ވަޒީފާގެ މައިދާނަށް ޒުވާނުން ނެރެން ފުވައްމުލަކު ކައުންސިލުން ފެށި ކޯހަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލު ކުރުމަށް ބެއްވި ރަސްމިއްޔާތުގައި އެ ދަރިވަރުން ކައުންސިލް މެމްބަރުންނާ އެކު.-- ފޮޓޯ: ފުވައްމުލަކު ކައުންސިލް
01 އޮކްޓޯބަރ 2024 - 10:53
ވަޒީފާގެ މައިދާނަށް ޒުވާނުން އަހުލުވެރިކުރުވަން ފުވައްމުލަކު ކައުންސިލުން ހިންގަން ނިންމި އެޕްރެންޓިސްޝިޕް ޕްރޮގްރާމް 15 ބައިވެރިންނާ އެކު މިއަދު ފަށައިފި އެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމީ އެ ރަށު ކައުންސިލުން އިސް ނަގައިގެން ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ތަނަވަސް ފުރުސަތުތަކެއް ހުޅުވައިދީ ޒުވާނުން ބާރުވެރިކުރުވުމަށެވެ.
މިއަދުން ފެށިގެން ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމަށް ކުދިން ނެގީ އެޕްލިކޭޝަން ހުށަހެޅި ކުދިންގެ ތެރެއިން އިންޓަވިއުކޮށްގެންނެވެ. މިފަހަރު ފުރުސަތު ދިނީ 15 ބައިވެރިންނަށެވެ.
ވަޒީފާގެ މައިދާނަށް ޒުވާނުން ނެރެން ފުވައްމުލަކު ކައުންސިލުން ފެށި ކޯހަށް ހޮވުނު ދަރިވަރަކަށް ލިޔުން ހަވާލު ކުރަނީ-- ފޮޓޯ: ފުވައްމުލަކު ކައުންސިލް
ފުވައްމުލަކު ކައުންސިލުން ބުނީ އުމުރުން 18 އަހަރާއި 20 އަހަރާ ދެމެދު ކުދިންނަށް ދިން އެ ފުރުސަތުގައި ކޮންމެ މަހަކު ކައުންސިލުން 1500ރ. ގެ އެލަވަންސެއް ވެސް ދޭނެ ކަމަށެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ އެ ޕްރޮގްރާމްގައި:
- މަސައްކަތުގެ އަހުލާގު ގެންގުޅޭނެ ގޮތާއި ބިންގާ އެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ
- އަމިއްލައަށް ޒިންމާ ނަގަން ދަސްކޮށްދޭނެ
- ލިބިފައިވާ އިލްމު އޭގެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ގޮތް ކިޔައިދޭނެ
- އެކުގައި މަސައްކަތް ކުރާ އެހެން މީހުންނާ އެކު އޮންނަން ޖެހޭ ގުޅުމާއި މަސައްކަތުގެ މާހައުލުގައި ގެންގުޅެންޖެހޭ އުސޫލުތަކަށް އަހުލުވެރިކުރުވާނެ
ވަޒީފާގެ މައިދާނަށް ޒުވާނުން ނެރެން ފުވައްމުލަކު ކައުންސިލުން ފެށި ކޯހަށް ހޮވުނު ދަރިވަރުން.-- ފޮޓޯ | ފުވައްމުލަކު ކައުންސިލް
އެ ޕްރޮގްރާމްގައި ފުވައްމުލަކު ކައުންސިލްގެ ހުރިހާ ޑިޕާޓްމެންޓެއްގައި މަސައްކަތް ކުރުމާއި އެ އިދާރާތަކުން އިލްމީ ތަޖުރިބާ އާއި ތަމްރީނު ވަޒީފާ ދިނުމާއި އަމަލީ ތަޖުރިބާ ވެސް ދޭނެ އެވެ.
އަދި މަސައްކަތް ރޭވުމަށާއި ވަގުތު މެނޭޖްކުރުން ފަދަ ކަންކަމަށް ބައިވެރިން އަހުލުވެރި ކުރުވުމަށް ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ވެސް އެ ޕްރޮގްރާމްގައި ދޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޒީފާ
01 October 2024
ވަޒީފާގެ މައިދާނަށް ޒުވާނުން ނެރެން ކިތަންމެ ވަރަކަށް ޕްރޮގްރާމު ހިންގިޔަސް ތި މުއިއްޒު ބުނާ ބަޔަކަށް ވަޒީފާ ލިބެނީ. މިހާރުވެސް ކިތަށް ކުދިން އެބަތިބި ވަޒީފާ ނުލިބި. އަދި ނުވިތާކަށް ވަޒީފާ ނުލިބޭކަން ވެސް އަންގާނުލާ.