"ސިންގަމް އެގެއިން"ގެ ޕޯސްޓަރެއް.
08 އޮކްޓޯބަރ 2024 - 05:44
ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ އެންމެ ވަރުގަދަ ފިލްމު "ސިންގަމް އެގެން" ނުވަތަ ސިންގަމްގެ ތިންވަނަ ފިލްމުގެ މަންޒަރުތައް އިއްޔެ ދައްކާލައިފި އެވެ.
އެ ފިލްމުގެ ޓްރެެއިލާ ވަނީ ޔޫޓިއުބްގައި އިއްޔެ އާންމުކޮށްފަ އެވެ. އަދި އެންމެ 10 ގަޑިއިރުގެ ތެރޭގައި އެ ޓްރެއިލާއަށް ވަނީ 22 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.
ފަސް މިނެޓާއި 22 ސިކުންތުގެ މި ޓްރެއިލާގައި ވަނީ ފިލްމުގެ މައިގަނޑު ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ. އަދި ބޮޑު ސްޓާ ކާސްޓެއް ހިމެނޭ މި ފިލްމުގައި ފެންނާނެ ހުރިހާ ތަރިންގެ މަންޒަރުތައް ވެސް ވަނީ ހިމަނައިފަ އެވެ.
"ސިންގަމް އެގެއިން" އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ދަށުން މީގެ ކުރިން ގެނެސްދިން ހުރިހާ ފިލްމެއްގައި އުޅުނު ހުރިހާ ތަރިން ހިމަނައިގެން އުފެއްދި ފިލްމެކެވެ. އެއީ، އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރާއި ރަންވީރް ސިންގެވެ. އަދި މި ފިލްމުން ކޮޕް ޔުނިވާސަށް ދީޕިކާ ޕަޑުކޯން އާއި ޓައިގާ ޝްރޮފް ވެސް ތައާރަފުވާނެ އެވެ.
ދީޕިކާ މި ފިލްމުގައި ކުޅޭ ކެރެކްޓާ އަށް ކިޔަނީ، "ޝަކްތީ ޝެޓީ" އެވެ. އޭނާ ކުޅުނީ އަޖޭގެ ކޮއްކޮގެ ރޯލެވެ.
"ސިންގަމް އެގެއިން"ގައި އެންމެ ބޮޑު ވިލަންގެ ރޯލު މިފަހަރު ކުޅުނީ އަރްޖުން ކަޕޫރެވެ.
އަޖޭ ވަރުގަދަ ފުލުހެއްގެ ރޯލު ކުޅުނު އަދި ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި "ސިންގަމް"ގެ ފުރަތަމަ ފިލްމު 2011 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ފިލްމު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ.
ފުރަތަމަ ފިލްމުގެ ބަތަލާއަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ކުޅޭ ކާޖަލް އަގަރްވާލެވެ. ދެވަނަ ބައިގެ ބަތަލާއަކީ ކަރީނާ ކަޕޫރެވެ. އަދި ތިންވަނަ ފިލްމުގައި ވެސް އުޅޭނީ ކާރީނާ އެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށަނީ އަންނަ މަހު އެކެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy