ނޭޕާލްގެ ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ސަލާމަތް ހޯދަން ބަޔަކު ފުރާޅެއްގެ މަތީގައި. --ފޮޓޯ: އޭއެފްޕީ
29 ސެޕްޓެމްބަރ 2024 - 06:21
ނޭޕާލް އަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ މިހާތަނަށް 59 މީހަކު މަރުވެ، އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
ނޭޕާލްގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ގޮސް، މިހާތަނަށް 44 މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އާންމުކޮށް ދެކުނު އޭޝިއާގެ ގައުމުތަކަށް ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ވިއްސާރާ މޫސުމާ ކުރިމަތިލާން ޖެހުނަސް، މޫސުމީ ބަދަލުތަކުގެ ސަބަބުން ކޮޅިގަނޑުގެ ބާރުގަދަވެ، އަވަސްވަމުންދާ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
ފުލުހުންގެ ތަރުޖަމާނު ޑޭން ބަހާދުރް ކަރްކީ އޭއެފްޕީ އަށް ވިދާޅުވި ގޮތުގައި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ގޮސްގެން 200 އަށް ވުރެ ގިނަ ހާދިސާ ވަނީ ރިޕޯޓުކޮށްފަ އެވެ. އެއާ އެކު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމުގެ ބިރު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް އެހީތެރިކަން ފޯރުކޮށްދޭން 3،000 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ނޭޕާލްގެ ޑިޒާސްޓާ އޮތޯރިޓީގެ ތަރުޖަމާނު ބަސަންތަ އަދިކާރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ހެލިކޮޕްޓަރާއި ގިނަ އަދަދެއްގެ ސްޕީޑް ބޯޓު އަންނަނީ ބޭނުންކުރަމުންނެވެ.
ބިންގަނޑު ކަނޑައިގެންގޮސް، ނޭޕާލްގެ ބައެއް ހައިވޭތައް ބްލޮކުވެ، އެތައް ސަތޭކަ ބަޔަކު ހައިވޭތަކުގައި ތާށިވެފައިވާ ކަމުގެ ރިޕޯޓުތައް ވެސް ދަނީ ލިބެމުންނެވެ. ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ޑޮމެސްޓިކް ފްލައިޓުތައް ވަނީ ކެންސަލްކޮށްފަ އެވެ.
މި އަހަރުގެ މިހާތަނަށް ނޭޕާލް އަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި 220 މީހުން މަރުވެފައިވާ ކަމަށް ޑިޒާސްޓާ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy