ލައިފްސްޓައިލް / ހަކުރު ބަލި

ހަކުރު މަދުކޮށްލުމުން ކުއްޖަކަށް އައި ބޮޑު ބަދަލު

އަނާ ލާސަން ހަތަރު އަހަރުގެ ދަރިފުޅާއެކު

ސްވިޑްންގެ މަންމައަކު އޭނާގެ ދަރިފުޅު ހަރުކާ ދުރުކުރަން ކުރި ކާމިޔާބު ހަނގުރާމައަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

އަނާ ލާސަން އޭނާގެ ދަރިފުޅަށް ފޮނި އެއްޗެހި ކާންދިނުން މަދުކޮށްލީ ފޮނި އެއްޗެހި ކާން މާބޮޑަށް ވަރު ހުންނަ ކަމަށް އިހްސާސް ކުރެވިގެންނެވެ.

ފޮނިއެއްޗެހި ކާންދިނުން މަދުކޮށްލުމުން ފެންނަން ފެށި ނަތީޖާއިން ލާސަން ހައިރާންވި އެވެ. އޭނާ ބުނި ގޮތުގައި ދަރިފުޅަށް ފޮނި އެއްޗެހި ނުދޭން ފެށުމުން އެންމެ ފުރަތަމަ ބޮޑާ ހާކާވަރުން ވަރަށް އުނދަގޫވި އެވެ. ނަމަވެސް ދުވަސްކޮޅަކުން އަންހެން ދަރިފުޅު އަމިއްލައަށް އެފަދަ ކާނާއާ ދުރުވާން ފެށި އެވެ. މިހާރު އޭނާ އެންމެ ކުރިން އަބަދު ކައި އުޅުނު ޔޯގަޓާއި އައިސް ބަން ފަދަ އެއްޗެހި ކާހިތަކުން ނޫޅެ އެވެ. އަދި ކުރިން ކާން ދެކޮޅު ހެދި، ސިއްހަތަށް ފައިދާހުރި ކެއުންތައް އަމިއްލައަށް ބޭނުންވެގެން މިހާރު ކާން ފަށައިފި އެވެ.

ކެއުމަށް އައި ބަދަލާ އެކު ލާސަންގެ ދަރިފުޅަށް މިހާރު ރޭގަނޑު ކުރިއަށް ވުރެ މާ އަރާމުކޮށް ނިދާލެވެ އެވެ. އަދި ކުރިން ހުންނަ ކަންނެތްކަން ވެސް ކެނޑިއްޖެ އެވެ.

ދަރިފުޅަށް އައި ބޮޑު ބަދަލުން ހިތްހަމަޖެހިފައި ހުރި ލާސަން ފޭސްބުކްގައި އޭނާގެ މި ތަޖުރިބާ ހިއްސާކުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ލާސަން ބީބީސީ އަށް ކިޔައިދީފައިވާ ގޮތުގައި، އުންމީދުކުރި ވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް އޭނާއަށް ސޯޝަލް މީޑިއާފައި ވަނީ ލިބިފަ އެވެ. ނަމަވެސް އެހާ ގިނަ ބަޔަކު އޭނާގެ ޕޯސްޓާ ގަޔާވި ސަބަބެއް އޭނާއަކަށް ވެސް ބުނެދޭކަށް ނޭނގެ އެވެ.

ހަކުރު އެޅި ބުއިންތައް ކުޑަކުދިންނަށް ދިނުން ރަނގަޅެއް ނޫން

"ދަރިންނަށް ނުވަތަ އެއްވެސް މީހަކަށް ހަކުރު ނުވަތަ ފޮނި އެއްޗެހި ގިނައިން ދިނުމަކީ ކިހާ ގޯސްކަމެއްކަން އަހަރެމެން އެންމެންނަށް ވެސް އެނގޭ. އެހެންވެ އެއީ މާ ބޮޑު ޚަބަރަކަށް ވެސް ނުވޭ. ނަމަވެސް އަހަރެން ހިއްސާ ކުރި ވާހަކަޔަށް އެހާ ގިނަ ބަޔަކު ތަރުހީބު ދިނީ އަހަންނަކީ ޑޮކްޓަރެއް ނުވަތަ ނިއުޓްރިޝަނިސްޓަކަށް ނުވެފައި ހަމަ އާދައިގެ މީހަކަށް ވާތީ،" ލާސަން ބުންޏެވެ.

ލާސަން ބުނި ގޮތުގައި އޭނާގެ ހަތަރު އަހަރުގެ އަންހެންދަރިފުޅަށް ފޮނި އެއްޗެހި ދިނުން މަދުކޮށްލީ އެ ދޭން އިންކާރުކުރުމުން މާ ބޮޑަށް ބޮޑާހާކާތީ ކަމަށެވެ. އަދި ދެން ދުވަހަކުވެސް ފޮނި އެއްޗެހި އެހާ ގިނައިން ދަރިފުޅަށް ދޭން ބޭނުންނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. ފޮނި އެއްޗެހި ދިން އިރު ދަރިފުޅު އަބަދުވެސް އުޅެނީ ޔޯގަޓް ކަހަލަ އެއްޗެހި ކާހިތުން ކަމަށާއި ގޭގައި ކައްކާ އެއްޗެހި ނުކާން ދަރިފުޅު ބޮޑާހާކާ ކަމަށް ލާސަން ބުންޏެވެ.

ފޮނި އެއްޗެހި ނުދޭން ގަސްތުކޮށް އެ ކަމަށް މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު ތަފާތެއް ލާސަން އަށް ފާހަގަ ކުރެވުނެވެ. ކުރިޔަށް ވުރެ ފަސޭހައިން ދަރިފުޅުގެ ރުޅި މައިތިރި ކުރެވުމާއި ރޭގަނޑު ނިންދަވަން ބޭއްވުމުން ވެސް އަވަހަށް ނިދޭގޮތް ވެސް ވިއެވެ. އަދި އަބަދު ޓީވީ ބަލަން އިނުމުގެ ބަދަލުގައި ތަފާތު އެހެން ކަންތައްތައް ކުރަން ދަރިފުޅު ބޭނުންވުން ވެސް އެއީ އައި ރަނގަޅު ބަދަލެއްކަން އޭނާ ފާހަގަ ކުރި އެވެ.

ހަކުރު ނުވަތަ ފޮނި އެއްޗެހި ކާނަމަ އިންސާނުންގެ މިޒާޖަށް ނޭދެވޭ ބަދަލުތައް އަންނަކަމަށް ގިނަބަޔަކު ވަރަށް ކުރިއްސުރެ ގަބޫލުކުރި ނަމަވެސް ސައިންސްގެ ހެކިތައް މިކަމާ ގުޅޭ ގޮތުން ހުރީ އަދި ވަރަށް މަދުންނެވެ.

ހަކުރު ކެއުން ރައްކާތެރި މިންވަރު

- ދެ އަހަރުގެ ކުދިންނަށް: ދުވާލަކަށް 13 ގްރާމް ނުވަތަ ތިން ސައިސަމުސާ

- ތިން އަހަރުގެ ކުދިންނަށް: ދުވާލަކަށް 15 ގްރާމް ނުވަތަ 2-4 ސައިސަމުސާ

- ހަތަރު އަހަރާއި ހަ އަހަރާ ދެމެދު: ދުވާލަކަށް 19 ގްރާމް ނުވަތަ 3-5 ސައިސަމުސާ

- ހަތް އަހަރާއި 10 އަހަރާ ދެމެދު: 24 ގްރާމް ނުވަތަ 4-6 ސައިސަމުސާ

- 11 އަހަރުން މަތި: ދުވާލަކަށް 30 ގްރާމަށް ވުރެ މަދުން ނުވަތަ 5-7 ސައިސަމުސާ ހަކުރާ ދުރުކުރުމުން ލާސަންގެ ދަރިފުޅަށް އައި ބަދަލު އެންމެންނާ ހިއްސާކުރަން ބޭނުންވީ އައި ބަދަލުގެ ބޮޑުކަމުންނެވެ. އޭއާ އެކު ސްވިޑަންގެ ނޫސްތަކާއި ޓީވީތަކުން ލާސަންގެ ތަޖުރިބާ ގެނެސްދިނެވެ

ސްވިޑްން އަކީ މުޅި ޔޫރަޕްގައި ވެސް އޮތް، ހަކުރު ބައްޔާއި ފަލަ ބަލީގެ ކުދިން އެންމެ މަދު ގައުމެވެ. އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނުން 2015 ގައި ނެރުނު ރިޕޯޓުގައިވާ ގޮތުން އެ ގައުމުގައި ހަކުރުބަލި ހުރި މީހުންގެ ޕަސެންޓޭޖަކީ އެންމެ 4.69 އެވެ. މިއީ އަވަށްޓެރި ނޯވޭއަށް ވުރެ ވެސް ތަންކޮޅެއް ދަށް އަދަދެކެވެ. ޔޫރަޕްގައި ހަކުރުބަލީގެ މީހުން އެންމެ ގިނައީ ތުރުކީގަ އެވެ. އެއީ 14.85 ޕަސެންޓެވެ.

1 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 9%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންމަ

03 March 2017

ވަރަށް ހިތްވަރުގަދަ މަންމައެއް. ތި ކެތްތެރިކަމަށް ހަަމަ ސާބަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454