އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނަށް އިންޓަވިއުއެއް ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
20 ސެޕްޓެމްބަރ 2024 - 22:58
ރާއްޖެއަށް އެންމެ ފައިދާ ވާނީ ބައިނަލްއަގުވާމީ ދުނިޔެ އާއި އެހެން ގައުމުތަކާ ގާތް ގުޅުމެއް ބާއްވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް މިރޭ ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަކީ ދުނިޔޭގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އެ މަގުން މުހިންމު ގިނަ މަސައްކަތްތަކެއް އދ. ގެ މި ބައްދަލުވުމުގެ ހަވާސާގައި ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ދަތުރުފުޅުގެ އެކި ބައްދަލުވުންތަކުގައި މުހިންމު ކަންކަމުގައި ރާއްޖޭގެ ބަސް އިއްވަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ރާއްޖެއަށް ތަރައްގީ ގެނެވެން އޮތީ ބައިނަލްއަގްވާމީ ގައުމުތަކާ ގުޅުން ބަދަހިކޮށްގެން. އަދި ރާއްޖޭގެ ހާލަތު ރަނގަޅަށް ވަޒަންކޮށްދީ ބުނެދީގެން،" ރައީސް ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނަށް އިންޓަވިއުއެއް ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް ވިދާޅުވީ ރާއްޖެއަށް ފައިދާކުރަނިވި އެކި ކަންތައްތައް ކޮށްދެވިދާނެ ފަރާތްތަކާއި ގިނައިން ބައްދަލު ކުރައްވައި، އެ ފަރާތްތަކާ އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ވަގުތު ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތްގޮތުން އދ. ގައި ރާއްޖޭގެ ފަރާތުން ވާހަކަ ދެއްކުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގެ އެހީގައި ތިމާވެއްޓާއި ޓެކްނޮލޮޖީ އަދި ތަރައްގީގެ ރޮނގުން ރާއްޖެއަށް އެކި ގައުމުތަކާއި ޖަމާއަތްތަކުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ހޯދުމަށް މަގުފަހިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިއީ ރައީސް އެމެރިކާއަށް އަދި އދ. އަށް ވެސް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ އދ. ގެ މެންބަރު ގައުމަކަށް ރާއްޖެ ވިތާ 59 އަހަރު ފުރޭ މުނާސަބަތާ އެވެ. މި ދަތުރުފުޅުގައި އދ. ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހުގައި އެމަނިކުފާނު ތަގްރީރު ކުރައްވާނެ އެވެ.
މިއީ، ރާއްޖޭގެ ރައީސަކު އދ. ގެ ސަލާމަތީ މަޖިލީހުގައި ތަގްރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.
ރައީސްގެ މި ދަތުރުފުޅުގައި އދ. އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖޭގެ ފަރާތުން ބާއްވާ "ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް"ގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާއި ރައީސް މުހާތަބު ކުރައްވައި، ތަގުރީރު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު.
24 September 2024
ކޮންމެ މީހަކަށްވެސް ކޮންމެވެސް ދުވަހަކުން ވިސްނޭނެ
ހޮޓްކިންގ
21 September 2024
ތިދަނީ އެމެރިކާއަށް ގައުމުތައް ރުއްސަން. އިޒްލޭލް ޕާސްޕޯޓް މަނާ ނުކުރާނެކަން ކަށަވަރު. އެމެރިކާ އާއި އިޒްރޭލް ނުރުހޭނެ މުއިއްޒު އެކަން ކުރާކަށް. ހުރިހާ ގައުމުތައް ރުއްސައިގެން ދެމީދާފެހި ބުޅަލަށް ވީވަރުވެސް ނުވާނެ. އަހަރެމެންވެސް ނެތިން ދެމޫނުގެ ވެރިއަކު ދެވަނަ ފަހަރަށް ވެރިކަމުގާ ހުރިތަން ދެކޭކަށް.
ކިލަމަންޑްސް ހަޖަމް
21 September 2024
ތިބޭފުޅުން އިދިކޯޅުގައި ތިބެ ގޮވާލި އިންޑިޔާގެ ސިއްރު އެގްރީމަންޓްތައް ކޮބާތޯ؟ އެއީވެސް ދޮގެއްތޯ. ގައުމުތަކާ ގުޅޭގޮތުން ވެރިކަމަށް އައުމުގެ ކުރިން ގުޅުން ގޯސްކޮށްގެންތޯ މިކަންކުރަނީ
ޖަމީލު
21 September 2024
ދިވެހިން ބޭޏުންވަނީ މޯލްޑިވްސް ފަސްޓް ޕޮލިސީ
ޖަޢުފަރު
21 September 2024
ކުރީ ސަރުކާރުތަކުން އަބަދުވެސް އުޅުނީ ކޮންމެސް ގައުމުކާ އަބަދުވެސް ޖައްސާލައިގެން. އެކަމުގެ ހިތިކަން ތަހަންމަލު ކުރަންޖެހުނީ ރައްޔޔިތުންނަށް
އަސީލު
21 September 2024
ރައީސް މުއިއްޒު ހަމަ ތަފާތީ. ޗައިނާ އާއި އިންޑިއާއާ އެކުވެސް މި އަންނަނީ ގުޅުން ރަނގަޅުކުރަމުން. ހަމަ އަސްލުވެސް މޯސްޑިވްސް ފަސްޓް ޕޮލިސީ އަކީ މިއަކީ
ރިނާބް
21 September 2024
އެނޫން ގޮތެއް ނެތީ. ޚާރިޖީ ކަންކަމެއް ކުރިން ނޭނގެ
ނަފީލު
21 September 2024
ރާއްޖެއަށް ކަންކަން ކޮށްްދެވޭނެ ފައިދާވާނެ ގައުމުތަކާ ގުޅުން އިތުރަށް ބަދަހި ކުރަންވީ
ކަލާމު
21 September 2024
ރައީށް މުއިއްޒުއަކީ ހުރިހާ ގައުމަކާ ގުޅުން ބަދަހި ކުރައްވާ ބޭފުޅެއް
މާހިރު
21 September 2024
ގުޅުން ބާއްވަންޖެހޭ ޤައުމުތަކާ ގުޅުން ބާއްވަންވާނެއެވެ. އަދި ގުޅުން ބާއްވަން ނުޖެހޭ ޤައުމުތަކާ ގުޅުން ބާއްވައިގެން ނުވާނެއެވެ. އިންޑިއާގައި ވެރިކަން ކުރަނީ ހަރުކަށި ހިންދޫންކަމަށްވިޔަސް އިންޑިއާ އަކީ އަވަށްޓެރި ރަޙުމަތްތެރި ޤައުމަކަށްވީތީ އިންޑިއާ އާއި ގުޅުން ކަނޑާ ހިސާބަކަށް އަދި ނުދެއެވެ. އެހެންނަމަވެސް އިޒްރާއީލްގެ ފަތުރުވެރިންނަށް ދިވެހިރާއްޖެ ހުޅުވާލެވިފައި އޮތުމަކަށް އެއްގޮތަކަށްވެސް ތާއީދެއް ނުކުރެވޭނެއެވެ.
އައްޑޫ ބޮޑުގުޅަ އަފީފް ދީދީ
21 September 2024
އިންޑިއާ އައުޓް ކިޔާފަ ތާހިރުވެއްޖެންނު…