު ހާސިލްވޭ، ރާއްޖެ އޮތީ އެޑްވާންސް ލެވަލެއްގައި: ތޯރިގް

ހަކަތައިގެ ސިޔާސަތު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

19 ސެޕްޓެމްބަރ 2024 - 16:25

2 comments

ރާއްޖެ އިން ބައިވެރިވާ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގެ މަގުސަދު ހާސިލުވާ ކަމަށާއި ކުދި ޖަރީޒާ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖެ އޮތީ ވެސް ވަރަށް އެޑްވާންސް ލެވަލެއްގައި ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ކުރި ސުވާލުތަކަށް ދެއްވި ޖަވާބުގައި ތޯރިގް ވިދާޅުވީ، ހަމައެކަނި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ބެލިޔަސް، ކުދި ޖަރީޒާ އެހެން ގައުމުތަކަށް ވުރެ ރާއްޖެ އިން ކުރިއެރުން ހޯދާފައިވާ ކަމަށެވެ.

"އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ރާއްޖެ، މި ސިޑްސްގެ ގައުމުތަކަށް [ޖަޒީރާ ގައުމުތަކަށް] ބަލާ ކަމަށްވާ ނަމަ އެ ދާއިރާއިން އަޅުގަނޑުމެން ހާސިލް ކޮށްފައި މި އޮތީ ވަރަށް އުފާކުރަންވާ [ކާމިޔާބީއެއް] އަދި ރަނގަޅު ހިސާބެއްގައި މި އޮތީ. ވަރަށް މުހިންމު އެމްބިޝަސް ޕްލެޖުތަކެއް އަދި ކުރިއަށް އޮތް ތަނުގައި ވެސް ހާސިލްކުރަން ރައީސުލްޖުމްހޫރިއްޔާ ވެސް ވައުދުވެވަޑައިގެންފައި އޮތީ،" ތޯރިގް ވިދާޅުވި އެވެ.

ކުދި ޖަޒީރާ ގައުމުތަކާ އަޅާ ބަލަންޏާ އަޅުގަނޑުމެން މި ތިބީ ވަރަށް އެހެން ހަރުފަތެއްގައި، އެހެން ގައުމުތަކާ އަޅާ ބަލާއިރު ވަރަށް އެޑްވާންސް ލެވަލްއެއްގައި: ތޯރިގް، ތިމާވެއްޓާ ބެހޭ މިނިސްޓަރު

"ކުދި ޖަޒީރާ ގައުމުތަކާ އަޅާ ބަލަންޏާ އަޅުގަނޑުމެން މި ތިބީ ވަރަށް އެހެން ހަރުފަތެއްގައި، އެހެން ގައުމުތަކާ އަޅާ ބަލާއިރު ވަރަށް އެޑްވާންސް ލެވަލެއްގައި."

ތޯރިގް މިހާރު ތައްޔާރުވެ ވަޑައިގަންނަވަމުން އަންނަނީ މި މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމާއި އެ ބައްދަލުވުމުގެ ހަވާސާގައި ބާއްވާ އިވެންޓުތަކަށެވެ. އޭގެ ތެރޭގައި ރާއްޖެއިން އިންތިޒާމުކުރާ ބައެއް ސައިޑް އިވެންޓުތައް ވެސް ހިމެނެ އެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އޭނާ މިއަދު އެމެރިކާގެ ނިއު ޔޯކަށް ފުރާވަޑައިގަންނަވާނެ އެވެ.

މި މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ތޯރިގް ވިދާޅުވީ ތިމާވެއްޓާ ގުޅޭ އެކި ޕްރޮޖެކްޓުތައް ރާއްޖޭގައި ހިންގުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް މަގުފަހިކޮށްދެނީ މި ކަހަލަ ބައިނަލްއަގުވާމީ ބައްދަލުވުންތައް ކަމަށެވެ. މިދިޔަ މެއި މަހު ކެރީބިއަންގެ ގައުމެއް ކަމަށްވާ އެންޓީގާއި ބޭއްވި އދ. ގެ ކުދި ޖަޒީރާ ގައުމުތަކުގެ ބައްދަލުވުން "ސިޑްސް ކޮންފަރެންސް"ގެ ސަބަބުން ވެސް އެ ކަންކަން ފަހިވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އެއް މިސާލެއްގެ ގޮތުގައި ތޯރިގް ވިދާޅުވީ، ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް، މީހުން ދިރިއުޅޭ ގޭގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމަށް މިދިޔަ އަހަރު ފެށި "މަގޭ ސޯލާ" ޕްރޮޖެކްޓަށް ބޭނުންވާ އިތުރު ފައިނޭންސް ވެސް އެ ކޮންފަރެންސަށް ފަހު ހަމަޖެހުމެވެ. ޖުމްލަ ތިން މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމް ހަރުކުރާ ގޮތަށް ފެށި އެ ޕްރޮޖެކްޓަށް އިތުރު ހަތަރު މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމް ހަރުކުރާނެ ފައިނޭންސް، އެ ކޮންފަރެންސްއަށް ފަހު ވަނީ ހަމަޖެހިފަ އެވެ.

އެ ސޯލާ ޕީވީ ނިޒާމުތައް އަންނަ މަހުގެ ނިލަޔަށް ރާއްޖެއަށް ގެނެވޭނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

"ސިޑްސް ކޮންފަރެންސް ކަހަލަ މީޓިންތަކުން އަޅުގަނޑުމެންނަށް އިތުރަށް މި ކަހަލަ ސިސްޓަމް އެންހޭންސް ކުރަން ފުރުސަތު ލިބިގެންދޭ،" ތޯރިގް ވިދާޅުވި އެވެ.

އދ. އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖެއިން އިންތިޒާމުކޮށްގެން "ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް"ގެ ނަމުގައި ބައްދަލުވުމެއް ބާއްވާނެ އެވެ. އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވެސް ވާހަކަފުޅު ދައްކަވާނެ އެވެ.

ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުރީ ސަރުކާރު

20 September 2024

"ކުދި ޖަޒީރާ ގައުމުތަކާ އަޅާ ބަލަންޏާ އަޅުގަނޑުމެން މި ތިބީ ވަރަށް އެހެން ހަރުފަތެއްގައި، އެހެން ގައުމުތަކާ އަޅާ ބަލާއިރު ވަރަށް އެޑްވާންސް ލެވަލްއެއްގައި:" ޝުކުރިއްޔާ މިނިސްޓަރ ޝައުނާ ޝުކުރިއްޔާ ކުރީ ސަރުކާރު .

The name is already taken The name is available. Register?

މުއަ

19 September 2024

ރަސް މާލެ 3 މީޓަރަށް އުސްކޮށް ހަދާނެ ވާހަކަ ބުނީ. ދެން ކޮބާ ގުޅީފަޅު، ގިރާވަރުފަޅު؟ ރަސްމާލެ އަކުން މި މީހުން ސަލާމަތެއް ނުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454