މާރާމާރީގެ ތުހުމަތުގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ހޯދަމުން އައި ތިން ދިވެހިން: އެ ތިން މީހުން ވަނީ ރާއްޖެ އައުމުން ހައްޔަރު ކޮށްފައި --- ފޮޓޯ/ޕޮލިސް
20 ސެޕްޓެމްބަރ 2024 - 23:34
މިދިޔަ އަހަރު ހިންގި މާރާމާރީއަކާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ފުލުހުން ހޯދަމުން އައި ތިން ދިވެއްސަކު ރާއްޖެ އައުމާ އެކު އަތުލައިގަނެފި އެވެ.
ފުލުހުން މިރޭ ބުނީ އެ ތިން މީހުން ހޯދަމުން ދިޔައީ މާލޭގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކާ މެދުގައި މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ހިންގި މާރާމާރީއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ތިން މީހުން ވެސް ރޭ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ ތިން މީހުން ހައްޔަރުކުރީ ތައިލެންޑުން ރާއްޖެ އައުމުން ކަމަށެވެ. އެތަނުން އެކަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށާއި އަނެއް ދެމީހުން ހައްޔަރުކުރީ އިއްޔެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ؛
• މ. މަސްކޮތަންގޭ، މުހައްމަދު ސިބްޠު އަބްދުﷲ
• ހ. ދޮންތުނޑި، މުހައްމަދު އަހްސަމް
• ލ. ގަން މުކުރިމަގު، މޫރިތި، އަސްވާން މުހައްމަދު
"މި ތިން މީހުން ހޯދުމަށް ވެސް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވޭ. ތިން މީހުން ވެސް ރާއްޖެ އައިސްފައި ވަނީ ފިލައިގެން އުޅެނިކޮށް ތައިލެންޑުން ޑީޕޯޓްކޮށްލުމުން،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އަސްވާން ބަންދުން ދޫކޮށް، ދެން ތިބި ދެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލީ މީހުން
21 September 2024
މިހަހަލަ ބައެއް މީހުންނަކީ ކޮންމެވެސް މާފިޔާ ބޮޑަކު ފައިސާ ދީގެން ކުށައް އަރައިގަން ނަ މީހުން . ދެން ކުރާ ކަމެއް ކޮށްފަ ލިބުނު ފައިސާކޮޅު ހިފައިގެން ހަމަ އެވަގުތު ފުރައިގެން ދާނެ . ބޯޑަރު ވަރުގަދަ ކަމުން ހުއްޓުވާނެ މީހަކު ނުވާނެ. ދުވަސް ކޮޅަކުން ފައިސާ ހުސްވެ ވަރަބިދުނީ މަ އަންނަން ޖެހޭނީ . ކުރީގަ ގިނަފަހަރަށް އެބުރި އައިމަ ހައްޔަރެއް ވެސް ނުކުރާނެ . ކުރި ކަމެއް ބެލި ނޫނީ ދެނެހުރި މީހަކު ނުހުންނާނެ.
އޮނަރަބްލް އަފީފު ދީދީ
21 September 2024
ބައެއް ނޫސްތަކުގައި އޮތީ ދިވެހި ތައިލެންޑަށް ގޮސްގެން އެމީހުން މާލެ ގެނައިކަމަށް.! މީގެ ރަނގަޅު ގޮތަކީ ކޮބާ!؟ ތިޔަ މުޖުރިމުން ގެނައީ އެމީހުން މިނިވަންކޮށް ރަށުތެރެއަށް ދޫކޮށްލުމުގެ ބޭނުމަށްހެން މިހާރުވެސް ހީވާން ފަށައިފި. މިއީ އަލަށް އައްޔަން ކުރެއްވި ދައުލަތުގެ Prosecutor General ވަކަރަށް ޖަހާލުމަށް ރައްޔިތުނަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ވާނެ. ޕީޖީ މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ޢަމަލު ދިމާވޭތޯ ބަލަން އަހަރުމެން މަޑުކޮށްލާނަން.
އޮނަރަބްލް އަފީފު ދީދީ
21 September 2024
ރެޑްނޯޓިސް ނެރެގެން އަތުލައިގަންނަ މީހުނާއި އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށް ރާއްޖޭގައި ހުޅެނިކޮށް ހިފަހައްޓާ ބިދޭސިންގެ ޕާސްޕޯޓް އޮބްޒަވޭޝަން ޕޭޖް ނޫސްތަކަށް ދިނުމަކީ މުހިންމު ކަމެއް. # މިހެން ހަދާން ޖެހޭ ސަބަބަކީ ޕާސްޕޯޓްގައި ހުންނަ މައުލޫމާތާއި ދިމާނުވާ ގޮތަށް ފުލުހުން ނޫސްތަކަށް މައުލޫމާތު ދޭތީ. މިސާމަލަކަށް މިމައްސަލައިގައި ހިމެނޭ ކ.އަތޮޅު މާލޭ މީހުންނަކީ ރާއްޖޭގެ ކޮން އަތޮޅެއްގެ މީހުންކަން ޕާސްޕޯޓްގައި އިގެން އޮތްއިރު ނޫހުން އިގޭކަށްނެތް.